ކަދުރުން ރޯދަވީއްލުމަކީ އެންމެ އެދެވިގެންވާ ގޮތްބާ؟

މުޙައްމަދު ސާލިމް
މުޙައްމަދު ސާލިމް
1 އަހަރު ކުރިން
2 މިނިޓް

މި ލިޔުމުގައި އަޅުގަނޑު މި ހިއްސާކޮށްލަނީ ނިއު ޔޯކުގައި މަސައްކަތް ކުރައްވާ ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރު ހައިތަމް އަޙްމަދު، ރޯދަވީއްލުމާ ބެހޭ ގޮތުން ޓުވިޓާގައި ލިޔުއްވާފައިވާ ތުރެޑެއް (ކުރު ލިޔުމެއް)ގެ ކުރު ޚުލާސާއެކެވެ. މި ލިޔުމުގައި އަލިއަޅުވާލާފައި ވާނީ ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ އިރުޝާދާ އެއްގޮތަށް ރޯދަވީއްލުމަކީ ސައިންސްގެ އަލީގައި އެންމެ ރަނގަޅު ގޮތްތޯ ނުވަތަ ނޫންތޯ، މި ކަމަށެވެ.

ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެ ނަބަވީ އިރުޝާދުގައި ވަނީ ކަދުރުން ރޯދަވީއްލުމަށެވެ. ކަދުރު ނެތިއްޔާ ފެނުންނެވެ. އެއަށްފަހު ނަމާދެވެ. މި ތިން ބައި ސައިންސްގެ ބޮޑުވާބިއްލޫރިގަނޑުން ބަލައިލަމާ ހިނގާށެވެ.

ކަދުރު

ރޯދަވީއްލުމަށް އެންމެ އެކަށޭނަ އެއްޗަކީ ކަދުރެވެ. ސަބަބަކީތޯއެވެ؟ ކަދުރަކީ ނުހަނު ގިނަ ފައިދާކުރަނިވި މާއްދާތަކެއް އޭގައި އެކުލެވޭ މޭވާއެކެވެ. އެއީ ދިގު ރޯދައަކަށްފަހު ނުވަތަ ނުކައި ގިނަ އިރު ހުރުމަށްފަހު ހަށިގަނޑަށް އެންމެ ބޭނުންވާ މާއްދާތަކެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަސްކޮޅު އެ އިހުސާސްވާ ހައިހޫނުކަމާއި، ބޯއެނބުރުން ފަދަ ކަންކަމަކީ ލޭގައިވާ ހަކުރުގެ މިންވަރުމަދުވުމާއި، ކޮފީ ބޯ މީހުން އެއިން ކުއްލިޔަކަށް މަހުރޫމުވުމުން ދިމާވާ ކަންކަމެވެ. ކަދުރުގައިވާ ފްރަކްޓޯސް އަދި ގުލޫކޯޒަކީ (fructose and glucose)ލޭގެ ހަކުރުގެ މިންވަރު ވަރަށް އަވަހަށް މަތިކޮށްދީ ގައިގައި ވަރުޖައްސައިދޭ ދެ މާއްދާތަކެކެވެ. މިއީ ކަދުރަށް ފޮނި ރަހަ ދެނިވި މާއްދާތަކެވެ. އެހެންކަމުން، 3 ކަދުރު އޮށުން ލިއްބައިދޭ 30-45 ގުރާމް ހަކުރުން މީހާގެ ގައިގައި ވަރުޖައްސައިދެއެވެ. މީގެ އިތުރުން ކަދުރުގައި އެކުލެވޭ ޕޮޓޭސިއަމް (potassium)އަކީވެސް މުހިއްމު އިލެކްޓްރޯލައިޓެކެވެ. އަދި ވަކިން ޕޮޓޭސިއަމް ކާން ނުޖެހި ކަދުރުން އެބައި ފުއްދައިދޭކަމީ ކަދުރުގެ މޮޅުކަމެކެވެ. މެގްނީސިއަމް، ވިޓަމިން B6، ފައިބަރު (އަވަހަށް ބަނޑުފުރެން އެހީވެދޭ މާއްދާ) އަދި އެންޓި އޮކްސިޑެންޓްސް (ވިހަ މާއްދާތައް ނައްތާލަން އެހީވެދޭ މާއްދާ) ވެސް ކަދުރުގައި އެކުލެވިގެން ވެއެެވެ.

ކަދުރަކީ ކުޑަ މޭވާއެކެވެ. ނަމަވެސް ސައިޒާ އަޅާބަލާ އިރު އޭގެ އެކުލެވިގެންވާ ފައިދާކުރަނިވި މާއްދާތައް ނިސްބަތުން ގިނައެވެ. މީގެ އިތުރުން ގޮހޮރުން މާބޮޑު ޖާގައެއް ނުނަގައި އޭގެ ބޭނުން ފުއްދައިދޭތީވެ، ސައިންސުގެ އަލީގައި ރޯދަ ވީއްލަން އެންމެ ރަނގަޅު އެއްޗަކީ ކަދުރެވެ. ކަދުރު ފަދަ އެހެން މޭވާތަކުގެ ތެރޭގައި، އާފަލު، ވައްތީނި އަދި ޕެއާސް ހިމެނެއެވެ.

ފެން

ރޯދަވީއްލާ ހިނދު ބޯން އެންމެ ހެޔޮ އެއްޗަކީ ފެނެވެ. ކޯލާ އެއް ނޫނެވެ. ފުޅީގައި ނުވަތަ ޕެކެޓުގައި ހުންނަ ޖޫސް ޕައުޑަރެއް (ޓޭންގް، ފޯސްޓަ ކުލާކުސް، ސަންކުއިކް) ވެސް ނޫނެވެ. ޑިޓޮކްސް ބުއިންތަކެއްވެސް ނުމެނޫނެވެ. އެފަދަ ބުއިންތަކުން ހަމައެކަނި ލޭގެ ނުވަތަ ހަށިގަނޑުގެ ހަކުރުގެ މިންވަރު ކުއްލިޔަކަށް ބޮޑުތަނުން މަތިކޮށްލުން ފިޔަވާ އިތުރުކަަމެއް ނުކޮށްދެއެވެ. ކަދުރުގައި ހިމެނޭފަދަ ވިޓަމިން، މިނަރަލް، ފައިބަރ، އެންޓިއޮކްސިޑެންޓް ނުހިމެނެއެވެ. ހަމައެހެންމެ، ބަނޑު ފުފުން ފަދަ ކަންތައް ދިމާވެ، ކެއުމަށް އަސަރުކުރެއެވެ. އެހެންކަމުން، ކަދުރު ނެތިއްޔާ ރޯދަވީއްލުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އިރުޝާދު ދެއްވި ފެނަކީ އެންމެ އެކަށޭނަ ބުއިމެވެ.

އެއަށް ފަހު ކޯއްޗެއް؟

ކަދުރާއި، ފެނަށް ފަހު ދެން އެންމެ އެދެވިގެން ވަނީ ކުޑަ ބުރޭކެއް ނެގުމެވެ. އެއީ ގިނަ ސަބަބު ތަކަކަށްޓަކައެވެ.

  • - ރޯދަ ހިފުމުން ބަނޑު ނުވަތަ ގޮހޮރު ކުޑަވުމާއެކު، ކުއްލިޔަކަށް ބޮޑު ކެއުމެއް ކެއުމަށް އުނދަގޫވުން
  • - ހަޖަމުކުރުމަށް ފަސޭހަވުން: ކަދުރާއި ފެން ބުއިމުން ހަޖަމުކުރުމުގެ ނިޒާމަށް ހޭވެރިކަންވެއެވެ. ގެސްޓްރިން (gastrin)ކިޔާ ހޯމޯނެއް އުފައްދައި، ހަޖަމުކުރުމަށް ބޭނުންވާ މާއްދާތައް ގޮހޮރުގައި އުފައްދަން ފަށައެވެ. ކަދުރުކޮޅު ހަޖަމުވާން ފެށުމުން، އެންޓެރޯގެސްޓްރޯން (enterogastrone)ހޯމޯން އުފައްދައި، ލޭގެ ދައުރުވުމަށް އެހީވެދެއެވެ. ހަޖަމުކުރާ ނިޒާމުގެ މިހުރިހާ މަރުހަލާތަކަކީ، ކުރިއަށް އޮތް ކެއުމަށް ތައްޔާރުވުމަށް މުހިއްމު މަރުހަލާތަކެކެވެ.

މިއާ ޚިލާފަށް ރޯދަވީއްލާ ވަގުތު ބޮޑު ޖާފަތެއް ކާލައިފިނަމަ، ގޮހޮރަށް ދައުރުވާ ލޭގެ މިންވަރު އިތުރުވެ، ސިކުނޑިއަށްދާ ލޭގެ މިންވަރު ދަށްވެ "ފުޑް ކޯމާ" އަކަށް ދިއުމަށް މަގުފަހިވެއެވެ. ބަރުހެލިވެ، ލޮނޑުވެ، ބޯ އަނބުރައިގަންނަ ސަބަބަކީ މިއީއެވެ.

  • - ބަނޑުފުރުމަށް އެހީވެދިނުން: ކަދުރުން ރޯދަވީއްލުމަށް ފަހު ކުޑަ ބްރޭކެއް ނެގުމުން ހަށިގަނޑުގެ "ހަންގަރ (ހައިހޫނުކަމުގެ) ހޯމޯންސް" ރެގިއުލޭޓުކުރުމަށް ފަސޭހަވެއެވެ. ގްރެލިން (ghrelin)އަކީ ބަނޑުހައިވުމުން މައިދާއިން އުފައްދާ ހޯމޯނެކެވެ. އޭގެ މިންވަރު އެންމެ މަތިވާނީ ރޯދަ ވީއްލުމުގެ ކުރިންނެވެ. އަދި ރޯދަވީއްލުމުން ދަށްވެއެވެ. މި ހޯމޯންގެ މިންވަރު ދަށްވުމުން ބަނޑުފުރިއްޖެ ކަމުގައި ސިކުނޑިއަށް އަނގައެވެ. މިކަމަށް އާއްމުކޮށް ހޭދަވަނީ 45-60 މިނިޓެވެ. އެހެންކަމުން، ކަދުރު ކެއުމަށްފަހު ބުރޭކެއް ނެގުމުން ގޮހޮރާ ނުކުޅަދާނަ މިންވަރަށް ކެއުމަކީ ނާދިރުކަމެކެވެ.

އެހެންވީމާ، ކަދުރުން ރޯދަވީއްލުމަށް ފަހު، ބުރޭކަކަަށްފަހު ރަނގަޅު ކާނާ ކާކަމުގައިވާނަމަ ބަރުދަން އިތުރު ނުވާނެއެވެ. ގާތްގަނޑަކަށް 14 ގަޑިއިރުގެ ރޯދަ 30 ދުވަހަށް ހިފުމަށްފަހު ބަރުދަން އިތުރު ވުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އެހެންވާނަމަ، ކާތަކެއްޗާއި، ކެއުމުގެ ވައްޓަފާޅި އެއޮތީ އަލުން މުރާޖަޢާކުރަން ޖެހިފައެވެ.

ނަބަވީ އިރުޝާދުގައިވާ ފަދައިން، ކަދުރާއި ފެނުން ރޯދަ ވީއްލުމަށްފަހު، މަޢުރިބު ނަމާދުކުރުމުން މިބުނާ ބްރޭކު އެލިބުނީއެވެ. އެއަށްފަހު އިތުރަށް ކާން ބޭނުންވާ ނަމަ ކާށެވެ. އެކެއުމުގައި ހިމަނަންވީ ޕްރޮޓީން (މަސް، ބީންސް ފަދަ)، ކާބޯހައިޑްރޭޓްސް (ބަތް، ޕާން، ރޮށި (ހޯލް ގްރެއިން)، ވިޓަމިނާއި މިނަރަލްސް (މޭވާއާއި، ތަރުކާރީ)، އަދި މަދު މިންވަރަކަށް ފެޓްގެ (ތެޔޮ) ބާވަތްތަކެވެ. ނަމަވެސް ކާންވާނީ މެދުމިންވަރަކަށެވެ. އަނެއްކާމެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އިރުޝާދާ އެއްގޮތަށެވެ. ކެއުމަށް ތިންބައިކުޅަ އެއްބައެވެ. ބުއިމަށް ތިންބައިކުޅަ އެއްބައެވެ. އަދި ނޭވާލުމަށް ތިންބައިކުޅަ އެއްބައެވެ.

Copyright © 2024 Faaru News
Made with by Afeef & Noor