މާސްކު އަޅަން ހެއްޔެވެ؟ އަޅާ ނަމަ ފަރުވާ ބެހެއްޓޭ ހެއްޔެވެ؟

މުޙައްމަދު ނާޔިފް
މުޙައްމަދު ނާޔިފް
2 އަހަރު ކުރިން
2 މިނިޓް

           އަސުރު ނަމާދުކޮށްލައިގެން އަޅުގަނޑުވެސް ހިނގައިގަތީ ގެއާދިމާލަށް އާދެވޭތޯއެވެ. އައިމަގުމަތީގައި މުސްކުޅި ފުރައިގެ ދެމީހަކު ވާހަކަ ދައްކަން ތިބިތަން އަޅުގަނޑަށް ފެނުނެވެ. އަޅުގަނޑަށްވެސް ބަލާލެވުނީ ސައިކަލެއް އައިސް މަޑުކޮށްލި އަޑަށެވެ. ސައިކަލުގައި އައި ދެފުލުހުން ބޭބޭ މާސްކު ކޮބައިހޭ އަހާލިއެވެ. އަސްތާ ކަމަކު ދާކަށް ނެތެވެ. އެހަނދާން ވީ މާސްކު ނާޅަ ހުރެވުނުކަމެވެ. ވަޤުތުން ޖީބުގައި އޮތް މާސްކު ނަގާ މާސްކު ނާޅަ ހުރި ބޭބެ މާސްކު އަޅައިފިއެވެ.

           އާއެކެވެ. އަޅުގަނޑުމެން ތެރެއިން ވަރަށް ގިނަ ބޭފުޅުންނަށް ހަޤީގަތުގައިވެސް މާސްކު އަޅަން ހަނދާންނައްތާލެވެއެވެ. ނުވަތަ މާސްކު އެޅުމަށް ފަރުވާ ކުޑަކުރެވެއެވެ. ނުވަތަ  މާސްކު އެޅިކަމުގައި ވީނަމަވެސް ހަޤީގަތުގައި މާސްކުގެ ބޭނުން އެދެވޭ ގޮތެއްގައެއް ނުހިފެއެވެ. އެއްބައިފަހަރު އޮންނަނީ ދަތްދޮޅީގައި އަޅާފައެވެ. އަނެއްބައި ފަހަރު ޖީބުގައެވެ. ނޫނީ ސައިކަލު ޑިކީއަޑީގައި ބާއްވާފައެވެ. ނޫނީ ސައިކަލުގެ ލޯގަނޑުގައި އަޅުވާލާފައެވެ. މިފަދަ ގޮތްގޮތަށް އަމަލު ކުރެވޭނަމަ މާސްއެޅުމުގެ ހަޤީގީ ފައިދާއެއް އަޅުގަނޑުމެންނަކަށް ނުުކުރާނެއެވެ.

           ކޮވިޑް-19ގެ ބަލިމަޑުކަން އައުމާއި އެކު މާސްކަކީ ވަރަށް އާއްމު ހަމަ އެހާމެ މުހިއްމު އެއްޗަކަށްވެފައި ވީނަމަވެސް ހަޤީގަތުގައި މާސްކާ މެދު އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންނަށް އިހުމާލުވެވެއެވެ. މާސްކު އެޅުމަކީ ތިމާއާއި އަދި އެހެންމީހުންނަށް ވެސް ލިބިގެންދާ ރައްކާތެރިކަމެކެވެ. ޑޮކްޓަރުންނާއި ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ގިނަ މާހިރުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 ބަލި ފެތުރެނީ ބަލި ޖެހިފައިވާ މީހާ ކިނބިހި އަޅާއިރު ނުވަތަ ކެއްސާއިރު ބޭރުވާ ކުޅުތިކިތަކުގެ ސަބަބުންނެވެ. އެހެންކަމުން މާސްކު އެޅުމަކީ ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑުތަން ކުޑަކޮށްދޭ ކަމެކެވެ. އަދި މާސްކު ނާޅަ އުޅުމުން މިރައްކާތެރިކަން އަޅުގަނޑުމެންނަށް ގެއްލިގެން އެބަދެެއެވެ.

            ދެން އޮތީ މާސްކު އެޅިކަމުގައި ވީނަމަވެސް މާސްކުގެންގުޅުމުގައި ނުހަނު ބޮޑަށް ފަރުވާ ކުޑަކުރެވޭ ވާހަކައެވެ. ބައެއް ބޭފުޅުން މާސްކު އެޅީކަމުގައިވީނަމަވެސް މާސްކު ދަތްދޮޅީގައި އަޅާހަދައެވެ.އަދި މާސްކު ނެގުމަށްފަހު ތަންތަނުގައި ބާއްވާ ނޫނީ ޖީބަށްލައިވެސް ހަދައިއުޅެއެވެ. ނޫނީ ގެއަށް ވަންނަމުން ސައިކަލުގެ ލޯގަނޑުގައި އަޅުވާހަދައެވެ. ނޫނީ ޑިކީ އަޑިއަށްްލާވެސްހަދައެވެ. އެހެންކަމުން އަމިއްލަ ނަފްސަށް ކޮށްލަންވީ ސުވާލަކީ މާސްކާ މެދު އަޅުގަނޑުމެންނަށް އެބަ އިހުމާލު ވެވޭތޯއެވެ. ހިތާމައަކީ ފެން ކައްކާ ބޮލީގެ އިއްޒަތްވެސް މާސްކަށް ނުދެވޭކަމެވެ. މިގޮތަށް މާސްކު ތަންތާންގައި ބޭއްވުމުގެ ސަބަބުން މާސްކުގައި ވައިރަސް ހަރުލާގޮތްވެއެވެ. އަދި މާސްކުއަޅާ ނޭވާލުމުން ހަށިގަނޑުގެ އެތެރެއަށް އެވައިރަސްތައް ގޮސް ބަލިޖެހެން މެދުވެރިވެއެވެ. އެހެން ކަމުން މާސްކު އެޅުމުގައި ވެސް މިފަދަ ކަންކަމަށް ސަމާލުކަންދޭން އެބަޖެހެއެވެ.

             ކޮވިޑޮ-19ގެ ބަލިމަޑުކަން މިހާ ބާރު މިނެއްގައި ފެތުރެމުންދާ އިރު އަޅުގަނޑުމެން އަޅުގަނޑުމެންގެ ފަރުދީ ޒިންމާ އަދާކުރަން އެބަޖެހެއެވެ. މާސްކުއެޅުމާއި ގައިދުރުކަން ބެހެއްޓުމާއި މީހުން އެއްވެއުޅޭ ތަންތަނަށް ނުދިއުން ވަރަށް މުހިއްމެވެ. ޚާއްސަ ގޮތެއްގައި މާސްކު އެޅުމުގައި ފަރުވާ ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަޅުގަނޑުގެ ދުޢާއަކީ މިބަލިމަޑުކަމުން އަޅުގަނޑުމެން އެންމެން ސަލާމަތް ކުރައްވާ ރައްކާތެރިކުރެއްވުމެވެ. އަދި ކުރީގެ ޙާލަތައް އެނބުރި ރުޖޫޢަވެެވޭނެ ގޮތް ﷲ ތަޢާލާ މިންވަރުކޮށްދެއްވުމެވެ. އާމީން.

           

Copyright © 2024 Faaru News
Made with by Afeef & Noor