ހަތާވީސް ވިލޭރެއަކީ ހަމަ އަސްލުވެސް ލައިލަތުލް ޤަދްރި ވިލޭރޭތަ؟

އައްޝައިޚް އިބްރާހީމް ރާފިޢު
އައްޝައިޚް އިބްރާހީމް ރާފިޢު
3 އަހަރު ކުރިން
1 މިނިޓް

އަޅުގަނޑުމެންގެ ތެރޭގައި ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި، ލައިލަތުލް ޤަދްރި ވިލޭރެއަކީ 27 ވަނަ ވިލޭރެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ލައިލަތުލް ޤަދްރި ވިލޭރޭ ފާޅުވާނެ ކަމަށް ޙަދީޘްތަކުގައި އައިސްފައިވާ ޢަލާމާތްތަށް ރަމަޟާން މަހުގެ 27 ވަނަ ވިލޭރެއާ ދިމާވަނީ މަދެއްކޮށެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ މި ޢަލާމަތްތަށް 27 ވަނަ ވިލޭރޭ ފާޅުވާލެ ގިނަ ކަމަށްޓަކައި، މަތިވެރި މާތް ޞަހާބީ އުބައްޔު ބުން ކަޢުބު ރަޟިޔަﷲ އަންހު، ލައިލަތުލް ޤަދްރި ވިލޭރެއަކީ 27 ވަނަ ވިލޭރޭ ކަމަށް, ހުވާ ކުރައްވާ ވިދާޅުވެފައިވެސް ވެއެވެ.

ނަމަވެސް ސުވާލު އުފެދޭ ކަމަކީ، ހަތާވީސް ވަނަ ވިލޭރޭ އެއީ ލައިލަތުލް ޤަދްރި ވިލޭރެއަށް ވާނަމަ، ބައެއް އަހަރު ތަކުގައި އެ ޢަލާމާތްތަށް 21 ވަނަ ވިލޭރެއާ ދިމާވެފައި ވަނީ ކީއްވެ ހެއްޔެވެ؟ އަދި އަނެއް ބައި އަހަރު ތަކުގައި އެރޭ 29 އާއި ދިމާވެފައިވެސް އެބަ ހުއްޓެވެ. ޞައްޙަ ޙަދީޘުން ޘާބިތުވާ ގޮތުގައި ނަބިއްޔާ އަށް އެރެއަކީ 23 ވަނަ ވިލޭރޭ ކަމަށްވެސް ހުވަފެންފުޅުގައި ފެނިވަޑައިގަތެވެ. އެހެން ކަމަށްވާނަމަ މިވަނީ ކިހިނެތް ހެއްޔެވެ؟

ޙަދީޘްތަކާއި، ޞަޙާބީންގެ ބަސްފުޅުތަކާއި ސަލަފުންގެ ބަސްފުޅުތަކަށް ނަޒަރު ހިންގާލުމުން، މި ހުރިހާ ބަސްފުޅުތަކެއް ޖަމާކުރެވޭނެ ހަމައެކަނި ގޮތަކީ އެރެއަކީ އަހަރުތަކުގެ މަތިން ބަދަލުވަމުންދާ ރެއެއްކަމުގައި ބުނުމެވެ. އެހެން ކަމުން، ބައެއް އަހަރު ތަކުގައި 21 އަށް ވަނީއެވެ. އަނެއް ބައި އަހަރުތަކުގައި 23 އަށެވެ. ނަމަވެސް ގިނަ އަހަރު ތަކުގައި ދިމާވެފައި ހުރީ 27 ކަމުން، އެންމެ އުއްމީދު ކުރެވޭ ރެޔަކީ 27 ވަނަ ވިލޭރެއެވެ. ކަޢުބު ރަޟިޔަﷲ އަންހު ހުވާ ކުރައްވާ، އެރެޔަކީ އެއީ 27 ކަމަށް އެވިދާޅުވީ މިހެންވެ ކަމަށް ބެލެވެއެވެ.

ޔަޤީންވާ ކަމަކީ އެރޭ ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގެ ތެރޭގައި ކަމެވެ. ބުޚާރީގައި ރިވާވެގެންވެއެވެ. ރަސޫލާ ޙަދީޘް ކުރެއްވިއެވެ. " تَحَرَّوْا لَيْلَةَ الْقَدْرِ فِي الوِتْرِ مِنَ الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ ‏" މާނައީ: "ތިޔަބައިމީހުން، ރަމަޟާންމަހުގެ ފަހު ދިހައިގެ އޮނަހިރި ރޭ ތަކުގެ ތެރެއިން ލައިލަތުލް ޤަދްރި ހޯދުމަށް މަސައްކަތްކުރާށެވެ!"

އެހެންކަމުން، މިރޭ (21 ވަނަ ވިލޭރެ) އަކީވެސް ލައިލަތުލް ޤަދްރި ކަމުގައި ވެދާނެއެވެ. ވުމާއެކު 27 އަންނަންދެން މަޑު ނުކޮށް، އެރޭގެ މާތްކަން ހާޞިލް ކުރަން މިހާރުން ފެށިގެން ގަދައަޅާ މަސައްކަތްކުރާށެވެ! އެހެންނޫންނަމަ، ވަގުތު ފާއިތުވެދާނެއެވެ.

Copyright © 2024 Faaru News
Made with by Afeef & Noor