އޭ.ލެވެލް ނިންމާލި ސަރގެ ބެޗަށް ލޯތްބާއެކު

ޤާއިމް ޔޫސުފް އާދަމް
ޤާއިމް ޔޫސުފް އާދަމް
1 އަހަރު ކުރިން
2 މިނިޓް

ތިޔަކުދިން އޭ.ލެވެވެލް ނިންމާލައި، ފެއަރވެލް ޕާޓީ ބޭއްވިއިރު ބައިވެރި ނުވުމަކީ ހަމަ ޤައިމުވެސް ސަރ އަށް ލިބުނު ދެރައެކެވެ. ތިޔަކުދިންގެ ކިޔެވުމުގެ ފަހު ދުވަސްތަކުގައި، ތިޔަކުދިންނަށް އެހީތެރިކަމެއް ނުދެވުނީތީ މަޢާފަށްއެދެމެވެ.

ތިޔަ ކުދިންގެ ތި ބެޗަކީ ސަރ އަށް ވަރަށް ޚާއްޞަ ބެޗެކެވެ. ގްރޭޑް 8ން ފެށިގެން އިކޮނޮމިކްސް ކިޔަވައިދެން ލިބުނު ހަމައެކަނި ބެޗަށް ވީމައެވެ. ތިޔަކުދިން އޭ.ލެވެލް ނިމެންދެން ކިޔަވައިދިނުމަކީ އޭރު ސަރ ކުރި އެއް އުންމީދެވެ.

އެހެންނަމަވެސް، ތިޔަ ކުދިންނަށް ވާނުވާ މިއައީ ސަރ އަށް ވީ މިންވަރަކުން ބަލަމުންނެވެ. ސުކޫލާއި، ސުކޫލުން ބޭރުގައި ތިޔަކުދިން ތި ކުރާ ބުރަ މަސައްކަތާއި މެދު ސަރ ފަޚުރުވެރިވަމެވެ.

ސަރ މިލިޔުން މިލިޔާ މައިގަނޑު މަޤްޞަދަކީ ތިޔަ ކުދިންނަށް ކުޑަ ނަޞޭހަތެއް ދިނުމެވެ. އަދި މި ލިޔުން ތިޔަކުދިންގެ ގްރޫޕަކަށް ނުލައި، ޕަބްލިކް މިކުރަނީ، މި ނަޞޭޙަތުން މަންފާކޮށްފާނެ، ތިޔަކުދިންފަދަ އެހެން ދަރިވަރަކު ހުރެދާނެކަމުގެ އުންމީދުގައެވެ.

އަހުރަވެރި ދަރިވަރުންނެވެ. ތިޔަކުދިން އަތުގައި އޮންނާނެ އެންމެ އަގު ބޮޑު އެއްޗަކީ، އަދި އެ އެއްޗެއް އެންމެ ފަސޭހައިން އިސްރާފުކުރެވޭނެ އެއްޗަކީވެސް ވަޤުތެވެ. އެހެންކަމުން ވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ.

އޭ.ލެވެލް ނިންމާލުމަށްފަހު ތިޔަ ކުދިން ކުރިއަށްދާން ބޭނުން ދާއިރާއެއް، އިތުރަށް ކިޔަވަން ބޭނުންވާ ދައިރާއެއް އަދި ނުނިންމާނަމަ، އެކަން މިހާރުން މިހާރަށް ނިންމާށެވެ. އެކަމަށް ފުންކޮށް ވިސްނާ، ވީ އެންމެ އަވަހަކަށް އެކަން ފައިނަލްކޮށްލެވޭތޯ ބަލާށެވެ.

ތިޔަ ކުދިން ކުރިއަށްދާން ބޭނުން ދާއިރާއެއް އިޚްތިޔާރުކުރާ އިރު އެއީ ތިޔަކުދިންގެ ޙަޔާތުގެ ބަކީބައިގައި ތިޔަކުދިން ކުރަންބޭނުންވާނެ ކަމެއްކަން ޔަޤީންކުރާށެވެ. ތިޔަ ކުދިން ކުރާ ހިތްވާނެ މަސެއްކަތެއްކަން ޔަޤީން ކުރާށެވެ.

ދާއިރާއެއް ނިންމުމުގެ ކުރިން އާއިލާއިން ދޭ ނަޞޭހަތްތަކާއި، ރައްޓެހިންދޭ ޚިޔާލުތަކާއި، އެހެނިހެން ގޮތްތޮތުންވެސް ލިބޭ މަޢުލޫމާތުތައް ކަނުލާ އަޑުއަހާށެވެ.  އެހެންނަމެވެސް، ގޮތް ނިންމަންވާނީ ތިޔަ ކުދިންނެވެ. ތިޔަ ކުދިންގެ ކުރިމަގުގައި ކުރަންވީ ކޮންކަމެއްކަން ނިންމުމުގެ ބާރު އެހެން މީހުންނަށް އެއްކޮށް ދޫކޮށް ނުލާށެވެ.

ކިތަންމެ ބޮޑު މުސާރައެއް ލިބުނަސް، އާއިލާގެ ކިތަންމެ ބޮޑު ސަޕޯޓެއް ލިބުނަސް، ކިތަންމެ ގާތް އެކުވެރިންތަކެއް ގާތުގައި ތިއްބަސް، ތިޔަކުދިންނާއި ނުގުޅޭ މަސައްކަތެއް ކުރުން އެއީ ތިޔަކުދިންނަށް ހިންހަމަޖެހުމެއް ލިބޭނެ ކަމެއްނޫނެވެ.

ހަންހާރަވެތި ދަރިވަރުންނެވެ. ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. އެއީ ތިޔަކުދިންނަށް ލިބިފައިއޮތް ވަރަށް ބޮޑު ނަޞީބެކެވެ. ޑިގްރީ ޕްރޮގްރާމަށް އަދި ކޮލިފައިނުވިޔަސް ދެރަނުވާށެވެ. އެހިސާބަށް ދަންދެން ހިތްވަރާއިއެކު މަސައްކަތްކުރާށެވެ.

ޢާއިލާއަށް ދުރަށް ކިޔަވަން ދިއުމަކީ އުނދަގޫތަކެއް ކުރިމަތިވާނެ ކަމެކެވެ. ތިޔަ ކުދިންނާއި އެއްކޮށް ކިޔަވާ ނިންމާލި އެހެން ރަށް ރަށުން އައި ދަރިންވަރުން ގާތު އަހާލީމައި މިކަން އެނގޭނެއެވެ.

އެހެންނަމަވެސް، ވީ އެންމެ އަވަހަކަށް މަތީ ތަޢުލީމުގެ ކިޔެވުން ނިންމާލެވޭތޯ ހިންމަތްކުރާށެވެ. ތިޔަކުދިން މިއަދު ކުރާ މަސައްކަތަކީ، ތިޔަކުދިންގެ ކުރިމަގަށް ކުރާ އިންވެސްޓްމެންޓެކެވެ. ތިޔަ ކުދިން މިއަދު ވާ ޤުރުބާނީގެ ފައިދާ މާދަމާ ލިބޭނެއެވެ. އިންޝާ ﷲ.

އެންމެ ފަހުކަމަކަށް ބުނެލަމެވެ. އަހަރެމެންނަކީ މުސްލިމުންކަމުގައި އަބަދުވެސް ހަނދާންކުރައްޗެވެ. އަހަރެމެން މިހާރާއި، ފަހުން ކުރާނެ ކަންކަމަކީ މުޙިންމު ކަންކަމެވެ. އެ ހުރިހާ ކަންކަމަކީވެސް އަހަރެމެން އެކަމަކާއި މެދު އާޚިރަތުގައި ޖަވާބުދާރީވާންޖެހޭނެ ކަންކަމެވެ. މިދުނިޔެ ފަތަޙަ ކުރަމުންދާއިރު، އާޚިރަތުގެ މަތިން ހަނދާންނައްތައިނުލައްޗެވެ. ތިޔަކުދިންނަށް ވީ އެންމެ ރަނގަޅު މުސްލިމަކަށްވެވޭތޯ އަބަދުވެސް މަސައްކަތް ކުރައްޗެވެ.

ތިޔަކުދިންގެ ފެއަރވެލް އަކީ ތިޔަކުދިން އުންމީދު ކުރިވަރުގެ އުފާވެރި ފެއަރވެލްއަކަށްވީކަމަށް ސަރ އުންމީދުކުރަމެވެ. މިއަދު ކުޑަކޮށް އަރާމު ކޮށްލާށެވެ. އެއީ ތިޔަކުދިންނަށް ހައްޤު އަރާމުކޮށްލުމެކެވެ. އަރާމުކޮށް ނިންމާލުމަށްފަހު، ތިޔަކުދިންގެ ކުރިމަގު ބިނާކުރުމުގެ ބުރަ މަސައްކަތް އަވަހަށް ފަށާށެވެ.

ސަރ ކިޔަވައިދިން ދުވަސްވަރު ތިޔަކުދިން ބެހެއްޓި ގާތްކަމަށް އަބަދުވެސް ޝުކުރުވެރިވަމެވެ. ސަރ ގެ ވަޒީފާގެ މައިގަނޑު ހިތްހަމަޖެހުމަކީ އެއީއެވެ. ސަރ ކިޔަވައިދޭ ހިތްވާ މައިގަނޑު ސަބަބަކީވެސް، ތިފަދަ ކުދިންނަށް ކިޔަވައިދުނުމުގެ ފުރުޞަތު ލިބޭތީއެވެ. ތިޔަކުދިންގެ ކުރިމަގު ކާމިޔާބުވާނެކަމަށް ސަރ އުންމީދުކުރަމެވެ. ސަރގެ ހެޔޮ ދުޢާ އަބަދުވެސްވަނީ ތިޔަ ކުދިންނާއެކުގައެވެ.

Copyright © 2024 Faaru News
Made with by Afeef & Noor