ހުންބަލާ ކެމެރާ

ފޮޓޯ: ރޯޕިކްސެލް.ކޮމް
އިލްޔާސް ޙަނީފް
އިލްޔާސް ޙަނީފް
2 އަހަރު ކުރިން
2 މިނިޓް

ޒަމާން ބަދަލުވެ، ޓެކުނޮލޮޖީގެގޮތުން ދުނިޔެ ކުރިއަރާގޮސް މިހިސާބަށްއައިއިރު އަޅުގަނޑުމެންގެ ދިރިއުޅުމަށް އައި އެންމެ ބޮޑު އެއް ބަދަލަކީ ނުކަތާ ވަރަށް މައުލޫމާތު ލިބިގަތުމުގެ ދޮރުތައް ހުޅުވިގެން ދިއުމެވެ. ހިޔާލު ފާޅުކޮށް، މައުލޫމާތު ފެތުރުން ފަހިވެގެންގޮސް އެމީހަކު ބޭނުން މައުލޫއަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ފުރުސަތު މިވަނީ ހުޅުވިފައެވެ.

އަޅުގަނޑުމެން އެކިގޮތްގޮތުން މައުލޫމާތު ހޯދުމުގެ މައިގަނޑު ބޭނުމަކަށް ވާންޖެހޭނީ ތައައްސުބެއް ނެތި މައުލޫމާތުގެ ސައްހަކަމާ އޮއްޓަރު ވަޒަންކޮށް، އޭގެ ބޭނުން ހެޔޮގޮތުގައި ހިފައި، މީހާގެ ވިސްނުމާ އުޅުމަށް އާރޯކަން ގެނައުމެވެ. މިއީ ވަރަށް ގިނަ ފަހަރު އަޅުގަނޑުމެން މިކަންކުރާ ސަބަބުވެސްމެއެވެ. ނަމަވެސް ވަކި ގޮތަކަށް މީހާގެ ވިސްނުން ބައްޓަންވުމަށްފަހު، ވަރަށް ގިނަފަހަރަށް އަޅުގަނޑުމެން މައުލޫމާތު ހޯދާ އެހެން ބޭނުމެއްވެސް އޮވެއެވެ. އެއީ ކަންކަމުގައި މީހާ އަމިއްލައަށް ގަބޫލުކުރާ ގޮތް އެއީ އެންމެ ރަނގަޅު ގޮތްކަމުގެ އިތުރު ސާބިތު ހެކިހޯދާ، އަމިއްލަ ވިސްނުމުގެ ރަނގަޅުކަމުގެ ޔަގީންކަން އަމިއްލަ ނަފްސަށް ހޯދުމެވެ. މިގޮތުން އެމީހެއްގެ ވިސްނުމާ އެއްގޮތް ލިޔުންތެރިން ލިޔެފައި ހުންނަ ލިޔުންތައް ގިނައިން ކިއުމާ، އަމިއްލަ ވިސްނުމާ އެއްގޮތަށް ގެނެސްދެވޭ ޓީވީ ޕްރޮގްރާމްތައް ބެލުމުން ފެށިގެންގޮސް އެކުގައި ކޮފީއަށް އަރާ އެކުވެރިންނަކީވެސް ވިސްނުން އެއްގޮތް ބަޔަކަށް ވެގެންދަނީ މި ކަމުގެތެރެއިންނެވެ. އަދި މުޅިންއަލަށް ތަފާތު މައުލޫމާތެއް ލިބުމުން އެވެސް މީހާގެ ވިސްނުމާ އެއްގޮތަށް މޮޑެލުމަށްފަހު، އަމިއްލަ ފިކުރާ ފުށުނާރާނޭހެން އޭގެ ތަރުޖަމާ ސިކުނޑިއަށް ނެގުމަކީވެސް އަޅުގަނޑުމެންނަށް ކުރެވޭ ކަމެކެވެ.

އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅި ދިރާސާކުރާ މާހިރުން ވިދާޅުވާގޮތުން، އަޅުގަނޑުމެން އިންސާނުންގެ ތެރެއިން ގިނަ ބައެއްގެ ވިސްނުމުގައި އެމީހުންނަކީ އެވްރެޖު މީހަކަށްވުރެ މޮޅު، ރަނގަޅު މީހެކެވެ. މިގޮތުން މީހާގެ އަހުލާގު، ގާބިލުކަން، އިސްނެގުން އަދި ދުރުވިސްނުންފަދަ އިންސާނުން އެކަކު އަނެކަކަށް އަޅާކިޔާ މިންކުރަން ގެންގުޅޭ މިންގަނޑުތަކުގައި އެވްރެޖު މީހަކަށްވުރެ ރަނގަޅަށް ފައިހަމަކޮށްލެވޭނޭ މީހެއްކަމުގެ އިތުބާރު ގިނަ ބައެއްގެ އަމިއްލަ ނަފުސަށް އޮވެއެވެ. އެހެންކަމުން، އަމިއްލައަށް ސަބަބުވެރި، މޮޅު އަދި އަހުލާގު ރަނގަޅު ކަމަށް ގަބޫލުކުރާ މީހެއްގެ ކުރިމަތީގައި އެމީހެއްގެ އަމަލުތަކަކީ ހަމަނުޖެހޭ، ނުވަތަ ތާކުންތާކުނުޖެހޭ އަމަލުތަކެއްކަމަށް ހުއްޖަތް ގާއިމްކުރަން މަސައްކަތްކޮށްފިނަމަ ކަންތައްވާނީ ކިހިނެއް ހެއްޔެވެ؟ އެހެން ގޮތަކަށް ދަންނަވާނަމަ، ކޮންމެ މީހަކަށްވެސް އެމީހެއްގެ ވިސްނުމާ ގާބިލްކަމާމެދު އެހާބޮޑު ޔަގީންކަމެއް އޮންނައިރު، ހަމަ އެފަދަ އިތުބާރަކާ ޔަގީންކަމެއް އަމިއްލަ ނަފުސަށް އޮތް އެހެންމީހަކު އައިސް އެމީހެއްގެ ވިސްނުމާ ފުށުއަރާ ވާހަކަތަކެއް ދެއްކީމާވާނީ ކިހިނެއް ހެއްޔެވެ؟

މުޖުތަމައުގައި ހިނގާ ކަންކަމާމެދު ވިސްނާ ފިކުރު ހިންގާލާއިރު، އިންސާނުންގެ ކިބައިގައި ހުންނަ ދެންނެވުނު ދެ ސިފައަކީ މުޖުތަމައުގެ އެކުލެވުން ބައްޓަންވެގެން ދިއުމުގައި ވަރަށް މުހިންމު ރޯލެއް ކުޅޭ ދެކަންތައްކަން ފާހަގަވާނެއެވެ. އެއްކޮޅުން ވަކިވަކި ފަރުދުން އަމިއްލައަށް ކަންކަމާމެދު ދެކޭގޮތާ، އެމީހެއްގެ ވިސްނުމުގެގާބިލްކަމާމެދު އޮންނަ އިތުބާރެވެ. އަދި އެމީހަކާ ތަފާތު ގޮތަކަށް ވިސްނާ މީހުންގެ ވިސްނުމުގައި މައްސަލައެއް އުޅޭކަމުގެ ފުރިހަމަ ޔަގީންކަމެވެ. އަނެއްކޮޅުން ތަފާތު ގޮތަކަށް ވިސްނާ މީހާ އެގޮތަށް ވިސްނުން ގެންގުޅުމުގައި އެކަށީގެންވާ ސަބަބުތަކެއް ހުރެދާނޭކަން ގަބޫލުކޮށް އެކަން ދެނެގަތުމަށް ވަގުތު ހޭދަކޮށް، ހުޅުވިފައިވާ ސިކުނޑިއަކުން ކަންކަމާމެދު ވިސްނަން ބޭނުން ނުވުމެވެ.

ދެންނެވުނު ދެސިފަޔަށް މުޖުތަމައުއެއްގެ ފަރުދުން އަހުލުވެރިވެފައިވަނީ ކިހާ މިންވަރަކަށްތޯ ވަޒަންކޮށްލުމަކީ ހުން ބަލާ ކެމެރާ އަކުން މުޖުތަމައު ބަލާލުންކަހަލަ ކަމެކެވެ. ހުންބަލާ ކެމެރާއަކީ ތަނެއްގައި ތިބޭ މީހުންނާ ތަކެތީގެ ފިނިހޫނިމިން ދެނެގަންނަން ބޭނުންކުރާ އާލާތެކެވެ. މުޖުތަމައުގައި ދެންނެވުނު ދެސިފަ އެބައެއްގެ ކިބައިގައި ހުންނަމިންވަރާމެދު ވިސްނާ މީހުން ގިނަވެ، ނަފުސުގެ ހޭލުންތެރިކަން އިތުރުވެއްޖެނަމަ ހުމުގެ މާބޮޑު އަސަރެއްނުފެނި، ދޭދޭ ގުޅުންތަކުން ބޮޑުތަފާތެއް ފެންނާނެއެވެ.

Copyright © 2024 Faaru News
Made with by Afeef & Noor