ލޯކަލް ޓޫރިޒަމް - ރަސްމީ ލިޔެކިޔުންތަކުގައި ރައްޔިތުންގެ އަޑު ކަނޑުވާލެވިފައި

41 މީހުން ބައިވެރިވި ރައްޔިތުންގެ ބައްދަލުވުން - ހުޅުދުއްފާރު ކައުންސިލް ފޭސްބުކް ޕޭޖުން ނެގިފައި
ޙުސައިން ޢަފީފު
ޙުސައިން ޢަފީފު
3 މަސް ކުރިން
4 މިނިޓް

ރަށުގެ ލޭންޑް ޔޫޒް ޕްލޭން ފާސްވިގޮތާއި މެދު ސޯސަލް މީޑިއާގައި ރަށުގެ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވެ އެކި ޝުއޫރުތައް ފާޅުކުރަމުންނެވެ. އެކި މީހުން އެކި ކަންކަމާއިމެދު ނުތަނަވަސްކަން ފާޅުކުރަމުންދާއިރު މި މައްސަލާގައި ކައުންސިލުން އަމަލުކުރި ގޮތް ވަރަށް ގޯސްކަމަށް އިހްސާސްކުރެވެއެވެ. މިސާލަކަށް ތިރީގައި މިވާ ދެތިން ހިޔާލުވެސް ފުދެއެވެ.  (ނޯޓް: މިތަނުގައި ހިމަނާލެވިފައިވާ ހުރިހާ ހިޔާލުތަކަކީވެސް ޕަބްލިކަށް ފެންނާނޭހެން ޖަހާފައިވާ ހިޔާލުތަކެވެ.)

ހާތިމް ޔޫސުފު - ފޭސްބުކް
އިބްރާހިމް ރާފިޢު - ފޭސްބުކް
މިންނާ ޢަބްދުލް ވައްހާބް - ފޭސްބުކް
މުޙައްމަދު ޒާހިދު - ފޭސްބުކް

ވުމާއިއެކު، އަޅުގަނޑު، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ބޭނުންހިފައި މަހޯލި ޕޯޓަލް މެދުވެރިކޮށް މިކަން ހިނގާދިޔަގޮތުގެ ތަފްސީލު ހޯދުމަށްޓަކައި، ރަށު ކައުންސިލަށް މައުލޫމާތު ހޯދުމަށް އެދި ހުށަހެޅީމެވެ. އަޅުގަނޑު ހޯދަން ހުށަހެޅި މައުލޫމާތަކީ ލޭންޑް ޔޫޒް ޕްލޭން ފާސްކުރި ބައްދަލުވުމުގެ ޔައުމިއްޔާއާއި އެކަމާޢި ގުޅިގެން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވުނު ބައްދަލުވުމުގެ ޔައުމިއްޔާއެވެ.

ދަންނަވަންތޯއެވެ! ޖަވާބުގައި ލިބުނު ޔައުމިއްޔާއަކީ ހަގީގަތުގަވެސް ކަންބޮޑުވާން ޖެހޭފަދަ ލިޔުމެކެވެ.

މި ޔައުމިއްޔާގައި ވާގޮތުން ޢާއްމުންގެ ޙިޔާލަށް ހުޅުވާލުމުން ރަށަށް ޓޫރިޒަމް ގެންނަ މައްސަލާގައި ރައްޔިތުން ފާޅުކުރި ކަންބޮޑުވުމަކީ ޓޫރިޒަމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ތުނޑި ރައްޔިތުންނަށް ބޭނުން ނުކުރެވޭ މައްސަލަ އެކަންޏެވެ. ތިޔަ ކިޔުނީ ހަމަ ރަނގަޅަށެވެ. ހައިރާންވާންޖެހޭކަމަކީ މިނޫން އެއްވެސް ޝަކުވާއެއް، ކަންބޮޑުވުމެއް އަދި ދެބަސްވުމެއްވެސް މިކަމާއި ގުޅިގެން ރައްޔިތުންގެ ފަރާތުން އައިސްފައިވާކަމަކަށް ޔައުމިއްޔާގެ އެއްވެސް ހިސާބެއްގައި ބަޔާންކޮށްފައެއް ނުވެއެވެ. މިއީ ސޯސަލް މީޑިއާއަށް ބަލާލާފައިވެސް ގަބޫލުކުރަން ދަތި ކަމަކަށްވާތީވެ، އެބައްދަލުވުމަށްދިޔަ ބައެއް ރައްޔިތުންނާއި ސުވާލުކޮށްލާ މައުލޫމާތު ހޯދީމެވެ. އެބޭފުޅުންގެ ބަސްތައް ތިރީގައިމިވަނީއެވެ.

"އަޅުގަނޑު ހަމަ ގައިމުވެސް ރިކުއެސްޓްކުރިން، ޓޫރިޒަމް ޒޯނުގެ 71 ޖަހާފަ ދެބައިކޮށްފަ އިންނަ ރޮނގުން އުތުރު ނުދޭން. އެބައި ޕްލޭނުން ނަގަން އެދުނިން. އެމަޝްވަރާގެ ތެރެއިން 71 ގަ ރޮނގެއްދަމާ ދެބަޔަށް ބެހީ. ފަހުން އެނިންމުން އެމީހުން އެނބުރީ އުތުރު އެއީ ފަހުންދޭ ބައެކޭ، ދެކުނުބައޭ ކުރިން ދޭނީ. ދެން އެމީހުން (ކައުންސިލުން) ބުނި ކޮންމެ ގޮތެއްވިޔަސް ލޭންޑް ޔޫޒް ޕްލޭންގަ ތަނެއް ކަނޑައަޅަން ޖެހޭ! ކަނޑަ ނާޅައިފިއްޔާ ރަށުގެ އެހެން ސަރަހައްދުތަކުގައި ކުރާ ގެސްޓްހައުސް ވިޔަފާރިފަދަ ކަންކަން ނުހުއްޓުވޭނޭ. އެކަމަކު އެތަން އެގޮތަށް ކަނޑައަޅައިފިއްޔާ އަހަރެމެންނަށް ބުނެވޭނޭ، އެތަނޭ އޮތީ ކަނޑައަޅާފައި، ވީމާ އެތާއޭ ގެސްޓްހައުސް ވިޔަފާރި ކުރަންޏާ ކުރެވޭނީ. އެކަމަކު ބައްދަލުވުމުގެ ފަހުން ސުވާލު ކުރީމަ ބުނަނީ އެގޮތަށް މަނައެއް ނުކުރެވޭނޭ އެއްވެސް މީހަކު ކުރާ ވިޔަފާރިއެއް". ސުކޫލު ޓީޗަރެއް ކަމުގައިވާ ޢަލީ ރާފިޢުއަށް މި ޔައުމިއްޔާ ދެއްކުމުން އެކަމާ ދެބަސްވަމުން ކިޔައިދިނެވެ. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މިއިން އެއްވެސް ކަމެއް ލިޔެކިޔުމަކުން ފެންނަން ނެތްކަމެވެ.

އަދި ނަން ނުޖެހުމަށް ޝަރުތުކޮށް އެ ބައްދަލުވުމަށް ހާޒިރުވި އިތުރު ތިން ބޭފުޅަކުވެސް ޢަލީ ރާފިއު އެ ގެނެސްދިން ގޮތަށް އެކަން ހިނގިކަމަށް ކިޔައިދިނެވެ. އަދި އެ ހިޔާލުގެ އިތުރުން، ޓޫރިޒަމްގެ ސަބަބުން ރަށުގެ އިޖުތިމާއީ އަޚްލާޤީ ދީނީ އެތައް މައްސަލަތައް އުފެދޭނެކަމަށާއި އެނޫން އިތުރު މަސައްކަތެއް އާމުދަނީ އިތުރުކުރުމަށް ކުރަން ނެތީތޯވެސް ސުވާލުކުރެވުނެވެ. ޖަވާބުގައި ކައުންސިލުން އިތުރު ކަންކަން ކުރެވޭނެކަމަށާއި އެހެނަސް ޓޫރިޒަމަށްވުރެ ނަފާ ބޮޑުކަމެއް ނެތްކަމުގައި ބުނިކަމުގައިވެއެވެ. އަދި 71 ދެބައިކޮށް އުތުރަށް އޮތްބައި ނުދޭން އެދުނީވެސް އެކަން ނުކުރާން އެދުނު އެދުމަށް އެއްވެސް ގޮތަކަށް ކައުންސިލުން އެއްބަސް ނުވުމުންނެވެ. އަދި ދެބައި ކުރުމަށްފަހު އުތުރަށް އޮތްބައި ރައްޔިތުންނަށް ޚާއްޞަ ރިޒާވްޑް އޭރިއާއަކަށް ހަދަން އެދުނުކަމަށާއި އެރޮނގު ކުރެހީ އެވާހަކަ ތަކުގެ ތެރެއިންކަމުގައި ބުންޏެވެ. އެހެނަސް ފާސްވިއިރު އެތަން ރައްޔިތުންނަށް ރިޒާވްކުރެވިފައިވާ ތަނަކަށް ހަދާފައިނުވާކަމަށާއި މުޅި ސަރަހައްދު ގެސްޓް ހައުސްއަށް ޙާއްސަކުރެވިފައިވާ ގޮތަށް ނިންމާފައިވާކަން ފާހަގަކުރިއެވެ.

މީގެ އިތުރުން ސުކޫލު ޓީޗަރެއް ކަމުގައިވާ އަލީ ޢާރިފު ރައްޔިތުންގެ ބައްދަލުވުމާއި ގުޅޭގޮތުން ސުވާލުކުރުމުން ބުނެފައިވަނީ ޔައުމިއްޔާގައިވާ ކަންބޮޑުވުމުގެ އިތުރުން، ގެސްޓް ހައުސް ވިޔަފާރި ފެށިއްޖެނަމަ ރަށުގެ ތެރޭގައި ގޯސްކަންކަމާއި މުންކަރާތްތަކަށް ދޮރު ހުޅުވިގެން ދާނެކަމަށް އެކި މީހުން ފާހަގަކުރި ކަމަށާއި، އުސޫލުތައް ހަރުދަނާވިޔަސް ފެންނަން އޮތީ އުސޫލުތަކާއި އެއްގޮތަށް ކަންކަން ކުރިޔަށް ނުދާތަން ކަމަށްވެސް ފާހަގަކުރިކަމަށެވެ. އަދި އަލީ އާރިފުވެސް، ގާނޫނުތަކާއި ގަވާއިދުތަކާއި ޕޮލިސީތައް ހުރެމެ ގިނަކަންކަން ދަނީ ނުރަނގަޅު މިސްރާބަކަށްކަން ފާހަގަކުރިކަމަށާއި އެރީތި ސަރަހައްދު ބީވުމުގެ އިތުރުން އިސްލާމީ އަދި ދިވެހި މުޖުތަމައަށް ނުފެތޭ އެތައްކަމެއް ފެނިގެން ދާނޭކަމަށް ފާހަގަކުރިމަށެވެ.

އަދި މިނޫނަސް މިކަމާ ގުޅިގެން ވާހަކަދެއްކި އެންމެންވެސް އެއްބަސްވާގޮތުގައި އެނޫން އެތައް ކަންބޮޑުވުންތަކެއް ފާހަގަކުރިކަމަށާއި އެއިންކަމަކަށް އެކަށީގެންވާ ޖަވާބެއް ނުދެވުނުތަނުގައި ކައުންސިލުން ބޭނުންވާގޮތް ދިފާއުކޮށް އެއްވެސް ދުލެއް ނުދީ ހިފެހެއްޓިކަމަށެވެ. އަދިވެސް އައްޝައިޚް އަބްދުﷲ ޝަހީދުއާއި އިތުރު ދެ ބޭފުޅަކު މައުލޫމާތު ދިންގޮތުގައި އެބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން ވާހަކަ ދެއްކި އެންމެންވެސް ރަށުގެ އެއްވެސް ތަނެއް އެއްވެސް މިންވަރަކަށް ގެސްޓް ހައުސް ވިޔަފާރިއަށް ދޭން ދެކޮޅުކަމަށާއި ހުރިހާ އެންމެންގެ ހިޔާލުވެސް ހުރީ އެކަން ނުކުރުމަށް ކަމަށެވެ. ތަން ދެބައިކުރުމާއި އިތުރު ގޮތްތައް ކިޔަން މަޖުބޫރުވީ ކައުންސިލުން އެއްވެސް ވަރަކަށް އެކަމަށް އިޖާބަނުދީ ދޫ ނުދިނުމުންނެވެ. އަދި މީގެ އިތުރުން އެއްވެސް ބައްދަލުވުމެއްގައި ރައްޔިތުންގެ ވޯޓަށް މިކަމުގައި އަހަން އެދުމުންވެސް އަހާފައިނުވާކަން ފާހަކުރިއެވެ.

އިސްވެ ދިޔަ ވާހަކަތަކުން އެނގެން އޮތްކަމަކީ މި ޔައުމިއްޔާއަކީ ފުރިހަމަ ޔައުމިއްޔާއެއް ނޫންކެމެވެ. އަދި މިއީ ވަކި ގޮތަކަށް ބައްޓަންވެގެން ވަކި ކަމެއް ހާސިލުކުރުމަށް ލިޔެވިފައިވާ ޔައުމިއްޔާއެއް ކަމެވެ. ކަންއޮތްގޮތް ސިއްރުކޮށް، އޮޅުވާލައިގެން ރައްޔިތުންގެ އަސްލު ޝުއޫރުތައް ފޮރުވައި، މިކަން ކުރުމަށް ހިއްޕާލާފައިވާ ބަޔަކަށް ކަންކަން ސަރުކާރުގެ ތެރެއިން ފަސޭހަކުރުމަށް ލިޔެފައިވާ ލިޔުމެއްކަމެވެ. އެހެނީ ޢަލީ ރާފިއު ދެންނެވި ގޮތުގައި އެ ބައްދަލުވުމުގެ ފަހުންވެސް ކައުންސިލާއިއެކު ބޭއްވުނު ބައްދަލުވުމެއްގައި 71 ދެބައިކޮށް އުތުރު ބައި ނުދޭން އެދުންކަމަށް ދެންނެވުމުން، އެފަދައިން ޢަލީ ރާފިއު ބުނެފައިވެދާނޭ ކަމަށް އެއްބަސްވާ ކަމަށާއި އެކަމަކު އެފަދައިން ބުނެފައިވާކަން ނޭންގޭ ކަމަށް ކައުންސިލުން ބުންޏެވެ. ވީމާ މި ހިޔާލުތައް ލިޔެވިގެން މިނުދަނީ އެހިޔާލުތަށް އޮއްބާލައި، ފަސްއަޅާ ފޮރުވަންކަން ސާފުވެއެވެ.

މިކަން އިތުރަށް ޔަގީންވާކަމަކީ މި ޔައުމިއްޔާގެ ނިންމުމުގައިވާ އިބާރާތްތަކުންނެވެ. އޭގައިވަނީ "މިބައްދަލުވުން ނިންމާލެއްވީ ބައްދަލުވުމުގެ އެޖެންޑާގައިވާ ކަންތައްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ސުވާލުކުރުމުގެ ގޮތުން ރައްޔިތުންނަށް ހުޅުވާލެވުނު ފުރުޞަތުގައި ރައްޔިތުންގެ ފަރާތުން ހުށަހެޅުނު ކަންބޮޑުވުންތަކަށް ހައްލުގެނެސްދީ ކައުންސިލްގެ ފަރާތުން ޖަވާބުދާރީ ވުމަށްފަހުގައެވެ." މިއީ އަޅުގަނޑު މިކަމާ ގުޅޭގޮތުން ވާހަކަ ދެއްކި އެ ބައްދަލުވުމަށް ދިޔަމީހުން އެއްބަސްވާ ކަމެއްނޫނެވެ. ސުވާލުތަކަށް ސީދާ ސާފު ޖަވާބު ނުދެވުމުގެ އިތުރުން ލޭންޑް ޔޫޒް ޕްލޭނާއި ގުޅޭ އެއްވެސް ކަމަކަށް އެކަށޭނަ ހައްލެއް ދައްކާފައެއްނުވެއެވެ. އެތަނަށް ދިޔަ ރައްޔިތެއްގެ ނަން ނުޖަހަން އެދެމުން ބުނީ، ކައުންސިލްގެ ޖަވާބުތައް ފުރިހަމަ ނޫންކަމަށާއި، ސީދާ ޖަވާބެއް ގިނަ ސުވާލުތަކަކަށް ނުދެވޭކަމަށެވެ. އަދި މުޅިންވެސް މަސައްކަތް ކޮށްފައިވަނީ ކައުންސިލުން ބޭނުންވާގޮތް ދިފާއުކުރަން ކަމުގައި ބުންޏެވެ.

ރައްޔިތުންގެ ހިޔާލުތައް ލިޔެކިޔުމުގައި ނެތް މައްސަލާގައި ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޝިފާޒަށް ގުޅުމުން ބުނީ ލޭންޑް ޔޫޒް ޕްލޭން ފާސްކުރި ބައްދަލުވުމުގެ ޔައުމިއްޔާގައި އެބައިތައް ހުންނާނޭ ކަމަށާއި، ރައްޔިތުންގެ ހިޔާލުތައް ލިޔެފައިވާ ޔައުމިއްޔާއެއް ފާސްކުރުމަށް ސޮއިކުރި ކަމަށެވެ. ނަމަވެސް މަހޯލި ޕޯޓަލުން ލޭންޑް ޔޫޒް ޕްލޭން ފާސްކުރި ބައްދަލުވުމުގެ ޔައުމިއްޔާއަށް އެދިފައިވާ އެދުމަށް އެފަދަ އެއްވެސް ޔައުމިއްޔާއެއް ލިބިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ރައްޔިތުންގެ ހިޔާލުތަކަށް ރިއާޔަތްކުރުމަކާއި ނުލާ، މިހާރު އޮތްގޮތަށް ލޭންޑް ޔޫޒް ޕްލޭން ފާސްކުރި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކައުންސިލްގެ ރައީސް މުޙައްމަދު ޢާތިފެވެ. އަދި ފެންނަކަމަށް ވޯޓުދެއްވީ:

1.      ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޝިފާޒް،

2.      ކައުންސިލްގެ މެމްބަރ އާމިނަތު ތަހުމީނާ، އަދި

3.      ކައުންސިލްގެ މެމްބަރ ނުހާ ޙުސައިންއެވެ. މި ބައްދަލުވުމަށް ކައުންސިލްގެ މެމްބަރ އިބްރާހިމް ރުޝްދާން ޙާޟިރެއްނުވެއެވެ.

ރައްޔިތުންނާއި ބެހޭ ކަންކަން ހިނގުމަށްޓަކައި ރައްޔިތުން ހޮވާފައިތިބޭ ވެރިންނަކީ ރައްޔިތުންގެ އިހްސާސްތަކާ ދިމާ އިދިކޮޅަށް ކަންކުރާ ބަޔަކަށްވުމީ ހިތާމަހުރި ކަމެކެވެ. ވައުދުތަކާއި ހުވާތަކާއި ވެގެން ގޮނޑިތަކަށް އަންނަނީ އެ ވައުދުތަކާއި ހުވާތައް ތަންފީޒުކުރުމަށެވެ. އަމިއްލަ އެދުންތަކާއި އެޖެންޑާތައް ކުރިޔަށް ނެރެ ހުދުމުޚްތާރުވާކަށް ނޫނެވެ.

ދަންނަވަންތޯއެވެ. އަދުގެ ރައްޔިތުންނަކީ އިހުނަށްވުރެ ހޭލުންތެރި ބައެކެވެ. އަމަލާއި ބަހާއި ދިމާނުވާނަމަ، ރައްޔިތުންގެ ބަސް އެއީ އަގެއްހުރި އެއްޗެއްކަމަށް ނުދެކޭނަމަ، ރައްޔިތުންގެ ބަސްތަކަށް ބީރުކަންފަތެއް ދޭނަމަ އަންނަ އިންތިހާބުތަކުގައި ރައްޔިތުން މިކަންކަން ހަނދާންކުރާނެއެވެ. ހާއްސަކޮށް ޕާޓީތަކުން މިކަން ހަނދާނުގައި ބެހެއްޓުން އައުލާކަން ބޮޑެވެ. މިއީ އޭނައެއް ނޫނޭ ބުނުމަކުން ޕާޓީގެ ޒިންމާ އަދާވިކަމުގައި ގަބޫލުކުރާނޭ މީހުން މަދުވާނެއެވެ.

Copyright © 2024 Faaru News
Made with by Afeef & Noor