الحمد لله والصلاة والسلام على رسول الله. وبعد.
ޚަބަރުތައް ހަވާލާއިރު އަބަދުވެސް ކޮންމެވެސް ދިމާއަކުން ކޮންމެވެސް ޙާދިޘާއެއް ނުވަތަ ކާރިޘާއެއް ހިނގައިގެން އުޅޭ ވާހަކައެއް ނުފެންނަ ދުވަހަކަށް އިރެއް ނާރައެވެ. ބިންހެލުމާއި ތޫފާންތަކާއި ތަފާތު ނުރައްކާތެރި ބަލިތައް ފެތުރުމާއި މިނޫންވެސް މިފަދަ އެތައް މުޞީބާތެއްގެ ވާހަކަ މީގެ ކުރިން އަޅުގަނޑުމެން ދިވެހިންނަށް މުޅިންވެސް އަޑު އިވެނީ އަވަށްޓެރި ޤައުމުތަކާއި ބޭރުގެ އެހެންވެސް ޤައުމުތަކުގައި ދިމާވެގެން އުޅޭ އަޑެވެ.
އެހެންނަމަވެސް މިއަދުގެ ޙާލަތަކީ ކޮބައިތޯއެވެ؟ ޚުދު ދިވެހިންގެ މި އަމާން ކަމަށް ބުނާ ބިން މިވަނީ 'ފުލުފުލުން' ކޮންމެވެސް ކާރިޘާއަކާ ކުރިމަތިލާން ޖެހިފައެވެ. އެއްކަމަކުން އަރައިނުގަނެވި އުޅެނިކޮށް އަނެއް ކަމެކެވެ. ތޫފާންތައް ރާއްޖެއާ ދިމާއަށް ދަތުރުކުރަނީއެވެ. އަދި ކިއެއް އޭގެ އަސަރުތައް ފަހަރަކަށް ވުރެ ފަހަރަކު ރާއްޖެއަށް ކުރާލެއް ބޮޑުވަނީއެވެ. ބިންހެލުންތައް ރާއްޖެއާ ކައިރިން އަންނަނީއެވެ. ނުރައްކާތެރި ބަލިތަކުގައި މަރުވާމީހުން އިތުރުވަނީއެވެ. މިކަމުގެ ތަފާސް ހިސާބުތައް އަޅުގަނޑު ހިއްސާނުކުރި ނަމަވެސް އެންމެންގެ ލޯމަތިން މިދަނީ ފެންނަމުންނެވެ.
ރަނގަޅެވެ. ތިމާވެއްޓަށް ބަދަލު އާދެއެވެ. ޚަބަރުތައް މާ އަވަހަށް 'އަޕްޑޭޓް' ވެއެވެ. އެކަމަކު ދަންނަވަންތޯއެވެ؟ މިއީ ހަމައެކަނި ތިމާވެއްޓަށް ބަދަލު އަންނާތީ ކުރިމަތިވާ މުޞީބާތްތަކޭ ކިޔައިގެން ފުއްދާލެވޭކަށް ނެތެވެ. ނުވަތަ ޚަބަރުތައް ގެނެސް ދިނުމުގައި ހޯދާފައިވާ ކުރިއެރުމުގެ ސަބަބުން މިކަން ބޮޑަށް އިޙްސާސްވަނީކަމަށް ބުނެވޭކަށް ނެތެވެ. ރަނގަޅަށް ވިސްނާލައިފިނަމަ މިކަން ހާމަވާނެއެވެ. މިކަން ސާބިތުކޮށްދިނުމަށްޓަކާ ފޯމިއުލާއެއް ބޭނުންކުރާކަށް ނުޖެހެއެވެ. އެހެންކަމުން މި ކަމަކީ އެއަށްވުރެ ބޮޑު އިންޒާރަކަށްވުން އެކަށީގެންވެއެވެ.
100 އިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އޮތުމަކީ ޝައްކެތްވެސް ނެތް ގޮތުގައި ޚިޔާލަށްވެސް ނުގެނެވޭހާ ގިނަގުނަ މުޞީބާތްތަކުން މީގެކުރިން ރާއްޖެ ސަލާމަތްވެފައިވާ ކަމެކެވެ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންގެ ޙާލަތު ބަދަލުވެއްޖެއެވެ. އަޅުގަނޑުމެންގެ އަމިއްލަ އަތްތަކުން އަޅުގަނޑުމެންގެ ޙާލަތު ބަދަލުކޮށްފީމުއެވެ. 'އިޞްލާޙު'ގެ ނަމުގައި 'ފަސާދަ' ކޮށްފީމުއެވެ. ނަތީޖާ އަކީ ކޮބައިތޯއެވެ؟
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((إِنَّ اللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ وَإِذَا أَرَادَ اللَّهُ بِقَوْمٍ سُوءًا فَلَا مَرَدَّ لَهُ وَمَا لَهُم مِّن دُونِهِ مِن وَالٍ)) الرعد: ١١
މާނައަކީ [ހަމަކަށަވަރުން، ބަޔަކުމީހުންގެ ޙާލަތު އެބަޔަކު އަމިއްލައަށް ބަދަލުކުރުމަށް ދާންދެން، ﷲ، އެ ޙާލަތު ބަދަލެއް ނުކުރައްވާނެއެވެ. ހަމަކަށަވަރުން، ﷲ، ބަޔަކުމީހުންނަށް ނުބައިކަމަކަށް އިރާދަކުރައްވައިފި ހިނދަކު، އެކަން ދުރުކުރާނޭ އެއްވެސް ބާރެއް ނުވެއެވެ. އަދި އެއިލާހު ފިޔަވާ، އެބައިމީހުންނަށް އެހީތެރިވާނޭ ފަރާތެއްވެސް ނުމެވޭމެއެވެ.]
އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރީ އަޅުގަޑުމެންގެ އަމިއްލަ އަތްތަކުންނޭ މި ދަންނަވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އަޅާނުލާ ދޫކޮށްލެވޭވަރަށް ވުރެ ނުރައްކާތެރި 2 ކަމެއް ދަންނަވާލެވޭތޯ އަޅުގަނޑު ބަލާނަމެވެ. ވިދާޅުވުމުގައި ކުރިއަށް ވަޑައިގަންނަވާށެވެ.
ލިސްޓުގެ ފުރަތަމަ ކަމަކަށް 'އަންލިމިޓެޑް' މިނިވަންކަމުގެ ވާހަކަ ފާހަގަކޮށްލުން ރަނގަޅު ކަމަށް ފެނެއެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދީފިއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އިސްލާމް ދީނަށް ހަޖޫ ޖެހުމާއި ފުރައްސާރަ ކުރުމާއި މީސް މީޑިޔާގައި ފާޅުގައި ދީނާ ދެކޮޅު ޝުޢޫރުތައް ފާޅުކުރުމުގެ ޖާގަ ތަނަވަސް ވުމެވެ. ދެވިފައި މިވަނީ ކިހާވަރެއްގެ ނުބައި މިނިވަން ކަމެއްކަން ވިސްނާލަނީ މިއަދު ކާކު ހެއްޔެވެ؟ ދީނަކީ މިއަދު ކުޅޭ ކުޅޭ އެއްޗަކަށް ބަޔަކު ހަދައިފިއެވެ. ދީނީ މަތިވެރި ޝިޢާރުތަކާވެސް ކުޅެނީއެވެ. 'ޟަރޫރީ ޙާލަތެއް' ކަމަށް ކަނޑައެޅުންވެސް އޮތީ ދީނުގެ ޙުކުމްތައް ނުދަންނަ ބައެއްގެ އަތްމައްޗަށް ދޫކޮށްލެވިފައެވެ. އެބައިމީހުންގެ ނިންމުންތަކަކީ ދީނާ ޚިލާފު ނިންމުންތަކެއް ކަމަށް ބުނެފިނަމަ 'ފިތުނަ' އުފައްދަނީއެވެ. ދީނީ ޢިލްމުވެރިން މަތިފަޑިއާ ގުޅޭ ވާހަކައެއް ވިދާޅުވެއްޖެނަމަ މިނިވަންކަމަކީ 'ލިމިޓެޑް' އެއްޗަކަށް ވަނީއެވެ.
ދެން އޮތީ ތަންތަނަށް އިސްކުރާ ވެރިންގެ ވާހަކައެވެ. ތަނަކުން ނެރޭ ކޮންމެ ޒާތެއްގެ މީހެއް ވިޔަސް 'މަގޭ ޕާޓީ' މީހެއް ކަމަށް ވާނަމަ އެ ނިމުނީއެވެ. އެމީހަކަށް މި ޙަވާލުކުރެވެނީ ކިހާވަރެއްގެ މަސްއޫލިއްޔަތެއް ކަމެއް ވިސްނާލާކަށް ބޭނުމެއް ނުވެއެވެ. މަޤާމުތަކަށް ޤާބިލު މީހުން ކުރިމަތިވެސް ނުލަނީއެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ރައްޔިތުންގެ ވިސްނުން ހުންނަ ގޮތް އެނގޭތީއެވެ. ޒިންމާދާރު މަޤާމުތަކުގައި އެމަޤާމްތަކުގައި ތިއްބަވާ 'ބޭފުޅުން'ގެ ނާޤާބިލުކަން ފެނިގެންދަނީ ކަމެއް އައިސް ލައިގަންނަ ދުވަހުއެވެ. މުޖުތަމަޢުގެ ޢާންމު މަޞްލަޙަތާ ގުޅޭ ކަންކަމުގައި ރަނގަޅު ގޮތެއް ނުނިންމިގެން އުޅެނީ ކިތައް ކައުންސިލްގައި ހެއްޔެވެ؟ މުސާރަ ލިބުމުން ތިމަންނަމެނަށް ފުދެއޭ ބުނާ ކަހަލައެވެ.
ޝައްކެއްވެސް ނެތެވެ. ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރޭގައިވެސް ކަމުވޮށިގެންވާ މީހުންގެ ބަދަލުގައި 'ލަޓޯ ފަޓޯ' މީހުންނާ މިފަދަ މަޤާމުތައް ޙަވާލުކުރުން ގިނަވާނެކަމަށް ރަސޫލާ صلى الله عليه وسلم ވަނީ ޚަބަރު ދެއްވާފައެވެ. ނަބިއްޔާ صلى الله عليه وسلم ގެ މި ޙަދީޘްފުޅަށް ނިކަން ބައްލަވާށެވެ! "إذا ضُيِّعَتِ الأَمَانَةُ فَانْتَظِرِ السَّاعَةَ، قال: وَكَيفَ إِضَاعَتُها يا رسول الله؟ قال: إِذَا اُسْنِدَ الأَمْرُ إِلىَ غَيْرِ أَهْلِهِ، فَانْتَظِرِ السَّاعَة" މާނައަކީ: [އަމާނާތްތެރިކަން ގެއްލިއްޖެނަމަ، ފަހެ ޤިޔާމަތަށް އިންތިޒާރުކުރާށެވެ.] ސުވާލުކުރެއްވިއެވެ: ﷲގެ ރަސޫލާއެވެ! އަމާނާތް ގެއްލޭނީ ކިހިނެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: [ކަންކަން އެކަމުގެ އަހުލުވެރިން ނޫން މީހުންނާ ޙަވާލުކުރެވިއްޖެނަމަ ޤިޔާމަތަށް އިންތިޒާރުކުރާށެވެ.] (ރަވާހުލް ބުޚާރީ)
މިއާއެކު އިސްލާމީ ޤައުމެއްގައި މަޤާމްތަކާ ޙަވާލުވާ މީހުން ނުވަތަ ޙަވާލުކުރެވޭ މީހުންނަކީ އިސްލާމް ދީނަށް ނަފްތަރުކުރާ ބަޔަކަށް ވެއްޖެނަމަ ދެން ނުކުންނާނެ ނަތީޖާވަނީ އިސްލާމީ ތާރީޚުން ވަރަށް ރަނގަޅަށް ފެންނާށެވެ. މިފަދަ މިސްރާބަކަށް ރާއްޖޭގެ ކަންކަން ދާކަން އިޙްސާސް ކުރެވޭތޯއެވެ؟
މި ދަންނަވާލީ ގިނަ ކަންތައް ތަކެއްގެ ތެރެއިން 2 ކަމެކެވެ. ކޮންމެއަކަސް ފަސާދަ ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ﷲގެ ކޯފާ ޙައްޤު ނުވޭތޯއެވެ؟ ކުރީގެ އުންމަތްތަކުގައި އެ އުންމަތްތަކުގެ ރަސޫލު ބޭކަލުންނަށް ތަބާވި މީހުން މުޞީބާތްތަކާއި ކޯފާތަކުން ސަލާމަތް ވިޔަސް މި އުންމަތުގައި ﷲ ތަޢާލާގެ ކޯފާ އަންނާނީ އެންމެންގެ މައްޗަށެވެ. ވިސްނާ ބަޔަކަށް އިބްރަތް ހުއްޓެވެ. އަވަހަށް ﷲގެ މަގަށް ރުޖޫޢަވާންވީއެވެ. ސަރުކާރުތަކުން މިކަމަށް އެދެވޭ ހެޔޮ ބަދަލެއް އަންނާނެ ދުވަހަކަށް ބަލައިގެން ތިބެވޭކަށް ނެތެވެ. ޢާންމު ފަރުދެއްގެ ހައިޞިއްޔަތުން ފާފަތަކާއި މުންކަރާތްތަކުން އަޅުގަނޑުމެން ދުރުހެލިވަމާ ހިނގާށެވެ. މަތިން މިއަންނަ އިންޒާރުތަކަށް ބިރުވެތިވެ، ސަބަބުތަކުގައި ހިފުމާއިއެކު ދުޢާކުރުންމަތީގައި ދެމި ތިބެންވީއެވެ.