ހުޅުދުއްފާރު ބިމުން ފަތުރުވެރިކަމަށް ބިންދިނުމާ ދެކޮޅުވަނީ މިހެންވެ

ޤާއިމް ޔޫސުފް އާދަމް
ޤާއިމް ޔޫސުފް އާދަމް
4 މަސް ކުރިން
3 މިނިޓް

ހުޅުދުއްފާރު ބިމުން، އެކަމަށް ޚާއްޞަ ވަކިބައެއް ކަނޑައަޅާ، ގެސްޓް ހައުސް ވިޔަފާރިއަށް އެތަން ދިނުމަކީ އަޅުގަނޑު ދެކޭގޮތުގައި އެންމެ ރަނގަޅު ގޮތެއްނޫނެވެ. އަދި އެކަމާއި އެއްބަސްވެވޭނެ ކަމެއްވެސް ނޫނެވެ.

ކައުންސިލުން ނިންމާ ހުރިހާ ނިންމުމާއި ހުރިހާ ރައްޔިތުން އެއްބަހެއް ނުވާނެއެވެ. އަދި އެއްބަސް ވާކަށްވެސް ނުޖެހޭނެއެވެ. މީގެ ކުރިން ކައުންސިލުން ނިންމި ހުރިހާ ނިންމުންތަކަކީ އެއާ އަޅުގަނޑު އެއްބަސްވާ ނިންމުންތަކެއް ނޫނެވެ. އެހެންނަމެވެސް އަޅުގަނޑު ދެކޮޅުވާ ކޮންމެ ކޮންމެ ނިންމުމަކާއި ދެކޮޅަށް ވާހަކަނުދައްކާ، މިކަމާ މި ވާހަކަ ދައްކަންޖެހުނީ ކަމުގެ ގޮތުންނާއި، ރާއްޖޭގެ އެކި ރަށްރަށުން ފެނިފައި ހުރި މަންޒަރުތަކުންނެވެ.

އެންމެ ފުރަތަމަ އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭކަމަކީ، އަޅުގަނޑުމެން ނިންމާ ނިންމުންތަކުގައި ފައިދާއާއި ގެއްލުން ހުންނާނެކަމެވެ. އިޤްތިޞާދީގޮތުން ބެލިޔަސް މިކަން އޮތީ މިގޮތަށެވެ. އަޅުގަނޑުމެން ނިންމާ ނިންމުގެ ސަބަބުން ޤުރުބާން ކުރަންޖެހޭ ކަންތައްތަކެއް ހުރެއެވެ. ނުވަތަ  "އޮޕޮޗިއުނިޓީ ކޯސްޓްސް" ހުރެއެވެ. އަޅުގަނޑުމެން ނިންމާ ނިންމުން ނިންމަންވާނީ މިކަމަށް ބަލާ، ދިރާސާ ކޮށްފައެވެ.

ބައެއް ބޭފުޅުން ދަންނަވާ ވާހަކައެކެވެ. ގެސްޓް ހައުސް ވިޔަފާރިއަށް ރަށުން ބިންދޫކޮށްފިނަމަ، ރަށަށް ޑޮލަރު ވަންނާނެއެވެ. ރަށުގެ ބަޔަކަށް ވަޒީފާ ލިބޭނެއެވެ. ރަށަށް އިޤްތިޞާދީ ގޮތުން ކުރިއެރުންތަކެއް ލިބޭނެއެވެ. މިއީ މުޅިން ގޯސް ވާހަކައެއް ނޫނެވެ. އެހެންނަމަވެސް، މިކަމުން ލިބޭ ގިނަ ވަޒީފާތަކަށް ބޭރުމީހުން ގެނައުމަކީ ދުރުކަމެއްނޫނެވެ. ރަށުގައި ކުރިއަށްދާ އެހެން ޕްރޮޖެކްޓްތަކަށް ބަލައިލީމަވެސް މިކަން ފެނިހާމަވެގެންދާނެއެވެ. ސަރުކާރުން މިނިމަމް ވޭޖް ކަނޑައެޅުމާއި ގުޅިގެން، ވިޔަފާރިތަކަށް އެންމެ ފީޒިބްލް ގޮތަކީ ބޭރުމީހުން ވަޒީފާތަކަށް ގެނައުމެވެ. ވިޔަފާރިތަކުގެ މައިގަނޑު މަޤްޞަދަކީ އެ ކުރާ ކަމަކުން ބޮޑު ނަފާއެއް ނެގުމެވެ. އެހެންވީމައި، ލޭބަރ ކޯސްޓް ދަށްކުރެވެން އޮތީ މިކަން މިގޮތަށް ކޮށްގެންނެވެ.

ދެންއޮތީ އިޤްތިޞާދީގޮތުން ވިސްނާ، އަޅުގަނޑުމެން މިކަން ކުރުމުން އަންނަ "އޮޕޮޗިއުނިޓީ ކޯސްޓް"ގެ ވާހަކައެވެ.

އަޅުގަނޑުގެ ވާހަކަ ފެށުމުގެ ކުރިން ހުޅުދުއްފާރު ސުކޫލް ކެޕްޓަންގެ ޚިޔާލު ބަލައިލަމާތޯއެވެ!

ޤާވާއިދުތަކެއް ގެސްޓް ހައުސް ވިޔަފާރި ހިންގަން ހަދާފައި އޮތް ކަމުގައިވިޔަސް އެއަށް ފޮލޯ ކުރާ ބަޔަކު ނެތް އެކަކުވެސް. ދެން އޮންނާނީ ގެސްޓުން އުޅެން ބޭނުންވާ ގޮތަކަށް އުޅެން ދޫކޮށްލާފައި، އޭގެން އަސަރުކުރާނީ މުޖުތަމަޢުގަ ހެދި ބޮޑުވަމުން އަންނަ ކުދިންނަށް. ވަރަށް ނުރަގަނޅު އަސަރު ކުރާނެކަމެއް.
ޝާއިން މުހައްމަދު ޝަރީފް | ހުޅުދުއްފާރު ސުކޫލް ކެޕްޓަން

ދަރިވަރެއްގެ ހައިސިއްޔަތުން، އަދި މާދަމާ އަޅުގަނޑުމެންގެ މި ރަށުގެ ކަންކަމާއި ހަވާލުވާން ތިބީ އަރަމުން އަންނަ ދަރިއެއްގެ ހައިޞިއްޔަތުން ޝާއިން އެ ހާމަކޮށްލީ މިއަދުވެސް ބައެއް ރަށްރަށުން ފެންނަމުންދާ ހަޤީޤަތެކެވެ. ގެސްޓް ހައުސް ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ރަށްރަށުން އިވޭ އަޑުތަކަކީ، ގެސްޓް ހައުސް ވިޔަފާރީގެ ސަބަބުން އިޖްތިމާޢީ ގޮތުންނާއި، އަޚްލާޤީގޮތުން ދިމާވާ މައްސަލަތަކުގެ ވާހަކައެވެ. މިއީ މީސް މީޑިއާގައި އާ އަޑަކަށް ނުވާނެއެވެ. އެހެންވީމައި މީގެ މާބޮޑު ތަފްޞީލަކަށް ދާކަށް އަޅުގަނޑުނެތީމެވެ. އެރަށެއްގައި ފުޅާދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރިކުރަމުންދާ ރަށެއްކަމުގައިވާ މާފުށީގައި ދިރިއުޅޭ ހުޅުދުއްފާރު ރައްޔިތެއްގެ މި ބަހުން މިކަމަށް އިތުރު ބާރެއް ލިބޭނެކަމަށް އަޅުގަނޑު ދެކެމެވެ.

ގެސްޓްހައުސް ވިޔަފާރިކުރާ ރަށް ރަށުގަ އެ ރަށެއްގެ ރައްޔިތުން އުޅޭ ހާލު އެންމެ ގާތުން ފެންނަމުން މިހާރުވެސް ދަނީ. ދަރިން ގޮވައިގެން މޫދަށް އެރިލާ ބީޗަށް ނުކުމެލެވެން ނޯވެ.
މާފުށީގައި ދިރިއުޅޭ ހުޅުދުއްފާރު ރައްޔިތެއް

ދެންއޮތީ ބިމުގެ ވާހަކައެވެ. މިއަދުވެސް މި ރަށުގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތް  ކިތަންމެ ބަޔަކުއެބައުޅެއެވެ. ކައިވެންޏަށް އެތައް އަހަރެއްވެ، ދަރިއަކު ނުލިބުމުގެ ސަބަބުން ގެދޮރު ނުލިބިފައި ތިބި މީހުން އެބަތިއްބެވެ. އެންމެ ފަހުން ގެވަޅު ދޫކުރިއިރު ކައިވެންޏަށް 5 އަހަރު ނުވާތީ، ނުނީ ދަރިއަކު ނުލިބޭތީ ގެވަޅެއް ނުލިބިފައިތިބި ކިތަންމެ މީހަކު އެބަތިއްބެވެ. މި ލިސްޓް ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ވީމާ މި މީހުންގެ ބޯހިޔާވުމުގެ އަސާސީ ހައްޤު ކޮބައިތޯއެވެ؟

ހެދި ބޮޑުވަމުން އަންނަ ހުޅުދުއްފާރުގެ ދަރިން ދިރިއުޅެން އޮތް ބިންކޮޅު، މުއްސަނދި މަހުޖަނުން އިތުރަށް މުއްސަދިވާން މި ދޫކޮށްލަނީ، ކޮން ވިސްނުމަކުން ވިސްނާފައިތޯއެވެ؟

މުއްސަނދި މަހުޖަނުންގެ ވާހަކަ މިތާ ދައްކަން ޖެހެނީ މިއީ ކަން ހިނގާ ގޮތްވީމައެވެ. މި ވަރުގެ ބޮޑެތި އިންވެސްޓްމެންޓްތައް ކުރުމުގެ ޤާބިލްކަން ތިބި ބަޔަކީ އެމީހުން ވީމައެވެ. ޤަބޫލުކުރަން ބޭނުން ނުވިޔަސް ޙަޤީޤަތަކީ މިއީއެވެ.

ދެންއޮތީ ހަރުދަނާ އުސޫލަކާއި އެކު މިކަން ކުރެވިދާނެކަމަށް ބުނާ ބުނުމެވެ. ނޫނީ އިސްލާމީ ފަތުރުވެރިކަމެއް ހުޅުދުއްފާރުގައި ކުރާނީއޭ ބުނެ ދައްކާ ވާހަކައެވެ. މިހާތަނަށް ފެންނަން އޮތް ހަޤީޤަތަކީ ފައިސާއާއި ގުޅޭ މިކަހަލަ ބޮޑެތި ޕްރޮޖެކްޓްތައް ކޮންޓްރޯލް ނުވާ ހިސާބަށް ދާތަނެވެ. ރާއްޖޭގެ އާންމު މިންގަނޑާއި ޚިލާފަށް ރަށުތެރޭގައި ހެނދުން އަޅައިގެން އުޅެނިކޮށް ޕޮލިހުން ހިފެހެއްޓި އަންހެނަކަށް، ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިން މަޢާފަށްއެދި، އެކަން ހުއްޓިވި މީހުން ކުށްވެރިވާ ހިސާބަށްދިޔަކަން އަޅުގަނޑުމެން އަދި ހަނދާންނެތޭހާ ގިނަ ދުވަހެއް ނުވެއެވެ.

ދެންއޮތީ ހުޅުދުއްފާރުގެ ޙާލަތެވެ. މިސާލެއްގެ ގޮތުން ދަންނަވާލާނަމެވެ. މަގުތަކަށް ފެން އެޅޭގޮތަށް ހުންނަ ދިޔަދޮވިތައް ބަދަލު ކުރަން އެންމެ ފަހުންވެސް ކައުންސިލުން އިޢުލާންކުރިތާ އަހަރަކަށްވުރެ ގިނަދުވަސްވަނީއެވެ. އެކަމަށް ޤަވާޢިދެއް ހަދާ ގެޒެޓް ކުރިތާ 10 އަހަރު ވެއްޖެއެވެ. އެކަމަށް ޙައްލެއް ވަނީ އަދި ނުހޯދިފައެވެ. މިދިޔަ ކައުންސިލުން ފެށިގެން ފަޅުގައި ދޯނި އަޅަންވީ ގޮތް ރައްޔިތުންނަށް ހަނދާން ކޮށްދެނީއެވެ. އެކަމަށް އެކަށޭނެ ހައްލެއް މިހާތަނަށް ވަނީ ނުލިބިއެވެ. އެހެންކަމުގައި ވާނަމަ، ކައުންސިލަށް ޢާމްދަނީ ލިބޭގޮތައް، މަހުޖަނުންނަށް ދޫކޮށްލާ  ޕްރޮޖެކްޓެއްގައި އުސޫލާއި ޚިލާފް ކަންތައްތަކެއް ފަހުން ފެންމަތިވާން ފެށީމައި، އެކަންކަން ހައްލު ކުރެވިދާނެކަމަށް ޤަބޫލު ކުރެވޭތޯއެވެ؟

މިއަދުވެސް ބޭންކު ލޯނުތަކާއި، ބޮޑެތި ޖޫރިމަނާތައް މާފުކުރެވެނީ ނިކަމެތި ރައްޔިތުންގެ އެއް ނޫނެވެ. އެހެނަސް ސަރުކާރުތައް އައުމަށް އިންވެސްޓްކުރާ ބޮޑެތި ވިޔަފާރިވެރިންގެއެވެ. 

ދެންއޮތީ ކައުންސިލަށް މި އޮންނަ ދައުރުގެ ވާހަކައެވެ. މިސާލަކަށް، މިހާރު ރައްޔިތުން ހޮވާފައި، މިއޮތް ކައުންސިލުން، ވަރަށް ހަރުދަނާ އުސޫލުތަކާއިއެކު މިކަން ފަށާ، ވަރަށް ރަނގަޅަށް ކުރިއަށް ގެންދަނިކޮށް، ކައުންސިލް ދައުރު ބަދަލުވެ، އެކަން ބޮއްސުންލައިގެން ގޮއްސިނަމަ ދެން ޒިންމާވާނީ ކޮށްބައެއްތޯއެވެ؟ އެންމެ ފަހު ވަޤުތު ގެއްލުން ލިބޭނީ ހަމަ މި ރަށުގެ ރައްޔިތުންނަށެވެ. 

މިފަދަ ތަންތަން ނަގާނީ ވިޔަފާރިވެރިން. ގެސްޓްހައުސް ވިޔަފާރި ފުޅާކޮށް ހިންގާ ރަށްރަށުން ފެންނަނީ ފައިސާގެ ނުފޫޒު ގިނަމީހުންގެ މައްޗަށް ފޯރާތަން. ވެރިންގެ މައްޗަށް ޚާއްޞަކޮށް. ނަތީޖާ އަދި މިހާތަނަށް އޮތީ ވަރަށް ހިތިކޮށް.  
ފާރުގެ ޚަބަރަށް ކޮމެންޓްކުރެއްވި ހުޅުދުއްފާރުގެ ރައްޔިތެއް

ނިންމާލަމުން ދަންނަވާލަމެވެ. ހޯމް ސްޓޭއަކީ ރަށަށް އައިސްދާނެ އެއްޗެކެވެ. އަދި އަންނާނެވެސް އެއްޗެކެވެ. އެކަމަކީ ކައުންސިލަށް ބާރު އޮތް ކަމެއްވެސް ނޫނެވެ. އުސޫލުތަކެއް ހެދުން ފިޔަވައެވެ. އެހެންނަމަވެސް، ވަކި ބިމެއް މިފަދަ ކަމަކަށް ޚާއްޞަ ކުރުމާއި ދެކޮޅު މި ވެވެނީ، މިއީ ކައުންސިލަށް ބާރުއޮވެ، ކުރާ ކަމަކަށްވާތީއެވެ. އޭގެ އިތުރުން ރަށުން ބޮޑު ބިމެއް ގެއްލޭތީއެވެ. 

އެއްވެސް ހާލެއްގައި އަޅުގަނޑު މިވާހަކަ މިދައްކަނީ، ކައުންސިލާއި ދެކޮޅުވެގެންނެއް ނޫނެވެ. ހުޅުދުއްފާރު ރައްޔިތެއްގެ ޚައިސިއްޔަތުން ހުރި ކަންބޮޑުވުމެއް ފާޅުކޮށްލީއެވެ. 

Copyright © 2024 Faaru News
Made with by Afeef & Noor