މިލިޔުމުގެ އަޞްލަަކަށް ބަލާފައިވަނީ ފަޟީލަތުއްޝައިޚު އައްދުކްތޫރު މަންނާޢުލް ޤައްޠާނު ލިޔުއްވާފައިވާ مباحث في علوم القرآن މިފޮތެވެ.
ޤުރުއާނުގެ ޢިލްމުތަކާއި ގުޅޭ ފަހުގެ ގިނަ ފޮތްތައް ހުޅުވާލައިފިނަމަ، އެއްމެ ފުރަތަމައިނުންވެސް ފެނިވަޑައިގަންނަވާނީ ޥަހީ ބާވައިލެއްވުމުގެ މަފްހޫމާއި، ޥަޙީ ބާވައިލެއްވޭ ގޮތްތަކަށް އަލިއަޅުވާލެވިފައިވަނިކޮށެވެ.
އެހެނީ ކީރިތި ޤުރުއާނަކީ މާތް ﷲ ގެ ކަލާމުފުޅެވެ. އެކަލާނގެ ޥަޙީ ބަސްފުޅެވެ. ވީމާ ޤުރުއާނުގެ މަފްހޫމާއި، ޤުރުއާނާއި ގުޅޭ ޢިލްމުތައް ދެނެގަތުމަށްޓަކައި ފުރަތަމައިނުންވެސް ބަލާލަންޖެހޭނީ ޥަޙީގެ މާނައަށެވެ.
ޢަރަބި ބަހުގައި ވަޙީގެ މާނައަކީ ކޮބާ؟
ޢަރަބި ބަހުގައި "އަލްވަޙީ" މިލަފްޒުން ދެމާނައެއް ދޭހަވެއެވެ. އެއީ:
1. ސިއްރު ސިއްރުން ނުވަތަ ޞަރީޙަނޫން ޢިބާރާތަކުން ދެކެވޭ ވާހަކަ.
2. އަވަސް އިޝާރާތް
މިގޮތަށް ވިސްނަނީނަމަ ވަޙީގެ ލުޣަވީ މާނަ އަކީ އެވާހަކައެއް ނިސްބަތްވާ ފަރާތަށް މެނުވީ ނޭންގޭނެފަދައިން (ވަކި ފަރާތަކަށް ޚާއްޞަކޮށްގެން) ކުރެވޭ އިޝާރާތެވެ. ނުވަތަ އެފަދައިން ވަންހަނާވެގެންވާ ގޮތެއްގައި ދެކެވޭ ވާހަކައެކެވެ.
ކީރިތި ޤުރްއާނުގައި "އަލްވަޙީ" ވާރިދުވެފައިވާ މާނަތައް:
ކީރިތި ޤުރްއާނުގެ 70 އެތައް ފަހަރަކު "އަލްޥަޙީ" މިލަފްޒު ވާރިދުވެގެން އައިސްފައިވެއެވެ. އެހެނަސް މިއިން ކޮންމެ ފަހަރަކު އިޝާރަތްވެގެން އަންނަނީ މާތް ﷲ ތަޢާލާ، ރަސޫލުބޭބޭކަލުންނާއި ނަބީބޭބޭކަލުންނަށް ބާވައިލައްވާފައިވާ ޥަޙީ ބަސްފުޅަކަށްނޫނެވެ.
މީގެ އިތުރަށް އަންނަނިވި މާނަތަކުގައި "ޥަޙީ" މިބަސްފުޅު ވާރިދުވެގެން އާދެއެވެ.
1. އިންސާނާގެ ހިތަށް އަންނަ އިލްހާމް.
ﷲ ތަޢާލާ ޥަޙީކުރެއްވިއެވެ. (( وَأَوْحَيْنَا إِلَىٰ أُمِّ مُوسَىٰ أَنْ أَرْضِعِيهِ )) القصص :7
މާނައީ: "އަދި ތިމަންރަސްކަލާނގެ موسى ގެފާނުގެ މަންމައަށް إلهام ކުރެއްވީމެވެ. ކަމަނާ އެކަލޭގެފާނަށް ކިރުފޮދު އަރުވާހުށިކަމެވެ!"
2. ޙައިވާނުންނަށް އެކަލާނގެ ކުރައްވާ އިލްހާމް.
(( وَأَوْحَىٰ رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ ((
النحل : 68
މާނައީ: ((ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަނދުރަށް إلهام ކުރައްވައި އެންގެވިއެވެ. ފަރުބަދަތަކުގައްޔާއި، ގަސްގަހާގެހީގައްޔާއި، މީހުން ހަދައިދޭ ބިނާތަކުގައި، ހަތާހަދައި އުޅޭށެވެ! ))
3. އަތުން ކުރާ އަވަސް އިޝާރާތް.
(( فَخَرَجَ عَلَىٰ قَوْمِهِ مِنَ الْمِحْرَابِ فَأَوْحَىٰ إِلَيْهِمْ أَن سَبِّحُوا بُكْرَةً وَعَشِيًّا )) مريم : 11
މާނައީ: "ފަހެ، އެކަލޭގެފާނު، ނަމާދުކުރައްވާތަނުން އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް ނުކުމެވަޑައިގަތެވެ. ދެން ހެނދުނާއި، ހަވީރު، تسبيح ކިޔަވައި އުޅުމަށް އެއުރެންނަށް إشارة ން އެންގެވިއެވެ."
4. ޝައިޠާނާ އިންސާނުންނަށް ދޭ ވަސްވާސް.
(( وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَىٰ أَوْلِيَائِهِمْ لِيُجَادِلُوكُمْ )) الأنعام : 121
މާނައީ: "އަދި ހަމަކަށަވަރުން، ތިޔަބައިމީހުންނާ جدل ކުރުމަށް شيطان ން އެއުރެންގެ ވާގިވެރިންނަށް ވަސްވާސް ދޭނެއެވެ."
5. ﷲ ތަޢާލާ މަލާއިކަތުންނަށް އަންގަވާ އެންގެވުންތައް
(( إِذْ يُوحِي رَبُّكَ إِلَى الْمَلَائِكَةِ أَنِّي مَعَكُمْ فَثَبِّتُوا الَّذِينَ آمَنُوا )) الأنفال : 12
މާނައީ: ކަލޭގެފާނުގެ ވެރިރަސްކަލާނގެ ملائكة ންނަށް وحي ކުރެއްވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ވޮޑިގެންވަނީ، ތިޔަބައިމީހުންނާ އެކުގައެވެ. ފަހެ، إيمان ވި މީހުންނަށް ސާބިތުކަން ދެއްވާށެވެ!
ޝަރުޢީ ގޮތުން ވަޙީގެ މާނަ:
އިސްލާމްދީނުގެ ޝަރުޢުގައި ވަޙީއަކީ :
1. ﷲ ތަޢާލާ އެކަލާނގެ ނަބިއްޔުންގެ ތެރެއިން ނަބިއްޔަކަށް ޝަރުޢީ ޙުކުމެއް ނުވަތަ އެފަދަ ކަމެއް، އެހެނިހެން މީސްތަކުންނަށް ވަންހަނާވެގެންވާފަދަ ގޮތަކަށް އެންގެވުމެވެ.
ނުވަތަ
2. ﷲ ތަޢާލާ، އެކަލާނގެ ނަބިއްޔުންގެ ތެރެއިން ނަބިއްޔެއްގެ މައްޗަށް އެކަލާނގެ ބަސްފުޅު ބާވައިލެއްވުމެވެ.
ވަޙީ ބާވައިލެއްވުމަކީ ބުއްދި ޤަބޫލުކުރާ ކަމެއް ހެއްޔެވެ؟
ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިންސާނީ ނަސްލުވަނީ ޢިލްމީ އެތައް ގޮތަކުން ކުރިއަރާފައެވެ. މިގޮތުން ކުރެވުނު ޢިލްމީ މަސައްކަތްތަކާއި ތަޖުރިބާތަކުގެ ތެރެއިން، މިޢާލަމުގައިވާ ޙިއްސީ ތަކެތީގެ އިތުރަށް އަޅުގަނޑުމެންނަށް ނުފެންނަ ޣައިބުގެ ޢާލަމެއް (ނުވަތަ ނުފެންނަ، ވަންހަނާވެގެންވާ ބާރުތަކެއް) ވާކަން އެނގިގެންދިޔައެވެ. ކަރަންޓާއި، ދަގަނޑާއި ދަގައްފާނާއި، ގްރެވިޓީ ފަދަ ހުރިހާ ބާރަކީވެސް އޭގެ އަސްލު ލޮލަށް ނުފެނުނު ކަމުގައިވިޔަސް އޭގެ އަސަރުތައް ބަޔާންވެ އެނގިގެންވާ ބާރުތަކެކެވެ.
މިބީދައިން ވިސްނާ ފިކުރުކޮށް މިދުނިޔެއާއި މިދުނިޔޭގައި ވާހާ ތަކެއްޗަށް ނަޒަރު ހިންގާލައިފިނަމަ މިކައުނު ހިންގަވާނެ ކަލަކު ޔަޤީނުންވެސް ވާކަން ޤަބޫލުކުރެވެއެވެ. އަދި އެކަލާނގެ މިދުނިޔެ ހިންގަވަނީ ވަކި އިންތިޒާމެއްގެ ދަށުންކަންވެސް އެނގިގެންދެއެވެ. މިހެންކަމަށް ވަނީނަމަ އެކަލާނގެ އަޅުތަކުންގެ ތެރެއިން އަޅަކު ޚާއްޞަ ކުރައްވާ އެބޭކަލަކަށް މިދުނިޔެ މަތީގައި އުޅެންވީ ގޮތުގެ ތަފްޞީލު ބާވައިލެއްވުމަކީ ދުރުގައިވާ ކަމެއްނޫނެވެ.
ނަބީބޭކަލުންނަށް ޥަޙީ ބާވައިލެއްވޭކަން އިޝާރާތްކުރައްވާ ﷲ ތަޢާލާ ޥަޙީކުރައްވާފައިވެއެވެ.
(( إِنَّآ أَوۡحَيۡنَآ إِلَيۡكَ كَمَآ أَوۡحَيۡنَآ إِلَىٰ نُوح وَٱلنَّبِيِّۧنَ مِنۢ بَعۡدِهِۦۚ وَأَوۡحَيۡنَآ إِلَىٰٓ إِبۡرَٰهِيمَ وَإِسۡمَٰعِيلَ وَإِسۡحَٰقَ وَيَعۡقُوبَ وَٱلۡأَسۡبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَٰرُونَ وَسُلَيۡمَٰنَۚ وَءَاتَيۡنَا دَاوُۥدَ زَبُورا﴿١٦٣﴾ وَرُسُلا قَدۡ قَصَصۡنَٰهُمۡ عَلَيۡكَ مِن قَبۡلُ وَرُسُلا لَّمۡ نَقۡصُصۡهُمۡ عَلَيۡكَۚ وَكَلَّمَ ٱللَّهُ مُوسَىٰ تَكۡلِيما ﴿١٦٤﴾ )) سورة النساء : 163،164
މާނައީ: "نوح ގެފާނަށާއި، އެކަލޭގެފާނުގެ ފަހުން ތިއްބެވި ނަބީބޭކަލުންނަށް، ތިމަންރަސްކަލާނގެ وحى އިއްވެވިފަދައިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށްވެސް وحى އިއްވެވީމެވެ. އަދި، إبراهيم ގެފާނަށާއި، إسماعيل ގެފާނަށާއި، إسحاق ގެފާނަށާއި، يعقوب ގެފާނަށާއި، އެކަލޭގެފާނުންގެ أسباط ންނަށާއި، عيسى ގެފާނަށާއި، أيّوب ގެފާނަށާއި، يونس ގެފާނަށާއި، هارون ގެފާނަށާއި، سليمان ގެފާނަށްވެސް، ތިމަންރަސްކަލާނގެ وحى އިއްވެވީމެވެ. އަދި، داود ގެފާނަށް ތިމަންރަސްކަލާނގެ زبور ދެއްވީމެވެ. ކުރިން އެ ރަސޫލުންގެ ވާހަކަ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވާފައިވާ رسول ންނާއި، ކަލޭގެފާނަށް އެ ރަސޫލުންގެ ވާހަކަ، ތިމަންރަސްކަލާނގެ ކިޔައިދެއްވާފައިނުވާ رسول ން، ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. މެދުވެރިއެއްނެތި موسى ގެފާނަށް اللَّه ބަސް وحى ކުރެއްވިއެވެ."