ފުރަބަންދުގެ ތެރޭގައި ދުވަސް ހެޔޮގޮތުގައި ބޭނުންކުރުމަށް ދަރިންނަށް ދަސްކޮށްދީ އާދަކުރުވުން

މުޙައްމަދު ފަޔާޟް
މުޙައްމަދު ފަޔާޟް
2 އަހަރު ކުރިން
1 މިނިޓް

ކޮވިޑް ގެ ޙާލަތާއި ގުޅިގެން ސްކޫލުގެ ކިޔެވުން ބަންދު ކުރެވި، ދަރިވަރުންގެ ގޭގައި ތިބެން ޖެހިފައިވާ މި ދަނޑިވަޅުގައި، ދަރިވަރުންނަށް އެކިއެކި ގޮތްގޮތުން ކުރިމަތިވެދާނެ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި، ދުވަހީ ތާވަލެއް ތައްޔާރުކޮށް، ދަރިވަރުގެ ޖުމުލަ ތަރައްޤީއަށް ގޭގައިގެވެސް މަސައްކަތްކުރެވިދާނެއެވެ. މިގޮތުން، ދަރިވަރުގެ ރޫހާނީ، ނަފްސާނީ، ޖިސްމާނީ އަދި ޢިލްމާއި ހުނަރުގެ ގޮތުން ތަރައްޤީ ކުރުމަށް، ވަކި ތަވާލެއްގެ ދަށުން މަސައްކަތް ކުރުވުމަކީ، ދަރިވަރަށް ނުހަނު ފައިދާ ކުރާނެ ކަމެކެވެ. މިގޮތުން، ދީފައިވާ ނަމޫނާ ތާވަލާއި އެއްގޮތަށް ނުވަތަ ކުއްޖާގެ ޢުމުރާއި، ގޭތެރޭގެ މާހައުލާއި އެއްގޮތަށް އަމިއްލަ ތާވަލެއް ހަދައިގެން މަސައްކަތް ކުރުވާށެވެ.

ފަރުޟު ނަމާދުތަކަށާއި ދީނީ އަޅުކަންތަކަށް ވަގުތު ކަނޑައަޅައި އެކަންކަން އަދާކުރުމަށް ހިތްވަރުދޭށެވެ. ދަރިވަރުންގެ ރޫހާނީ ތަރައްޤީއަށް މަސައްކަތްކޮށް، ދީނީ ކަންކަމަށް ފަރުވާތެރިކުރުވައި އާދަ ކުރުވުމަކީ ނުހަނު މުހިއްމު އަދި ދަރިވަރުގެ ކާމިޔާބީގެ ސިއްރެވެ. މިގޮތުން ހުރިހާ ނަމާދެއް ކުރުވުމާއި، ޤުރުއާން ކިޔެވުމާއި، ހެނދުނާއި ހަވީރުގެ ޒިކްރުތައް ކިޔުވުމަށް އާދަކޮށްދޭށެވެ.

ގަޑިންގަޑިޔަށް ކެއުމާއި، ކެއުމުގައި މިންހެޔޮ ކެއުމެއް ގެންގުޅުމަކީ ދަރިވަރުގެ ޖިސްމާނީ ތަރައްޤިއަށް މުހިއްމު ކަމަކަށް ވީހިނދު، ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމާއި، ވަގުތަށް ކެއުމަށް ބާރުއަޅާށެވެ. އަދި ގޭތެރޭގައި ހުސްޖާގަ އޮތްނަމަ ގޭތެރޭގައި ނުވަތަ ގޭގެ ކައިރީގައި ނަމަވެސް ހެލިފެލިވެ އުޅުމަށް ހިތްވަރުދީ، ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދޭށެވެ. ހިނގާލުން، ދުވެލުން، ބައިސްކަލް ދުއްވުން ފަދަ ކަސްރަތުތައް ކުރުވާށެވެ.

ސްކޫލަށް ނާދެވުނު ކަމުގައި ވިޔަސް، ސްކޫލުން ދީފައިވާ ފިލާވަޅުތައް ކޮންމެދުވަހުކުވެސް މުޠާލިއާ ކުރުމަށް ވަގުތު ކަނޑައަޅާށެވެ. ހިސާބުގެ މަސައްކަތްތަކާއި، ލިޔުމާއި، ފޮތް ކިޔުމަށް ވަގުތު ހުސްކުރުވާށެވެ. ކޮންމެ ދުވަހަކުވެސް އިނގިރޭސި އަދި ދިވެހި އާ ބަސްތަކެއްގެ މާނާ ދަސްކުރުވައި، ދަރިވަރުންގެ ބަސްކޮށާރު މުސަނދިކުރާވާށެވެ.

 ދުވަހުގެ ގިނަ ވަގުތު ޓީވީބެލުމާއި ގޭމްކުޅުންފަދަ ކަންކަމުގައި ސްކްރީންގެ ކައިރީ ހޭދަކުރާ ވަގުތު މަދުކުރުވާށެވެ. އަދި ކުއްޖާގެ ހިތްހަމަ ޖެހުމަށް ދުވަހުގެ ކޮންމެވެސް ވަގުތު ކޮޅެއް މިކަންކަމަށްވެސް ހޭދަ ކުރުމަށް ފުރުޞަތު ދެވިދާނެއެވެ.

ގޭތެރޭގެ މަސައްކަތްތައް ދަސްކުރުމަށް ކުއްޖާއަށް ފުރުޞަތުދިނުމުގެ ގޮތުން މަންމަ ނުވަތަ ބައްޕަ ކުރާ މަސައްކަތްތަކުގައި ބައިވެރިކުރުވާށެވެ. އަދި އައު ހުނަރެއް ދަސްކުރުމަށް ވަގުތު ހުސްކޮށް މި ކަންކަމުގައި ކުއްޖާއަށް އެހީތެރިވެދޭށެވެ.ގަސްހެއްދުމާއި ދޫނި ނުވަތަ މަސްފަދަ ތަކެތި ގެންގުޅެ ބެލެހެއްޓުންކަހަލަ ކަންކަންކުރުވައި ނަފްސާނީގޮތުން ހިތްހަމަޖެހުން ދަރިވަރަށް ހޯދާދޭށެވެ.

ދުވަސް ނިންމާލުމުގެ ކުރިން، އާއިލާގެ އެންމެން އެކުގައި ވަގުތު ހޭދަކޮށްލައި ދުވަސް ހޭދަކުރެވިގެން ދިޔަގޮތާއި މެދު ވާހަކަދައްކާލައި، އުފާވެރި ވަގުތުކޮޅެއް އާއިލާގެ އެންމެން އެކުގައި ހޭދަކޮށްލާށެވެ.

ޝުކުރުވެރިވުމާއި، ކެތްތެރިވުމާއި އެހީތެރިވެ އޯގާތެރިވުމާއި ޒިންމާއަދާކުރުންފަދަ ރީތި އާދަތަކަށް ހިތްވަރުދީ، މިފަދަ މެސެޖްތައް ލިބޭ ޢިބްރަތްތެރިވާހަކަތަށް ދަރިވަރުންނަށްކިޔާދީ ހިއްސާކުރާށެވެ.

އަޅުގަނޑުގެ ދުވަހީ ތަވާލު (ނަމޫނާއެއް)

ދުވަހީ ތާވަލު: މިފަދަގޮތަކަށް ދުވަހުގެ މުހިއްމު ހަރަކާތްތައް ތާވަލުކޮށް، ތާވަލާއި އެއްގޮތަށް މަސައްކަތް ކުރުމަކި، އާދަތައް އަށަގެންނެވުމަށް މުހިއްމު ކަމެއް
Copyright © 2024 Faaru News
Made with by Afeef & Noor