ލީޑަރޝިޕަކި އެކި ޒަމާނުގައިވެސް ދިރާސަ ކުރެވެމުން އަންނަ މުހިންމު މައުޟޫއެކެވެ. އަދި މިދެންނެވި ގިނަ ދިރާސާތައް ބައްޓަން ކުރެވިފައި ވަނީ ލީޑަރުގެ ކިބާގައި ހުންނަ ސިފަތަކާއި ގެންގުޅޭ އުކުޅުތަކުގެ މައްޗަށެވެ. ނަމަވެސް ކޮންމެ މަޤާމަކަށްވިޔަސް، އެ މަޤާމަށް އެންމެ ޤާބިލް މީހަކު ހޯދުމަކީ ދަތި އުނދަގޫ ކަމެކެވެ. މި ގޮތުން ލީޑާޝިޕް މި މާނަ ކުރެވެނީ ކަންކަމާއި ހަވާލު ވެވޭ، ނުވަތަ ކަންކަން ކުރުމުގެ ޒިންމާ ހަވާލު ކުރެވޭ ފަރާތްތަކުގެ މައްޗަށެވެ.
ލީޑާޝިޕްގެ އާންމު އުސޫލުތަކާއި ސްޓައިލްތައް ވަނީ ހުޅަނގުގެ ގިނަ ޢިލްމުވެރިން ހޯދާ ދިރާސާކޮށްފައެވެ. މާޒީގައި، ލީޑާޝިޕް ސްޓައިލްގެ ސަބަބުން ދަށުން އަންނަ ބަޔަކަށް (ފޮލޯވާސް) ނުވަތަ އެ ހަވާލުވެ ހުންނަ މުއައްސަސާއަކަށް ކުރާ އަސަރުވަނީ ފުޅާދާއިރާއެއްގައި ދިރާސާ ކުރެވި، ހޯދާ ބަލާ އަދި ބަހުޘްކުރެވިފައެވެ. މިގޮތުން ބަލާލެވުނު ކޮންމެ ޤައުމަކުންވެސް މިފަދަ ޢިލްމީ ދިރާސާތައް ފެންނަން އެބަހުއްޓެވެ.
ކަންމިހެން ހުރުމާއެކުވެސް، އިސްލާމީ ލީޑާޝިޕެއްގެ ގެ އަސާސްތަކާއި ވިސްނުން ވަނީ އެދެވިގެންވާ މިންވަރަށް ދިރާސާ ނުކުރެވިފައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެގޮތުން އަހަރެމެންގެ ރަސޫލާ މުޙައްމަދު ﷺ އަދި ޚުލަފާއުއް ރާޝިދުން 50 އަހަރު ވަންދެން އެކި ހިސާބުތަކުގައި ކުރެއްވެވި ވެރިކަމުގެ ވާހަކަ ދިރާސާ ކުރެވި މި ޢިލްމަށް އަހުލުވެރިވެފައިވަނީ ނުހަނު މަދުވެރިންވަރަކަށޭ ދެންނެވިދާނެއެވެ. މި ދެންނެވި ޒަމާނަކީ އެންމެހާ މީސްތަކުންގެ ކަންކަން ބަލަހައްޓާ، އަދުލު އިންސާފު ޤާއިމްކޮށް، މީސްތަކުންނަށް ރަނގަޅުގޮތޮ އޮޅުންފިލުވައިދީ އަދި އެ މީސްތަކުންނަށް ޚިދުމަތްކޮށްދިން އެންމެ ރަން ޒަމާނެވެ. އަދި މި ޚިދުމަތުގެ އަސާސްތައް ބިނާވެފައިވަނީ ކީރިތި ޤުރުއާނާއި ސުންނަތުގެ މައްޗަށެވެ.
އިސްލާމީ ލީޑަޝިޕް ދާއިރާއިން ތަފާތު ގިނަ ދިރާސާތަކެއް ކުރައްވާފައިވާ އަޙްމަދު ރަފިކީ (2020) ހާމަ ކުރައްވަނީ އިސްލާމީ ލީޑަޝިޕްގެ އަސާސަކީ އިސްލާމް ދީނާއި، ރަނގަޅު ނުބައި ވަކިކުރަން އެނގުމާއި އަދި އިންސާނީ ވަސީލަތެވެ. މި ތިން ކަންތައް ގުޅިލާމެހިފައިވަނީ މާތް ﷲ އަށް ތަޤްވާވެރިވެ ބިރުވެތިވުމާއެވެ. އަދި ތަޤްވާވެރިކަމީ އިސްލާމީ ލީޑަރެއްގެ ކިބާގައި ކޮންމެހެން ހުންނަންޖެހޭ ސިފައެކެވެ. މުޙްސިން (2007) ވަނީ ޔަމަނުގައި އިސްލާމީ ލީޑަޝިޕް އާ ގުޅޭ ދިރާސާއެއް ކޮށްފައެވެ. މި ދިރާސާގައި ބޭނުންކޮށްފައި ބޭނުންކޮށްފައިވީ ތަޤްވާވެރިކަން އަދި ޒިންމާދާރުކަން ލީޑަރުގެ ޤާބިލް ކަމާއި ހުރި ގުޅުމުގެ މައްޗަށެވެ. މި ދިރާސާގައި ތަޤްވާވެރިކަން ބެލެވިފައިވަނީ އީމާން ކަމާއި، އަޅުކަމާއި އަދި ތަޢުބާވުން މި 3 ކަންތަކުގެ މައްޗަށެވެ. އަދި ޒިންމާދާރުކަން ބެލެވިފައިވަނީ ސަދަޤާތް ކުރުމާއި، މާޢާފް ކުރުމާއި، ތެދުވެރިކަމާއި، ކެއްތެރިކަމާއި، އިންސާފުގެ އިތުރުން އިހްސާސްތަކުގެ މައްޗަށެވެ. މި ދިރާސާއިން ދައްކާ ގޮތުގައި ތަޤްވާވެރިކަމުގެ ސަބަބުން ޤާބިލްކަން އިތުރުވެއެވެ. އަދި އީމާންކަމާއި ސަދަޤާތް ކުރުމާއި، ތެދުވެރިކަމާއި އިހްސާސްތަކުގެ މައްޗަށް ގަދަވެ ގަންނަވަރު މިންވަރަކީ ޤާބިލް ކަމުގެ އަސާސް ކަމުގައި ދައްކައެވެ. އަދި އީމާން ކަމާއި ޤާބިލްކަން މިނެކިރާ ކަމެއްގެ ގޮތުގައި އިތުބާރު ކުރެވޭ މިންވަރު ހޯދިފައިވެއެވެ. މީގެ އިތުރުންވެސް، ކުރެވިފައިވާ ތަފާތު އެކި ދިރާސާތަކުން ދައްކާ ގޮތުގައި އިސްލާމީ ލީޑާރޝިޕަކީ ހަވާލު ކުރެވިގެންދާ ޒިންމާ ތައް އަދާ ކުރުމާއި ކަންކަން އެންމެ އެކަށީގެންވާ ގޮތުގައި ގެންދިއުމުގެ ގޮތުން ބޭނުން ކުރެވިދާނެ މުހިންމު އިންސާނީ ވަސީލަތެކެވެ.
ލީޑަރުން ނުވަތަ ވެރިން އައްޔަން ކުރުމުގައި ރައްޔިތުން ވިސްނަން ޖެހޭ އެންމެ މުހިންމު ކަމަކީ އެ އައްޔަން ކުރެވޭ ފަރާތްތަކަކީ އިސްލާމް ދީނާށް ނަސްރުދޭ ބަޔަކަށް ވުމެވެ. މީގެ އިތުރުން އަދާ ކުރުމަށް ހަވާލު ކުރެވިފައިވާ ޒިންމާތަކާއި ބެލެހެއްޓުމަށް ޒިންމާވާ ފަރާތްތަކު ހައްޤުތައް ފުރިހަމަޔަށް އަދާ ކުރެވޭ ބަޔަކަށް ވާންވާނެއެވެ. އަދި އެފަރާތްތަކަކީ އިސްލާމް ދީން ކުޅިވަރެއްކަމުގައި ހަދާ ބަޔަކަށް ވެގެން ނުވާނެއެވެ. މާއިދާ ސޫރަގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ.
" އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންގެ ތެރެއިން ތިޔަބައިމީހުންގެ دين އަކީ ފުރައްސާރައެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި ހަދައިގެން އުޅުނު މީހުންނާއި، كافر ން އެއީ، އެހީތެރިން ކަމުގައި ނުހަދާށެވެ! އަދި ތިޔަބައިމީހުންނީ، مؤمن ން ކަމުގައިވާނަމަަ اللَّه އަށް تقوى ވެރިވާށެވެ!" (5:57)
ޖޯޑަންގެ ބޭފުޅެއްކަމުގައިވާ ހަވީ (1982) ބަޔާންކޮށްފައިވާ ގޮތުން އިސްލާމީ ލީޑަރެއްގައި ހުންނަންޖެހޭ ތަފާތު 28 ސިފައެއް އެކި އެކި ދިރާސާތަކުގެ އަލީގައި ފެނިފައިވެއެވެ. އެ ސިފަތައް ތިރީގައި އެވަނީއެވެ.
އިސްލާމީ ލީޑަރެއްގައި ހުންނަންޖެހޭ ސިފަތައް
- ވިސްނުން ތެރިކަމާއެކު ކަންކަން ކުރުން
- އިޚްލާސްތެރިކަން ނެތް ފަރާތްތަކަށް ކަންކަން ހަވާލު ނުކުރުން
- މީސްތަކުންގެ ނަފްރަތު ލިބިފައި ނުވުން
- ހަސަދަވަރިންނާއި ދޮގުވެރިންނަށް ނުހެއްލުން
- ކަންކަން އެންގުން ނުވަތަ ޢިލްމު
- އެހީތެރިކަން
- ކަންކަމުގައި ފްލެކްސިބަލް ވުން
- ހުނަރުވެރިކަން
- ހިތްވަރާއި އަޒުމު
- އަޅާލުންތެރިކަން ހުރުން
- ސިއްރު ހިފެހެއްޓުން
- ސާދާ ގޮތެއްގައި ކަންކަން ނިންމާ ހިންގުން
- ކަންކަން ނިންމުމުގެ ޤާބިލްކަން
- ހިތްތިރިކަން
- ރުޅި މަޑުކަން
- ހެކީގެ މަތީގައި ކަންކަން ނިންމުން
- މަސައްކަތް ކުރުމާއި މަސައްކަތް ކުރޭތޯ ބެލުން
- ނަސޭހަތް ދިނުމާއި ނަސޭހަތް އަޑުއެހުން
- ކަނުލާ އެޑުއެހުން
- ތަރުތީބުކަން
- ކަންކަން ހާސިލް ކުރާ ފަރާތްތަކަށް ތަޢުރީފު ކުރުމާއި ބަދަލު ދިނުން
- ހެދުން އެޅުމާއި އެޕެއަރެންސް
- ހާސިލްވާ ކަންކަމުން މަސައްކަތް ފެށުން
- ހިންގުންތެރިކަން
- ފައިދާއާއި ގެއްލުން ހޯދުމުގެ ހުނަރު
- ގެއްލުން މަންފާއަށް ބަދަލު ކުރުމުގެ ހުނަރު
- ބަލާޣަތްތެރިކަން
- އަދުލު އިންސާފު
- ވާހަކަ ދެއްކުންތެރިކަން
- މަޑުމައިތިރިކަން
- ހަރުކަށި ނުވުން
- ކަންކަން ކުރުމުގައި ޔަޤީން ކަން ހުރުން (ޝައްކު މަދުވުން)
- ކަންކަން ބަދަލު ކުރުމުގައި ރޭވިގެން ގެންދިއުން އަދި އެއްފަހަރާ ހުރިހާ ކަމެއް ބަދަލު ނުކުރުން
- ތެދުވެރިކަމާއި އިތުބާރު ކުރެވުން
- ހަމަހަމަ ކަން
- އަމިއްލަ އެދުމަށް އިސްކަން ނުދިނުން
- ގުޅިގެން މަސައްކަތް ކުރުމާއި ގުޅުން ބަދަހި ކުރުން
- މިނިވަންކަމާއި އެކު މަސައްކަތް ކުރުން
- އެއްބާރުލުން ދިނުމާއި ކަންކަން ދޫކޮށްލުން/ސެކްރިފައިސް
- ޝުކުރުވެރިވުމާއި ކަންކަމުގައި ރިވެތި ގޮތުގައި އެދުން
- ހައްޤަށް ނަސްރު ދިނުމާއި އަދި ބާތިލް ނެތިކުރުން
- ދެކޮޅުވެރިންވެސް އިތުބާރު ކުރާ ފަދަ ތެދުވެރިއަކަށްވުން
- އަމާންކަމަށް ގޮވާލުން
- ކަންކަމުގައި އެކި ނަޒަރުން ވިސްނުން
މަތީގައި ބަޔާން ކުރެވިފައިވާ ސިފަތަކުގެ އިތުރުންވެސް ދިރާސާ ކުރާފަރާތްތަކުން އެކި ނަޒަރުގައި އިސްލާމީ ލީޑާޝިޕް ދިރާސާ ކޮށްފައިވެއެވެ. އެގޮތުގުން ވެރިން، ވެރިންގެ ގޮތުގައި ހޮވުމުގައި އެފަރާތްތަކުގެ ނިޔަތަކީ ކޮބާކަންވެސް އެނގުމަކީ މުހިންމު ކަމެކެވެ. ނަމަވެސް މިކަމަކީ އެހާމެ ފަސޭހަ ކަމެއް ނޫންކަން ހާމަ ކުރައްވާފައިވެއެވެ.
މެލޭޝިއާއަށް އުފަން އަޙްމަދު (2010) އިންޓަނޭޝަނަލް ކޮންފަރެންސް އޮފް ދާވާ އެންޑް އިސްލާމިކް މެނޭޖްމަންޓް ކިޔާ ކޮންފަރެންސެއްގައި ބަޔާން ކޮށްފައިވާ ގޮތުގައި ވެރިކަމަކީ ނުވަތަ ލީޑާޝިޕަކީ ޝަރަފެއްގެ ބަދަލުގައި ޒިންމާއެއް ކަމުގައި ދެކޭ ފަރާތްތަކަށް އިސްކަން ދިނުމަކީ މުހިންމު ކަމެކެވެ. އަދި އަމާނާތްތެރި ކަމާއެކު މާތް ﷲ އަށް ޚުޝޫއަތްތެރިކަމާއެކު ޒިންމާ އަދާ ކުރެވޭ ފަރާތަކަށް އިސްކަން ދޭން ޖެހެއެވެ. އަޙްޒާބު ސޫރަގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ.
"ހަމަކަށަވަރުން، އުޑުތަކަށާއި، ބިމަށާއި، ފަރުބަދަތަކަށް ތިމަންރަސްކަލާނގެ أمانة (އެބަހީ: تكليف ތައް) ހުށަހެޅުއްވީމެވެ. ފަހެ، އެ ތަކެތި އެކަން އުފުލުމުން އެއްކިބާވެ މަނާވެގަތެވެ. އަދި އެކަމާމެދު އެތަކެތި ބިރުވެތިވިއެވެ. އަދި إنسان އާއެ أمانة އުފުލިއެވެ. ހަމަކަށަވަރުން، އެ إنسان އާވީ އަނިޔާވެރި، ތަންދޮރު ނުދަންނަ މީހަކު ކަމުގައެވެ." (33:72)
މީގެ އިތުރުން ތިރީގައިވާ އާޔަތްކުންވެސް ވެރިންގެ ކިބާގައި ހުންނަން ޖެހޭ ޝަރުތުތަށް އިތުރަށް ދޭހަވެގެން ދެއެވެ.
"އަދި ތިމަންރަސްކަލާނގެ އަމުރުފުޅަށް ތެދުމަގު ދައްކަވާ އިމާމުންކަމުގައި، ތިމަންރަސްކަލާނގެ އެބޭކަލުން ލެއްވީމެވެ. އަދި ހެޔޮކަންތައް ކުރެއްވުމަށާއި، ނަމާދު قائم ކުރެއްވުމަށާއި، ޒަކާތްދެއްވުމަށް، ތިމަންރަސްކަލާނގެ އެބޭކަލުންނަށް وحى ކުރެއްވީމެވެ. އަދި ހަމައެކަނި، ތިމަންރަސްކަލާނގެއަށް އަޅުކަންކުރާބަޔަކު ކަމުގައި އެބޭކަލުން ވޫއެވެ." (21:73)
"އެއުރެން، داود ގެފާނު އިންނެވިތަނަށް ވަންހިނދު، އެކަލޭގެފާނު އެއުރެންދެކެ ސިހިވަޑައިގެންނެވިއެވެ. އެއުރެން ދެންނެވޫއެވެ. ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ތިމަންމެންނީ ދެ خصم ންނެވެ. ތިމަންމެންގެ އެކަކު އަނެކަކަށް އަނިޔާކޮށްފިއެވެ. ފަހެ، ކަލޭގެފާނު حق ގޮތުގައި ތިމަންމެންގެ މެދުގައި حكم ކޮށްދެއްވާށެވެ! އަދި ކަލޭގެފާނު عدل ން އެއްކިބާވެވަޑައިނުގަންނަވާށެވެ! އަދި ތިމަންމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާށެވެ!" (38:22)
"އަދި އެއުރެން ކެތްތެރިވީހިނދު، ތިމަންރަސްކަލާނގެ أمر ފުޅަށް ތެދުމަގު ދައްކަވާ إمام ންތަކެއް ތިމަންރަސްކަލާނގެ އެއުރެންގެ ތެރެއިން ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ آية ތަކާމެދު يقين ކުރާ ކަމުގައި އެއުރެން ވޫއެވެ." (32:24)
"އެއުރެންގެ މެދުގައި، حكم ކުރެއްވުމަށް اللَّه އާއި، އެކަލާނގެ رسول އާގެ އަރިހަށް އައުމަށް، އެއުރެންނަށް ގޮވައިލައްވައިފިހިނދަކު، مؤمن ންގެ ބަހެއްކަމުގައިވާކަން ކަށަވަރީ، ތިމަންމެން އަހައިފީމުއޭ، އަދި ތިމަންމެން ކިޔަމަންވެއްޖައީމުއޭ، އެއުރެން ބުނުމެވެ. އަދި ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ." (24:51)
"إنجيل ގެ أهل ވެރިން އެ إنجيل ގައި اللَّه ބާވައިލައްވާފައިވާ حكم ން حكم ކުރާހުށިކަމެވެ! އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ فاسق ންނެވެ." (5:47)
އިސްވެދިޔަ އެކި އެކި ދިރާސާތަކުންނާއި އާޔަތްތަކުން އެނގިގެންދަނީ ކަންކަން ހަވާލު ކުރެވިގެންދާ ފަރާތްތަކަކީ ކޮންމެވެސް ކަހަލަ ޝަރުތުތަކެއް ހުންނަންޖެހޭ ބަޔަކަށްވުމެވެ. އަދި މިފަދަ ޝަރުތުތައް، (މިސާލެއްގެ ގޮތުން އަދުލުވެރިކަން)، ނެތް ބަޔަކަށް ވެރިކަން ނުވަތަ މަޤާމްތައް ހަވާލު ކުރުމަކީ ނުހަނު ނުރައްކާތެރި ކަމެކެވެ. ކަން މިހެން ހުރުމާއެކު، ހުޅަނގުގެ ވިސްނުމާއި ފިކުރުގެ މައްޗަށް ބިނާވެގެން، ލީޑަރުން ނުވަތަ ވެރިންގެ ގޮތުގައި، ނުވަތަ ތަފާތު އެކި މަޤާމްތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެ ކިބާގައި އެކަށީގެންވާ ތަޢުލީމާއި އިސްލާމީ ލީޑާޝިޕެއްގެ ޝަރުތުތައް ހުރިތޯ ބެލުމަކީ ނުހަނު މުހިންމުކަމެކެވެ.