ލޮބުވެތި ޢިލްމުވެރިންގެ ސަމާލުކަމަށް!

GETTY IMAGES
އަލްއަޚް އަޙްމަދު ޢަލީ
އަލްއަޚް އަޙްމަދު ޢަލީ
3 އަހަރު ކުރިން
2 މިނިޓް

ދާދިފަހުން އިންޑިއާގައި ކޮވިޑް ބަލީގައި މަރުވާ ހިންދީންގެ ހަށިތައް އަންދައި އެމީހުންގެ ޖަނާޒާ ކަންކަމުގައި މުސްލިމް ގްރޫޕްތައް ޙަރަކާތްތެރިވެ އުޅޭ މަންޒަރު ޓީވީތަކުން ފެނުމުން އެކަމާ ކަނބޮޑުވުން ފާޅުކުރި މުސްލިމް ޒުވާނަކު ބުނި " އަހަރެމެން ދަންނަ އިތުބާރު ހުރި ޢިލްމުވެރިން ބަޔާންކޮށްދޭ ގޮތުގައި ކާފަރުންގެ ހަށިތައް އަންދައިދީ އެބައިމީހުންގެ ޖަނާޒާގައި ބައިވެރިވުން މުސްލިމަކަށް ހުއްދަވެގެން ނުވެއެވެ. ނަމަވެސް ފަހަކަށް އައިސް މުޝްރިކުން އަދި ޣައިރު މުސްލިމުންނަށް އޯގާތެރިވުމާއި އަޅާލުމުގެ ވާހަކަ ޕޯޑިޔަމްތަކާއި ، ބައެއް އިލްމުވެރިން އެބޭފުޅުންގެ ވާހަތަކުގައި ބަޔާންކޮށް ، ބުނެދެއްވާގޮތުން ތަންދޮރުގެ ނޭގޭ މީހުންނަށް އީމާންކަމާއި ކާފަރުކަން ފަރަޤުކުރަން ނޭނގި ކުފުރުގެ ޢަމަލްތަކަކީ ކޮބައިކަން ނޭނގި ،  ނުރައްކާތެރި ކުފުރުގެ އަނދަވަޅުގެ ތެރެއަށް ވެއްޓެމުންދާތަން އެދަނީ ފެންނަމުންނެވެ .

އާދެ! އެޒުވާނާ ބުނިފަދައިން މިފަދަ ބައެއް ވާހަކަތަކުގެ ސަބަބުން ފަހަކަށް އައިސް ބައެއް މީހުންނަށް އިމާންކަމާއި ކާފަރުކަން ސިފަކުރެވެނީ ގުޅި ލާމެހި އެއްކޮށް މޮޑެފައިވާ ފުށްގަނޑެއްގެ ގޮތުގައެވެ.  ވީމާ ބައެއް ޢާންމު މީހުންގެ ނަޒަރުގައި ކާފަރުންގެ ޖަނާޒާގައި ބައިވެރިވެ އެބައިމީހުންގެ ހަށިތައް އަންދައިދީ ވެސް ހަދަންވީއެވެ . އެމީހުންގެ ދީނީ ހަފްލާތަކުގައި ބައިވެރިވެ އެމީހުންގެ ޢީދުތަކުގައި ތަހުނިޔާ ކިޔައިވެސް ހަދަންވީއެވެ. އަދި ހައިރާންވާންޖެހޭ ކަމަކީ މިފަދަ ކޮންމެ ކަމެއް ކުރުމަށް ހުއްޖަތަކަށް ނަގަނީ ދީނީ ބައެއް އިލްމުވެރިން ބަޔާންކޮށްދީފައިވާ އިސްލާމްދީނުގެ ސަމާހަތާއި އޯގާތެރިކަމުގެ މިސާލުތަކާއި އެފަދަ ދަލީލުތަކެވެ.

ދާދި ފަހުން އަޑުއިވެގެން މިދިޔައީ ރާއްޖޭގައި ދީނީ ދަރުސް ދިނުމުގެވެސް ހުއްދަ އޮންނަ ބޭފުޅަކު ނަޞަރާއިންގެ ކުފުރުގެ ޢީދެއްކަމަށްވާ "ކްރިސްމަސް" ތަހުނިޔާ ކިޔުމަކީ ދީނީ ގޮތުން މައްސަލައެއް ނޫންކަމަށް ދޭހަ ވާގޮތަށް ދެއްކި ވާހަކަތަކެކެވެ. އެފަތުވާ ނުލިބިގެން ކްރިސްމަސް ޕާޓީއަށް ދާންބޭނުންވެ ނުދެވިތިބި މީހުން އެބަހުގައި ހިފައިގެން ހުއްޖަތަކަށް ހެދިއިރު، އިލްމުވެރިޔާއަށް އެމުޚާޠަބް ކުރެވެނީ  ދީނީ ގޮތުން ކޮންފެންވަރެއްގައި އަދި ކޮންހާލަތެއްގައި ތިބިބައެއްކަމާއި މެދު ކުޑަކޮށްވެސް ވިސްނާލާފައިނެތެވެ.

ލޮބުވެތި ޢިލްމުވެރިން! ތިބޭފުޅުން ދެއްވާ ދަރުސްތަކުން ވަރަށް ގިނަ މީހުން ދަނީ ހެޔޮމަގަށް ރުޖޫއަވަމުންނެވެ. އަދި ހަމަ އެއާއެކު ތިބޭފުޅުންނަށް ވިދާޅުވެވޭ އެއްޗަކުން ބައެއްގެ ދީނީ ޢަޤީދާ ބަލިކަށިވެ ފުނޑުފުނޑު ވެގެންވެސް ހިނގައިދާނެކަމާ މެދު ބިރުވެތިވެ ރައްކާތެރިވާންވެސް ޖެހެއެވެ.

ލޮބުވެތި ޢިލްމުވެރިން!  ބަޔަކާ ގުޅުން ނުވަތަ ގާތްކަން ބޭއްވުމާ ގުޅޭގޮތުން ނުވަތަ ދީނުގެ ސަމާޙަތުގެ ވާހަކަ ކިޔައި ދެއްވާއިރު ދީނުގައި ގުޅުން ބާއްވަންޖެހޭ މިންގަނޑާއި  ބާއްވަންޖެހޭ ހިސާބަކީ ކޮބައި ކަން ތަފްސީލުކޮށް ބުނެދެއްވާށެވެ ! ﷲ އަށްޓަކައި ގުޅުން ޤާއިމު ކުރާ ވާހަކަ ބަޔާންކުރާއިރު ﷲ އަށްޓަކައި ގުޅުންކަނޑާލުމުގެ ބަޔަކީވެސް ދީނުގެ އުސޫލުތަކުގެ ތެރޭގައި އޮންނަ ބައެއް ކަން ބުނެދެއްވާށެވެ.

މުއުމިނުންނާއި ކާފަރުންގެ ތަފާތާއި ، އިމާންކަމާއި ކުފުރުގެ ވާހަކައާއި އިމާންކަމުގެ ހުރި ފޮނިމީރުކަމާއި ކުފުރުގެ ހުރި ބިރުވެރިކަމާއި ނުރައްކަލާއި އޭގެއިން ދުރުހެލިވެ ރައްކާތެރިވުމުގެ ވާހަކަތަކަކީ ކީރިތި ޤުރުއާނުގައިން އެމާނައިގައި އެންމެ ގިނަ ބަސްފުޅަތަށް ވާރިދުވެގެން އައިސްފައި މައުޟޫއެވެ .

ވީމާ މިމައުޟޫގައި މީސްތަކުންނަށް ކަމެއް ބުނެދެއްވާއިރު ހަމައެކަނި އެއް ކޮޅު ބުނެދިނުމުގައި ބަދަލުގައި ދެ ކޮޅުވެސް ބުނެދެއްވާ ތަފްސީލު ދެއްވުމަކީ ވަރަށް މުހިންމުކަމެކެވެ. އެހެނީ މިއީ މީސްތަކުންގެ އިމާންތެރިކަމާއި ޢަޤީދާގެ ސަލާމަތާއި ރައްކަލަކަށްޓަކައެވެ.

وَمَن يُشْرِكْ بِاللَّهِ فَكَأَنَّمَا خَرَّ مِنَ السَّمَاءِ فَتَخْطَفُهُ الطَّيْرُ أَوْ تَهْوِي بِهِ الرِّيحُ فِي مَكَانٍ سَحِيقٍ

އަދި اللَّه އަށް شريك ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ އުޑުން ވެއްޓި، ދޫނިތައް އެމީހާ ޖަހައިގަނެގެން ގެންދާ ނުވަތަ ވައިގެ ބާރުން ދުރުތަނަކަށް ވެއްޓިގެންދާ މީހެއްފަދައެވެ.

سورة الحج 31

Copyright © 2024 Faaru News
Made with by Afeef & Noor