ޚަރަދުކުރުމުގައި މެދުމިނުގައި ހިފަހައްޓާށެވެ.

ފޮޓޯ: ފްރީޕިކް / Racool_studio
އާމިނަތު ޒުހުދާ
އާމިނަތު ޒުހުދާ
3 އަހަރު ކުރިން
1 މިނިޓް

މާތްވެގެންވާ އިސްލާމްދީނަކީ، އިންސާނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ކުރަންވީ އެންމެ ފުރިހަމަގޮތް ބަޔާންކުރައްވާފައިވާ މަތިވެރި އިލާހީ ޝަރީއަތެވެ. އެހެންކަމުން، ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ދީނުގައި އަންގަވާފައިވާ ގޮތަށް އަމަލުތައް ބެހެއްޓުމަށް މަސައްކަތްކުރުމަކީ ދެދުނިޔޭގެ ކާމިޔާބާއި ފަލާޙު ލިއްބައިދޭނެ ކަމެކެވެ. ޚާއްޞަކޮށް ތިމާގެ މުދަލާއި ފައިސާ ރައްކާކޮށް ޚަރަދުކުރާ ގޮތަކީ، އޭގެ ސަބަބުން ތިމާގެ މުޅި ދިރިއުޅުމުގެ ކާމިޔާބާއި ނާކާމިޔާބު އެކަމާ ގުޅިލާމެހިފައިވާ ކަމެކެވެ.

މިއަދުގެ މުޖުތަމައު ބިނާވެފައިވާގޮތުން ކޮންމެ ފަރުދަކުވެސް ބޭނުންވާ އެތައް ކަންތައްތަކެއް އެބަހުއްޓެވެ. އެއްބަޔަކު އެމީހުންގެ ބޭނުންތައް ފުއްދުމަށްޓަކައި ރެއާދުވާލު ކެނޑިނޭޅި ބުރަ މަސައްކަތްކޮށް ފައިސާ އެއްކޮށް ރައްކާކުރެއެވެ. އަނބި ދަރިންނާއި އާއިލާއަށް ދޭންވާ ވަގުތުވެސް ދިނުމެއްނެތި  މުދަލާއި ފައިސާ އެއްކުރުމުގައި މަޝްޣޫލުވެ އުޅެއެވެ. އެފަދަ މީހުންގެ ދުނިޔެއަކީ މުދަލާއި ފައިސާކަމުގައި ވެދެއެވެ.  އަދި އަނެއްބަޔަކު ލިބޭހާ ފައިސާއެއް، ފަހަށް ރައްކާކުރުމެއްނެތި އެއްވެސް ހައްދެއްނެތް ގޮތެއްގައި ހޭދަކުރަމުން ގެންދެއެވެ. ފަހުން ދިމާވެދާނެ ހާލަތަކަށް ވިސްނާލުމެއްނެތި، އިންތިއާއަށް ޚަރަދުބޮޑު ދިރިއުޅުމާއި ބޭކާރުގޮތުގައި މުދަލާއި ފައިސާ އިސްރާފުކުރަމުންދެއެވެ.  

މި ދެހާލަތުގައިވެސް ވިސްނާ ފިކުރުކުރަންޖެހޭ ވަރަށް މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. އިންސާނުންގެ މުދަލާއި ފައިސާ ހޭދަކުރުމުގައި އަމަލުކުރަންވީ މެދުމިނުގައިކަން ކީރިތި ޤުރްއާނުގައި ވަރަށް ސާފުކޮށް ބަޔާންކުރައްވާފައި ވެއެވެ. އަލްއިސްރާއު ސޫރަތު 29 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ "ތިބާގެ ކަނދުރާއާއެކު ކަސްތަޅު އެޅިގެންވާ އެއްޗެއްކަމުގައި، ތިބާގެ އަތްނުހަދާށެވެ! އަދި އެއަށް މުޅިން ފަތުރައިވެސް ނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، ހިތާމަލިބިގެންވާ ޙާލު ތިބާ އިންނަން ޖެހިދާނެއެވެ."

"ތިބާގެ ކަނދުރާއާއެކު ކަސްތަޅު އެޅިގެންވާ އެއްޗެއްކަމުގައި، ތިބާގެ އަތްނުހަދާށެވެ! އަދި އެއަށް މުޅިން ފަތުރައިވެސް ނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، ހިތާމަލިބިގެންވާ ޙާލު ތިބާ އިންނަން ޖެހިދާނެއެވެ.

އެންމެ ފުރަތަމަ " ތިބާގެ ކަނދުރާއާއެކު ކަސްތަޅު އެޅިގެންވާ އެއްޗެއްކަމުގައި، ތިބާގެ އަތްނުހަދާށެވެ!" މިހެން އޮތުމުން، ދުނިޔޭގައި އަޅުގަނޑުމެން މުދާއެއްކޮށް ރައްކާކުރިކަމުގައިވިޔަސް، ދަހިވެތިކަމާއެކު އެކަން ނުކުރުމަށް ސަމާލުކަންދޭން ޖެހޭކަން އެނގިގެން ދެއެވެ.  އެހެންކަމުން ތިމާގެ ހައްޤުތައް އެ މުދަލުގައި ވާފަދައިން، ނިކަމެތި ފަގީރުންގެ ހައްގުތައް އޭގައިވާކަމާއި އެ ހައްޤު އެފަރާތްތަކަށް އަދާކުރުމަށް ބާރުއަޅުއްވާ މިންވަރުވެސް  ހާމަވެގެން އެބަދެއެވެ.

އަދި ހަމަމިއާއެކު " އަދި އެއަތް މުޅިން ފަތުރައިވެސް ނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، ހިތާމަލިބިގެންވާ ޙާލު ތިބާ އިންނަން ޖެހިދާނެއެވެ" މި އަމުރުފުޅުން ޚަރަދުތައް ކުރުމުގައި އެއްވެސް ހިފެހެއްޓުމެއް ނެތްނަމަ، އާޚިރުގައި އެމީހެއްގެ އަތްމަތި ހުސްވެ ނިކަމެތިވެގެންދާނެގޮތް ވަރަށް ސާފުކޮށް ބަޔާންކުރައްވާފައި އެބަވެއެވެ. އެމީހެއްގެ ދިރިއުޅުމުގެ ހާލަތު ދަށަށްގޮސް، ނިކަމެތިވެ މީހުންގެ މަލާމާތާއި ފުރައްސާރަލިބޭ މީހަކަށް ވެގެން ހިނގައިދާނެކަން މިވަނީ އަންގަވާފައެވެ.

އެހެންކަމުން، ބަޔާންވެ ދިޔަފަދަ ހާލަތަކަށް ތިމާގެ ދިރިއުޅުމުގެ ހާލަތު ދިޔަ ނުދިއުމަށްޓަކާ، މެދުމިނުގައި ޚަރަދުކުރުމަށް ނަފްސު ތަރުބިއްޔަތު ކުރުވަންޖެހެއެވެ. ޚަރަދުކުރުމުގައި އަމަލުކުރާނެ ހަރުދަނާ ގޮތަތަކެއް ރާވާ އެއަށް އަމަލުކުރަން އާދަކުރަންޖެހެއެވެ. އަދި އެންމެ ކުޑައިރުއްސުރެ ދަރިންނަށްވެސް މިކަން ދަސްކޮށްދީ އެ ކުދިންގެ ގައިގާ އެ އާދަ ހަރުލައްވަން މަސައްކަތްކުރަންޖެހެއެވެ.

Copyright © 2024 Faaru News
Made with by Afeef & Noor