ފުޓްސަލްގައި ވިދަމުން އަންނަ ޝަންޓޭ. ޓާގެޓަކީ ޤައުމީ ފުޓްސަލް ޓީމަށް ކުޅުން

ފޮޓޯ: ފެށުން.އެމްވީ
ޤާއިމް ޔޫސުފް އާދަމް
ޤާއިމް ޔޫސުފް އާދަމް
3 މަސް ކުރިން
3 މިނިޓް

27 ޑިސެންބަރ 2023ވީ ބުދަ ދުވަހުގެރެއެވެ. ރ. އަތޮޅު ކައުންސިލް ފޭސްބުކް ޕޭޖުން ލައިވްކުރަމުންދިޔައީ، ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023ގެ ސެމީ ފައިނަލް މެޗެވެ. މިއީ މި ބުރާތުގައި ކުޅެވުނު އެންމެ ވާދަވެރި، އެންމެ ފޯރިގަދަ އެއް މެޗޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މި މެޗުގައި ދެ ޓީމުންވެސް ވަރުގަދަ ހުނަރުވެރި ކުޅުމެއް ދައްކަމުންދިޔައިރު، އެތަނުން އެންމެ ބޮޑަށް ފާހަގަވި އެއް ކުޅުންތެރިއަކީ، ދުވާފަރު ޓީމަށް ކުޅެމުން ދިޔަ ޖާޒީ ނަންބަރު 30، މުޙައްމަދު އިސާމް، ނުވަތަ ދަނޑުމަތީގެ ނަމުންނަމަ، ޝަންޓޭއެވެ. އެ މެޗުގެ މޭން އޮފް ދަ މެޗްގެ ޓްރޮފީ ޝަންޓޭއަށް ލިބުނު އިރު، އޭނާ އެ މެޗުގައި ޖަހައިދިން ގޯލުގެ އިތުރުން، އެ މެޗުން ޝަންޓޭގެ ފަރާތުން އެންމެ ބޮޑަށް ފާހަގަވީ، އޭނާގެ ހުނަރުވެރި ކުޅުމެވެ. މޮޅު ކޮށްޓުންތަކާއި، އިދިކޮޅު ޓީމުގެ ކުޅުންތެރިން ނައްޓުވާފައިދާ ދެމިގަންނަ ދެމިގަތުންތަކާއި، ދަނޑުގެ އެއް ހާފުން އަނެއް ހާފަށް ބޯޅައާއި އެކު ދަތުރުކުރާ ސްޕީޑެވެ. ޝަންޓޭ ފާހަގަ ވެގެން ދިޔައީ މުޅި މުބާރާތުގައިވެސް ފެނުނު އެންމެ ނުރައްކާތެރި، އަދި ހުނަރުވެރި ކުޅުންތެރިޔާގެ ގޮތުގައޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ.

ހަމައެކަނި ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2023އަށް ބެލިޔަސް، ހުނަރުވެރި ކުޅުންތެރިންތަކެއް ހިމެނުނު ދުވާފަރު ޓީމުންވެސް ޝަންޓޭ ޚާއްސަވާ ސަބަބެއް އޮވެއެވެ. ދުވާފަރު ޓީމުގައި، އިދިކޮޅު ކުޅުންތެރިންނަށް ފޫއަޅުވާލަން އުނދަގޫ ޑިފެންސެއް އޮތެވެ. އިދިކޮޅުން ބައްދަލުކުރި ކޮންމެ ޓީމަކަށް ނުރައްކާ ކުރާނެ، ވަރުގަދަ އެޓޭކިންގ ކުޅުންތެރިންތަކެއް ތިއްބެވެ. މި ހުރިހާ އޭރިޔާއަކުންވެސް ޝަންޓޭ ފާހަގަވިއެވެ.

މެޗުތަކުގައި ދުވާފަރު ހާފުގައި ހުރެ މެޗުގެ ޓެމްޕޯ ކޮންޓްރޯލްކުރަމުން، އެޓޭކިން ކުޅުންތެރިންނަށް އެހީވަމުންދާތަން ފެންނާނެއެވެ. ދެންފެންނާނީ ކުރިއަށް ޖެހިލާ ގޯލެއް ޖަހާތަނެވެ. ނުވަތަ އެހެން ކުޅުންތެރިއަކަށް ގޯލެއްޖެހުމަށް ފުރުޞަތެއް ހުޅުވައިދޭތަނެވެ.

ރ. އަތޮޅި ފުޓްސަލް ޗެލެންޖް 2023ގެ ފައިނަލްގައި، ޝަންޓޭ، އިނގުރައިދޫ ކެޕްޓަން އައިހަމް ގާތުން ބޯޅަހިފައިގެން ދެމިގަންނަނީ. (ފޮޓޯ: ފެށުން.އެމްވީ)

ފުޓްސަލްގައި ފިޔަޖަހަމުން އަންނަ ޝަންޓޭއަކީ މިއަދު ރާއްޖޭގެ ފުޓްސަލް އަށް ލޯބި ކުރާ ފަރާތްތަކުގެ ލޮލުގައި އަޅައިގަންނަމުން އަންނަ ހުނަރުވެރި ކުޅުންތެރިއެކެވެ. އުމުރުން އެންމެ 20އަހަރުގެ ޝަންޓޭ އަންނަނީ ދުވަހަކަށްވުރެ ދުވަހެއް، ފުޓްސަލްގައި ކުރިއަރާ، ފޯދި ފައްކާވަމުންނެވެ.

ސުކޫލު ދައުރުން ފެށިގެންވެސް އިންޓަރ ހައުސް އަދި ރަށުގައި ބާއްވާ އެކި އެކި މުބާރާތްތަކުގައި ކުޅެއުޅުނު ނަމަވެސް، ފުޓްސަލްގެ ތެރެއަށް ބޮޑަށް ވަދެވުނީ 2021ވަނަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތެރެއިންނެވެ. އެ ދުވަހަށްފަހު މިދާއިރާއިން ކުރިއަށްދިއުމަށް ހިތްވަރު ކުރަމުންއަންނަ ޝަންޓޭ އަންނަނީ އެކި އެކި މުބާރާތްތަކުގައި އޭނާގެ ހުނަރު ދައްކާލަމުންނެވެ.

ޝަންޓޭ އެކި އެކި މުބާރާތްތަކުގައި ފުތަރަމަ ކުޅެންފެށިއިރު ، ޝަންޓޭ  އައީ މިދާއިރާއިން ކުރިއެރުމަށް މަގުކޮށަމުންނެވެ. އެގޮތުން އެހެން ކުޅުންތެރިން ގާތުން އެއްޗެހި އަހާ އޮޅުންފިލުވުމަކީ ޝަންޓޭގެ އާދައެކެވެ. މިކަމުގެ ސަބަބުން އިތުރު ކަންތައްކަތެއް ދަސްވެ، އިތުރަށް މީހާގެ ހުނަރު ތަރައްޤީވިއެވެ. މި މޮޑެލް މިހާރު ޝަންޓޭ ޓީމަކަށް ކުޅެން ދެވިއްޖެނަމަ ބޭނުންވެސް ކުރެއެވެ. އޮގޮތުން ޝަންޓޭއަށް އިނގޭ އެއްޗެށް އެހެން ކުޅުންތެރިންނަށް ކިޔައިދިނުމަކީ ޝަންޓޭ އުފަލުން ކުރާކަމެކެވެ.

ޝަންޓޭ ފާހަގަކޮށްލާ ގޮތުގައި، މިދާއިރާއިން ކުރިއަރައިގެންދާން ބޭނުންނަމަ އޮތީ ހިތްވަރާއިއެކު މަސައްކަތްކުރެވެ. އަދި އަމިއްލަ ނަފްސަށް އިތުބާރުކުރެމެވެ. ފުޓްސަލްއަށް ޝައުޤުވެރި، މިދާއިރާއިން ކުރިއަރައިގެންދާން ބޭނުން ކުދިންނަށްވެސް ޝަންޓޭ ދޭންއޮތް ނަޞޭހަތަކީ އެއީއެވެ. ޒުވާންއުމުރު ވަޤުތުގެ ބޭނުން ރަނގަޅުގޮތުގައި ހިފާށެވެ. އަދި ކޮންފިޑެންސާއިއެކު ކުރިއަށް ދާށެވެ. ކޯއްޗެއްގެ ފަރާތުން ޝަންޓޭއަށްވެސް ލިބުނު އެންމެ އަގުހުރި ނަޞޭހަތަކީ މިއީއެވެ. މީގެ އިތުރުން ދަނޑުމަތީގައާއި، ދަނޑުން ބޭރުގައިވެސް ޑިސިޕްލިންގ ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ޝަންޓޭ ދެކެއެވެ. ސަބަބަކީ ފުޓްސަލް ކުޅުންތެރިންނަށް، ޚާއްޞަކޮށް ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް މީހުން، އަދި އަރަމުން އަންނަ ކުދިންވެސް ވަރަށް ބޮޑަށް ބަލާނެއެވެ. ވީމާ އެންމެންނަށްވެސް ރަނގަޅު ނަމޫނާއެއް ދެއްކުމަކީ މުހިންމު ކަމެއްކަމުގައި ޝަންޓޭ ދެކެއެވެ.

ޝަންޓޭ ޤަބޫލުކުރާގޮތުގައި، ރާއްޖޭގައި މިހާރު އެންމެ ފާހަގަކޮށްލެވޭ ބޮޑު ދެ މުބާރާތް ކަމުގައިވާ، ގޯލްޑަން ފުޓްސަލް ޗެލެންޖް އަދި ކުލަބް މޯލްޑިވްސް ކަޕްގައިވެސް ވީހާވެސް ގިނަ ޒުވާން ކުދިންނަށް ފުރުޞަތު ލިބިގެން ދިއުމަކީ ޝަންޓޭ ކުރާ އުންމީދެކެވެ. އަދި މިގޮތަށް ޒުވާން ކުދިންނަށް އިތުރު ފުރުޞަތުތައް ލިބިގެން ދާނަމަ، ފުޓްސަލް އިތުރަށް ކުރިއަރައިގެން ދާނެކަމަށް ޝަންޓޭ ޤަބޫލުކުރެވެ.

ފުޓްސަލް އާއި ފުޓްބޯޅަނޫން އެހެން އެއްވެސް ކަމަކަށް މާބޮޑު ޝައުޤެއްނެތް ޝަންޓޭ، އިތުރަށް ކުރިއަރާ ދިއުމަށް އެހެން ކުޅުންތެރިންނަށް ބަލައެވެ. ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ، އަދި ކޮށްޓުމުގަޔާއި، ބޯލް ކޮންޓްރޯލިންގގައި ފާހަގަކޮށްލެވޭ މެސީއަކީ ޝަންޓޭ ރޯލްމޮޑެލްއެއް ގޮތުގައި ބަލާ ކުޅުންތެރިއެކެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ އަޔާއަކީވެސް އެކުޅުންތެރިއަކަށް ޝަންޓޭ ވަރަށްބޮޑަށް ބަލާ ކުޅުންތެރިއެކެވެ. އެގޮތުން އަޔާގެ ވީޑިޔޯތައްބަލައި، އިތުރު ކަންކަން ދަސްކުރަން ޝަންޓޭ މަސައްކަތްކުރެއެވެ.

އުމުރުން އަދި ކިތަންމެ ހަގުނަމަވެސް، ފާހަގަ ކޮށްލެވޭ ކާމިޔާބީތަކެއް ޝަންޓޭއަށް ހޯދިއްޖެއެވެ. އެގޮތުން ދުވާފަރު ޓީމާއިއެކު މި ހޯދުނު ކާމިޔާބީތައް ފާހަގަކޮށްލައެވެ. ޚާއްޞަކޮށް 2023ވަނަ އަހަރު ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ދުވާފަރު ހޯދުމަކީ، ޝަންޓޭއަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި ޝަންޓޭ ފާހަގަކުރެއެވެ.

ޝަންޓޭ ވަނީ ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2023ގެ އެންމެ މޮޅު 5 ކުޅުންތެރިން ތެރޭ ހިމެނިފައި. (ފޮޓޯ: ފެށުން.އެމްވީ)

ފާއިތުވި 2 އަހަރުވެސް ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ދުވާފަރު ނަގާފައިވާއިރު، ޝަންޓޭ ޤަބޫލުކުރަނީ ދުވަހެއް ދުވަހަކަށް ޓީމުތައް ވަރުގަދަވަމުން އަންނަކަމަށާއި، ދެން އަންނަ މުބާރާތަކީ ފޯރިގަދަ، ވާދަވެރި މުބާރާތަކަށް ވާނެކަމަށެވެ. އެހެންނަމަވެސް، ޝަންޓޭގެ އުންމީދު ހުރީ މިއަންނަ މުބާރާތުގެވެސް ތަށި ދިފާޢުކޮށް، ޖެހިޖެހިގެން ތިން ފަހަރު ދުވާފަރަށް ޗެމްޕިއަންކަން ހޯދައިދިނުމަށެވެ.

ގޯލްޑަން ފުޓްސަލް މުބާރާތުގައިވެސް ދުވާފަރު އިތުރު ލެވެލްއަކަށް ގެންދިއުމަކީ ޝަންޓޭ ކުރާ އުންމީދެކެވެ.

ދުރު ރާސްތާއަށް ބަލާނަމަ، ޝަންޓޭގެ ވަރަށް ބޮޑު ޓާގެޓެއް އެބައޮތެވެ. އެއީ ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން ޖާގައެއް ހޯދުމެވެ.

ޓާގެޓަކީ އަދި ޑްރީމަކީވެސް ރާއްޖޭގެ ނެޝަނަލް ފުޓްސަލް ޓީމަށް ކުޅުން.
ޝަންޓޭ

ފާރު ޓީމުގެ ދުޢާއަކީ ޝަންޓޭގެ މި ޓާގެޓަށް ވާޞިލްވެ، ރ. އަތޮޅުގެ ހުނަރުވެރި ގިނަ ކުދިންތަކެއް ޤައުމީ އަދި ބައިނަލް އަޤްވާމީ ފެންވަރުގައިވެސް ވިދާލުމެވެ. އަޅުގަނޑުމެން އެދެނީ ޝަންޓޭއަށް އިތުރު ކާމިޔާބީއަށެވެ. އަދި ޝަންޓޭގެ ވާހަކައިން މޯޓިވޭޓްވެ، އިތުރު ކުޅުންތެރިންތަކެއް ރ. އަތޮޅު ފުޓްސަލްގައި ފިޔަޖަހަންފެށުމެވެ.

Copyright © 2024 Faaru News
Made with by Afeef & Noor