މާތްﷲގެ ރަހުމަތުން އަޅުގަނޑުމެންނަށްޓަކައި ވަނީ، ރަމަޟާންމަހުގައި، މާތްވެގެންވާ ރެއެއް ކަމުގައިވާ ލައިލަތުލް ޤަދްރި ލައްވާފައެވެ. އެރެއެއްގައި ޖިބްރީމްގެފާނާއި އެންމެހާ މަލާއިކަތުން ﷲގެ އަމުރުފުޅާއިގެން ބިމަށް ފައިބައި ވަޑައިގަންނަވާނެއެވެ.
ލައިލަތުލް ޤަދްރި ހާސިލް ވެއްޖެ މީހަކަށް ދެ މާތްކަމެއް ލިބެއެވެ! ދެ ފައިދާއެއް ލިބެއެވެ. އެއީ:
(1) އޭނާގެ އިސްވެ ދިޔަހާ ފާފަތައް ފުހެވިގެންދެއެވެ.
ޞައްޙަ ހަދީޘެއްގައި ވެއެވެ. "وَمَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ" މާނަ: "އީމާންކަމާއި ޘަވާބާއި ދަރުމައަށް އެދޭ ހާލު ލައިލަތުލް ޤަދްރީގައި ރޭ އަޅުކަން ކޮއްފިމީހެއްގެ އިސްވެ ދިޔަހާ ފާފައެއް ފުހެވެއެވެ." (ސުނަނުއް ނަސާއީ)
ނަމަވެސް މީހަކު މެރުން، ޒިނޭ ކުރުން، މަސްތުވާ ތަކެތި ބޭނުން ކުރުން ފަދަ ބޮޑު ފާފައަކަށް އަރައިގަނެފައި ވާނަމަ އެ ފާފައެއް ފުހެވުމަށްޓަކައި ތައުބާވުން ލާޒިމްވާނެއެވެ. ތައުބާވުމަށްޓަކައި ވެސް މިއީ ރަނުގެ ފުރުސަތެކެވެ. އެހެނީ ލައިލަތުލް ޤަދްރި ވިލޭރޭ ކުރާ ދުޢާ އިޖާބަވުން އަވަސްވެގެންވެއެވެ.
(2) އެއްހާސް މައްސަރުގެ ޘަވާބާއި ދަރުމަ ލިބެއެވެ.
އެއްހާސް މައްސަރަކީ ގާތްގަނޑަކަށް 83 އަހަރާއި 4 މަސްދުވަހެވެ. ލައިލަތުލް ޤަދްރި ވިލޭރޭގައި އަޅުކަން އަދާކޮށްގެން 83 އަހަރާއި 4 މަސްދުވަސް ވާންދެން މީހަކު ރޭ އަޅުކަން ކުރި ކަމުގެ ޘަވާބު ހޯދޭނެއެވެ. އަދި ކިއެއްހެއްޔެވެ؟ އެއަށްވުރެވެސް ގިނައިންނެވެ. އެހެނީ އާޔަތުގައި ވަނީ އެއްހާސް މައްސަރަށްވުރެވެސް ހެޔޮކަން ބޮޑުވެގެންވާ ވާހަކައެވެ.
"لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ" މާނައީ: "ليلة القدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ".
ލައިލަތުލް ޤަދްރި ވަނީ ރަމަޟާންކަމުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގައިއެވެ. އެއީ، 21، 23، 25، 27 އަދި 29 އެވެ. މީގެ ތެރެއިންވެސް އެންމެ އުއްމީދު ކުރެވެނީ 27 ވަނަ ވިލޭރެއެވެ. ނަމަވެސް މިއން ހަމަ ކޮންމެ ރެޔަކީ ވެސް ލައިލަތުލް ޤްދްރި ރޭކަމުގައި ވެދާނެއެވެ. ވުމާއެކު، މި ބޮޑުވެގެންވާ ހެޔޮކަން ލިބިގަތުމައްޓަކައި މި ފަސް ރޭގައި ހިތްވަރު ކޮށްލަމާ ހިނގާށެވެ!
އޭރޭގެ މާތްކަން ހާސިލް ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން:
1. ޢިޝާނަމާދާއި ފަތިސް ނަމާދު ޖަމާޢަތުގައި ކުރުން.
"مَنْ صَلَّى الْعِشَاءَ فِي جَمَاعَةٍ فَكَأَنَّمَا قَامَ نِصْفَ اللَّيْلِ وَمَنْ صَلَّى الصُّبْحَ فِي جَمَاعَةٍ فَكَأَنَّمَا صَلَّى اللَّيْل كُله" . رَوَاهُ مُسلم
މާނަ: "ޢިޝާ ނަމާދު ޖަމާއަތުގައި ކޮށްފިމީހާ، ރޭގަނޑުގެ ދެބައިކޮށްފައި އެއްބައި އަޅުކަންކުރި ފަދައެވެ. އަދި ފަތިސް ނަމާދު ޖަމާއަތުގައި ކޮށްފި މީހާ، މުޅި އެރޭ އަޅުކަންކުރިފަދައެވެ."
2. ތަރާވީސް ނަމާދު ކުރުން.
ޞައްޙަ ހަދީޘެއްގައިވެއެވެ. "إِنَّهُ مَنْ قَامَ مَعَ الإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ " (ترمذي، صحيح) "ހަމަކަށަވަރުން އިމާމުމީހާ ނަމާދުން ނިމިއްޖައުމަށްދާންދެން އޭނާއާއެކު (ތަރާވީސް ނަމާދު) ކޮށްފިމީހާއަށް އެރެއެއްގެ ރޭއަޅުކަން ލިޔުއްވޭ ހުއްޓެވެ."
3. ފާފަތަކުން ތައުބާވެ އިސްލާހުވުން.
"مَا مِنْ عَبْدٍ يُذْنِبُ ذَنْبًا فَيُحْسِنُ الطُّهُورَ ، ثُمَّ يَقُومُ فَيُصَلِّي رَكْعَتَيْنِ ، ثُمَّ يَسْتَغْفِرُ اللَّهَ إِلَّا غَفَرَ اللَّهُ لَهُ " (أبو داود، صحيح) މާނަ: "ފާފައެއް ކުރެވުމުން، ވުޟޫ ފުރިހަމައަށްކޮށް ދެން ތެދުވެ ދެ ރަކުޢަތުގެ ނަމާދެއްކުރުމަށްފަހު، އެ ފާފައެއް ފުހެދެއްވުމަށް އެދި ދަންނަވައިފިނަމަ، އެމީހެއްގެ ފާފަ ނުފުއްސަވާނެ ހަމަ އެކަކުވެސް ނުވެއެވެ."
4. ޤުރުއާން ގިނަ ގިނައިން ކިޔަވުން.
ރަމަޟާން މަހަކީ ޤުރުއާނުގެ މައްސަރެވެ. މި މައްސަރު މިހާ މާތްވީވެސް އަދި މި މައްސަރުގައި ވާ ލައިލަތުލް ޤަދްރީ މާތްވީވެސް ޤުރުއާނުގެ ސަބަބުންނެވެ. ވީމާ، މިރޭ ތަކުގައި ވީހާވެސް ގިނައިން ޤުރުއާން ކިޔެވޭތޯ ބަލަމާ ހިނގާށެވެ. ސަލަފުއް ޞާލިހުންގެ ބައެއް ބޭކަލުން، ފަހު ދިހައިގެ ކޮންމެ ރެޔަކު ހަތިމް ކުރައްވާ ކަމުގައި ވެއެވެ. އެވަރު އަޅުގަނޑުމެންނަށް ފަހަރެއްގައި ކުރަން އުދަގޫ ވެދާނެއެވެ. އެހެންކަމަށްވާނަމަ، އެންމެ ކުޑަމިނުން، މި ދިހަ ރޭ ހިތްވަރު ކޮށްލައިގެން ހަތިމެއް ކުރެވޭތޯ ބަލަމާ ހިނގާށެވެ!
ހައިޟު ވެރިޔާއަށްވެސް ޤުރުއާން ކިޔެވިދާނެއެވެ. އެއީ ހަތިމް ކުރަން ކިޔަވާ ކިޔެވުމެއްގެ ގޮތުގައި ކިޔެވި ނަމަވެސްމެއެވެ. ހައިޟުވެރިޔާއަށް މަނާވެގެންވަނީ މުސްހަފުގައި ބީހުމެވެ.
5. ޛިކުރުގެ މަތީގައި ގިނަ ވަގުތު ހޭދަކުރުން.
ރަސޫލާ ހަދީޘްކުރައްވާފައިވެއެވެ. "لَا أُنَبِّئُكُمْ بِخَيْرِ أَعْمَالِكُمْ وَأَزْكَاهَا عِنْدَ مَلِيكِكُمْ؟ وَأَرْفَعِهَا فِي دَرَجَاتِكُمْ؟ وَخَيْرٍ لَكُمْ مِنْ إِنْفَاقِ الذهبِ والوَرِقِ؟ وخيرٍ لكم مِنْ أَنْ تَلْقَوْا عَدُوَّكُمْ فَتَضْرِبُوا أَعْنَاقَهُمْ وَيَضْرِبُوا أَعْنَاقَكُمْ؟» قَالُوا: بَلَى قَالَ: "ذِكْرُ اللّه" (ترمذي، صحيح)
މާނަ: "ތިޔަ ބައިމީހުން ކުރާ ޢަމަލު ތަކުގެ ތެރެއިން އެންމެ ހެޔޮކަންބޮޑު ޢަމަލަކީ ކޮބައިކަން ބަޔާންކޮށްދެއްވަންތޯއެވެ؟ އަދި އެއީ، މާތްﷲގެ ހަޟްރަތުގައި އެންމެ ތޯހިރު، އަދި ދަރަޖައިގެ ގޮތުންވެސް އެންމެ މަތިވެރި ޢަމަލެވެ. އަދި އެ ޢަމަލު، ﷲގެ މަގުގައި ރަނާއި ރިހި ހޭދަކުރުމަށްވުރެވެސް މާތްވެގެންވެއެވެ. އަދި ކާފަރުންނާއި ބައްދަލުވެ ހަނގުރާމަކުރުމަށްވުރެވެސް އެ ޢަމަލު ހެޔޮވެގެންވެއެވެ." ޞަހާބީން އާދޭހޭ ދެންނެވުމުން ހަދީޘްކުރެއްވިއެވެ. "އެއީ ﷲގެ މަތިން ޛިކުރު ކުރުމެވެ."
ޛިކުރު ކުރުމަކީ ﷲގެ މަތިން ހަނދުމަކުރުމެވެ. އެގޮތުން ގިނަގިނައިން ޛިކުރު ކިޔުން ޝަރުޢުވެގެންވެއެވެ. އެގޮތުން މިސާލަކަށް އަންނަނިވި ޛިކުރުތައްވެސް ކިއިދާނެއެވެ. (سُبْحَانَ اللَّهِ)، وَ(الْحَمْدُ لِلَّهِ)، وَ(لاَ إِلَهَ إِلاَّ اللَّهُ)، وَ(اللَّهُ أَكْبَرُ) وَ(لَا حَولَ ولَا قُوَّةَ إِلَّا بِاللَهِ)
ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނެވެ! މާތްﷲގެ ފަޟްލަވަންތަކަމުން އަޅުގަނޑުމެންނަށްޓަކައި، މި ރަމަޟާންމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވައި ދެއްވާ، ނަރަކައިގެ ދޮރުކޮޅުތައް ބަންދުކުރައްވާ ތަޅުލައްވާ، އުޑުގެ ދޮރުކޮޅުތައް ހުޅުއްވާއިދެއްވާ، ޝައިޠާނުންތައް ކަސްތޮޅު އަޅުއްވާދެއްވާ، 1000 މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް ލައްވާ، އަދި އެރޭ ހޯދުން ފަސޭހަކޮށްދެއްވުމަށްޓަކައި ފަހުދިހައިގެ އޮނަހިރި ރޭތަކުގައި ލައްވަވާފައި، ދެން އެއަށްފަހު ހެޔޮކަމަށް އެދޭ މީހާ އަވަސްވެ ގަތުމަށް ގޮވާ ލެއްވީމާ ދެންވެސް އަޅުގަނޑުމެންވީ އެރޭ ހާޞިލްކުރުމާއި މެދު ހަމަ ފަރުވާ ކުޑަކޮށްލަންތޯއެވެ؟!