ފަލަސްތީނުގެ މައްސަލަ – ދިވެހިންނަށް މުހިއްމުވަނީ ކީއްވެ؟

އައްޝައިޚް އިބްރާހީމް ރާފިޢު
އައްޝައިޚް އިބްރާހީމް ރާފިޢު
3 އަހަރު ކުރިން
2 މިނިޓް

ފަލަސްޠީންގެ މައްސަލައަކީ އަޅުގަނޑުމެން ދިވެހީންނަށް މިއަދު ބީރަށްޓެހި މައްސަލައެއްނޫނެވެ. އެތާނގައި ޔަހޫދީން ހިންގަމުންދާ ޖަރީމާއަކީވެސް އަޅުގަނޑުމެން ދިވެހީންނަށް ސިއްރުވެފައިވާ ކަމެއް ނޫނެވެ. ނަމަވެސް، ފަލަސްތީނުގެ މައްސަލަ އަހަރެމެން ދިވެހިންނަށް މުހިއްމުވަނީ ކީއްވެކަން ނޭނގޭ މީހުން އެބައުޅެއެވެ.

ފަލަސްތީނުގެ މައްސަލަ – ދިވެހިންނަށް މުހިއްމުވަނީ ކީއްވެ؟

އަހަރެމެން ދިވެހިންނަކީ މުސްލިމުންނެވެ. މިއީ، އިސްލާމީ އުއްމަތުގެ ބަޔެކެވެ. ވުމާއެކު، ކުރުކޮށް ދަންނަވާނަމަ، ފަލަސްތީނުގެ މައްސަލަ ދިވެހިންނަށް މުހިއްމުވަނީ މިހެންވެއެވެ. އެތަނާއި އިސްލާމް ދީނާއި އޮތް ގުޅުމުގެ ސަބަބުންނެވެ. ތަފްސީލަށް ދަމާ ހިނގާށެވެ! ފަލަސްތީނު މައްސަލަ، ދިވެހިންނަށް މުހިއްމުވަނީ ކީއްވެހެއްޔެވެ؟

އެތާނގައިވާ ބައިތުލް މަޤްދިސްގެ ޙުރުމަތް ކަނޑާލެވެމުން ދާތީއެވެ.

ބައިތުލް މަޤްދިސް ނުވަތަ މަސްޖިދުލް އަޤްޞާ އަކީ، މުސްލިމުންގެ އެންމެ ފުރަތަމަ ޤިބުލައެވެ. އަދި މިބިންމަތީގައި ދެވަނައަށް ބިނާ ކުރެވުނު މިސްކިތެވެ. އެއީ، އެމިސްކިތެއްގައި ކުރާ ނަމާދު، އެހެން މިސްކިތެއްގައި ކުރާ ނަމާދަށްވުރެ އެތައް ގުނައެއް ޘަވާބު ބޮޑުވެގެންވާ މިސްކިތެވެ. އެއީ، ނަބިއްޔާ އިސްރާކުރެއްވި ރޭ، މަސްޖިދުލް ޙަރާމްއިން އެބިމަކަށް ވަޑައިގެންނެވި ބިމެވެ. އަދި އެރޭ، އެތަނެއްގައި ނަބިއްޔާ، އެންމެހާ ރަސޫލުންނާއި ނަބިއްޔުންނާއި އެކު އިމާމުވެ ނަމާދުކުރެއްވި މިސްކިތެވެ. އަދި އެތަނަކުން ނަބިއްޔާ މިޢުރާޖަށް އަރާވަޑައިގެންނެވި މުޤައްދަސް މިސްކިތެވެ.

އެމިސްކިތްވަނީ ފަލަސްޠީނުގައެވެ. އެ ޔަހޫދީން އެދަނީ، އެތަނުގައި ނަމާދު ކުރަމުންދާ މުސްލިމުންނަށް އަނިޔާކޮށް، ޖެއްސުން ކުރަމުންނެވެ. އެމިސްކިތަށް ގެއްލުންދީ، މިސްކިތުގެ ޙުރުމަތް ކަނޑަމުންނެވެ. ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް މި ބައިމީހުންގެ މި އަނިޔާވެރިކަން މުޅި ދުނިޔެއަށް ދައްކަމުން ދެއެވެ. އެބައިމީހުންގެ ކިބައިން މަސްޖިދުލް ޢަޤްޞާ ޠާހިރު ކުރެވޭނީ، ފަލަސްޠީނު، އެޔަހޫދީންގެ އަނިޔާވެރި ވަކިތަކުން މިނިވަން ކުރެވިގެންނެވެ. ދިވެހިންނަށް ފަލަސްޠީނުގެ މައްސަލަ މުހިއްމުވަނީ މިހެންވެއެވެ.

ފަލަސްތީނުގެ ބިން، މުސްލިމުންގެ އަތުން ޔަހޫދީން ފޭރިގަނެފައިވާތީއެވެ.

އުސްޠާޛް ޖަމީލް ދީދީ، ފަލަސްޠީނާއި ބެހޭ ގޮތުން ވިދާޅުވެފައިވެއެވެ. "ފަލަސްޠީން އަކީ، ތާރީޚުގެ ތެރެއިން އެއްވެސް ދުވަސްވަރެއްގައި ޔަހޫދީން ގެ ތަނެއް ނޫނެވެ. އެބައިމީހުންގެ ކާބަފައިންގެ ތަނެއްވެސް ނޫނެވެ. އެބައިމީހުންގެ އާދައަކަށްވެފައި އޮންނަ ގޮތުގެ މަތީން އަހުލުވެރީންގެ އަތުން، ގަދަކަމުން ތަން އަތުލައި ފޭރިގަތުމަށްފަހު ތިމަންމެންގެ ތަނެކޭ ކިޔައި އަތްގަދަކޮށްލައިގެން ތިބީއެވެ. ތަނަކީ ޢަރަބީންގެ ތަނެކެވެ. ޢަރަބީންގެ ބިމެކެވެ."

ފަލަސްޠީނުގައި، ޔަހޫދީން އާބާދު ވެފައިވަނީ ވަރަށްވެސް ފަހުންނެވެ. އެއީ މީލާދީ ސަނަތުން 1948 ވަނަ އަހަރު އެވެ. ޔަހޫދީން، ފަލަސްޠީނުގެ ބިން ފޭރިގަނެ، އެތައް ހާސް މުސްލިމުންނެއް އެމީހުންގެ ގެދޮރުން ނެރެލާ، އެބިމުގައި ޔަހޫދީން ވަޒަންވެރިވިތާ މިއަދަށް މިވީ 73 އަހަރެވެ. އަދިވެސް އެބައިމީހުން މަސައްކަތްކުރަމުން އެދަނީ ފަލަސްތީނުގެ ބިންތަކުން މުސްލިމުން ނެރެ އެތަންތަނުގައި އެޔަހޫދީންގެ އަތްގަދަ ކުރުމަށެވެ. މިހާރު ހިނގަމުން މިދާ ހަމަނުޖެހުމުގެ ފެށުމަކީވެސް މިއެވެ.

އެބައިމީހުންނަށް އެބިމުގައި އެއްވެސް ޙައްޤެއް ލިބިގެން ނުވާޙާލު، މުސްލިމުންގެ އަތުން ފޭރިގަނެފައިވާ، އަދި ދީނާއި އެދީނުގެ ތާރީޚާއި ގުޅިލާމެހިފައިވާ މުޤައްދަސް ބިމެއް، މުސްލިމުނަށް މުހިއްމުނުވާންވީ ސަބަބެއް ނެތެވެ.

މުސްލިމް އުއްމަތަކީ އެއްއުއްމަތެއް ކަމުގައިވާތީއެވެ.

ފަލަސްޠީނުގެ މުސްލިމުންނާއި މެދު، ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ މިއަދު ބަޔަކަށް ފޮރުވިފައިވާ ކަމެއް ނޫނެވެ. އެތަށް މުސްލިމުންނެއް އެމީހުންގެ ގެއިން ބޭރުކުރެވިއްޖެއެވެ. އެތަށް އާއިލާއެއް ނިކަމެތި ކޮށްލެވިއްޖެއެވެ. އެތަށް މުސްލިމުނެއް ޝަހީދު ކޮށްލެވިއްޖެއެވެ. ފަލަސްޠީނުގެ ބިމުގައި، ޔަހޫދީން ނުހިންގާކަށް ޖަރީމާއެއް ނުވެއެވެ. އެތަށް ގެއެއް ބިމާ ހަމަކޮށްފިއެވެ. އަންހެނެއް ކުޑަކުއްޖެއް ބެލުމެއް ނެތި އެތަށް ބަޔަކު ޤަތުލުކުރަނީއެވެ. އިންސާނީ އެތަށް ޙައްޤުތަކަކުން އެމުސްލިމުތަކުން އެވަނީ މަހުރޫމް ކުރެވިފައެވެ. ލިޔުމުން ބަޔާންކުރެވޭ ވަރަށްވުރެ އެތަނުގެ މުސްލިމުންގެ ޙާލަތު ދަށެވެ.

މުސްލިމުންނަކީ އެއްހަށިގަނޑެއް ފަދަ ބައެއް ކަމާއި، އެހަށިގަނޑުގެ އެންމެ ގުނަވަނެއްގައި ވޭން އެޅިޔަސް، ހުންއައުމުންނާއި، ރޭގަނޑު ހޭލާ ހުރުމުން، މުޅި ހަށިގަނޑު އެކަމުގައި ބައިވެރިވާކަން، މި އުއްމަތުގެ ނަބިއްޔާ ބަޔާންކުރައްވާފައި ނުވޭހެއްޔެވެ! ވީއިރު، އިސްލާމީ އުއްމަތުގެ ބަޔަކަށް އެފަދަ ބޮޑެތި އަނިޔާތަކެއް ދެވެމުން ދާއިރު، އެކަން، ދިވެހި އިސްލާމީ އުއްމަތަށް މުހިއްމު ނުވާންވީ ކީއްވެ ހެއްޔެވެ!

ފަލަސްތީނުގެ މައްސަލަ މައްސަލައަކަށްވާން ޖެހޭ މިނޫންވެސް ސަބަބުތައް އެބަހުއްޓެވެ. ނަމަވެސް މިމިންވަރަށް ކުރުކޮށްލަމެވެ. ނިންމާލަމުންވެސް، ދަންނަވަން އޮތީ، ދީނާމެދު ޣީރަތްތެރިކަމެއް ނެތް، އެބައެއްގެ ހިތްތަކުގައި އީމާންކަމުގެ ލޭނުހިނގާ، ދުނިޔެއަށް ބަރުވެފައިވާ ބަޔަކަށް މިކަން ދާޚިލީ ކަމަކަށް ވިޔަސް، މިއީ ދިވެހިންގެ ލެޔާއި ދީނާއި ޢަޤީދާއާއި ގުޅިފައިވާ މައްސަލައެކެވެ. މިއުއްމަތުގެ ޙާލާއި މެދު ކަންބޮޑުނުވާ ބަޔަކީ، މިއުއްމަތުގެ ތެރެއިން ވާ ބައެއް ނޫނެވެ.

Copyright © 2024 Faaru News
Made with by Afeef & Noor