މަދަރުސީ ދައުރަކީ ކޮންމެ މީހެއްގެ ހަޔާތުގައިވެސް ހާއްޞަ ދުވަސް ތަކެކެވެ. ތަފާތު އެތައް ކުދިބަޔަކާ ދިމާވެ، ތަފާތު ހިޔާލުތަކުގެ ކުދިންނާއި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ދުވަސްތަކެކެވެ. އުފާވެރި އެތައް ހަނދާންތަކެއް މަދަރުސީ ދައުރާއި ގުޅިފައިވެއެވެ. ކޮންމެ ކުއްޖެއްގެ ވެސް މަދަރުސީ ހަޔާތުގެ އެންމެ ބޮޑު ދައުރެއް އަދާކުރާ އެއް ބަޔަކަށް ވާނީ މުދައްރިސުންނެވެ.
މަދަރުސީ ހަޔާތް ނިމި ދިރިއުޅުމުގައި ކުރިއަށް ދާއިރު، ދެވައްތަރެއްގެ މުދައްރިސުން އާންމުކޮށް ހަނދާނުން ނުފިލާ ހުރެއެވެ. އެއް ވައްތަރަކީ ވަރަށް ރުޅިގަދަ އަދި ހިތުގައި ޖެހޭފަދަ އެއްޗެހި ބުނެފައި ތިބޭ މުދައްރިސުންނެވެ. މިފަދަ މުދައްރިސުން ހަނދާން ހުންނަނީ ހިތުގައި އޮންނަ ނުރުހުންތެރި ކަމެއްގެ ސަބަބުން ކަމަށް ވެދާނެއެވެ.
އަނެއް ވައްތަރަކީ ވަރަށް ހިތްހެޔޮ އަދި ހަޔާތުގައި ބޭނުން ޖެހޭފަދަ ވަރުގަދަ ނަސޭހަތްތައް ދީފައިތިބޭ މުދައްރިސުންނެވެ. ތިމާއަށް ނުކުރެވޭނެއޭ ހީވާ އެތައް ކަމެއް އެފަދަ މުދައްރިސުންގެ ހިތްވަރާއި އިތުބާރުގެ ސަބަބުން ހާސިލްކުރެވެއެވެ. މިއީ އަޅުގަނޑާއި ދިމާވި އެފަދަ މުދައްރިސެއްގެ ވާހަކައެވެ.
މުދައްރިސް އަޅުގަނޑުމެނަށް ކިޔަވައިދޭ އަންނަން ފެށުމުގެ މާކުރިން ވެސް އަޅުގަނޑަށް މި މުދައްރިސް ފާހަގަވެއެވެ. ފަހަރުގައި އެއީ މުދައްރިސް ހެދުން އަޅާގޮތް އެހެން މުދައްރިސުންނާ ތަފާތުވީމާކަމިގައިވެދާނެއެވެ. ގިނަ މުދައްރިސުން ބެގީކޮށްގެން ތިބޭއިރު މި މުދައްރިސް ހުންނަނީ ބެގީ ނުކޮށެވެ. ނަމަވެސް މިއީ ފާހަގަވި ހަމައެކަނި ސަބަބެއް ނޫނެވެ. އަޅުގަނޑަށް މުދައްރިސް ފާހަގަވި އަނެއް ސަބަބކީ މުދައްރިސްގެ ހިތްހެޔޮ ކަމެވެ. މިއީ އެހެން މުދައްރިސުންނަށް ބުނާ ބަދުބަހެއް ނޫނެވެ. އަޅުގަނޑާ ދިމާވި ގިނަ މުދައްރިސުންނަކީ ހަމަ ވަރަށް ހިތްހެޔޮ ބައެކެވެ. އެހެން ނަމަވެސް އާންމުގޮތެއްގައި ދަށް ގުރޭޑު ތަކުގައި އުޅޭއިރު މަތީ ގުރޭޑުތަކުގެ މުދައްރިސުންގެ ސަމާލުކަމެއް ނުލިބޭނެއެވެ. ނަމަވެސް އަޅުގަނޑު ދަށް ގުރޭޑު ތަކުގައި އުޅުން އިރުވެސް މި މުދައްރިސަށް ހަމަ ފެންނައިރަށް ވަރަށް ބޮޑު ހިނިތުންވުމެއް ދޭނެއެވެ. މިގޮތުން ދެހާސް ބާރަ ވަނަ އަހަރުގެ މަސައްކަތު ދުވަހަކީ ފާހަގަ ކޮއްލެވޭ ދުވަހެކެވެ. އެދުވަހު އަޅުގަނޑާއި މި މުދައްރިސް ހުރީ އެއްގުރޫޕެއްގައެވެ.
މުދައްރިސްގެ ކިޔަވައިދިނުން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނީ ދެހާސް ސޯޅަވަނަ އަހަރުއެވެ. އެއީ އަޅުގަނޑު ގުރޭޑު ދިހައެއްގެ އަހަރެވެ. މުދައްރިސް އައީ އަޅުގަނޑުމެންގެ ހިސާބު މާއްދާއަށެވެ. އަޅުގަނޑަކީ ފިލާވަޅުތައް ނަގައިގަންނަން އެހާފަސޭހަ ދަރިވަރެއް ނޫނީމެވެ. އެހެންކަމުން އަޅުގަނޑަށް ފިލާވަޅުތައް ނަގައި ގަނެވެނީ ވަރަށް ގިނަފަހަރު ކިޔާދިނުމުންނެވެ. ކިތަންމެ ގިނަފަހަރު ކިޔާދޭން ޖެހުނަސް މި މުދައްރިސްގެ ކިބައިން އެއްވެސް ފޫހިކަމެއް ނުފެނުން އެއީ އަޅުގަނޑަށް މުދައްރިސް ކަމުދިޔަ އެއް ސަބަބެވެ. އެއް ގޮތަކަށް ކިޔައިދިނުމުން ނޭނގިއްޖެ ނަމަ އެޔައް ވުރެފަސޭހަ ހެން ހީވާ އެހެން ގޮތަކަށް މުދައްރިސް ކިޔާދޭނެއެވެ. މުދައްރިސް ކިޔަވާދޭއިރު ހުންނަ ޖޯޝާއި ފޯރިއަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.
އަޅުގަނޑުމެންނަށް މުދައްރިސް ދިން ކުދި ކުދި ނަސޭހަތުން ފެށިގެން ބޮޑެތި ނަސޭހަތްތައް އަދިވެސް އަޅުގަނޑުގެ ހަނދާނުގައި އެބަހުއްޓެވެ. އޯލެވެލް އަހަރު ކަމުން މުދައްރިސް އަބަދުވެސް ކިޔެވުމަށް ނަސޭހަތް ދޭނެއެވެ. އަދި ކިޔެވުމަށް ހިއްވަރު ދިނުމުގެ ގޮތުން ބުނާނެއެވެ. "ވަން ޕީސް އެނިމޭ" ބަލާނީ އޯލެވެލް އެގްޒާމް ނިންމާފައެވެ. އަޅުގަނޑު އެ ނަސޭހަތް ގަބޫލު ކުރީމެވެ. އަދި މުދައްރިސް އަބަދުވެސް ނަމާދު ކުރުމަށާއި ދީނީ ކަންކަމަށް ފަރުވާތެރިވުމަށް ނަސޭހަތްތެރިވާނެއެވެ. ދުނިޔެއަކީ ވަގުތީ ތަނެއްކަން ހަނދާން ކޮށްދޭނެއެވެ. ހަމައެކަނި ކިޔަވައިގެން މޮޅެތި ފާސްތައް ހޯދުމުން ނުނިމޭނެ ކަމާ ދެދުނިޔެ ހޯދުމަށް މަސައްކަތް ކުރަން ޖެހޭނެކަން ބުނެދޭނެއެވެ. ސުކޫލު މިސްކިތުގައި މުދައްރިސާއެކު ނަމާދު ކުރި ދުވަސްތައް ހަނދާނުގައި ބިންވަޅުނެގިފައި އެބަހުއްޓެވެ.
މުދައްރިސްގެ ނަސޭހަތާއެއްގޮތައް އަޅުގަނޑުމެން ދިޔައީ އޯލެވެލް އިމްތިހާނަށް ތައްޔާރުވަމުންނެވެ. ނަމަވެސް ޓެސްޓުފެށެން ކައިރިވެފައި ވަނިކޮށް ލިބުނީ ހީވެސް ނުކޮށްތިބި ޚަބަރެކެވެ. މުދައްރިސް މި ފަނާވަނިވި ދުނިޔެއާ ވަކިވީއެވެ. އެއި ދެހާސްސޯޅަ ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 24ވަނަ ދުވަހެވެ. މުދައްރިސް ވަކިވެގެން ދިޔައީވެސް އަޅުގަނޑުމެންނަށް ފިލާވަޅެއް ދަސްކޮށްދީފައެވެ. އެއީ މި ދުނިޔެއަކީ ވަގުތީ ތަނެއް ކަމެވެ. އަދި މަރަކީ އުމުރަކަށް ކުލަޔަކަށް އަދި ނަސަބަކަށްވެސް ބަލާއެއްޗެއް ނޫންކަމެވެ.
މިއަދު އަޅުގަނޑަކީ ސުކޫލުދައުރު ނިމި ދިރިއުޅުމުގެ މައިދާނާ ކުރިމަތިލައިގެން ހުރި ޒުވާނަކީމެވެ. ނަމަވެސް އަޅުގަނޑަށް މުދައްރިސްގެ ނަސޭހަތްތައް އަދިވެސް ހަނދާން ހުރެއެވެ. ދީނީ ކަންކަމަށް ފަރުވާތެރިވާން ލިބޭ އެއް ބާރަކީ އެ ނަސޭހަތްތަކެވެ. "ވަންޕީސް އެނިމޭ" ބެލުމަށް އެހާ ޝައުގުވެރިވަނީ މުދައްރިސް މަތިން ހަނދާންވާ އެއްޗަކަށް ވީމައެވެ.
މިއަދު އަޅުގަނޑަށް ކޮއްދެވެން އޮތް ހަމައެކަނި ކަމަކީ މުދައްރިސަށް ހެޔޮ ދުޢާ ކޮށްދިނުމެވެ. އަޅުގަނޑު ނަމާދަށް ފަހު ކުރާ ދުޢާގައި މުދައްރިސް ހަނދާންކުރަމެވެ. އުންމީދަކީ ޖަންނަތުން ބައްދަލުވުމެވެ. މީ އަޅުގަނޑަށް އެންމެ ކަމުދާ މުދައްރިސްގެ ވާހަކަ އެވެ.