ޖަޒީރާ ކުދި ކުދި ރަށްތަކެއްގެ މައްޗަށް އެކުލެވިގެން މިވާ ދިވެހިރާއްޖެ އަކީ ހިތް ހަމަޖެހުމާއި އަމާންކަމަށް ލޯބި ކުރާ ބަޔަކު ދިރި އުޅޭ ގައުމެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ މީހުން ޗުއްޓީ ހޭދަ ކުރަން އެކި ތަންތަނަށް ފުރަ ފުރައިގެން ދާ ފަދައިން ދިވެހިންވެސް އެކި ތަންތަނަށް ފުރަފުރައިގެން ޗުއްޓީ ހޭދަކުރުމަށްޓަކައި ދެއެވެ. އެމީހެއްގެ ފެންވަރުންނެވެ. އެއްބަޔަކު ދުނިޔޭގެ ބޮޑެތި ގައުމު ތަކުގައި 'ފައިވް ސްޓަރ' ފެންވަރުގައި ޗުއްޓީ ހޭދަ ކުރާ އިރު އަނެއް ބަޔަކު ރާއްޖޭގެ ރީތި ރަށަކަށް ނަމަވެސް ޗުއްޓީ ހޭދަ ކުރުމަށްޓަކައި ދެއެވެ. އެގޮތަށް ޗުއްޓީ ހޭދަކޮށްލަން ރާއްޖޭގެ ރަށް ރަށަށް ދާއިރު ކޮންމެ މީހަކުވެސް ބޭނުންވަނީ ރީތި ތަފާތު ކަމެއް ހުންނަ ރަށަކަށް ދާށެވެ. މިފަހަރު ކިޔައިދޭން މި އުޅެނީ އެފަދަ ތަފާތު ރަށެއްގެ ވާހަކައެވެ.
ނަވާރަސަތޭކައިިގެ ފަހު އަހަރުތަކުގެ ތެރެއިން އަހަރެއްގައި އާބާދުވީ ރަށެކެވެ. ރ. އަތޮޅުން އެންމެ ފަހުން މީހުން އާބާދުވީ ރަށްތަކުގެ ތެރެއިން ހިމެނޭ ހުޅުދުއްފާރެވެ. ރީތި ތުނޑިއަކާއި ފަތިގަނޑުން މިން އަޅައިގެން ހަދާފައިވާ ފަދަ މަގުތަކެއް ހިމެނޭ ހުޅުދުއްފާރު އެންމެ ހާއްސަވާ ކަމަކީ އެރަށުގެ ސާފުތާހިރު ކަމެވެ.
ޖާގަ ބޮޑު ފުޅާ އެ މަގުތަކުގެ ރީތިކަން ފާހަގަ ވަނީ އެމަގު ތަކުގެ ސާފުތާހިރު ކަމުގެ ސަބަބުންނެވެ. ހުޅުދުއްފާރަށް އިރު އަރަނީ އެރަށުގެ އަންހެންވެރިން ގޭދޮށް ކުނި ކަހަން ނިކުމެ ތިއްބަ އެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ގެވަޅު ހިމެނޭ ސަރަހައްދު އަވި ގަދަ ނުވަނިސް ކުނި ކަހާ ސާފުކޮށް ނިންމާލަ އެވެ. ކޮންމެ ދުވަހަކުވެސް މެއެވެ. މީހުން ދިރި ނޫޅޭ ސަރަހައްދުތަކުގައި ހިމެނޭ މަގުތައް ހަޑި ވާނެ ތާއެވެ. މިއީ ހިތުގައި އުފެދުނު ސުވާލެއް ދޯ އެވެ؟ އެކަމުގެ ހައްލުވެސް އެރަށު ރައްޔިތުން ހޯދާފައި ވެއެވެ. ހުޅުދުއްފާރު އަންހެނުން ކޮމެޓީ އާއި އެރަށު ކައުންސިލް އާއި ގުޅިގެން ރަށުގެ މީހުން ދިރި ނޫޅޭ ސަރަހައްދުތައް ކުނި ކަހަން ޓީމެއް ނަގާފައި ވެއެވެ. އެ ޓީމުގައި ހިމެނޭ އަންހެން ވެރިން އެ މަގުތައް ކުނި ކަހާ ސާފުކޮށް ބަލަހައްޓަ އެވެ. މިފަދަ އިންތިޒާމު ތަކާ އެކު އެ މަގުތައް ސާފުކޮށް ބަލަހައްޓާ ބެލެހެއްޓުމަކީ ހުޅުދުއްފާރުގެ ރީތި މަގުތަކުގެ ފަހަތުގައިވާ ހަގީގީ ސަބަބެވެ.
ސާފު މަގުތަކުގެ ވާހަކަ ދައްކާއިރު ހުޅުދުއްފާރުގައި ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ އެރަށުގެ ބޮޑުތަކުރުފާނު މަގުގެ ދެފަޅިން އިންދާފައިވާ ރުއް ތަކެވެ. ރަށުގެ ދިގުމިނަށް އެއް ކޮޅުން އަނެއް ކޮޅަށް އޮތް އެ ރަށުގެ ބޮޑުތަކުރުފާނު މަގުގައި މޭލެއް ވަރު ހުންނާނެ އެވެ. އެމަގުގެ ރުއްތައް ފުދޭވަރަކަށް ދިގުވެފައި ވަރުގަދަ އެވެ. ހުޅުދުއްފާރު ބޮޑު މަގުގައި ކޮންްމެ 15 ފޫޓް ދުރުމިނެއްގައި ރުއް އިންދާފައިވާ ހުރެ އެވެ. އެރަށުގެ ބޮޑު މަގުގެ ރީތިކަން އެންމެ ބޮޑަށް ފާހަގަ ވަނީ ވެސް ރުއްތަކުގެ ސަބަބުން ނެވެ. އެ ރަށުގެ ރީތިކަން ރަމްޒުކޮށްދޭ އެންމެ މުހިއްމު އެއް ނިޝާނަކީ އެރަށުގެ ބޮޑު މަގު ކަމުގައި އެރަށުގެ ރައްޔިތުން ދެކެއެވެ.
ދެންވެސް ފާހަގަކޮށްލަން އޮތީ ވަރަށް ހާއްސަ ކަމެކެވެ. އެރަށުގެ ދުވާ ތުނޑި އެވެ. އެކި ދުވަސް ވަރަށް އެކި ގޮތަށް ބަދަލުވާ ހުޅުދުއްފާރު އުތުރުކޮޅު ތުނޑި އަކީ އެރަށު ރައްޔިތުން ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓާ ތަނެކެވެ. ހުޅުދުއްފާރު ތުނޑި ހާއްސަ ވަނީ އެކި ދުވަސް ވަރު އެކި ގޮތް ގޮތަށް ބަދަލުވާތީ އެވެ. އެއްބައި ދުވަސް ވަރު ތުނޑީގެ ވެލިގަނޑު ބޮޑަށް ހާމަވެ ތުނޑީގެ ޖާގަ ބޮޑުވެ އެވެ. އަނެއް ބައި ދުވަސް ވަރު ތުނޑި އެނބުރިފައި ތުނޑީގެ ވެލިގަނޑުން ބޮޑުބައި ހިމެނެނީ މޫދުގަ އެވެ. މީގެ އިތުރުން ހުޅުދުއްފާރު ތުނޑިގެ ހާއްސަ އެހެން ކަމެއް ވެއެވެ. އެއީ ތުނޑީގައި ހެދޭ ކޯރެވެ. އެފަދަ ދުވަސްވަރު ގިނަ އަދަދެއްގެ ކުޑަކުދިން ތުނޑިއަށް ދެ އެވެ. އެއީ 'ކުޑަ މޫދަށް' އެރޭށެވެ. ކޮންމެ ދުވަސްވަރެއްގައި ހުޅުދުއްފާރަށް ދިޔަސް އެރަށުގެ ތުނޑީގެ ތަފާތުކަމެއް އިހުސާސް ކުރެވޭނެ އެވެ.
ހުޅުދުއްފާރަށް ޗުއްޓީ ހޭދަކޮށްލަން ދާން މި ސަބަބުތައް ނުފުދޭ ހެއްޔެވެ؟ ދިވެހިރާއްޖޭގައި ހުޅުދުއްފާރު ފަދަ ރީތި ޖަޒީރާ ހާއްސަ ރައްތައް ވެއެވެ. ކޮންމެ ރަށެއްގެ ވެސް ރީތި ކަމާއި ހާއްސަކަންދެމެހެއްޓޭނީ އެރަށެއްގައި ދިރި އުޅޭ ރައްޔިތުންގެ މަސައްކަތުންނެވެ. ހުޅުދުއްފާރު ރައްޔިތުން އެރަށުގެ ރީތިކަން ދަމަހައްޓަން މަސައްކަތް ކުރާނެ ކަމާއި މެދު ޝައްކެއް ނެތެވެ. ތިބޭފުޅުން ޗުއްޓީ ލިބެން ވާއިރަށް ފޮށި ރެޑީ ކުރައްވައިގެން ތިއްބަވާށެވެ.