ޢިއްފަތްތެރިކަމުގެ އަގު

އަބޫ ފާޠިމާ
އަބޫ ފާޠިމާ
3 އަހަރު ކުރިން
3 މިނިޓް

މަސްޖިދުއް ނަބަވީގައި މާތް ނަބިއްޔާ މިންބަރުކޮޅުގެ މަތީގައި ހުންނަވަނިކޮށް ޞަހާބީން ތެދުވެވަޑައިގެން އެއްޞަޙާބީ އަނެއް ޞަޙާބީއަށް ރައްދު ދެއްވުމުގެ ސަބަބުން މިސްކިތްކޮޅުގައި އަޑު ގަދަވެގެން ދިޔައެވެ. އެހެންކަމުން އެބޭކަލުން އަމިއްލައަށް ހަމަހިމޭން ވެވަޑައިގަންނަވަންދެން ނަބިއްޔާ މަޑުކުރެއްވިއެވެ. އެއަށްފަހު ވާހަކަކޮޅު ނިންމަވާލެއްވުމަށްފަހު ހިނގަވާ ވަޑައިގެންފިއެވެ.

އެކަލޭގެފާނު ހިންގަވަމުން އެގެންދަވަނީ ޢާއިޝާ رضي الله عنها ގެ ގެކޮޅާ ދިމާލަށެވެ. އެކަމަނާއާ ބެހޭގޮތުން ވަޙީބަސްފުޅެއްގެ އިންތިޒާރުގައި ނަބިއްޔާ  ހުންނަވާތާ މަހެއް ފާއިތުވެ ހިގައްޖެއެވެ. މުނާފިޤުންގެ ފަރާތުން ކުރިމަތިވަމުން އަންނަ ތުރާތަކާއި އުނދަގުލުގެ ސަބަބުން ނަބިއްޔާ މި ދުވަސްތައް ފާއިތުކުރައްވަމުން އެގެންދަވަނީ ހިތްދަތިކަމާއި ބުރަކަމާއެކުގައެވެ. ޢާއިޝާرضي الله عنها ގެ ދިގު އާލާސްކަންފުޅުގައި މިއަދު ނޫނީ ނަބިއްޔާ އެކަމަނާގެ ގެއަރިހަށް ވަޑައިނުގަންނަވައެވެ.

ޢާއިޝާرضي الله عنها އަށް ކައިބޮއެ ނެހެއްދެވެއެވެ. ކަމަނާގެ ކަމަކީ ހިތާމަކޮށް ކީރިތި ކުރެއްވުމެވެ. އެކަމަނާ ކޮންމެ ރެއަކު ކޮންމެ ރެއަކު ކީރިތި ކުރައްވަމުންގެންދެވިއެވެ. ރުއިމާއި ހިތާމައިގެ ސަބަބުން އެކަމަނާގެ މޭފުޅު އިރައިރައިގެން ހިނގައިދާނެކަމަށް އެކަމަނާގެ މައިންބަފައިން ތިއްބެވީ ބިރުފުޅުންނެވެ.

އެހެން ނުވާންވީ ކީއްވެގެންތޯއެވެ؟ ސުވާލުކޮށް ތުހުމަތުގެ އިނގިލި ދިއްކޮށްލެވިފައި އެވަނީ އެކަމާނާގެ ޢިއްފަތްތެރިކަމާމެދުގައެވެ. ޢިއްފަތްތެރިކަމާމެދު ސުވާލުއުފެއްދުމަށް ވުރެ ބޮޑުކަމެއް އަންހެނަކަށް އޮންނާނެތޯއެވެ.؟ އެކަމަނާއަކީ ޞިއްދީޤުގެ ދަރިކަނބަލުން ޞިއްދީޤާއެވެ. މާތް ނަބިއްޔާގެ އަނބިކަނބަލުންނެވެ. އެހެންކަމުން އެކަމަނާގެ ހިތާމައާއި ވޭން ކިތަންމެހާވެސް ބޮޑެވެ.

ނަބިއްޔާ ޢާއިޝާرضي الله عنها ގެ އަރިހަށް ވަދެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ކުރިފުޅުމަތީ ދާންމަތިކޮޅުގައި އެއޮންނެވީ ޢާއިޝާرضي الله عنها އެވެ. އެކަމަނާގެ ބަލިކަމާހުރެ ހަށިގަނޑު ޙަރަކާތްކޮށްލެވެނީ ހަމަ ކިރިޔާއެވެ. ނަބިއްޔާ އެކަމަނާއަށް ބައްލަވާލެއްވިއެވެ. އެއީ އެކަލޭގެފާނު އެންމެ ލޯބިފުޅުވާ ކަމަނާއެވެ. އެންމެ ލޮބުވެތި އަނބިކަނބަލުންނެވެ. އެއީ އެކަމަނާއާއެކު އެކަލޭގެފާނު ހީ ސަމާސާކޮށް ކުޅިވަރު ކުޅުއްވި ކަމަނާއެވެ. އެއީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ އެންމެ ރަނގަޅު ދުވަސްތަކާއި ރޭތައް އެކަމަނާއާއެކު ހޭދަކުރެއްވި ކަމަނާއެވެ.

މަސްޖިދުއް ނަބަވީގައި ޙަބަޝީން ކުޅޭ އަޑު އިވިވަޑައިގެންފިނަމަ ނަބިއްޔާ ގެ ބުރަކަށިފުޅަށް ޢާއިޝާرضي الله عنها އަރުއްވައިގެން އެކަލޭގެފާނު އެމަންޒަރު އެކަމަނާއަށް ދައްކަވައި އުޅުއްވިއެވެ. އެއީ އެކަމަނާއާއެކު ޖޯކު ޖައްސަވައި މަޖާކޮށް ކުޅެ އުޅުއްވި ކަމަނާއެވެ. އަދި އެކަނަމާއަށް އޯގާތެރިވެ، އެކަމަނާ ނުރުހުންވެވަޑައިގެންފިނަމަ ރުއްސަވައި ހެއްދެވި ކަމަނާއެވެ. އެންމެ ލޯބިވަނީ ކާކު ދެކެތޯ ނަބިއްޔާ އާ ސުވާލުކުރެވިއްޖެނަމަ ފަސްޖެހުމެއްނެތި ޢާއިޝާ رضي الله عنها އޭ ވިދާޅުވެއެވެ. އަދި އެކަމަނާގެ ބައްޕާފުޅަށް އަބަދުވެސް ތަޢުރީފުކުރައްވައި ހައްދަވައެވެ.

މި ހުރިހާ ކަމަކާއެކުވެސް އެ ދެމަފިރިކަނބަލުން އެކަކު އަނެކަކަގައި ގައި ބީހިނުލައްވައި އެތިއްބެވީ ދުރުގައެވެ. އެކުގައި އިށީންދެ ނުއުޅުއްވާތާ މަހެއްވީއެވެ. ދާންމަތިކޮޅުގައި އެކަމަނާ އެ އޮންނެވީ ގިނިކަންޏާއެވެ. އެތައް ރެއެއްގެ ނިދިން މަޙްރޫމުވެ، ކީރިތި ކުރެއްވުމުގެ ސަބަބުން ބަލިވެފައިވާ ޙާލުގައި، ނަބިއްޔާ ކައިރިއަށް ވަޑައިގަންނަވާ މަންޒަރު ބައްލަވަން ޢާއިޝާ رضي الله عنها އޮންނެވިއެވެ.

ނަބިއްޔާ ޢާއިޝާ رضي الله عنها އަށް ބައްލަވާލެއްވިއެވެ. އަދި އެނދުދާންކޮޅުގައި އިށީންދެވަޑައިގެންނެވިއެވެ. އަރިހުގައި ޢާއިޝާ رضي الله عنها ގެ މަންމާފުޅާއި ބައްޕާފުޅުގެ އިތުރުން އަންޞާރިއްޔަ ބޭކަނބަލަކު ހުންނެވިއެވެ.

ނަބިއްޔާ ޢާއިޝާرضي الله عنها އާ ދިމާއަށް އެނބުރިވަޑައިގެންނެވިއެވެ. އެކަލޭގެފާނު ހިތްދަތިކަމާއެކު، ގަދަކަމުން ބަސްފުޅު ވިދާޅުވާން މަސައްކަތްކުރައްވަމުން ގެންދެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އޭ ޢާއިޝާއެވެ. ކަމާނާއަށް ފާފައަކަށް އަރައިގަނެވިފައި ވާނަމަ ތައުބާވެވަޑައިގެން، ފާފަފުއްސެވުން އެދިވަޑައިގެން ﷲއަށް ދަންނަވާށެވެ. ފަހެ އަޅަކަށް ފާފައެއް ކުރެވި، އޭނާ ތައުބާވެއްޖެނަމަ ﷲ އޭނާގެ ފާފަ ފުއްސަވައި ދެއްވާނެއެވެ. އަދި ކަމަނާ އެކަމުން ބަރީއަވެގެންވާނަމަ ﷲ ކަމަނާ އެކަމުން ބަރީއަކޮށްދެއްވަވާނެއެވެ." އެއަށްފަހު އިތުރު އެއްވެސް ބަސްފުޅެއް ވިދާޅުނުވެ ހަނު ހުއްނެވިއެވެ.

ނަބިއްޔާ ﷺ ގެ އެބަސްފުޅުތަކުގެ ސަބަބުން ޢާއިޝާ رضي الله عنها ގެ ލޯފުޅުން އޮހޮރެމުން ދިޔަ ކަރުނައިގެ އިޙުސާސް އެއްކޮށް ކެނޑި، ކަރުނަތައް ހިކުނެވެ. ނަބިއްޔާ ގެ އެބަސްފުޅުތަކުގެ މާނަ ފުންކަމުންނެވެ.

"މީސްތަކުން އެދައްކާ ވާހަކަ ކެލޭގެފާނު ޤަބޫލުފުޅުކުރައްވަނީތޯއެވެ؟ އެބައިމީހުން އެބުނާހެން، ތިމަންކަމަނާ އެފަދަ ޢަމަލެއް ކުރެއްވީކަމަށް ކަލޭގެފާނު ޤަބޫލުކުރައްވަނީތޯއެވެ؟" ނަބިއްޔާ ގެ އެބަސްތަކުގެ ސަބަބުން ޢާއިޝާ رضي الله عنها ގެ ހިތްޕުޅުގައި މި ސުވާލުތައް އުފެދިގެންދިޔައެވެ.

އެއާއެކު އެކަމަނާ ބައްޕާފުޅާ ދިމާއަށް ބައްލަވާލެއްވިއެވެ. އަދި ވިދާޅުވިއެވެ. "ބައްޕާއެވެ. އަހުރެންގެ ފަރާތުން ރަސޫލާއަށް ޖަވާބު ދެއްވާށެވެ." އެހިނދު އަބޫބަކުރުގެފާނު ކީރިތި ކުރައްވަން ފެއްޓެވިއެވެ. އަދި ވިދާޅުވިއެވެ. ﷲގަންދީ ބުނަމެވެ. ރަސޫލާއަށް ދޭނެ ޖަވާބެއް ތިމަންކަލޭގެފާނަކަށް ނޭނގެއެވެ.

ދެން ޢާއިޝާ رضي الله عنها މަންމާފުޅާ ދިމާއަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. މަންމާއެވެ. އަހުރެންގެ ފަރާތުން ރަސޫލާއަށް ޖަވާބު ދެއްވާށެވެ." އެހިނދު އެކަމަނާ ދެންނެވިއެވެ. ތިމަންކަމަނާ އެކަލޭގެފާނަށް ދޭނީ ވަކި ކޮން ޖަވާބެއް ހެއްޔެވެ؟

ޢާއިޝާ رضي الله عنها ހަމަ ހިމޭން ވެވަޑައިގަތެވެ. އެކަމަނާ ވިދާޅުވިއެވެ. " ﷲ ގަންދީ ބުނަމެވެ. މީސްތަކުން އެދައްކާ ވާހަކަ ކަލޭގެފާނަށް އިވިވަޑައިގެންފިއެވެ. އަދި އެބަސްތައް ކަލޭގެފާނުގެ ހިތްޕުޅުގައި ހަރުލައިފިކަން ތިމަންކަމަނާއަށް އެނގިއްޖެއެވެ. އެހެންކަމުން ތިމަންކަމަނާ އެކަމުން ބަރީއަވެގެން ވަމޭ ކަލޭގެފާނަށް ދެންނެވިޔަސް ކަލޭގެފާނު ތިމަންކަމަނާގެ ބަސް ޤަބޫލުފުޅެއް ނުކުރައްވާނެއެވެ. ތިމަންކަމަނާ އެކަމުން ބަރީއަވެގެންވާކަން ﷲ ދެނެވޮޑިގެންވެއެވެ. އަދި ތިމަންކަމަނާ، ތިމަންކަމަނާއަށް ކުށެއް ކުރެވިފައިވާކަމަށް ދަންނަވައިފިނަމަ ކަލޭގެފާނު އެބަސްފުޅު ޤަބޫލުކެއްވީހެވެ. އެހެނެއްކަމަކު ތިމަންކަމަނާ އެފަދަ ކަމެއް ނުކުރައްވާކަން ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. "

"ﷲ ގަންދީ ބުނަމެވެ. ކަލޭގެފާނާއި ތިމަންކަމަނާއާ ދެމުދުގައި ދިމާވެފައި މިވާ ޙާލަތާމެދު ޔޫސުފްގެފާނުގެ ބައްޕާފުޅު ވިދާޅުވެފައިވާ ބަސްފުޅަށްވުރެ ރަނގަޅު މިސާލެއް ތިމަންކަމަނާއަކަށް ނޭނގެއެވެ." فَصَبْرٌ جَمِيلٌ ۖ وَاللَّهُ الْمُسْتَعَانُ މާނައީ "ފަހެ، (ތިމަންކަލޭގެފާނަށް އޮތީ) ރިވެތިވެގެންވާ ކެތްކުރުމެކެވެ. އަދި ތިޔަބައިމީހުން، ސިފަކޮށް ބުނާ އެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާ ފަރާތަކީ اللَّه އެވެ."  އެކަމަނާ ވިދާޅުވާން އުޅުއްވީ ޔަޢުޤޫބުގެފާނެވެ. އެކަމަކު އެކަމަނާގެ ޢުމުރުގެ ހަނގުކަމާއި ޙާލުކޮޅުގެ ނާޒުކުކަމުން އެކަލޭގެފާނުގެ ނަން އެކަމަނާ ހަނދުމަފުޅު ނެތިވަޑައިގެންނެވީއެވެ.

އެއަށްފަހު އެކަމަނާ މޫނުފުޅުގައި ރަޖާ އަޅުއްވައި ނިވާކުރެއްވިއެވެ. އެއާއެކު އެކަމަނާއަށް އަޑުން އަޑުނަގައި ކީރިތި ކުރައްވަން ފެއްޓެވިއެވެ.

ފަހެ އެންމެ ބޭފުޅުން އެގޮތުގައި ތިއްބަވަނިކޮށް އިސާހިތަކު ނަބިއްޔާގެ ފަރާތްޕުޅުން ވަޙީ ބާއްވައިލެއްވުމުގެ އަސަރުތައް ފެންނަން ފަށައިފިއެވެ. ކުއްލިއަކަށް ނިބިއްޔާ އުފަލުން ފޮޅިގެންވާ ޙާލު ޢާއިޝާ رضي الله عنها އާ ދިމާއަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "އޭ ޢާއިޝާއެވެ. ކަމަނާއަށް އުފާވެރިކަން ހުއްޓެވެ. ﷲ ކަމަނާ މި އެންމެހާ ވާހަކަތަކުން ބަރީއަކުރައްވައިފިއެވެ." ﷲ ތަޢާލާ ވަޙީގެ ޒަރީޢާއިން އެކަމަނާގެ ކުށެއް ނެތްކަން އިޢުލާނު ކުރެއްވީއެވެ.

ޢާއިޝާ رضي الله عنهاގެ މަންމާފުޅު ތެދުވެވަޑައިގެން ވިދާޅުވިއެވެ. "އޭ ޢާއިޝާއެވެ. ތެދުވާށެވެ. އަދި ﷲގެ ރަސޫލާއަށް ސާލާމް ކުރައްވާށެވެ.އަދި އެކަލޭގެފާނަށް ޙަމްދު ދަންނަވާށެވެ. އަދި ޝުކުރުދަންނަވާށެވެ. އަދި އެކަމަނާގެ ބައްޕާފުޅު ވިދާޅުވިއެވެ. އޭ ޢާއިޝާއެވެ. ތެދުވާށެވެ. އަދި ﷲގެ ރަސޫލާއަށް ޝުކުރުދަންނަވާށެވެ. އެހިނދު ޢާއިޝާ رضي الله عنها ވިދާޅުވިއެވެ. " ﷲ ގަންދީ ބުނަމެވެ. ތިމަންކަމަނާ ޝުކުރު ދަންނަވާނީ އެކަލޭގެފާނަކަށް ނޫނެވެ. ތިމަންކަމަނާ ޝުކުރުދަންނަވާނީ ތިމަންކަމަނާގެ ވެރި ރައްބަށެވެ."

ޢާއިޝާ رضي الله عنها ހީކުރައްވައިގެން ހުންނެވީ ނަބިއްޔާއަށް ހުވަފެންފުޅެއް ފެނިވަޑައިގެން، ނުވަތަ އެފަދަ އެހެން ކޮންމެވެސް ގޮތަކުން އެކަމަނާގެ ކުށެއް ނެތްކަން ސާބިތުވެގެންދާނެ ކަމަށެވެ. އެކަމަނާއާމެދު ﷲތަޢާލާ ޤުރުއާނުގެ އާޔަތްތަކެއް ބާއްވައި ލައްވާފާނެކަމަށް އެކަމަނާ އެއްގޮތަކަށްވެސް އުއްމީދެއް ނުކުރައްވައެވެ. އެކަމަނާގެ އަމިއްލަ ނަފްސު އެކަމަނާ ދެކިލެއްވީ އެއަށްވުރެ ދަށްކޮށެވެ.

އެހެން ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަމަނާއަށް ލިބިވަޑައިގެންވާ މަޤާމު ނިކަން ބައްލަވާށެވެ. ޤިޔާމަތާ ޖެހެންދެން އެކަމަނާގެ ޒިކުރު ކުރެވޭހެން ﷲ ތަޢާލާ އެވަނީ ޤުރުއާނުގައި އެކަމަނާގެ ވާހަކަ ގެންނަވާފައެވެ. މިއީ އެކަމަނާގެ ޢިއްފަތްތެރިކަމުގެ އަގުނޫން ދެން ކޮން އެއްޗެއްތޯއެވެ.

Copyright © 2025 Faaru News
Made with by Afeef & Noor