އިޚްލާޞްތެރިކަން

މަސްޖިދުލް ޙަރާމްގައި މީހަކު ދުޢާ ކުރަނީ / ފޮޓޯ: ޙަރަމައިން ޝަރީފައިން
އައްޝައިޚް އިބްރާހީމް ރާފިޢު
އައްޝައިޚް އިބްރާހީމް ރާފިޢު
3 އަހަރު ކުރިން
2 މިނިޓް

އިޚްލާސްތެރިކަމަކީ ﷲގެ ވަޖުހުފުޅުއަދައިގެން ކަމެއްކުރުމެވެ. ދުނިޔަވީ ގޮތުން ބަދަލެއް ލިބުނުމުގެ ނިޔަތެއްނެތި، އަދި ދެއްކުންތެރިކަމަކާއި ނުލައި، ނުވަތަ މީސްތަކުންގެ ފަރާތުން ތަޢުރީފަކާއި ޘަނާތަކެއް ލިބުމުގެ ނިޔަތަކާއި ނުލައި، ހަމައެކަނީ ﷲގެ ރަޙުމަތް އެދި، އާޚިރަތުގެ ޘަވާބާއި ދަރުމައަށް އެދޭ ޙާލު ހެޔޮ ޢަމަލުކުރުމެވެ.

އަޅުގަނޑުމެން ކުރާ ކޮންމެ ޢަޅުކަމެއްގައި އިޚްލާސްތެރިވުމަކީ ލާޒިމްކަމެކެވެ. ޢަމަލުތަކުގައި، ޢިޚްލާސްތެރިވާން ޖެހެނީ ކީއްވެ ހެއްޔެވެ؟ އާދެ! ޢަމަލުތަކުގައި އިޚްލާސްތެރި ވާންޖެހެނީ އަންނަނިވި ބައެއް ސަބަބުތަކާއި ހުރެއެވެ.

ޢަމަލުތަކުގައި އިޚްލާސްތެރިވުމަށް ﷲ އަމުރުކުރައްވާފައިވާތީއެވެ.

މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާ އަންގަވާފައިވެއެވެ. (وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ )[1] މާނައީ: " باطل މަގުން އެއްކިބާވެތިބެ، اللَّه އަށް އަޅުކަން خالص ކުރާ حال، اللَّه އަށް އަޅުކަންކުރުމަށްމެނުވީ އެއުރެންނަށް ޢަމުރުވެވިގެންނުވެއެވެ."

ޢަމަލުތައް ޤަބޫލުކުރެއްވުމުގެ ޝަރުތެއްކަމުގައި، އިޚްލާސްތެރިކަން ވާތީއެވެ.

ރަސޫލާ ޙަދީޘްކުރައްވާފައިވެއެވެ. (إِنَّمَا الأَعْمَالُ بِالنِّيَّاتِ وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى) މާނައީ: "ޢަމަލުތަށް ބިނާވެގެން ވާކަން ކަށަވަރީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށްވެސް ވަނީ އެމީހަކު ނިޔަތްގަން ކަމެކެވެ."

އިޚްލާސްތެރިކަމެއް ނެތި، ދުނިޔެވީ އެދުމުގައި ޢަމަލުތަށް ކުރުމަކީ އެ ޢަމަލުތައް ބާޠިލުވެގެންދާނެ ކަމެކެވެ. މިކަން ބަޔާންކުރައްވާ މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގައިވެއެވެ. (مَنْ كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لا يُبْخَسُونَ أُوْلَئِكَ الَّذِينَ لَيْسَ لَهُمْ فِي الآخِرَةِ إِلا النَّارُ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَا كَانُوا يَعْمَلُونَ)[2] މާނައީ: "ދުނިޔޭގެ ދިރިއުޅުމާއި، އެ ދުނިޔޭގެ ޒީނަތްތެރިކަމަށް އެދޭމީހާ (ދަންނާށެވެ!) އެއުރެންގެ عمل ތައް ތިމަންރަސްކަލާނގެ އެއުރެންނަށް އެތާނގައި ހަމަޔަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތާނގައި އުނި ނުކުރައްވާހުށްޓެވެ. އެއުރެންނީ آخرة ގައި ނަރަކަ ނޫން އެހެންތަނެއް އެއުރެންނަށް ނުވާ މީހުންނެވެ. އަދި އެއުރެންކުޅަ ކަންތައް އެތާނގައި، ބޭކާރުވެގެންވެތެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް باطل ވެގެންވެތެވެ"

ދެއްކުންތެރިކަމަކީ ޝިރުކުގެ ޢަމަލެއްކަމުގައިވާތީއެވެ.

އިޚްލާސްތެރިކަމުގެ އިދިކޮޅު ސިފަ އަކީ ދެއްކުންތެރިކަމެކެވެ. މީސްތަކުންގެ މަދަޙަޔާއި ޘަނާ އަޑުއެހުމުގެ ބޭނުމުގައި، ދެއްކުންތެރިކަމާއި އެކު ޢަމަލު ކުރުމަކީ ޝިރުކުގެ ޢަމަލެކެވެ.

މި ޝިރުކަށް ކުޑަ ޝިރުކޭ އަދި ފޮރުވިގެންވާ ޝިރުކޭވެސް ކިޔެއެވެ.

ދެއްކުންތެރިކަމަކީ ޝިރުކެއްކަން އަންނަނިވި ޙަދީޘުން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ‏(أَلاَ أُخْبِرُكُمْ بِمَا هُوَ أَخْوَفُ عَلَيْكُمْ عِنْدِي مِنَ الْمَسِيحِ الدَّجَّالِ). قَالَ قُلْنَا بَلَى‏.‏ فَقَالَ ‏(الشِّرْكُ الْخَفِيُّ أَنْ يَقُومَ الرَّجُلُ يُصَلِّي فَيُزَيِّنُ صَلاَتَهُ لِمَا يَرَى مِنْ نَظَرِ رَجُلٍ)‏[3] މާނައީ: "ދައްޖާލުގެ ފިތުނައަށްވުރެ، ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް ބިރުވެތިވެ ވަޑައިގަންނަވާ ކަމެއްގެ ވާހަކައިން ތިޔަބައިމީހުންނަށް ޚަބަރު ދެއްވަންތޯއެވެ. ތިމަންމެން ދެންނެވީމެވެ. އާދޭހެވެ! އެހިނދު ޙަދީޘް ކުރެއްވިއެވެ. "(އެއީ) ފޮރުވިގެންވާ ޝިރުކެވެ. މީހަކު ނަމާދު ކުރަންފަށައެވެ. ދެން އޭނާއާ ދިމާލަށް މީހަކު ބަލާތަން އޭނާއަށް ފެނުމުން އޭނާ އެނަމާދު ޒީނަތްތެރިކުރެއެވެ."

އަދިވެސް މި ޝިރުކުގެ ވާހަކަ ބަޔާންކުރައްވާފައިވާ އެހެން ޙަދީޘެއްގައި ވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمْ اَلشِّرْكُ اَلْأَصْغَرُ: اَلرِّيَاءُ)[4] މާނައީ: "ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް އެންމެ ބޮޑަށް ބިރުވެތިވެ ވަޑައިގަންނަވާކަން ކަށަވަރީ ކުޑަ ޝިރުކާއި މެދުގައިއެވެ. (އެއީ) ދެއްކުންތެރިކަމެވެ."

ޝައިޠާނާގެ މަކަރުވެރު ރޭވުންތެރިކަމުން ސަލައިމަތްވުމަށްޓަކައިއެވެ.

ޝައިޠާނާ ﷲގެ ރަޙުމަތުން ބޭރު ކުރެވުނު ހިނދު، އޭނާ ﷲގެ ޙަޟްރަތުގައި ޗެލެންޖެއް ކުރިއެވެ. މިކަން ބަޔާންކުރައްވާ މާތްﷲ ވަޙިކުރެއްވިއެވެ. (قَالَ رَبِّ بِمَا أَغْوَيْتَنِي لَأُزَيِّنَنَّ لَهُمْ فِي الْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ)[5] މާނައީ: "އެކަލޭގެ (އެބަހީ އިބިލީސް) ދެންނެވިއެވެ. ތިމަންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ތިމަންއަޅާ މަގުފުރެއްދެވިކަމުގެ ސަބަބުން، ނުބައިކަމުގެ މަގު، ހަމަކަށަވަރުން، އެއުރެންނަށް ބިމުގައި ތިމަންއަޅާ ޒީނަތްތެރިކޮށްދޭހުށީމެވެ. އަދި ހަމަކަށަވަރުން، ތިމަންއަޅާ އެ އެންމެން މަގުފުރައްދާހުށީމެވެ."

ޝައިޠާނާ ބުނެފައިއެވަނީ ﷲގެ ހުރިހާ އަޅުތަކުންވެސް މަގުފުރައްދާނެކަމަށެވެ. ނަމަވެސް އޭނާ މި ގޮންޖަހާލުމުން ބަޔަކު އިސްތިސްނާ ކުރިއެވެ. އޭނާއަށް މަގު ނުފުރެއްދޭނެ ބަޔެއްގެ ވާހަކަ އޭނާ ބަޔާންކުރިއެވެ. އެއީ ކޮން ބައެއްތޯއެވެ. އާދެ އޭނާ ބުންޏެވެ. (إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ )[6] މާނައީ:"އިބައިލާހަށް އިޚްލާސްތެރިވި އަޅުންފިޔަވައިއެވެ."

އެހެންކަމުން، އަޅުކަންތަކުގައި އިޚްލާސްތެރި ނުވުމަކީ، މީހާ މަގުން ކައްސާލައިގެންދާނެ ސަބަބެބެކެވެ. އަދި އޭނާގެ މައްޗަށް ޝައިޠާނާ ގަދަވެގަނެ ފަހުވަގުތުގައިވެސް އޭނާ ސީދާ މަގުން އެއްކިބާ ކުރުވާފާނެ ކަމެކެވެ. ވުމާއި އެކު ޢަމަލު ތަކުގައި އިޚްލާސްތެރިވާންޖެހެއެވެ.

އަޅުގަނޑުމެންނަކީ، އަޅުގަނޑުމެން ކުރާ އެންމެހާ ޙެޔޮ ޢަމަލުތަކުގައި، ﷲ އަށް އިޚްލާސްތެރިވާ ބަޔަކު ކަމުގައި ލައްވާށި، އާމީން!

[1] سورة البينة 5

[2] سورة هود/15-16

[3] سنن ابن ماجه 4204، صحيح

[4] حسن.‏ رواه أحمد (5 / 428 و429)‏ 

[5] سورة الحجر 39

[6] سورة الحجر 40

Copyright © 2024 Faaru News
Made with by Afeef & Noor