އެއްސަހަރެއްގައި މުސްކުޅި ދެމަފިރިއަކު އުޅުނެވެ. ފިރިމީހާ ދިރިއުޅުމަށް ކުރާ މަސައްކަތަކީ، ލާންދާ އުކުމެވެ. ލާންދާ އުކައިގެން ލިބޭ މަސްކޮޅުން ބައެއް ގެއަށް ބަހަޢްޓާފައި ދެންހުރި ބައި ބާޒާރަށް ގޮސް ވިއްކާލައެވެ. މިގޮތުގައި މިދެމަފިރިން އުޅެމުން ދިޔަ ދުވަސްތަކުގެ ތެރެއިން އެއްދުވަހަކު ހެނދުނުގެ ވަޤުތުގައި އާދައިގެ މަތިން ފިރިކަލޭގެ ލާންދާ އުކަން ދިޔައެވެ. މެންދުރުވީ އިރުވެސް މަހެއް ހިފޭގޮތެއް ނުވިއެވެ. އެކަމާ، ވަރަށް ދެރަވެގެން ގެއަށް އައުމަށް ވިސްނި އެވެ. ނަމަވެސް ފަހު، ފަހަރު ލާންދާ އެއްލާ މަހެއް ނުލިބިއްޖެއްޔާ ނޫނީ ނުދިއުމަށް ޤަޞްދުކޮށް ލާންދާ އެއްލިއެވެ. މިފަހަރު ދަލުގައި ހިފާދަމާލި އިރު، އާދަޔާ ޚިލާފަށް ބަރެވެ. ރަނގަޅު މަހެއް ދަލުގައި ޖެހުނީކަމަށް ބަލާފައި ލާންދާ ދަމާ ނެގިއިރު ދަލުގައި އޮޅިފައި އޮތީ ބޮޑު ރުނބައެކެވެ. އެ ރުނބާވަނީ ވަރަށް ރަނގަޅަށް މަތިޖަހާ ބަންދުކޮށްފައެވެ. ރަނގަޅު އެއްޗެއް ރުނބާ ތެރޭގައި ހުންނާނެކަމަށް ވިސްނާ ކެޔޮޅުކަލޭގެ ވަރަށް އުފާވިއެވެ. އެންމެފަހުން ރުނބާގައިވަނީ ކޮން އެއްޗެއްތޯ ބެލުމަށް ކެތްމަދުވެ، ހިލަގަނޑަކުން ތަޅައިގެން ރުނބާގެ މަތިގަނޑު ނެގިއެވެ. އެވަޤުތު ރުނބާގެ ތެރެއިން އޮލަ ދުންގަނޑެއް ނުކުންނަން ފެށިއެވެ. މިކަމާ ގަތްބިރުން ކެޔޮޅުކަލޭގެ ދުރަށްޖެހި ބަލަން ދުރުގާ ހުއްޓެވެ. އިރުކޮޅަކުން ދުންގަނޑުގެ ތެރެއިން ފައިދާވީ ބޮޑު އިފްރީތެކެވެ.
އެވަޤުތު އިފްރީތައް ކެއޮޅުކަލޭގެ ފެނުމުން ކެޔޮޅުކަލޭގެ ފަހަތުން ދުއްވައިގަތެވެ. އިސާހިތަކު ކެޔޮޅުކަލޭގެ އަތުލައިގަތުމަށްފަހު، ކާލަން ދިމާކުރުމުން ކެޔޮޅުކަލޭގެ ރޮއިގެންފާ ބުންޏެވެ. އަހަރެންނަކީ ހިކި އަނަރޫފަވެފައިވާ ބަލިކަށި މީހަކީމެވެ. އަހަރެން ކައިލާގެން ކަލޭގެ ބަނޑެއްވެސް ނުފުރޭނެއެވެ. ކެޔޮޅުކަލޭގެ ވާހަކަ އަޑުއަހާފައި އިފްރީތު ބުންޏެވެ. " އަހަރެން ރުނބާތެރޭގައި އޮންނަތާ މިހާރު އެއްޙާސް އަހަރުވެއްޖެއެވެ. މިހުރީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ." އެވަޤުތު ކެޔޮޅުކަލޭގެ ބުންޏެވެ. " ކަލޭ އެ ރުނބާތެރެއަށްލާ ހައްޔަރުކުރީ ކާކުހެއްޔެވެ؟ އިފްރީތު ބުންޏެވެ. އަހަރެން ސުލައިމާނުގެފާނަށް ނުކިޔަމަންތެރިވުމުން އަދަބު ދިނުމުގެގޮތުން ބަންދުކުރިއެވެ. އަދި ރުނބަޔަކަށްލާފައި ކަނޑަށް އެއްލާލެއްވީއެވެ. ކެޔޮޅުކަލޭގެ ބުންޏެވެ؟ ތިހާބޮޑު އެއްޗެއް މިހާ ކުޑަ ރުނބަޔަކަށް ލާނީ ކިހިނެއްހެއްޔެވެ؟ ކަލޭ ނިކުތީ އެ ރުނބާގެ ތެރެއިންކަމަށް ބުންޏަސް އަހަރެން ޤަބޫލެއް ނުކުރާނަމަވެ. އަހަރެން ބަލަހައްޓައިގެން ހުއްޓާ ނިކަން ރުނބާގެ ތެރެއަށް ވަދެބަލާށެވެ. މިއަޑުއަހާ އިފްރީތު ނިންމީ ކެޔޮޅުކަލޭގެއަށް އެކަން އަންގައިދިނުމަށް އެ ރުނބާގެ ތެރެއަށް ވަނުމަށެވެ. މިހެންވެ އިސާހިތަކު ދުންގަނޑެއް ބުރުވާލުމަށްފަހު، ރުބާގެ ތެރެއަށް ވަނެވެ. ތަންވަޅުބަލަން ކެޔޮޅުކަލޭގެ ހުރެފައި ދުވެފައިގޮސް، ރުނބާގެ މަތިއަޅާ ބަންދުކުރިއެވެ. އެވަޤުތު އިފްރީތައް ކެޔޮޅުކަލޭގެ މަކަރުވެރިކަން ވިސްނުނެވެ. އިފްރީތު ކެޔޮޅުކަލޭގެއަށް ބުންޏެވެ. އަހަރެން ސަލާމަތްކުރާށެވެ. އަހަރެން މިތަނުން ސަލާމަތްކޮށްދީފިނަމަ، ހެޔޮކަމެއް ކޮށްދޭނަމަވެ. އިފްރީތުގެ އާދޭހުގެ އަޑުއަހާފައި ކެޔޮޅުކަލޭގެ ހިތަށް އެރިއެވެ. އަހަރެންނަކީ އަދުތޯ މާދަންތޯ ވެފައިހުރި މީހެކެވެ. މިސޮރުގެ ފަރާތުން ފައިދާއެއް ވެއްޖެއްޔާ މިހާރު މިއުޅޭ ފަޤީރު ދިރިއުޅުން ރަނގަޅުވެސް ވެދާނެއެވެ.
މިހެން ހިތަށް އަރާ، ރުނބާގެ މަތިގަނޑު ނެގިއެވެ. އެވަޤުތު އޮލަ ދުންގަނޑަކާއެކު އެއްކަލަ އިފްރީތު ނުކުމެއްޖެއެވެ. އަދި ކެޔޮޅުކަލޭގެއަށް އަދަބުއަދާކޮށް ބުންޏެވެ. އަހަރެން ކަލެއަށް އިސްތައްޓެއް ދޭނަމެވެ. އިސްތައްޓަށް ހޫނުކޮށްލާއިރު އަހަރެން ހުންނާނީ ކަލޭގެ ގާތުގައެވެ. އަހަރެންގާތު އެދޭ ކޮންމެ ކަމެއް ލޯމަރާ، ލޯ ހުޅުވާލުމުގެ ކުރިން ކޮށްދޭނަމެވެ. މިއަދަށްފަހު، ކެޔޮޅުކަލޭގެ ޚާދިމެއްގެ ގޮތުގައި އަހަރެން ހުންނާނަމެވެ. އެއްވެސްކަމަކަށް ބޭނުން ވެއްޖެނަމަ، އިސްތައްޓަށް ހޫނު ކޮށްލާށެވެ. މިހެންބުނެ ބޮލުން އިސްތައްޓެއް އުފުރާލުމަށްފަހު، ކެޔޮޅުކަލޭގެ އަތަށް ދިނެވެ. ކެޔޮޅުކަލޭގެ ވީ އުފަލުން ގެއަށް ދިއައެވެ. އަދި މިވާހަކަތައް ފެށުނީއްސުރެ ނިޔަލަށް އަނބިމީހާއަށް ކިޔައިދިނެވެ.
ފިރިކަލޭގެ ދެއްކި ވާހަކަތައް އަޑުއަހާފައި އަނބިމީހާ ބުންޏެވެ. އަހަރެން މިހުރީ ވަރަށް ބޮޑަށް ބަނޑުހައި ވެފައެވެ. ކާނެ އެއްވެސް އެއްޗެއް ގެއަކު ނެތެވެ. ރެއިންސުރެ، މިހުރީ ނުކައެވެ. މިހެން ބުނެ، އިސްތައްޓަށް ހޫނު ކޮށްލިއެވެ. އެވަގުތު ބާރު އަޑުފަށަކާއެކު އިފްރީތު އަތުވެއްޖެއެވެ. ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ ކެޔޮޅުކަލޭގެ އަންހެނުން ބިރުން ބުނާނެ އެއްޗެއް ނޭނގުނެވެ. އެވަތު ކެޔޮޅުކަލޭގެ ބުންޏެވެ. ބޭނުންވަނީ މީރު ކާބޯތަކެތިން ބަރާކޮށްފައިވާ ކާތަކެތީގެ ދޮލަނގެކެވެ. އިސާހިތަކު ފެނުނީ މިފަދަ ދޮލަނގެއް ކުރިމަތީގައި ހުއްޓައެވެ. ކެޔޮޅުކަލޭގެޔާއި އޭނާގެ އަންހެނުން ބަނޑުފުރާ ކެއުމަށްފަހު، ރޭނގަޑު ނިދަން އޮށޯތެވެ. ނިދަން އޮވެފައި އަނބިކަބުލޭގެ ކެޔޮޅުކަލޭގެއާ ދިމާޔަށް ބުންޏެވެ. މިހާރު އަހަރެމެން ބޯކެޔޮ އޮޅުން އަޅާފައިވާ ޖިފުޓިއެއްގައި ނިދަންވީ ކީއްވެގެން ހެއްޔެވެ. އިސްތައްޓަށް ހޫނުކުރަމާ ހިނގާށެވެ. ބޭނުންވަނީ ރީތި ގަނޑުވަރެކެވެ. ކެޔޮޅުކަލޭގެ ބުންޏެވެ. އިހަށް މިރޭ ނިދާށެވެ! ތިހާ އަވަސް އަވަހަށް ކަންކަމު ކިޔަން އަހަރެން ލަދުގަނެވެ. ނަމަވެސް އަނބި ކަނބުލޭގެ އޭނާގެ ބަސް ކުރުނުކޮށް ކިޔަން ފެށުމުން އެންމެފަހުން އިސްތައްޓަށް ހޫނުކޮށްލިއެވެ. އިސާހިތަކު އިފްރީތު އަތުއްވެއްޖެއެވެ. އަދި ބުންޏެވެ. މިހާރު ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ ކެޔޮޅުކަލޭގެ އަންހެނުން ބުންޏެވެ. އަހަރެމެން ބޭނުންވަނީ މިސަހަރުގެ ރަސްގެފާނުގެ ގަނޑުވަރާ ތަފާތު ނުވާނެ ފަދަ ގަނޑުވަރެކެވެ. މި ޖިފުޓިގަނޑުގެ ބަދަލުގައި މިފަދަ ފުރިހަމަ ގަނޑުވަރެއް ތައްޔާރު ކޮށްދޭށެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ރަސްގެފާނުގެ ގަނޑުވަރާ ތަފާތު ނުވާފަދަ ރީތި ގަނޑުވަރެއް ފަތިސްވުމުގެ ކުރިން ބިނާކޮށް ނިންމާލިއެވެ. ކެޔޮޅުކަލޭގެއާއި އޭނާގެ އަނބިމީހާ، އުފަލާ އަރާމުގައި މިގަނޑުވަރުގައި އުޅެމުންދެއެވެ.
ދުވަސްކޮޅެއް ފަހެވެ. ކެޔޮޅުކަލޭގެ އަންހެނުން އެއްރެއަކު ނިދަން އޮވެފައި ބުންޏެވެ. މީރުކާނާގެ ބާވަތްތައް އަހަރެންމެންނަށް ލިބެއެވެ. އަދި އެހާމެ ރީތި ގަނޑުވަރެއް އަހަރެމެންނަށް މިހާރު ވަނީ ލިބިފައެވެ. ނަމަވެސް އަހަރެމެން ދެމީހުން މިތިބީ މުސްކުޅިފައެވެ. އަހަރެން ބޭނުންވަނީ އަހަރެމެން ދެމީހުން ޒުވާންވާށެވެ. ކެޔޮޅުކަލޭގެ ބުންޏެވެ. އެދުނަސް ނުކުރެވޭ ކަންތައް ހުންނާނެއެވެ. ނަމަވެސް ކެޔޮޅުކަލޭގެ އަންހެނުން ގޮތްދޫނުކޮށް ޝަކުވާތައް އިތުރުކުރިއެވެ. އެންމެފަހުން ކެޔޮޅުކަލޭގެ އިސްތައްޓަށް ހޫނުކޮށްލިއެވެ. އެވަގުތު އިފްރީތު އައިސް ބުންޏެވެ. ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ ކެޔޮޅުކަލޭގެ އަންހެނުން ބުންޏެވެ؟ އަހަރެމެން ދެމީހުން މިވަނީ މުސްކުޅިވެ ގައިބާރު ދެރަވެފައެވެ. މީރު މޭވާތަކާއި ކާނާގެ ބާވަތްތަކާއި، ރީތިގަނޑުވަރުން ލިބެންވާ އުފާވެރިކަން ނުލިބެއެވެ. ބޭނުންވަނީ އަހަރެމެން ދެމަފިރިން ޒުވާންވުމެވެ. މިކަން ކޮށްދެވިދާނެ ހެއްޔެވެ؟ އެވަގުތު އިފްރީތު ދެއަތަކަށް ބޯ ހޫރާލިއެވެ. އަދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޒާތެއްގެ ތެޔޮފުޅިއެއް ހިފައިގެން އައިސް ބުންޏެވެ. މިރޭ ނިދުމުގެ ކުރިން ދެމީހުންވެސް މިފުޅިން ތެޔޮލާށެވެ. ނިދާ ތެދުވާއިރު ޒުވާންވާނެއެވެ. މިހެން ބުނެ އިފްރީތު ހިގައްޖެއެވެ. އަނެއްދުވަހު ނިދިން ހޭލެވުނު އިރު ދެމީހުންވަނީ ޒުވާންވެފައެވެ. މިކަމާވީ އުފަލުން އަނބިކަނބުލޭގެ ނަށަން ފެށިއެވެ. އަހަރެން ޒުވާންވީއެވެ. ލޯގަނޑު ކައިރިއަށް ގޮސް އެތައް އިރެއްވާންދެން ފަރިބެލިއެވެ. ހާދަ ރީއްޗެވެ. މަށަކީ މިހާރު ރާނީއެކެވެ.
އޭގެ ދުވަސްތަކެއް ފަހެވެ. ކެޔޮޅުކަލޭގެ އަންހެނުން ކެޔޮޅުކަލޭގެއާއި ދިމާއަށް ބުންޏެވެ. އަހަރެމެންނަށް ލިބިފައިވާ ނިޢުމަތްތައް ފިލައިގެން ހިނގައިދާނެކަމުގެ ބިރު ހީވެއެވެ. އިފްރީތު އަހަރެމެން ދެކެ ރުޅި އަތުވެއްޖެނަމަ، ނުވަތަ އިފްރީތު މަރުވެއްޖެނަމަ، މި އުފާވެރި ދިރިއުޅުން ފިލައިދާނެއެވެ. އެވަގުތު ކެޔޮޅުކަލޭގެ ބުންޏެވެ. ތިޔަކަމާ ކުރެވޭނެ ކަމެއް ނޯންނާނެއެވެ. އަނބި ކަނބުލޭގެ ބުންޏެވެ. އަހަރެން ހީލަތެއް ހަދާނަމެވެ. މިހެން ބުނެ އިސްތައްޓަށް ހޫނު ކޮށްލިއެވެ. ހަމަވަގުތުން އިފްރީތު ޙާޟިރުވިއެވެ. އަދި ބުންޏެވެ. މިހާރު ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ ކެޔޮޅުކަލޭގެ އަންހެނުން ބުންޏެވެ. ކަލޭ އަހަރެމެންނާ ރުޅިވެދާނެ އެވެ. ނުވަތަ މަރުވެދާނެއެވެ. މިދެކަމުން ކޮންމެ ކަމެއް ވިޔަސް އަހަރެމެންނަށް ލިބެމުންދާ ނިޢުމަތްތަކާއި، އުފާވެރި ދިރިއުޅުން ނެތިގެން ހިނގައިދާނެއެވެ. އެހެންކަމުން އަހަރެމެން ބޭނުންވަނީ ކަލޭގެ މަރުވުމާއި، ދިރުން އަހަރެންގެ އަތުގައި ބޭއްވުމަށެވެ. އެބާރު އަހަރެމެންނަށް ދޭށެވެ! މިވާހަކަތައް އަޑުއަހާފައި އިފްރީތު ރުޅިއަތުވެއްޖެވެ. އަދި ބުންޏެވެ. ނިޢުމަތަކީ މާތްﷲ ދެއްވާ އެއްޗެކެވެ. އަދި މަރުވުމާއި ދިރުއްވުމަކީވެސް އެކަލާނގެ ޒާތުފުޅަށް ޚާއްޞަވެގެންވާ ކަމެކެވެ. މިހިސާބުން އަހަރެންނާއި ކަލޭމެންނާއި ދެމެދުގައިވާ ގުޅުން ނިމުނީއެވެ. މިވަގުތުން ފެށިގެން ކަލޭމެން ދެމީހުންގެ ކުރީގެ ފަޤީރު ދިރިއުޅުމަށް ބަދަލުވާށެވެ. މިހެން ބުނުމާއެކު އިފްރީތު އެތަނުން ޣާއިބު ވެއްޖެއެވެ. ހަމައެވަގުތު އެއްކަލަ ރީތި ގަނޑުވަރު ގެއްލިއްޖެއެވެ. ފެންނަންހުރީ ބޯކެޔޮ އޮޅުން އަޅާފައިވާ ބާ ފަންޖިފުޓިގަނޑެވެ. އަދި ކުރިންވެސް ތިބިގޮތަށް ދެމީހުން މުސްކުޅިވެއްޖެއެވެ.
ވާހަކައިގެ ޢިބްރަތް
1 . ﷲ ގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިއްމުކަން
2. ﷲ ދެއްވާ ނިޢުމަތްތަކަށް ޝުކުރުވެރި ނުވާނަމަ އެ ނިޢުމަތެއް އެމީހުންގެ ކިބައިން ނެތިކުރައްވާނެކަން.
3. އަނެކުންގެ ކިބައިން ކަންކަމަށް އެދުމުގައި އަދަބުވެރިވާންވާނެކަން
4. ދަހިވެތިކަމާއި އަމިއްލަ އެދުން ބޮޑުވެއްޖެނަމަ އެކަމުގެ ގެއްލުމާ ކުރިމަތިލާން ޖެހޭނެކަން.
5. ހުރިހާކަމަކަށް ކުޅަދުންވަންތަ ފަރާތަކީ ﷲ ކަމާއި ވާގިވެރިކަން ލިބޭނީ ﷲ ގެ ޙަޟްރަތުންކަން.