މާހައުލުގެ ފަނޑިޔާރުން

އަބޫ ފާޠިމާ
އަބޫ ފާޠިމާ
2 އަހަރު ކުރިން
1 މިނިޓް

އެއްވެސް މީހަކީ ކުށުގައި ބަނދެވި އޭނާގެ ދިރިއުޅުން ބަރުބާދުކުރަން ބޭނުންވާނެ މީހެއް ނޫނެވެ. އެހެން ނަމަވެސް ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލި ނުވަތަ އެފަދަ އެކުވެރިނާ ޖެހި ކުށްވެރިއެއްގެ ލޭބަލް ޖެހިދެއެވެ. ހަމައެހެންމެ ފުރަތަމަ ކުރެވުނު ކުށާއެކު ޢާއިލާތެރެއިން ބާކީކުރެވި، ލޯތްބާއި އަޅާލުމުން މަޙުރޫމުވުމުގެ ސަބަބުންނާއި ކުރެވޭ ކުޑަކުޑަ ކުށެއްގެ އަދަބެއްގެ ގޮތުން ވަށައިގެންވާ "މާޙައުލުގެ ފަނޑިޔާރުން" އެނާގެ ނިއްކުރީގައި ކުށްވެރިޔެއްގެ ސިއްކަޖަހައި ޙުކުމްއިއްވާ ހިސާބުން ކުށުގެ ވެށީގައި ޣަރަޤުވާ މީހުން މަދެއް ނޫނެވެ.

ކުށްވެރިން އަލުން މުޖުތަމަޢުގެތެރެއަށް ގެންނަންޖެހޭ ވާހަކައާއި އިޞްލާޙުވާން ފުރުޞަތު ދޭންޖެހޭ ވާހަކައަކީ ވަރަށް ޢާންމުކޮށް ދެކެވޭ ވާހަކައެކެވެ. އެކަމަށް ވަކާލާތުކުރާ އަޑުތައްވެސް އެހާމެ ގަދައެވެ. މިކަމަށްޓަކައި ތަފާތު ޕްރޮގުރާމުތައް ހިންގި، ކުށްވެރިން އިޞްލާޙުވެ އަލުން މުޖުތަޢަށް ނުކުންނަކަން އުފަލާއެކު ފާހަނގަ ކުރަންޖެހެއެވެ. އޭގެތެރެއިން ބައެއް މީހުން މުޖުތަމަޢަށް ފައިދާހުރި ބަޔަކަށްވާކަމީވެސް އުފާވެރިކަމެކެވެ.

މިހުރިހާ ކަމަކާއެކުވެސް ވަރަށް ހިތި ޙަޤީޤަތެއް އެބައޮތެވެ. ކުށުގެ މާޙައުލު ދޫކޮށް އިޞްލާޙުވާން ބޭނުންވެ، ނުވަތަ އިޞްލާޙުވެގެން މުޖުތަމަޢަށް ނުކުންނަ "އާދައިގެ" ފަންތީގެ ޒުވާނުންނަށް މުޖުތަމަޢުގައި ދިމާވާ ހިތްދަތި ކަމެވެ. އޭނާއަކީ ކުށްކުރެވިފައިވާ މީހަކަށްވީތީ އޭނާ ދަށްކޮށްލާ ދަށްކޮށްލުމެވެ.

ކަމަކާ ކުރިމަތިލާ ކޮންމެ ފަހަރަކު އޭނާ ހަނދާން ކުރަން ބޭނުން ނުވާ އޭނާގެ މާޒީގެ ކަޅު ޞަފުޙާތައް އޭނާގެ ކުރިމަތީގައި އެއްލަމުން އެދަނީ އޭނާ ކުށްވެރިއެއްގެ ގޮތުގައި ވީދުވަހުވެސް އޭނާއަށް އެންމެ ގަނާކުރި "މާޙައުލުގެ ފަނޑިޔާރުން"ނެވެ. "ކަލޭ އޭރު އެހެން ނޫން ހެއްޔެވެ؟ ކުރީ މިކަން ނޫން ހެއްޔެވެ؟ އުޅުނީ އެވެނި މިވެނި ބަޔަކާއެކު ނޫން ހެއްޔެވެ؟"

މުޖުތަމަޢުގެ އެކި ދިމަދިމާއިން މިބައިމީހުން އައިސް އެނާ ވަށާލައެވެ. މިސްކިތަށް އެރިއްޔާ އެތަނުންނެވެ. "މިހާރު މާ ދީންވެރި މީހަކަށް ވެގެން އުޅޭނެކަމެއް ނެތެވެ. އޭރު އުޅެވުނު ގޮތް ހަނދާނެއް ނެތް ދޯއެވެ." ވަޒީފާއަކަށް ކުރިމަތިލައިގެން ވަޒީފާއެއް ލިބުނަސް އެ ފުރުޞަތުވެސް އެއްކަލަ ފަނޑިޔާރުންގެ ބާރުގައި ގެއްލުވާލަނީ މަދެއްކޮށެއް ނޫނެވެ. މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވެ، ޚިދުމަތެއް ކޮށްދޭން ކުރާ މަސައްކަތަށްވެސް ހުރަސް އަޅަނީ ހަމަ އެއްކަލަ ފަނޑިޔާރުންނެވެ. "ކަލޭތީ މަޝްވަރާ ދޭން ކާކު ހެއްޔެވެ؟ ކަލޭ ބަލައިގަންނަނީ ކޮންބައެއް ހެއްޔެވެ؟"

ޒަވާޖީ ޙަޔާތެއް ފަށަން ގަސްތުކޮށް ކައިވެންޏަކަށް އެދުމާއެކު، އެއްކަލަ ފަނޑިޔާރުން ނެރެލާ ފޮހެވުމެއް ނެތް ކުށުގެ ރިކޯޑުގެ ސަބަބުން އޭނާ އުފާވެރި ދިރިއުޅުމަކަށް ކުރި އުންމީދުވެސް ފުނޑުފުނޑުވެދެއެވެ.

ލިސްޓު ވަރަށްވެސް ދިގެވެ. ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައިވެސް އެއްކަލަ "އާދައިގެ ފަންތީގެ" ޒުވާނާއަށް މި އަނިޔާ އިންތިހާއަށް ލިބެއެވެ. މި ފަނޑިޔާރުންގެ ޙުކުމް އިސްތިޢުނާފުކޮށް މައްސަލަ އަލުން ބަލައި ދޭނެ އެހެން ފަނޑިޔާރެއް އެ ޒުވާނާއަކަށް ނެތެވެ.

ނަތީޖާއަކަށް ވަނީ ދިރުއުޅުންމަތިން ފޫހިވެ ގޮތް ހުސްވުމެވެ. މުޖުތަމަޢުގައި އެކަނިވެރިވެ ބާކީ ވުމެވެ. ދާނެ ދިމާއެއް ނޭނގި އަނބުރާ ކުށުގެ ވެއްޓަށް މިސްރާބުޖަހަނީ ކިތައް ޒުވާނުންތޯއެވެ؟

މި ތަފާތުކުރުން ނައްތާލާކަށް ނުވޭތޯއެވެ؟ އަބުރުވެރި ޝަރަފުވެރި ދިރިއުޅުމަކަށް އެ ޒުވާނުން އެ އެދޭ އެދުން ފުއްދުމުގައި މުޖުތަމަޢުގެ އެންމެންގެ އެއްބާރުލުން ދެމާ ހިނގާށެވެ. ކުށުގެވެށިން ނުކުންނަން އަޒުމުކުރާ ކޮންމެ ޒުވާނެއްގެ އަތުގައި ހިފަމާ ހިނގާށެވެ. އަމިއްލަ ދަރިއެއް ފަދައިން، އޭނާގެ ދިރިއުޅުން އާރާސްތުކުރަން ވެދެވެން އޮތް ކޮންމެ އެހީތެރިކަމެއް ވެދިނުމަކީ އުފަލަކަށް ހަދަމާ ހިނގާށެވެ. ދުޅަހެޔޮ މުޖުތަމަޢަކަށްޓަކައި "މާޙައުލުގެ ފަނޑިޔާރުން"ވެސް އިޞްލާޙުވާން އެބަޖެހެއެވެ.

Copyright © 2024 Faaru News
Made with by Afeef & Noor