އަނދިރި ދައުލަތް - ތަފާތު ނަޒަރަކުން!

ފޮޓޯ: ފްރީޕިކް / yanalya
އަލްއަޚް އަޙްމަދު ޢަލީ
އަލްއަޚް އަޙްމަދު ޢަލީ
3 އަހަރު ކުރިން
2 މިނިޓް

ވެރިކަމުގެ އަރާއި ބާރުގެ ލައްޒަތަށް ދަހިވެތިވެފައިވާ ބަޔަކަށް އެބައިމީހުންގެ ދައުލަތަށް ލޮޅުން ގެންނާނެ ކޮންމެ ފިކުރަކީ އަދި ކޮންމެ ޖަމާޢަތެއް އަދި ކޮންމެ ސިޔާސީ ޕާރޓީއަކީ އެބައިމީހުންގެ ނަޒަރުގައި  "އަނދިރި ދައުލަތެކެވެ".

މިމައުޟޫގައި ދާދިފަހުން އަދަދު ނޫހުގައި "ރައީސް މުހައްމަދު ނަޝީދުގެ ގަލަމުން؛ އަނދިރި ދައުލަތް" މިނަމުގައި މަޒުމޭނެއް ވަނީ ޝާއިއުކޮށްފައެވެ.  

މަޒުމޫނު ލިޔުއްވި ޢިއްޒަތްތެރި މަނިކުފާނެވެ. މަނިކުފާނާ ސުވާލުތަކެއް ކޮށްލާނަމެވެ!

  • ސީރިޔާ އާއި އަދި އިރާގުގައި، އިސްލާމްދީނުގެ ނަމުގައި، ހިންގަމުން ގެންދިޔަ ހައްދުފަހަނަޅާފައިވާ (އައިސިސް) އުފެއްދުމުގައި ދިވެހިން ބައިވެރިވިކަން އެނގުނީ މިއަދު ތޯއެވެ؟
  • ހިމަންދޫ މައްސަލައިގައި ހައްޔަރު ކުރެވުނު މީހުން މިނިވަންކުރަން އެރަށު މީހުންނަށް މަނިކުފާނުވީ ރިޔާސީ ވަޢުދު ހަންދާން ނެތުނީތޯއެވެ. ޑޮޓް ޖަމާޢަތުގެ މީހުން ވަކި ޖަމާޢަތް ހަދައިގެން މިނިވަންކަމާއެކު ތިޔަ ވިދާޅުވާ އަނދިރި ދައުލަތް ފުޅާކުރަން ދަރުމަވަންތަ މިސްކިތް ދޫކުރީ ކާކުގެ ޒަޢާމަތެއްގައި ތޯއެވެ؟
  • މިސްކިތުގެ ޖަމާޢަތާއި ހުކުރުގެ ޖަމާޢަތާއި ވޯޓުލުން އަދި މިނޫންވެސް ވަރަށް ގިނަކަންކަމުގައި ރާއްޖޭގައި ދެންތިބި އިލްމުވެރިން ގެންގުޅުއްވި މެދުމިން ޚިޔާލުތަކަށް އެއްބަސްވެވަޑައި ނުގެން ތިއްބެވި ބައެއް ބޭފުޅުން ގާތްކުރައްވާ މަޝްހޫރު ކުރެއްވީ ކޮން ޕާޓީއަކުން ތޯއެވެ؟
  • ގުއަންޓަނާމޯބޭއިން މިނިވަންކޮށްފައިވާ ފަރާތެއް ގެނެސް މިސްކިތެއްގެ އިމާމުކަން ދީ އަދި އެވަރު ނުވެގެން އެހެން ހުރިހާ އިސްލާމީ ޖަމްއިއްޔާތަކަށް ވުރެ މާ ވަރުގަދަ ޖަމްއިއްޔާއެއް އުފައްދަން ފަންޑު ދީ އަނދިރި ފިކުރު ފަތުރަން މަސައްކަތް ކުރީ ކޮން ބައެއް ތޯ؟ ރުޤްޔާގެ ނަމުގައި ވޯކްޝޮޕްތަކާއި ކްލާސްތައް ބާއްވަން އޭރު ރާއްޖޭގައި ޑޮޓް ފިކުރުގެ އެންމެ އިސް މުޝީރުންނަށް ހުއްދަދިނީ ކޮން ބައެއް ތޯ؟

މަނިކުފާނު ތިޔަ އިޝާރާތް ކުރައްވާ އަނދިރި ދައުލަތް ނުވަތަ އައިސިސް ހަރުކަށި ފިކުރަށް ފެންދީ ކަންދީ ބެލެހެއްޓީ މަނިކުފާނާއި މަނިކުފާނުގެ އައުވާނުންނާއި މަނިކުފާނުމެންގެ މުޑުދާރު ސިޔާސަތުތަކެވެ. އެފިކުރުގެ މީހުން ރެކްރޫޓުވެ ޕްރޮމޯޓުވެގެން ނިކުންނަނީ ދިވެހިރާއްޖޭގެ މުއައްސަސާއެއް ކަމަށްވާ ކަރެކްޝަނަލް މިހާރުގެ ނަމުންނަމަ ޑީޕީއާރްއެސް އިން ބަލަހައްޓާ ޖަލުތަކުން ކަން ޚުޛް އެބޭފުޅުންވެސް އެއްބަސްވެލައްވެއެވެ.

އަނދިރި ދައުލަތުގެ ކަންކަން އެހެން މީހުންނާ މަތިނުކޮށް މަނިކުފާނުގެ ދައުރު ނިމުމުން އައިސިސްގެ އަނދިރި ދައުލަތަށް ކާންދީ ބެލެހެއްޓުމުގެ ޒިންމާ ތިމަން މަނިކުފާނު އަމާނާތްތެރިކަމާއެކު ދެން ވެރިކަމާއި ޙަވާލުވި މީހުންނަށް ދޫކޮށްލީ ކަމުގައި  ވިދާޅުވިނަމަ ތަންކޮޅެއް ފުރިހަމަވެފައި ޢިބާރާތްވެސް ރީތިވީހެއެވެ.

އަނދިރި ދައުލަތުގެ ބާރާއި ޕޮޕިއުލޭޝަން ރާއްޖޭގައި އޮތްވަރު  ބުނެދެއްވުމުން މަނިކުފާނުގެ މަޒުމޫނުގައި ވިދާޅުވެފައިވަނީ

"ރާއްޖޭގެ ސިފައިންގެ ތެރޭގައި އަދި ފުލުހާއި އިމިގްރޭޝަން އާއި ކަސްޓަމާއި ބޭންކުތަކާއި މާލީ ނިޒާމާއި މުހިންމު މަގާމުތަކުގައި އަނދިރި ދައުލަތުގެ މީހުން ފޮރުވިފައި އެބަތިބި" ކަމަށެވެ. މިލިސްޓުގައި ނަމުގެ ކުރިއަށް "މުޙައްމަދު"  އޮތް އަމިއްލަ ނަންފުޅުވެސް ހިމަނާލިނަމަ އެމެރިކާއާއި ޔަހޫދީންގެ  ޖާސޫސީ އިދާރާތަކަށް ޓްރެކް ކުރަން ތަންކޮޅެއް ފަސޭހަވީއެވެ.

ދެން މަނިކުފާނުގެ މަޒްމޫނުގައި ފެއްޓެވީ މަނިކުފާނު އަމިއްލައަށް ތައްޔާރުކުރި ސަފަރުކަތްދައާއި ސަންތިމަރިޔަނބާއި ރައްނަމާރިގެ ވާހަކަތަކުން މަނިކުފާނު ކަހަލަ ތަންދޮރުނޭގޭ މީހުން ބިރުގެއްނެވުމުގެ ބައެކެެވެ.

 އާދެ! އަސިސް ރަންނަމާރިއެވެ.  މިރަންނަމާރިއާއި މިޖަމާޢަތުގެ ވިޔާނުދާ އަމަލުތަކާއި ކުޑަކުދިން ކައިވެނި ކުރުވުމާއި އެބައިމީހުން ހިނގާ ޖިންސީ ގުޅުމުގެ ވާހަކައާއި މިފަދަ ކިތަންމެ ބިރުވެރި ވާހަކަތަކެއް އެމަޒްމޫނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި ހަނގުރާމައަށް ދާމީހުންގެ ވާހަކަތަކާއި ރާއްޖޭގައި ހިނގާފައި ހުރި މަރުގެ ހާދިސާތަކާއި ގުޅިގެން މަނިކުފާނުގެ މަޒުމޫނުގައި ހުރި ތާކުންތާކު ނުޖެހޭ ޝުބުހަތަކަށް ދިޔަރެސް ނޫހުގެ ފަރާތުން ރައްދުދީ ވަރަށް ތަފްސީލުކޮށް އެކަމުގެ ޙަޤީޤަތް އެވަނީ ހާމަކޮށްފައިވެއެވެ . ވިދާޅުވުމަށް ... https://dhiyares.com/24926

ދެން މަނިކުފާނުގެ މަޒުމޫނުގައި "މިނުބައި ޖަމާޢަތުގެ މީހުން މީހަކު މަރަންވެއްޖެނަމަ އެކަމުގެ ހުކުމް ނެރެނީ ދީނުގެ ނަމުގައި ޝޭހުންނަށް ހެދި ތިބި މީހުން ކަމަށް ވަނީ އިޝާރާތް ކުރައްވާފައެވެ. ދަންނަވަންތޯ! ރާއްޖޭގައި ޝޭޚުންނަށް ހެދިގެން ނަމުގެ ކުރިއަށް "އައްޝައިޚް" ލައިގެން އުޅުމަކީ ޝަޚްޞު އޮޅުވާލުމުގެ ތެރެއަށް ވަންނާނެ ޤާނޫނީ ކުށެކެވެ.

ރާއްޖޭގައި "އައްޝައިޚް" މިލަޤަބު ލިބެނީ އިސްލާމިކް މިނިސްޓްރީއިން ހަދާފައިވާ ވަކި ޚާއްޞަ ޤަވާޢިދުތަކަކާއި އަދި ވަކި އުޞޫލެއްގެ ދަށުން އަދި ވަކި ސްޓޭންޑަޑަކަށް ދީނީ ތަޢުލީމު އުނގެނިފައިވާ ދީނީ ދަރުސްދިނުމުގެ ވަކި ޚާއްޞަ ހުއްދައެއް އޮންނަ ޢިލްމުވެރި ބޭފުޅުންނަށެވެ. ޤާނޫނީ ވަކާލާތު ކުރުމުގެ ހުއްދަ އޮންނަ ބޭފުޅުންނަށް "އަލް އުސްތާޛު" މިލަޤަބުވެސް ދޭގޮތަށެވެ.

ވީމާ ރާއްޖޭގައި ޝައިޚުންނަށް ހެދިގެން އުޅޭ ބަޔަކު ނޫޅެއެވެ. އަދި ތިޔަ ވިދާޅުވާ އައިސިސް ޖަމާޢަތަކީ ރާއްޖޭގެ ޝޭޚުންދެކެ އިންތިހާއަށް ރުޅިއަންނަ އެބޭފުޅުންނަށް މަރުގެ އިންޒާރު ދޭ ޖަމަޢާތަކަވެ.  ސަބަބަކީ ރާއްޖޭގައި "އައިސިސް" ފިކުރުގެ ބާޠިލްކަން އިލްމީ ދީނީ ނަޒަރަކުން ތަފްސީލްކޮށް ޙުއްޖަތް ޤާއިމް ކޮށްދެވޭނީ ހަމަ އެކަނި ދީނީ ޝައިޚުންނަށް ކަމަށް ވީމައެވެ. އަދި އޭގެތެރޭގައި ޖެހިފައި ތިބި ޒުވާނުން އެފިކުރުން ނިކުމެ އޭގެއިން ސަލާމަތްވެފައި ވަނީވެސް  މިހާތަނަށް ހަމަ ޝައިޚުން ކުރެއްވި މިންނެތް މަސައްކަތުންނެވެ.

ދެން ރާއްޖޭގައި ޝައިޚުންނަށް އިންތިހާއަށް ނަފްރަތު ކުރާ ފިކުރަކީ ސެކިއުލާރ ލާދީނީ ޢިލްމާނީ ފިކުރެވެ. ސަބަބަކީ އެބައިމީހުން ގެންނަ ޝުބުހަތަކާއި އިސްލާމްދީނާއި މުސްލިމް ޒުވާން ޖީލު ހަލާކުކޮށްލަން ރާވާ މަކަރުވެރި ރޭވުންތަކަށް ޙިކްމަތްތެރި ކަމާ ޙުއްޖަތާ ދަލީލާއެކު ކުރިމަތި ލައި ރައްދުދެއްވާ ޙައްޤު ބަޔާންކޮށްދެއްވަނީ ޝައިޚުންކަމަށް ވުމުންނެވެ. 

ވީމާ މިދެބައިމީހުންވެސް އެންމެ ރުޅި އަރަނީ ޝައިޚުން ދެކެއެވެ. ސަބަބަކީ މިދެބައިމީހުންވެސް ގެވެސް ވަރަށް ބޮޑު އެދުމެއް އެބައޮތެވެ. އެއީ ތަންދޮރު ނުދަންނަ ޖާހިލު މުޖުތަމައެއް މިތާނގައި އާއްމުވެފައި އޮތުމެވެ. ބޭނުންހާ ސަކާރާތެއް ޖަހައި މީހުންގެ ބޮލަށް ޗިޕުޖަހައި ބޭނުން ޖަރީމާއެއް ހިނގޭނޭ ތަންދޮރު ނުދަންނަ މީހުން ތިބޭ ތަނެއްގައި ކަމަށް ވުމުންނެވެ.

Copyright © 2024 Faaru News
Made with by Afeef & Noor