އީދު އައީ ރޮމުން ރޮމުން...

ޞަފް  ސަޢުދު
ޞަފް ސަޢުދު
3 އަހަރު ކުރިން
2 މިނިޓް

އަހަރެން އަންނާތީ ރޭޑިއޯތަކާއި ޓީވީތަކުން "އީދު އައީ ހިނިތުންވަމުން، މާމަލުގައި ނަލަ ކުލަ ޖައްސަމުން" މިހެން ކިޔާ އަޑަކީ ކަންފަތްތަކަށް ފަރިތަ އަޑެކެވެ. މީގައި މި ބުނަނީ އަހަރެން، ހިނިތުންވަމުން އަންނަ ވާހަކަ ހެއްޔެވެ؟ ނުވަތަ އަހަރެން އަންނާތީ މީސްތަކުން އުފާވެ ހިނިތުންވާ ވާހަކަ ހެއްޔެވެ؟ އަހަރެން ހިނިތުންވަމުން އަންނަ ވާހަކަ ނަމަ ބުނެލަމެވެ. ތެދެކެވެ. ހެމުންހެމުން އުފަލުން ހިނިތުންވަމުން އަހަރެން އައި ދުވަސްތަކެއްވެސް މާޒީވެ ގޮސްފިއެވެ. އެހެނަސް މިހާރު އަހަރެން އަންނަނީ ރޮމުންނެވެ. ސަބަބު އެނގެން ބޭނުންހެއްޔެވެ؟ އަޑުއަހާށެވެ!

އެެއީ ހުރިހާ ގޮތަކުން މި އުންމަތުގެ އެންމެ ރަންޒަމާނެވެ. އަޅުމަކާއި ތަޤުވާ އާއި އަޚްލާޤީ ގޮތުންނެވެ. އޭރު މީސްތަކުން އަހަންނަށް މަރުޙަބާ ކިޔަނީ ތަޤްވާވެރިކަމާއި އަޅުކަންތައްތަކާއި ރިވެތި އަޚްލާޤާ އެކުގައެވެ. އަހަރެން އަންނަނީ މި ދުނިޔެ މައްޗަށް ލެއްވި އެންމެ ބަރަކާތްތެރި ދިހަ ރެއާއި ދިހަ ދުވަހަށްފަހުގައިކަން އޭރު އަހަންނަށް އިހްސާސް ކުރެވެއެވެ. މީސްތަކުންނާއެކު އަހަރެން ހޭދަކުރާ ދުވަސް ތަކުގައި ޖައްވު ގުގުމާލައިފައިވަނީ ތަކުބީރުގެ އަޑުންނެވެ. އަހަރެން އައުމުން މީސްތަކުން، އާއިލާ މީހުންނާއި ރަޙްމަތްތެރިންގެ ގޭގެއަށް ޒިޔާރަތްކޮށް ހާލުބަލައި ހަދަތެވެ. ދީނުގެ އިމުގެ ދެރޭގައި ކުޅިވަރުކުޅެ އުފާކޮށް ހަދަތެވެ. އޭރު އަހަރެންގެ ނަން ބޭނުންކޮށްގެން،  ﷲ ގެމަތިން ހަނދުމަ ކުރުމުން އެއްކިބާ ކުރާ ފަދަ ކަންތައްތަކެއް ނުކުރެއެވެ. އެހެންކަމުން އޭރު އަހަރެން އަންނަނީ ވަރަށްވެސް އުފަލުންނެވެ. ހިނިތުންވަމުންނެވެ.

ނަމަވެސް މިހާރު ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. އަހަރެން އަންނަނީ ހިނިތުުންވަމުންނޭ ބުނެ ލަވައެއްކިޔަސް އަހަރެން މިހާރު އަންނަނީ ދެރަވެ ހިތާމަކުރާ ޙާލުގައެވެ. ވިސްނާލާށެވެ! އަހަރެން އަންނަނީ މަތިވެރި ދެެ އަޅުކަމަކާ ވިދިގެންނެވެ. އެކަމަކު މީސްތަކުން އެކަން ހަނދާން ނައްތާލައި، އެ އަޅުކަންތައްތަކުގެ ޙުރުމަތާއި އަހަރެންގެ ޙުރުމަތް ކަނޑައިލައިފިއެވެ. އަހަރެން ފުރަތަމަ އަންނަނީ ރޯދައިގެ މަތިވެރި އަޅުކަމަށް ފައުއެވެ. އެމަހުގެ އަޅުކަމަށް މީސްތަކުން ތައްޔާރުވާތަން ފެނުމުން އަހަރެން ވަރަށްވެސް އުފާވެއެވެ. ނަމަވެސް އަހަރެން ދެރަވަނީ ރަމަޟާން މަހުގެ ބަރަކާތްތެރި ދުވަސްތައް ދިގުކަމުން ކުރުނުވެގެން "ރޯދަ ކުރުކުރުމުގެ" ނަމުގައި އެކި އެކިއެކި ކުޅިވަރިތަކުގައި ގިނަ މީހުން މަޝްއޫލުވާތީއެވެ. އެމަހުގެ ބޭނުން އެންމެ އެދެވިގެންވާ ގޮތުގައި ނުހިފާތީއެވެ.  އަދި އެއަށްވުރެ ދެރަވަނީ އަހަރެން އަންނަން ކައިރިވާ ވަރަކަށް މިސްކިތްތަކުން މީހުންމަދުވެ، އަޅުކަންތަކާ ދުރަށް ދާތަން ފެނުމުންނެވެ. މި މަންޒަރުތައް ފެނުމުން ހިނިތުންވަމުން އަހަރެން އަންނާނީ ކިހިނެއްހެއްޔެވެ؟

ތެދެކެވެ. އަހަރެން އަންނަނީ މުސްލިމުން ހިތްއުފާކޮށްދީ އުފާވެރި ދުވަސްތަކެއް އެބައި މީހުންނާ އެކު ހޭދަކުރުމުގެ އުންމީދުގައެވެ. އަހަރެން އަންނަނީ އެއްވެސް ޙާލެއްގައި، އަހަރެންގެ ބޮލުގައި އަޅުވައި ދީނީ ގޮތުން ޙަރާމް ކަންތައްތަކެއް ތިޔަބައި މީހުން ކުރުމަށް ހުއްދަދޭކަށް ނޫނެވެ. ނަމަވެސް ފާޙިޝް ކަންކަމަށް މަގުފަހިވާ ކުޅިވަރުތަކާއި ފާޑުފާޑުގެ ނާޗަރަންގީ ކުޅުމަށް އޮތް "ލައިސަންސަކަށް" ތިޔަބައި މީހުން އަހަރެން ހަދައި އަހަރެންގެ ނަން ކިލަނބު ކޮށްލައިފިއެވެ. އަހަރެންނަށް މަރުހަބާ ކިޔުމުގެ ނަމުގައި، އަންހެނުންނާއި ފިރިހެނުން އެއްވެ ނެށުމާއި މިއުޒިކު ކުޅުންފަދަ ޙަރާމް އެތައް ކަމެއް ތިޔަބައިމީހުން ކުރަނީ ފަހު ދިހައިގެ ބަރަކާތްތެރި ރޭތަކުގެ ބަރަކާތްތެރި ވަގުތުތައް ނަގައިލާފައެވެ. މި މަގުން ކަންހިނގާއިރު އަހަރެން އަންނަންވީ ހިނިތުންވަމުން ހެއްޔެވެ؟

މިހުރިހާ ކަމެއް މިހެން ހުރި ނަމަވެސް ކުޑަކުދިންނާއި ބޮޑެތިމީހުން ނަލަހެދިލައިގެން އީދު ނަމާދުކޮށް އީދުގެ ތަހުނިޔާކިޔައި ސަލާމްކޮށް ހަދާތަންފެނުމުން އަހަރެންނަށް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބެއެވެ. ނަމަވެސް އަހަރެންނަށް އެ ލިބޭ ކުޑަކުޑަ ހިތްހަމަޖެހުންވެސް ތިޔަބައިމީހުން ފުނޑުފުނޑު ކޮށްލަނީ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. އީދު ނަމާދަށްފަހު ތިޔަބައިމީހުން, ސަގާފީ ކަންކަމުގެ ނަމުގައި އިސްލާމީ މަތިވެރި އަޚްލާޤު އެއްކިބާކޮށް އަންހެނުންނާއި ފިރިހެނުން އެއްވެ މިއުޒިކުކުޅެ ނަށައިހަދަމުއެވެ. ފެންކުޅީގެ ނަމުގައި އެއް ޖިންންސުގެ މީހުން އަނެއް ޖިންސުގެ މީހުންގެ ގަޔަށް ފެންޖަހައި އަތްލައި ހަދަމުއެވެ. އަދި އެންމެފަހުން، އަހަރެންގެ ނަމުގައި ތިޔަބައިމީހުން ވަނީ ހިންދޫ ދީނުގެ ކުލަކުޅިވެސް ފަށާފައެވެ. ތިޔަބައި މީހުން އަހަރެންނާ އަލްވަދާއު ކިޔަނީ، އެކަމެއްގައި އެތަކެއް ފާހިޝްކަންތަކާއި މުންކަރާތްތައް އެކުލެވޭ ސްޓޭޖް ޝޯ އަކުންނެވެ. އެ ޝޯ ތަކުގައި، އޮރިޔާން ނިވާނުވާ ހާލު އަންހެނުންނާއި ފިރިހެނުން މަސްހުނިވެ ނަށާތަން ބަލަން ތިޔަބައި މީހުން އެއްވެ ތިބެނީ ޅަ ދަރީންނާއި އާއިލާ މީހުންގެ ކުރިމަތީގައެވެ. ލަދުވެރިކަމުގެ ކަންފުޅެއްވެސް ތިޔަބައި މީހުންގެ ކިބައިގައި ނުވަނީބާއޭ އަހަރެން ހިތައް އަރައެވެ. މި މަންޒަރުތައް ފެނި ފެންކަޅިވާ ހާލު އަހަރެން ހިތާހިތާ ބުނަމެވެ. "ދެން ދުވަހަކުވެސް އަހަންނަށް ނާދެވޭނެނަމައެވެ."

އުފަލުން ހިނިތުންވަމުން އަންނަން އަހަރެން ކިތައްމެހައިވެސް ބޭނުމެވެ. ނަމަވެސް މީސްތަކުން ވަނީ އަހަރެންގެ ޙުރުމަތް ކަނޑައިލައިފައެވެ. އަހަރެންގެ ނަމުގައި އިސްލާމީ އަޚްލާޤުން ބޭރެވެ، އެތަކެއް ފާޙިޝް ކަންތައްތަކެއް ފަތުރައި އާންމުކޮށްފައެވެ. ނުވިތާކަށް އެހެން ދީންތަކުގެ ބައެއް އަޅުކަންތަައްވެސް އަހަރެންގެ ނަމުގައި ކުރަންފަށައިފިއެވެ. ތިޔބައި މީހުންގެ ކަންކަން ހުރި މަގަކީ މިއީއެވެ. ވީއިރު އުފަލުން ހިނިތުންވަމުން އަހަރެންނަށް އާދެވޭނެހެއްޔެވެ؟

Copyright © 2024 Faaru News
Made with by Afeef & Noor