ފުރާނައަށް ނުރައްކާ، އެތައް ބަޔެއްގެ ފުރާނަ އެބައްޔެއްގެ ސަބަބުން ގޮސްފައިވާ ކޯވިޑް19 އަހަރެމެންގެ ޤައުމުގައިވެސް އައިސް ބޮސް ދިންތާ އަހަރަކަށް ވުރެ ގިނަދުވަސް ވެއްޖެއެވެ. އަދިވެސް މިބަލިމަޑުކަމުން އަރައިގަނެވޭނެ ގޮތެއް ނުވެއެވެ. ބަލީގެ ފުރަތަމަ ރާޅު އައިސް ޤައުމާ ކައިރިވި އިރުވެސް ޑޮކްޓަރުންނާއި ސިއްޙީ ހިދުމަތްތެރީން ކިޔަމުން ދިޔައީ ހަމަ އެކައްޗެކެވެ. ކުރަމުން ދިޔައީ މިއަދުވެސް ކުރަމުން އެދާ އާދޭހެވެ. އަޑު އިވުނު މީހަކުވެސް މަދީތާއެވެ. ފުރަތަމަ ރާޅުގެ ކޮޅިގަނޑު މަޑުވެ ރާޅު ރަނގަޅަށް ބީއްސާ ނުލަނީސް މިއޮތީ އަނެއްކާ ދެވަނަ ބޮޑު ރާޅެއް ނަގާފައެވެ. ހަމަ ފަރުވާވެސް އިންތިހާއަށް ކުޑަކަމުންނެވެ.
އެންމެފުރަތަމަ ދުނިޔޭން މިބަލިފެނުމާ އެކު ޑޮކްޓަރުންނާއި ސިއްހީބޭފުޅުންގެ ލަފައަކީ މިއީ އާދައިގެ ރޯގާއެއް ނޫންކަމެވެ. ފުރާނައަށް ނުރައްކާތެރި ނޭވާލާ ނިޒާމް ހުއްޓުވާލާ ބައްޔެއް ކަމެވެ. އެދުވަހުވެސް އެހާ އާދޭސް ކުރިޔެވެ. ކުރިޔާލާ ރަޖާއަޅަން ގޮވާލިއެވެ. އެކަމަކު ވެސް އެއްބަޔަކަށްވީ އެވެސް ޖޯކަކަށެވެ. އާދައިގެ އަރިދަފުސް ރޯގާ އެކޭ ބުނެ ޑޮކްޓަރުންނަށް ވުރެވެސް މޮޅުވީއެވެ. ބަލިން ރައްކާތެރިކަން ހޯދުމަށްޓަކައި އަނގަޔާއި ނޭފަތް ނިވާވާނެހެން މާސްކު އަޅައި، ގިނަގިނައިން އަތް ދޮވެ، ގައިދުރުކަން އިސްކޮށް، ގެއިން ބޭރަށް ނުދިޔުމަށް އިލްތިމާސް ކުރުމުން، ދުވަސްކޮޅަކު މަޑުވިހެން ހީވިއެވެ.
ރާއްޖެއިން އަލަށް ބަލި ފެނުމާ އެކު ވާ ސަހަރޯއޭ ހީވިއެވެ. މާލޭގެ ހުރިހާ ފިހާރަތަކަކުން ކަހަލަ ގޮތަކަށް ހޭންޑް ސެނެޓައިޒާ ހުސްވިއެވެ. އަދި އަތް ދޮންނަ ބޭނުންކުރާ އެކި ވައްތަރުގެ ފުޅި އާއި ސައިބޯނިތައް ވެސް ހޯދުމަށް ދަތިވެގެން ދިޔައެވެ. މީސްމީހުން ފިހާރަތަކުން ގެއަށް ބޭނުންވާ އަސާސީ މުދަލާއި ކާނާ އެތެރެކޮށް ރައްކާކުރިއެވެ. ހީވީ ބައްޔަށް ފިލަން ގައިގައި ހުރި ބާރެއްލާފައި ދުއްވައިގަން ހެންނެވެ.
އެންމެފުރަތަމަ މިޤައުމުގައި ބަލި ފެތުރުނީވެސް ހަމަ އަހަރެމުންގެ ރައްޔިތުންގެ ސަބަބުންނެވެ. ފަރުދީ ޒިންމާ މަތިން ހަނދާން ނެތުނީމައެވެ. އެއްވެ ނޫޅުމަށް ގޮވާލާފައިވާ އިރުވެސް މަސްދަތުރުތަކާއި ޕާޓީތައް ބޭއްވުމުގެ ނަތީޖާ ވަރަށްވެސް ހިތިވިއެވެ. ޑޮކްޓަރުންގެ ބަހަށް ބީރު ކަންފަތެއް ދިނުމުންނެވެ. ސިއްހީ ނިޒާމަށް ބަރުދާސްތު ނުކުރެވޭ ވަރަށް މީހުން ބައްޔަށް ފައްސިވެ ފަރުވާދޭން އުނދަގޫވެދާނެ ދުވަސް އަތުވެދާނެ ކަމަށް އެދުވަހުވެސް ޑޮކްޓަރުންނާއި ސިއްޙީ ހިދުމަތްތެރިން ބުނަމުން ދިޔައެވެ. އަޑު އިވުނު މީހަކު ހަމަނެތީބާއެވެ؟
އަވައްޓެރި އިންޑިޔާގެ ހާލަތު އަޑުއަހައިފައި ގައިން ހީބި ނުނަގާތޯއެވެ؟ ހަމަ އެހާވެސް ގަޓު ހުރީތާއެވެ. ގަޑިއިރެއްގެ ތެރޭގައި ސަތޭކައަށް ވުރެގިނަ ފުރާނަ މަރުވެގެންދާއިރު ހަމަ ހިތަށް އަސަރެއް ނުކުރަނީ ހެއްޔެވެ؟ ފެނިގެންދާ ފޮޓޯތަކާއި ވީޑިއޯ ތަކަށް ބަލާލާފައި އިސްލާހުވާން ހަމަ ނުވިސްނަން ހެއްޔެވެ؟ ޑޮކްޓަރުން ބުނާ ބަސް އަހާނީ ކޮން ދުވަހަކުން ހެއްޔެވެ؟ ތިމާއަށް ބަލިޖެހުމުން ހެއްޔެވެ؟ ނޫނީ ގާތް މީހަކަށް ބަލި ޖެހި ބަލީގައި ދުނިޔެއާއި އަލްވިދާއު ކިޔުމުން ހެއްޔެވެ؟
އެންމެފުރަތަމަ ބުނީ ރާއްޖެއަކުން ބައްޔެއް ނުފެނޭ ނޫންހެއްޔެވެ. ދެން ރާއްޖެއިން ފެނުމުން ބުނީ އަދި ހާސްވާކަށް ނުވޭތާއެވެ. މާގިނަ މީހުންނަކަށް ވެސް ނުޖެހޭތާއެވެ. މިހެން ގޮސް ރަށަށް ބަލި ނާންނާތީ ނޫނީ ތިމާގެ އާއިލާ މީހަކަށް ބަލި ނުޖެހޭތީ އެހަކަށް މަޑު ކޮށްލީ، ތިމާއަށް ބަލިޖެހޭނެ ދުވަހަކުން އިސްލާހްވާން ކަންނޭގެއެވެ.
އަދިވެސް މީހަކު ބަލިދެކެ ބިރަކުން ނޫޅޭ ކަންނޭނގެއެވެ. އަނގަޔާއި ނޭފަތް ނިވާކޮށް މާސްކު އެޅުމަށް ބުނުމުން ވެސް އަޑު އިވުނީ އެއްބަޔަކަށެވެ. އަނެއް ބަޔަކަށް އިވުނީ އެއްބުރި ކަންނޭނގެއެވެ. ހަމައެކަނި އަނގައިގައި މާސްކު އެއަޅަނީ އެމީހުންކަންނޭންގެއެވެ. ގައިދުރުކަން އިސްކުރާށޭ ބުނި އަޑު އިވުނީ ހަމަ ޔަޤީނުންވެސް އިދިކޮޅަށެވެ. މަގުމަތިންވެސް ފެންނަނީ އެކަކު އަނެކަށް ފިތިބާރުވެގެން ހިނގާތަނެވެ. ފިހާރަތަކުގައި ވެސް ދުވަސްކޮޅަކަށް ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ފަހަރަކު ވަކި ވަރަކަށް މީހުން ވަދެވޭ ގޮތަށް ހެދީވެސް ހަމަ ކުރިކަމަށް ވާން ކަންނޭންގެއެވެ. މިހާރު އެ ފިޔަވަޅުތައް އަޅަނީ މިބޮޑު މާލޭގައިވެސް އިނގިލިން ގުނާލެވޭހާ މަދު ފިހާރަޔަކުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ރޯދަވީއްލުންތަކާއި ކެފޭ ރެސްޓޯރެންޓްތަކަށް ބައި ހަދާފައި ނުދާން އިލްތިމާސް ކުރިއިރު ފެނުނީ އެހެން މަންޒަރެކެވެ. ރޯދަވީއްލާ ގަޑީގައިވެސް ހުސްކޮށް ފެންނަ ހޮޓަލެއް ރެސްޓޯރެންޓެއް ނެތެވެ. ކައިރި ކައިރީގައި ތިބެ ރަނގަޅަށް ޑޮކްޓަރުންގެ ބަހަށް ހަޖޫޖަހަނީ ތާއެވެ. އެއްވެސް ހިޔާލެއް ފިކުރެއް ހަމަ އަހަރެމެންގެ ނެތީ ހެއްޔެވެ؟ ފިނި ބުރުޖަހާލަން ތުއްތު ކުދިން ގޮވައިގެންވެސް ހަމަ ފިކުރެއް ނެތި ދުއްވަނީއެވެ. ޕާކްތަކާއި މައިޒާންތައްވެސް ހުސްކޮށް އޮންނަ އިރެއް މަދެވެ. ބައްޔާމެދު ސީރިޔަސްވާނީ މިހާ ވަރަކަށެވެ.
ސިގިރޭޓާއި ވޭޕްފަދަ އެއްޗެހި ބޭނުން ކުރުމުން ބަލީގެ އަސަރު ބޮޑުވާނެކަމަށް ބުނުމުންވެސް ކަހާތާ ހިރުވާވެސް ނުލިޔެވެ. އާއްމުން އެއްވެ އުޅޭތަންތާންގައި ދުންފަތުގެ އިލްތިމާސް ކުރުން މަނާކުރިއެވެ. އެކަމަކު ވެސް އަސަރެއް ކުރިހެއްޔެވެ؟ ހަމަ މަގުމަތިން ދުން ބުރުވާލާފައި އެދަނީ ހަމަ އެހާ ގަޓު މީހަކީތާއެވެ. ތިމާގެ ނަފްސާމެދު ނުވިސްނާ މީހަކު އެހެން މީހަކާ ދޭތެރޭ ނުވިސްނާނެތާއެވެ.
މަގުމައްޗަށް ކުޅުޖަހާ ވާހަކައަކީ އަނެއް ވާހަކައެވެ. ކޯވިޑް ބަލި ފެތުރުމުގެ ވަސީލަތަކަށް ކުޅު ވާއިރު މިކަމާވެސް ވިސްނާ މީހަކު ހަމަނެތީހެއްޔެވެ؟ ބަލަބަލާ ހުއްޓާ ބޮޑު ކުޅުގަނޑެއް ޖަހާފައި އެދަނީއެވެ. ސައިކަލުން ދަމުންވެސް ކަރުކެހިލާފައި ބަލާލުމެއް ނެތި ހަމަ ކުޅުޖަހާފައި އެދަނީއެވެ. އަހަރެމެން އިސްލާހް ވާނީ ކޮން ދުވަހަކުން ހެއްޔެވެ؟ ދުވަހުން ދުވަހަށް ބައްޔައް ފައްސިވާ މީހުން ދަނީ ހައްތަހާ އިތުރު ވަމުންނެވެ. މިކަމުން އަވަހަކު ސަލާމަތްވާނެ ކަމުގެ އުއްމީދެއްވެސް ނެތްހާ ބާރު މިނުގައެވެ. އައިސީޔޫގެ އެނދުތައް ފުރި ތޮއްޖެހިއްޖެއެވެ. ކަރަންޓީން ފެސިލިޓީތަކުގައިވެސް ހުސް ޖާގައެއް ނެތެވެ. ޑޮކްޓަރުން އެދުވަހު ބުނި ދުވަސް މިއޮތީ އައިސް ކަރުގައި ހިފާފައެވެ. ނޭވާލެވޭކަށް ނެތެވެ.
އާދޭސްކޮށްފައި ގޭގައި މަޑުކުރުމަށް އަންގައި ލޮކްޑައުން ކުރިޔަސް ބިރުގަންނަ މީހަކު މަދެވެ. ޖޫރިމަނާ ދެކެ ބިރު ނުގަތަސް ބައްޔާމެދު ވިސްނާލަންވީ ނޫންތޯއެވެ. އަބަދަކު މަގުތައް މަތީގައި ތިޔަ ލޮބުވެތި ރައްޔިތުންނަށް މާސްކު އަޅާ ގައިދުރުކަން އިސްކުރުމަށް ހަނދާން ކޮށްދެމުން ޕޮލހުންނާއި ސިފައިނުންނެއްވެސް ނުދުވާނެ ނޫންހެއްޔެވެ. އަމިއްލަ ފަރުދީ ޒިންމާ ނަގާނީ ކޮން ދުވަހަކުން ހެއްޔެވެ؟ މިކަމާ ވިސްނާލާކަށް ނުވޭ ހެއްޔެވެ؟ މިބައްޔަކީ މީހާގެ ފުރާނަ ދުއްވާލާ ކިހާ ނުރައްކާތެރި ބައްޔެއްކަން ހަމަ ނުވިސްނެނީ ހެއްޔެވެ؟ ނޫނީ ވިސްނަން ބޭނުން ނުވަނީ ހެއްޔެވެ؟
ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްޙީ ހިދުމަތްތެރީން ވަރުބަލިވެ، ގޮތްހުސްވެފައި އެތިބީއެވެ. އެމީހުންގެ އެކުރާ އާދޭހުގެ އަޑު ހަމަ ނީވެނީ ތޯއެވެ؟ އާދޭސް ކޮށްފައި ބުނަމެވެ. އަނގަޔާއި ނޭފަތް ނިވާކޮށް މާސްކު އަޅާށެވެ! އާންމުން އެއްވާ ތަންތަނަށް ނުދާށެވެ! އަދި ދާނަމަ ގައިދުރުކަން އިސްކުރާށެވެ! ޟަރޫރީ ބޭނުމަކު ނޫނީ ބޭރަށް ނުގޮސް މަޑުކޮށްލާށެވެ! ސާފްތާހިރުކަން އިސްކޮށް ގިނަގިނައިން އަތް ދޮންނާށެވެ! އާއްމުން އެއްވާ ތަންތާންގައި ދުންފަތުގެ އިސްތިއުމާލު ނުކުރާށެވެ! މަގުމައްޗަށް ކުޅު ނުޖަހާށެވެ! މީހުންނާ ބައްދަލު ނުކޮށް މަޑުކޮށްލާށެވެ! ގަދަވެ ސަލާމަތުން ހުރުން މާ މުހިއްމެއް ނޫންހެއްޔެވެ؟