މީޑިޔާގެ ޚިޔާނާތް

އަބޫ ފާޠިމާ
އަބޫ ފާޠިމާ
3 އަހަރު ކުރިން
2 މިނިޓް

ތަނެއްގައި ކަމެއް ހިނގައިގެން އުޅޭނަމަ އެކަން ކަށަވަރު ކުރުމަށް ގިނަ ބަޔަކު ބަލާ އެއް ވަޞީލަތަކީ މީޑިޔާއެވެ. (ނޫސްތަކާއި ޓީވީ ޗެނަލްވެސް ހިމެނޭ ހެންނެވެ.) އަޑެއް އިވޭ އިރަށް ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ ބަލާނީ ތިމާއަށް އެންމެ މަޤުބޫލު ނޫހަކުން އެ ޚަބަރެއް ގެނެސްދީފަވޭތޯއެވެ. އަދި ގިނަފަހަރަށް ޤަބޫލުކުރާނީވެސް އެ ނޫހަކުން އެ ޚަބަރެއް ގެނެސްފައިވާ ގޮތަށެވެ.

މިއަދު އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމަޢުގައިވެސް އެތައް ނޫހެއް އެބަ ހިންގައެވެ. ގިނައީ އޮންލައިން ނޫސް މަޖައްލާތަކެވެ. ޓީވީ ޗެނަލްތައްވެސް އިހުނަށްވުރެ ގިނައެވެ. މި ނޫސްތަކުން ރެޔާއި ދުވާލު އެތައް ސަތޭކަ ޚަބަރެއް އަޅުގަނޑުމެންނާ ހިސާބަށް ގެނެސް ދެއެވެ. ކިތަންމެ ދުރުގައި ތިބި ނަމަވެސް ހުޅަނގާއި އިރުމަތީގެ އެންމެ ފަހުގެ ޚަބަރުތައް ތާޒާކަމާއެކު ގެނެސްދެމުން ދެއެވެ.

ތަނެއްގައި ބޮޑު ކާރިސާއެއް ހިނގައިފިނަމަ އެ ޚަބަރެވެ. ޤައުމެއްގެ ވެރިއަކު ކަމެއް ކޮށްފިނަމަ އެ ޚަބަރެވެ. ކުޅިވަރުގެ އެންމެ ފަހުގެ މަޢުލޫމާތެވެ. މަޝްހޫރު މީހުންކަމަށް އެނޫސްތަކަށް ޤަބޫލުކުރެވޭ މީހުންގެ ޙަރަކާތްތައް ވަކިވަކީން ގެނެސްދެއޭ ބުންޏަސް ދޮގަކަށް ނުވާ ވަރަށް އެމީހުންގެ ޢާންމު ދިރިއުޅުމުގެ ކަންކަންވެސް ގެނެސްދެމުން ދެއެވެ.

ފިލްމީ ދުނިޔޭގެ މަޢުލޫމާތާއި ޢާންމު ނޫން ކަމެއް ތަނެއްގައި ހިނގިކަމުގައި ވިޔަސް އެ ޚަބަރު އިސާހިތަކު އަހަރުމެންނަށް ލިބިގެންދެއެވެ.

ހަމަ އެހެންމެ ދުނިޔޭގެ މަޝްރަޙުގައި ހިނގާ ބޮޑެތި ހަމަނުޖެހުމާއި ހަނގުރާމަތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އެންމެ ތާޒާކަންމަތީ ގެނެސްދިން އެއްބަޔަކަށް ދިވެހި ނޫސްތަކާއި މީޑިޔާގެ ވަޞީލަތްވެފައި އޮތެވެ.

މިހެން ދެންނެވުމުން ތިބޭފުޅުން ހިތަށް އަރާފާނެއެވެ. މިތާނގައި "ވެފައި އޮތެވެ" ގެނައީ ކީއްވެގެންބާއެވެ.؟ މިހާރުވެސް އެ ޚަބަރުތައް ގެނެސްދެއެއް ނޫންތޯއެވެ.

މި ސުވާލުގެ ޖަވާބަށް ދިއުމުގެ ކުރިން ތަންކޮޅެއް ކުރިއަށް ޖެހިލާނަމެވެ. އެއީ އަޅުގަނޑުވެސް ހަގު ދުވަސްވަރެވެ. ނަމަވެސް ދުނިޔޭގެ ޚަބަރުތަކަށް ލޯ ހުޅުވެމުން އައި ދުވަސްވަރެވެ. ޚާއްޞަކޮށް މެދުއިރުމައްޗާއި ޢަރަބި ދުނިޔޭގެ ކަންކަމަށް ޚަބަރު ގަޑީގައި ޚާއްޞަ ސަމާލުކަމެއް ދެވެމުން އައެވެ. މިއަދާ ޚިލާފަށް އޭރުގައި ޚަބަރު ފަތުރާ ވަޞީލަތްތައް މަދެވެ. ޓީވީ ޗެނަލަކަށް ހުރީ އެންމެ ޗެނަލެކެވެ. ދެ ތިން ނޫސް އޮންނަ ހަނދާނެއްވެއެވެ.

ދުވަސްވަރަކީ އެމެރިކާއިން ޢިރާޤަށް އަރައިގަތް ދުވަސްވަރެވެ. އޭރުގެ ޓީވީ ޗެނަލުން އެ ކަމުގެ އެންމެ ފަހުގެ ޚަބަރުތައް ވަރަށް އިސްކަމެއް ދީގެން ގެނެސްދިނެވެ. ނޫސްތަކުގެ އެންމެ ފަލަ ސުރުޚީތައް މި ހަނގުރާމައަށް ޚާއްޞަވިއެވެ. އޭރުވެސް ފަލަސްޠީނާއި ޓެރެރިސްޓު ޔަހޫދީ ޖަމާޢަތުގެ ދެމެދުގައި ހިނގަމުންއަންނަ ޒަމާންވީ ހަނގުރާމައިގެ ޚަބަރުތައްވެސް ގެނެސްދެމުން ދެއެވެ.

މި ޚަބަރުތަކާމެދު މިއަދު އަޅުގަނޑު ވިސްނާލާއިރު ޚަބަރުތަކުގެ ބަސްމަގު ވަރަށް ބޮޑަށް އަޅުގަނޑުމެންގެ އަޚުންކަމުގައިވާ މުސްލިމުންނާ އެއްކޮޅުކަން އިޙުސާސްކުރެވެއެވެ. އޭރު ހަނގުރާމައިގައި މަރުވެދާ މުސްލިމުންނީ އެ މީޑިޔާތަކަށް "ޝަހީދުން"ނެވެ. އަމިއްލަ ފުރާނަ ދުއްވާލައިގެން ދުޝްމަނުންނަށް ދޭ ހަމަލާތައް ވެފައި އޮތީ " ޖާނުން ފިދާވުމުގެ" ހަމަލާތަކަކަށެވެ. މުސްލިމް ހަނގުރާމަވެރިންގެ ލީޑަރުންނާ މުޚާޠަބުކުރަމުން އައީ އެމީހުންނަށް ޙައްޤު އިޙްތިރާމް ދީގެންނެވެ.

މިއަދު މުސްލިމުންނާ ދެކޮޅަށް ދުނިޔޭގެ ހަތަރު ފަރާތުގައި މެދުކެނޑުމެއް ނެތި ލޭ އޮހޮރުވުން ހިނގަމުންދާއިރު މިއަދުގެ ޙާލަތަށް ބަލަމާ ހިނގާށެވެ. ކުރިއާ ޚިލާފަށް އެތައް ޓީވީ ޗެނަލްތަކެއް އެބަހުއްޓެވެ. އެތައް ނޫސް މަޖައްލާއެއް އެބަ ހިންގައެވެ. އެހެންނަމަވެސް މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ވާހަކަތަކަށް ޚާއްޞަކަމެއް ދޭ މީޑިޔާގެ ފަރާތްތަކެއް މިއަދަކު ނެތެވެ. ޚަބަރެއް ލިޔުނަސް އެއީ ހަވާސާގެ ޚަބަރެކެވެ.

އިންޑިޔާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޢަމަލުތަކުގެ ވާހަކަ އެއްވެސް ނޫހަކުން ގެނެސްނުދެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ޗައިނާގެ މުސްލިމުން މަރައި އެތަނުން އިސްލާމްދީން ފޮހެލަން ހިންގާ ކަންކަން ދިވެހި ގިނަ ނޫސްވެރިންނަކަށް ނުފެނެއެވެ. ބަރުމާގައި މުސްލިމުންގެ މުޅި ނަސްލު ނައްތާލަން ކުރެވޭ މަސައްކަތް ނޫސްތަކަށް މުހިއްމެއް ނޫނެވެ. ޢަރަބި ޤައުމުތަކުގައި ހުޅަނގާއި އެބައިމީހުންގެ ބައިވެރިން އަންހެނުންނާއި ކުޑަކުދިން މަރައި، އެމީހުންނަށް ކާބޯތަކެތި ނުލިބި ބަނޑަށް މަރުވަމުންދާކަން ދިވެހި ނޫސްވެރިއަކަށް ރޭކާވެސް ނުލައެވެ. މިރަމަޟާން މަހުގެ ފަހު ދިހައިގެ މާތް ރޭތަކާއި ދުވާލު ޔަހޫދީން މުސްލިމުންގެ އެންމެ ފުރަތަމަ ޤިބްލަކަމުގައިވާ މަސްޖިދުލް ޢަޤްޞާއަށް ވަދެ، އަޅުކަމަށް ހުރަސްއަޅައި، ފަލަޞްޠީނުގެ ކުޑަ ކުޑަކުދިންނާ އަންހެނުން ޝަހީދުކުރަމުން ދަނީއެވެ. އިމާރާތްތައް ބިމާ ހަމަކޮށް ބޯހިޔާވަހިކަން ފޭރިގަންނަނީއެވެ.

ހިތާމައަކީ ބޮލީވުޑާއި ހޮލީވުޑުގެ ޚަބަރުތަކުން ފުރިފައިވާ ނޫސްތަކަށް މިއީ މިއަދު އާދައިގެ ކަމަކަށްވެފައިވާ ކަމެވެ. ވާނީވެސް އެހެންތާއެވެ. އެނޫސްވެރިން ޤަބުލުކުރާ ގޮތުގައި މިއީ މި ޤައުމުތަކުގެ ދާޚިލީ މައްސަލަތަކެވެ. އެމީހުންގެ ނަޒަރުގައި މިޤައުމުތަކުގެ މުސްލިމުން އަނިޔާއިން ސަލާމަތްވުމަށް ކުރާ ކަންކަމަކީ  ޓެރަރިޒަމްގެ ޢަމަލުތަކެވެ. ހަމަނުޖެހުން ހިންގުމެވެ. އެޤައުމުތަކުގެ ޤާނޫނަށް ތަބަޢަނުވުމެވެ.

ވާނީވެސް އެހެންތާއެވެ. ޤަލަމުގައި ހިފައިގެން ޚަބަރު ލިޔަމުންއެދަނީ މުސްލިމެއް ކަމަކު އޭނާގެ ސިކުނޑިއެވަނީ އަޅުވެތި ވެފައެވެ. އޭނާގެ ވިސްނުމާއި ފިކުރު އެވަނީ ފިކުރީ ހަނގުރާމައިގައި ޖެހި ބަލިވެފައެވެ. މުސްލިމުންނަކީ ކޮންމެ ހިސާބެއްގައި ތިއްބަސް އަޚުންކަން އޭނާ ހަނދާނެއް ނެތެވެ. ހުޅަނގުގެ މީޑިޔާއިން ގެންނަ ޚަބަރު ބަހުން ބަހަށް ތަރުޖަމާކުރަމުންދާއިރު އޭނާގެ ޒަމީރު އެވަނީ މަރުވެފައެވެ. ކޮންފަދަ ބޮޑު ޚިޔާނާތެއް ތޯއެވެ. ﷲ ހެޔޮވިސްނުން ދެއްވާށިއެވެ.

ދުނިޔޭގެ މުސްލިމުންގެ ޙާލު ގެނެސްދޭ މަދު ނޫސްތަކެއްވާކަން ފާހަގަކުރަމެވެ. ﷲ އެފަރާތްތަކަށް ހެޔޮޖަޒާ ދެއްވާށިއެވެ.

Copyright © 2024 Faaru News
Made with by Afeef & Noor