الحمد لله، والصلاة والسلام على رسول الله. وبعد:
ދަންނަވާލަން މިއުޅެނީ މާކުރީގެ ވާހަކައެއް ނޫނެވެ. ދާދި ފަހަކުން އަޅުގަނޑު މަދީނާގައި ހޭދަކުރި ދުވަސްވަރު ޚުދު އަޅުގަނޑަށް ދިމާވެފައިވާ ކަމެއްގެ ވާހަކައެވެ.
އަޅުގަނޑު މަދީނާގައި ހޭދަކުރި ގާތްގަނޑަކަށް ހައެއްކަ އަހަރުގެ ތެރޭގައި ތަފާތު އެކި މިޒާޖުގެ، ތަފާތު އެކި ޞިފައިގެ މީހުންނާ ދިމާވެ ވާހަކަ ދެކެވުނެވެ. މިފަހަރުގެ ލިޔުން ޚާއްޞަކޮށްލަން މިއުޅެނީ އަޅުގަނޑުމެންގެ ނަބިއްޔާ صلى الله عليه وسلم ގެ މިސްކިތްކޮޅުން ދިމާވި ތަފާތު މީހަކަށެވެ.
އަޅުގަނޑުމެންގެ ޝެޑިއުލް އޮންނަގޮތުން ކޮންމެ ދުވަހެއްގެވެސް އަޞްރު ފަސް އޮންނަނީ ކޮންމެވެސް ދަރުހެއް އަޑު އެހުމަށްޓަކައި ނުވަތަ ޤުރްއާން ޙަލަޤާއެއްގައި އިށީއިނުމަށްޓަކައި ނުވަތަ ފިލާވަޅުތައް މުރާޖަޢާ ކުރުމަށްޓަކައި މަދީނާގައި ހުންނަ ނަބިއްޔާ صلى الله عليه وسلمގެ މިސްކިތްކޮޅަށް ދިޔުމަށް ހުސްކޮށްލެވިފައެވެ. އެހެން ކުދިންނެކޭވެސް އެއްގޮތަށް އަޅުގަނޑުވެސް އެކަލޭގެފާނުގެ މިސްކިތްކޮޅަށް ދިޔުމަށް ނުހަނު ސަމާލުކަން ދިނީމެވެ.
މިހެން ގޮސް އުޅުމުގެ ތެރޭގައި މިސްކިތުގައި އަޅުގަނޑު ޢާންމުކޮށް އިށީންދެ އިންނަ ހިސާބުން ވަރަށް ތަފާތު މީހަކާ ދިމާވިއެވެ. އެމީހާގެ ނަންތޯއެވެ؟ އަޅުގަނޑަކަށް ތިޔަ ސުވާލުގެ ޖަވާބެއް ނޭނގެއެވެ. އެކަމަކު އެމީހާ ލާ އުޅޭ ހެދުން، އެހެންމީހުން ލާއުޅޭ ހެދުމާ ތަފާތެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ހޭވިފައެވެ. ދަބަހެއްގެ ބަދަލުގައި ގެންގުޅެނީ ބާޒާރު ކޮތަޅެކެވެ. ބަލާބެލުމަށް ހީވަނީ ވަރަށް ފަޤީރު މީހެއް ހެނެވެ.
އެމީހާ ފެންނައިރު އަބަދުވެސް އިންނަނީ ޤުރްއާން ކިޔަވާށެވެ. މަޣްރިބް ބަންގި ގޮވަން ކައިރިވީމަ ޒަމްޒަމް ފެންތައްޓަކާއި ކަދުރުކޮޅެއް އަދި ކުޑަ ބަނަސްކޮޅެއް ހޯދައިގެން ކައިރިލައިގެން އިނދެއެވެ. ފަހަރެއްގައި އެ ބަނަސްކޮޅާއި ކަދުރުކޮޅު ނަގަނީ އޭނާގެ ކޮތަޅުންކަމަށް ވެދާނެއެވެ. ނުވަތަ ކޮންމެވެސް ސުފުރާއަކުން (ރޯދަވެރިން ރޯދަވީއްލުމަށްޓަކާ އަޅާލެވޭ ރަބަރުގަނޑެއްގެ މަތިން) ގެންދާ އެތިކޮޅަކަށްވެސް ވެދާނެއެވެ.
ކޮންމެއަކަސް އެމީހަކު އަޅުގަނޑާ ދިމާއަށް ވަރަށް ބަލާކަން އެނގެއެވެ. އެކަމަކު ވާހައެއް ނުދައްކައެވެ. އަޅުގަނޑުވެސް އިސްވެ ވާހަކަ ދައްކަން ނުކެރުނީއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އެއްދުވަހެއްގެ ހަވީރެވެ. އާދައިގެމަތިން އަޅުގަނޑު އިނީ އެއްޗެއް މުރާޖަޢާ ކުރާށެވެ. ދުވަހަކީ ވަރުބަލިކަން އިޙްސާސްކުރެވިފައިވާ ދުވަހެއްކަމުން އިރު އިރުކޮޅުން ތާޔާ ޖެހޭހެން ހީވެއެވެ. ކުއްލިއަކަށް ހޭވަރިކަންވީ މީހަކު އައިސް ކޮއްޓާލާފައި "ކޮއްކޯ މާ ވަރުބަލީތަ؟" މިހެން އެހި ހިސާބުންނެވެ. ޖަވާބެއް ނުދީ އަޅުގަނޑަށް އިނދެވުނީ އެމީހާ ސުވާލުކޮށްލިލެއް ގާތްކަމާއި އޯގާތެރިކަމުގެ ސަބަބުންނެވެ. އެމީހާ ސުވާލު ތަކުރާރު ކޮށްލިއެވެ. ޖަވާބުގައި ނޫނެކޭ ބުނެވުނީ ބޭ އިޚްތިޔާރުގައެވެ. އެމީހާ ސުވާލުތަކެއް އަމުނާލިއެވެ. "ކަމެއް ބޭނުންތަ؟ ކައިގެންތަ ތި އުޅެނީ؟ ޖާމިޢާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ)ގަތަ އުޅެނީ؟" އަޅުގަނޑުވެސް އިޙްތިރާމާއެކު ޖަވާބުތައް ދިނީމެވެ. އެމީހާ އަޅުގަނޑާ ވާހަކަ ދައްކަމުން ދިޔައިރު އަޅުގަނޑު ގެންގުޅުނު ފޮތް، ވަރަށް ސިއްރު ސިއްރުން ހުޅުވާލިހެން އަޅުގަނޑަށް ހީވިއެވެ. އިރުކޮޅަކު އިނދެލާފަ އެމީހާ ހިނގައްޖެއެވެ.
އެމީހާ ތަންކޮޅެއް ދުރަށް ދިޔުމުން ފޮތް ބަލާލާ ހިތްވިއެވެ. ފޮތް ހުޅުވާލީމެވެ. ފޮތުގެ ތެރެއިން އަޅުގަނޑަށް ފެނުނީ ރިޔާލު (ސައުދީ ފައިސާ) ތަކެކެވެ. ހަމަގައިމުވެސް އެއީ އަޅުގަނޑު ލާފައި ހުރި އެއްޗެއް ނޫނެވެ. އޭގެފަހުން ވެސް އެމީހަކާ ދިމާވެއެވެ. އެކަމަކު ވާހަކައެއް ނުދައްކައެވެ.
އެހެން ދުވަހެކެވެ. އިމްތިޙާނުތައް ބޯމަތި ވާތީ ކޮންމެވެސް މާއްދާއެއްގެ ފޮތެއް މުޠާލިޢާ ކުރަން އިނީ މިސްކިތުގައި ހަމަ ޢާންމުކޮށް އަޅުގަނޑު އިންނަ ހިސާބުގަނޑުގައެވެ. މިހެން އިނުމުގެ ތެރޭގައި ތާޔާ ޖެހެން ފަށައިފިއެވެ. އެގޮތް މިގޮތް ހަދައިގެންވެސް އެތަނުން ނުތެދުވެ އިނދެވޭތޯ ބެލީ އަނެއް ދުވަހު އޮތް އިމްތިޙާނުގެ މުހިއްމު ކަމަށްޓަކައެވެ. އެހެންނަމަވެސް ކުއްލިއަކަށް ސިއްސައިގެން ދިޔައީ މީހަކު އައިސް ސަލާމް ގޮވާލި އަޑަށެވެ. ކުރިމަތީގައި އިށީއިނދެގެން އެ އިނީ ކުރީފަހަރުވެސް ދިމާވި މީހާއެވެ.
މިފަހަރުވެސް ވަރަށް އޯގާތެރިކަމާއެކު، ރޭގައި ނުނިދަނީތޯއާ މާ ވަރުބަލީތޯ އަހާލިއެވެ. މިފަހަރު ޖަވާބުގައި އާއެކޭ ބުނީމެވެ. ޖާމިޔާގެ ކަންކަމާއި އިމްތިޙާނުތަކާ ބެހޭގޮތުން ކޮންމެވެސް ވަރަކަށް އެމީހާ އޮޅުން ފިލުވިއެވެ. އެއަށްފަހު "ކޮއްކޮއަށް ކާމިޔާބަށް އެދެން" ކަމަށް ބުނެ ސަލާމް ކޮށްލަން އަތް ދިއްކޮށްލިއެވެ. ސަލާމްގެ ޖަވާބު ދިނުމަށްޓަކައި އެމީހާގެ އަތުގައި ހިފާލިއިރު އަތް ޖެހުނީ ކަރުދާސްތަކެއްގައެވެ. އަޅުގަނޑު އަތަށް އެ އެއްޗެހި ދޫކޮށްފައި އަވަސް އަވަހަށް އެމީހާ ދުރަށް ދިޔައެވެ. އަތް ހުޅުވާ ބަލައިލިއިރު މިފަހަރުވެސް އެމީހާ ދީފައި އެ ދިޔައީ ރިޔާލު ތަކެކެވެ.
އަޅުގަނޑުގެ ހިތަށް ލަދުވެތިކަން އިޙްސާސްކުރެވި، ފަހުން މިސްކިތުގައި އަޅުގަނޑު އިންނަ ސަރަހައްދު އެހެން ދިމާއަކަށް ބަދަލުކުރަން މަޖުބޫރު ވިއެވެ.
ދަންނަވަންތޯއެވެ؟ އެމީހަކީ އަޅުގަނޑު ކުރިން ދެންނެވި ފަޤީރުކަމަށް އަޅުގަނޑަށް ހީވި މީހާއެވެ. އެމީހާ އެމީހާގެ އަޞްލު ސޫރަ ނުދައްކަނީ ކީއްވެތޯ ކޮންމެވެސް ވަރަކަށް މިހާރު އެބަ ކުލަވެއެވެ.
މާތް ﷲ އެމީހާއަށް ހެޔޮ ޖަޒާ ދެއްވާށިއެވެ. އާމީން.