ލެންޓާންގެ ފުރަތަމަ "އިޙްޔާ ގިމަން" ނިންމާލެވިއްޖެ، އަލްޙަމްދުލިﷲ!

މަކުނުދޫގައި ކުރިއަށް ގެންދެވުނު އިޙްޔާ ޕްރޮގުރާމްގެ ތެރެއިން / ފޮޓޯ: އަޙްމަދު ފާރިޟް
ލެންޓާން
ލެންޓާން
3 އަހަރު ކުރިން
1 މިނިޓް

މި ނިމިދިޔަ ހަފްތާ ބަންދަށް ލެންޓާންއިން ރޭވި އިޙްޔާ ގިމަން، ﷲގެ ރަޙްމަތްފުޅާއި އެކު ނިންމާލެވިއްޖެއެވެ.

ޖުމްލަ 3 ރަށެއްގައި މި ޕްރޮގްރާމް ޖެއްސުންއިރު، ހިތްހަމަޖެހޭ ވަރުގެ އޯޑިއަންސެއް މި ޙަރަކާތަށް ލިބިގެން ދިޔަކަމީ އަޅުގަނޑުމެން އުފާކުރާކަމެކެވެ.

އިޙްޔާ ގިމަންގެ ފުރަތަމަ މަންޒިލަކީ ށ. ކޮމަންޑޫއެވެ. ކޮމަންޑޫ އިސްދަރިވަރުންގެ ޖަމުޢިއްޔާގެ އިސްނެގުމަށް، އެރަށު ކައުންސިލްގެ އެހީތެރިކަމާއި އެކު، އެރަށުގައި ވަނީ އަސުރު ނަމާދަށްފަހު އައްޝައިޚް އިބްރާހީމް ރާފިޢުގެ ދަރުހެއްގެ އިތުރުން އެރޭ ތަރާވީޙް ނަމާދަށްފަހު އެރަށު ސުކޫލް ހޯލުގައި އިޙްޔާ ޕްރޮގުރާމެއްވެސް ޖެއްސިފައެވެ. ށ. ކޮމަންޑޫގެ ޕްރޮގުރާމްތައް ކުރިއަށް ގެންދެވުނީ 29 އޭޕްރިލް 2021 ވީ ބުރާސްފަތިދުވަހުއެވެ.

30 އޭޕްރިލް 2021 ވީ ހުކުރު ދުވަހު އިޙްޔާ ގިމަން ކުރިއަށް ގެންދެވިފައިވަނީ ހދ. މަކުނުދޫގައެވެ. މަކުނުދޫގައި މި ޕްރޮގްރާމް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވީ މަކުނުދޫ ޔޫތް މޫވްމަންޓް (މީމް ޖަމުޢިއްޔާ) އިންނެވެ. މަކުނުދޫ ދަތުރަކީ ވަރަށް ކުއްލިގޮތަކަށް ރާވާ ފައިނަލްކުރެވުނު ދަތުރެކެވެ. މަކުނުދޫ މީމް ޖަމުޢިއްޔާގެ ފަރާތުން ބުރާސްފަތި ދުވަހު ގުޅިއިރު، ލެންޓާންގެ ދަތުރެއް ހުކުރު ދުވަހަށް ފައިނަލްވެފައިވުމުން، ފުރަތަމަ އޮތީ މަކުނުދޫއަށް ނުދާގޮތަށެވެ. އެހެންނަމަވެސް ހުކުރު ދުވަހު ލެންޓާންގެ އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތް ރަށުގައި، ދިމާވި ބައެއް ސަބަބުތަކާއި ހުރެ، ޕްރާގުރާމް ޖެއްސޭގޮތް ނުވެ ކެންސަލްވެފައި އޮށްވާ، މަކުނުދޫއިން ޕްރޮގްރާމް ކަންތަކާއި ގުޅީ ހުކުރު ދުވަހު ހެނދުނުއެވެ. ހުކުރަށް ވަރަށް ގާތްވެފައި އޮއްވާ މަކުނުދޫ ދަތުރު ފައިނަލްވުމުން، އެރަށުގައި ހަމައެކަނި ކުރިއަށް ގެންދެވޭ ގޮތްވީ އިޙްޔާ ޕްރޮގުރާމް އެކަންޔެވެ. އެހެންނަމަވެސް، އެއީ މި ރޯދަމަހު އަދި އެންމެ ބޮޑު އޯޑިއަންސެއް އެއްވި ލެންޓާންގެ އިޙްޔާ ޕްރޮގުރާމެވެ.

1 މޭ 2021 ވީ ހޮނިހިރު ދުވަހު ލެންޓާންގެ އިވެންޓްތައް ކުރިއަށް ގެންދެވިފައިވަނީ ނ. މަނަދޫގައެވެ. މަނަދޫ ސްމާޓް ސޮސައިޓީގެ އިސްނެންގެވުމަށް ރާވާ ހިންގުނު ހަރަކާތްތަކަށް އެއްބާރުލުން ދެއްވާފައިވަނީ އެރަށު ކައުންސިލް އިދާރާއިންނެވެ. މިގޮތުން މަނަދޫގައި އަސުރު ފަހުން ދެ މިސްކިތެއްގައި ދަރުސް ކުރިއަށް ގެންދުވިފައިވެއެވެ. ދަރުސްދެއްވީ ލެންޓާންގެ ދެ ޝައިޚުން ކަމަށްވާ، އައްޝައިޚް އިބްރާހީމް ރާފިޢު އަދި އައްޝައިޚް އަބުދުﷲ ޝަހީދުއެވެ. މަނަދޫ އިވެންޓްވެސް ނިންމާލީ އިޙްޔާ އިޙްޔާ ޕްރޮގުރާމަކުންނެވެ.

Copyright © 2024 Faaru News
Made with by Afeef & Noor