ޢާޝޫރާ ދުވަހުގެ ރޯދަ

އައްޝައިޚް އިބްރާހީމް ރާފިޢު
އައްޝައިޚް އިބްރާހީމް ރާފިޢު
3 އަހަރު ކުރިން
1 މިނިޓް

ޢާޝޫރާ ދުވަހަކީ މުހައްރަމް މަހުގެ 10 ވަނަ ދުވަހެވެ. އެދުވަހު ރޯދައަށް ހުރުމަކީ ސުންނަތްކަން ގަދަވެގެންވާ ކަމެކެވެ.

އިބުނު އައްބާސް رضي الله عنه ވިދާޅުވިއެވެ. "مَا رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَحَرَّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ إِلَّا هَذَا الْيَوْمَ: يَوْمَ عَاشُورَاءَ" މާނަ: "ޢާޝޫރާ ދުވަހަށްވުރެ، އެދުވަހެއްގައި ރޯދަ ހިއްޕެވުން މާތްކަމަށް ދެކެވަޑައިގެން ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ރޯދަހިއްޕެވުމަށް ސަމާލުވެލެއްވި ދުވަހެއް ތިމަންކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުއެވެ."

ޢާޝޫރާ ރޯދަ ހިފުމުގެ މާތްކަން:

ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.  "وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ"

"ޢާޝޫރާ ދުވަހުގެ ރޯދަގެ ސަބަބުން ފާއިތުވެ ދިޔަ އަހަރުގެ ފާފަތައް ﷲ ޠަޢާލާ ފުއްސަވައިދެއްވާނެކަމަށް ތިމަންކަލޭގެފާނު އުއްމީދު ކުރައްވަމެވެ." ( ޞަޙީހް މުސްލިމް )

ޢާޝޫރާ ދުވަހުގެ ކުރިންދުވަހު (ތާސޫޢާ ދުވަހު) ރޯދަހިފުން:

މޮޅުއިތުރުވެގެންވަނީ ޢާޝޫރާ ދުވަހު އެކަނި ރޯދަ ހިފުމުގެ ބަދަލުގައި ޢާޝޫރާ ދުވަހުގެ ކުރީ ދުވަހާއި އެކު އެދުވަހުގެ ރޯދަ ހިފުމެވެ.

ޢާޝޫރާ ދުވަހަކީ ޔަހޫދީންނާއި ނަޞާރާއިން މާތްކޮށްހިތާ ދުވަހެއްކަން އެނގިވަޑައިގަތުމުން، އެމީހުނާއި ޚިލާފްވެ ވަޑައިގަތުމުގެ ގޮތުން ޙަދީޘް ކުރެއްވިއެވެ. " فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللهُ صُمْنَا الْيَوْمَ التَّاسِعَ" "ފަހެ އަންނަ އަހަރު إِنْ شَاءَ اللهُ ނުވަވަނަ ދުވަހު އަހަރެމެން ރޯދަ ހިފާނަމެވެ." ( ޞަޙީހް މުސްލިމް )

މުހައްރަމް މަސް ފެށުނު ދުވަހާއި މެދު ޝައްކު ވެއްޖެނަމަ، 9 އަދި 10 ވަނަ ދުވަހު ރޯދަ ހިފުންކަން ޔަޤީން ކުރުމުގެ ގޮތުން، މުހައްރަމް މަހުގެ 9 ، 10 އަދި 11 ގައި ރޯދަ ހިފުމަކީ މައްސަލައެއް ނޫނެވެ.

އެދުވަހު ރޯދަ ހިފުން ޝަރުޢު ކުރެވުނީ ކޮންކަމަކާއި ގުޅިގެން؟

ޞަޙީހް ބުޚާރީގައި، އިބްނު ޢައްބާސް رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާވެގެންވެއެވެ: ރަސޫލޫﷲ صلى الله عليه وسلم މަދީނާއަށް ވަޑައިގެން ހިނދު، ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަހިފާތީ ދެކެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ސުވާލު ކުރެއްވިއެވެ. "މިއީ ކޮންކަމެއް ހެއްޔެވެ؟" ޔަހޫދީން ދެންނެވިއެވެ. "މިއީ ރަނގަޅު ދުވަހެކެވެ. މި ދުވަހުގައި މާތް ﷲ މޫސާ عليه السلام އާއި ބަނީ އިސްރާއީލުން އެބައިމީހުންގެ ޢަދުވުންގެ ކިބައިން މިންޖުކޮށްދެއްވިއެވެ. އެދުވަހުގައި މުސާ عليه السلام ރޯދައަށް ހުންނެވިއެވެ. ހަދީޘް ކުރެއްވިއެވެ: ތިޔަބައިމީހުނަށްވުރެ ތިމަމެން މޫސާ عليه السلام ގެ މައްޗަށް އަޢުލާވެގެންވެއެވެ. އެއަށްފަހު އެކަލޭގެފާނު އެދުވަހު ރޯދައަށް ހުންނެވިއެވެ. އަދި މީސްތަކުނަށް ރޯދަ ހިފުމަށް ޢަމުރުކުރެއްވިއެވެ."

Copyright © 2024 Faaru News
Made with by Afeef & Noor