ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައިން، އަޅުގަނޑުމެން މުސްލިމުން، އަދި ވަކިން ޚާއްޞަކޮށް ދިވެހިން ހާޞިލްކުރަންޖެހޭ މުހިއްމު ފިލާވަޅުތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން ތިން ފިލާވަޅަކަށް ނަޒަރު ހިންގާލާނަމެވެ.
ޔަހޫދީންގެ ޙަޤީޤަތް ދަސްކުރާށެވެ!
ފަލަސްޠީނުގައި، މުސްލިމުން ނިކަމެތި ކުރުމަށް ކެނޑިނޭޅި ހަނގުރާމަކުރަމުންދާ ބަޔަކީ، ޔަހޫދީންނެވެ. އެބައިމީހުންގެ އަނިޔާވެރިކަމުގެ ސަބަބުން، އެމީހުނާއި ދެކޮޅަށް އަޑު އުފުލަނީކީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ. އިންސާނިއްޔަތު ކަމެއް ހުރި ކޮންމެ މީހަކު އެދަނީ އެމީހުންގެ އަނިޔާވެރިކަމަށް ދެކޮޅުހަދަމުންނެވެ. މުޅި ދުނިޔެ އެމީހުންގެ އަނިޔާވެރިކަމަށް ހެކިވެއެވެ. ވުމާއި އެކު، ޔަހޫދީންނެއް މުސްލިމުންނަކަށް ހެވެއްނޭދޭނެކަމާއި، އެމީހުނަކީ މުސްލިމުންގެ ޢަދާވާތްތެރިންކަން ދަސްކުރާށެވެ!
މާތް ﷲ ވަޙީކުރެއްވިއެވެ. (لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً لِّلَّذِينَ آمَنُوا الْيَهُودَ وَالَّذِينَ أَشْرَكُوا)1 މާނައީ: "إيمان ވި މީހުންނަށް މީސްތަކުންކުރެ، ޢަދާވާތްތެރިކަން އެންމެބޮޑު ބަޔަކީ، ޔަހޫދީންނާއި، އަދި شريك ކުޅަ މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ." އަދިވެސް ވަޙީކުރެއްވިއެވެ. (وَلَن تَرْضَىٰ عَنكَ الْيَهُودُ وَلَا النَّصَارَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ ۗ)2 މާނައީ: "އަދި ޔަހޫދީންނެއްވެސް نصارى އިންވެސް އެއުރެންގެ دين އަށް ކަލޭގެފާނު تبع ވެވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ."
މުސްލިމުނަށް ޢިއްޒަތާއި ކަރާމާތް ލިބުން އޮތީ ޖިހާދުންކަން ދަސްކުރާށެވެ!
ފަލަސްޠީނުގައި ހިނގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވާ، އެތަނަށް މިނިވަންކަން ހޯދުމަށްޓަކައި، އިސްރާއީލާއި އެކު ސުލްހައިގެ ވާހަކަތަށް ދައްކާތާ 19 އަހަރަށްވުރެ ގިނަ ދުވަސްވީއެވެ. އަދިވެސް އެކަމަށް އަލިމަގެއް ފެންނަ ގޮތްވަނީ ނުވެފައިއެވެ. އެހެނީ، ޔަހޫދީންނަކީ، އެއްބަސްވުމަކަށް އިޙްތިރާމް ކުރާ ބައެއް ނޫނެވެ. އެމީހުނަކީ، އަހުދެއް ކޮށްފިނަމަ އެއަށް ޣައްދާރުވުމުގައި ދިގު ތާރީޚެއް އޮތް ބައެކެވެ.
ފަލަސްތީނުގެ މައްސަލައަކީ، ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ މައްސަލައެއްނޫނެވެ. ފަލަސްތީނުގެ ބިމަށް ހަމަޖެހުން ލިބުމަށް، އެމީހުނާއި ދެކޮޅަށް ހަތިޔާރު އުފުލުން ނޫންގޮތެއް މިއަދު މުސްލިމުނަކަށް ނެތެވެ. އެއީ އެތަން އެޔަހޫދީންގެ ކިބައިން މިނިވަން ވެއްޖައުމަށް ދާންދެނެވެ. ޔަހޫދީންނަކީ އެއްބަސްވުމަކުން މައިތިރި ކުރެވޭނެ ބަޔަކަށް ނުވާތީއެވެ. ތާރީޚު އެކަމަށް ހެކިދޭތީއެވެ.
މާތް ﷲ ވަޙީކުރެއްވިއެވެ. (وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ لِلَّهِ ۖ فَإِنِ انتَهَوْا فَلَا عُدْوَانَ إِلَّا عَلَى الظَّالِمِينَ) 3 މާނައީ: "އަދި (دين އާ ދެކޮޅަށް އުފައްދާ) فتنة ވެރިކަން ނެތިއްޖައުމަށް ދާނދެން އަދި دين، اللَّه އަށް خالص ވެއްޖައުމަށް ދާނދެން ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަ ކުރާށެވެ! ފަހެ، އެއުރެން އެކަން ހުއްޓާލައިފިނަމަ، އަނިޔާވެރިވާ ބަޔެއްގެ މައްޗަށް މެނުވީ عداوة ތެރި ވުމެއް ނެތެވެ. " މާތްނަބިއްޔާ ޙަދީޘްކުރެއްވިއެވެ. "وَذِروَةُ سَنَامِهِ الجِهَادُ" 4 މާނައީ: "އިސްލާމް ދީނުގެ ކުރިބޯއްޓަކީ ޖިހާދެވެ."
ތައުހީދުގެ ބިމެއްގައި، ކުފުރަށް ޖާގަދިނުމުގެ ނުބައިކަން ދަސްކުރާށެވެ!
ފަލަސްޠީނުގައި ވަޒަންވެރިވި ޔަހޫދީން، ފުރަތަމަ ވަޒަންވެރިވެފައިވަނީ، ރެފިއުޖީންގެ ގޮތުގައި، ބައެއް ޢަރަބިންގެ ރުހުމާއި ހުއްދަޔާއިވެސް އެކުއެވެ. އެހެނީ، އޭރު އެޔަހޫދީންނަކީ އަނިޔާ ލިބި، އެމީހުންގެ ޤައުމުން ބޭރުކޮށްލެވުނު ބައެކެވެ. ނަމަވެސް، އެމީހުން އެތަނުގައި ވަޒަންވެރިވުމަށްފަހު، އެތަނުގެ އަހުލުވެރިންނާއި ހަމަނުޖެހުން ހިންގާ އެތަނުގެ އަސްލު ވަޒަންވެރިންގެ ކިބައިން އެބިން ފޭރިގަނެ، އެތަނުގައި ދަޢުލަތް ޤާއިމްކުރީއެވެ.
އެމީހުނަކީ އަހުދަށް ކަމޭ ހިތާ، އަދި އެމީހުނަށް ހެޔޮކޮށް ހިތާ ބައެއްގެ ހެޔޮކަން ވަޒަންކުރަން ދަންނަ ބައެއް ނޫނެވެ. ވުމާއިއެކު، ފެންނަ މަންޒަރު ތަކުން އިބުރަތް ލިބިގަންނާށެވެ. ދިވެހިންގެ ބިން، ބޭރުގެ ފަރާތްތަކަށް ވިއްކުމާއި، ބިން މިލްކު ކޮށްދީ ހެދުމަކީ، މިނިކަމެތިކަމާއި ދިވެހިން ކުރިމަތިލާން ޖެހިދާނެ ކަމެއްކަން ދަންނާށެވެ.
އިންސާނީ ޙައްޤުތަކޭ، ދީނުގެ މިނިވަންކަން އޮންނާންވާނޭ ބުނެ ވަކާލާތު ކުރާ މީހުންގެ ބަހަށް ނުހެއްލޭށެވެ. މިއަދު ފަލަސްތީނު މުސްލިމުންގެ ޙައްޤުގައި ވާހަކަ ދައްކަން އެބައިމީހުން ނުކުޅެދުނު ފަދައިން، މާދަމާ މި ދިވެހި ޤައުމުގައި ލޭ އޮހޮރުވުންތައް ހިނގާއިރު، ދިވެހިންގެ ޙައްޤުގައި ވާހަކަ ދައްކަން އެމީހުން ނުކުޅެދޭނެކަން ދަންނާށެވެ.
މިދީނުގެ ޢަދާވާތްތެރިންގެ ބާރު ގަދަވެފައި އޮތް އެއްވެސް މުޖުތަމައެއްގައި މުސްލިމުންނަށް ހަމަޖެހިގެން ދިރިއުޅުވެން ނެތްކަން މިއަދު ދުނިޔޭގެ މަސްރަހުން ފެންނާނެއެވެ. ވުމާއިއެކު، ތައުހީދުގެ މިބިމުގައި ކުފުރަށް ޖާގަދިނުމާއި ދެކޮޅު ހަދާށެވެ! އެއީ ދެވަނަ ފަލަސްތީނަށް މިބިން ވެގެންދިޔުމުގެ ކުރިންނެވެ.
-----------------------------
1 މާއިދާ ސޫރަތުގެ 82 ވަނަ އާޔަތް
2 ބަޤަރާ ސޫރަތުގެ 120 ވަނަ އާޔަތް
3 ބަޤަރާ ސޫރަތުގެ 193 ވަނަ އާޔަތް
4 ރިވާކުރެއްވީ އިމާމް ތިރުމިޛާ