މި ވާހަކަ ވެސް މިހާރު ނުދައްކާ ވާކަށް ނެތެވެ. ކޮވިޑްގެ ހަތަރު ވަނަ ރާޅަކަށް ދިވެހިރާއްޖެ ހުށައެޅިގެން ދާއިރު ވެސް ދިވެހިން އަދިވެސް ދިވެހިންގެ ގޮތުގައި އުޅެނީއެވެ. މަސް ދަތުރު ދަނީއެވެ. ޕާޓީތައް ބާއްވަނީއެވެ. ރަށްރަށަށް ދަތުރު ދަނީއެވެ. ނަމަވެސް މީގަ އެންމެ ނުބައީ ހަމަ އެޗްޕީއޭ އެވެ.
އެޗްޕީއޭއަށް ދިވެހިން ކުރި އިތުބާރު ގެއްލުނު ވާހަކަ ބާއްވާށެވެ. އެޗްޕީއޭ ވެސް ރަނގަޅެކޭ ބުނާކަށް ނެތީމެވެ. ނަމަވެސް ގައުމު މިހާލަތަށް ދާން ޖެހުނީ ހަމަ ދިވެހިންގެ ވެސް ގޮތްދޫނުކުރުމުގެ ސަބަބުންނެއްނޫން ހެއްޔެވެ؟
އެންމެ ފުރަތަމަ ކޮވިޑްގެ ކޭހެއް ރާއްޖެއިން ފެނުމާއިއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ޑޮކްޓަރުން އާދޭސް ކުރަމުން ދިޔައީ ގޭގައި ތިބުމަށެވެ. ބޭރު އެހެން ގައުމުތައް ގޮސްފައިވާ ހިސާބަށް ދިވެހިރާއްޖެ ދިޔަ ނުދިނުމަށެވެ. އެޙާލަތަށް ގޮސްފިނަމަ ވާނެ ގޮތްތައް ކިޔާދިނެވެ. އެކަމުން އަރައިގަންނަން ދަތިވާނެ ކަމަށާއި ބޭނުންވާ އާލަތްތައް ވެސް ލިބެން ނެތް ވާހަކައެވެ. އެ ނަސޭޙަތަށް، އެ ދެއްކި ވާހަކައަށް ދިވެހިން ދިނީ ބީރު ކަންފަތެކެވެ. ފުރަތަމަ ކޭސްވެސް ފެނފައިވަނީ މަސްދަތުރު ދިޔަ ބައެއްގެ ފަރާތުންނެވެ. އަދި ނުވިތާކަށް އެމީހުން ޕާޓީ ބާއްވާ މަޖާ ވެސް ކުރިއެވެ. އޭރު ވެސް މި ފަދަ ކަންކަން ނުކުރުމަށް ނަސޭޙަތްތެރިވިއެއްނޫން ހެއްޔެވެ؟
ކޭސްތައް ފެންނަމުން ދިޔައިރު ވެސް ދިވެހިން ހީވަނީ އީދެއް އައިސް އުޅޭހެނެވެ. މާލޭ މަގުމަތި އޭރު ވެސް އޮންނަނީ ތޮއްޖެހިފައެވެ. ހަވީރު ފަރިވެލައިގެން ޕާކު ތަކަށާއި ރެސްޓޯރެންޓްތަކަށް ވެސް ދަނީއެވެ. މާސްކެއް އަޅާނީ ހިތަށް އެރިއްޔާއެވެ. ގައިދުރުކަން އެއީ ކޮންއެއްޗެއްކަން އެނގޭ މީހެއް ނޫޅެއެވެ. ޤައުމު ލޮކްޑައުން ކުރަން ޖެހިދާނެކަމަށް ހާމަކުރުމުން ސަރުކާރު ނުބައިވިއެވެ. ރައްޔިތުން ބަނޑަށް ޖައްސަން އުޅެނީއޭ ކިޔާ އިދިކޮޅު ސިޔާސީ ފަރާތްތަކުން އެކަން ސިޔާސީ ކޮށްލާ ހަމަ ނުޖެހުން އުފެއްދިއެވެ.
ލޮކްޑައުން ކުރި ހިސާބުން ދެން އެއްޗެހި ކިޔަން ފެށީ ލޮކްޑައުން އުވާނުލައިގެނެވެ. އެކަން ވެސް އެންމެ ފަހުން ކުރިއެވެ. ވަރަށް ނަސޭޙަތްދިނުމަށްފަހުއެވެ. ބޮޑެތި ޖޫރިމަނާތައް ކުރާނެ ކަމަށް ބުނެ އިންޒާރު ވެސް ދެމުންނެވެ. އެއްބައި މީހުން އެކަމަށް ބޯލެނބިއެވެ. އަނެއްބައިމީހުންނަށް ވާކަމެއް ވެސް ނޫނެވެ.
ކޮވިޑް ކޭސްތައް މަތިވާ ވަރަކަށް މަތިވަނީއެވެ. ދިވެހީންނަށް އެކަމަށް ފަރުވާލެއްނެތެވެ. އެޗްޕީއޭއިން ވެސް ފަރުވާ ކުޑަކުރަން ފަށައިފިއެވެ. މިހެން އުޅެނިކޮށް އިންޑިއާއިން ވެކްސިން ވެސް ގެނެސްފިއެވެ. އެކަން ވެސް ސިޔާސީ ކަމަކަށް ވެއްޖެއެވެ. އަނެއްކޮޅުން އިދިކޮޅުން ބޮޑު އެއްވުމެއް ބާއްވާ މުޅި މާލޭ މަގުތަކުގައި އިހުތިޖާޖުވެސް ކޮށްފިއެވެ. މިކަމުގެ ސަބަބުން ވެސް ގިނަ ބަޔަކު ކޮވިޑަށް ފައްސިވެގެން ދިޔައެވެ.
ދެން މި ވާހަކަ ވެސް ދައްކަމާދޯއެވެ. ގައުމުގެ ރައީސެއް ހުއްޓަކަސް ވިކެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބަހެވެ. ހުރިހާ ކަމަކާއި ބެހި ސަރުކާރުގެ އެތެރޭގައި ހިނގާ ކަންކަމަށް އަތްގަދަކުރަން ވެސް ފަށައިފިއެވެ. މިހާރު މިއޮތް ޙާލަތުގައި ލޮކްޑައުން އަކަށް ދިޔުމަށް ޑޮކްޓަރުން ކުރަމުން އެދާ އާދޭހަށް ވެސް އިޖާބަ ނުދެވިގެން އެ އުޅެނީ އެމަނިކުފާނުގެ ބަހެއް ނުލިބިގެނޯއެވެ. ކަން މިހެން އޮތްއިރު ކޮވިޑްގެ މިކަން ސިޔާސީ އައްޑަނަކަށް ހަދައިފިއެވެ. އެމަނިކުފާނުގެ ބަހަށް އިންތިޙާބުގައި ވޯޓުލުމަށް މާލޭގައި ތިބި މީހުން ރަށްރަށަށް ދާން ހުއްދަ ވެސް ދީފިއެވެ. އެކަމުގެ ސަބަބުން ކޮވިޑްގެ ކޭސްތައް މަތިވެގެން ދިޔައީ ރޫސްލާފައެވެ.
ދެން މިއޮތީ އަނެއް ވާހަކައެވެ. ވެކްސިންގެ އެއްޑޯޒް ޖަހައިގެން ނޫނީ ދެ ޑޯޒް ފުރިހަމަ ކުރުމުން ވެސް ކޮވިޑަށް ފައްސިވާ ވާހަކައެވެ. އެކަން އެގޮތަށް ހިނގާތީ މީހުން ވެކްސިންއަށް އިތުބާރު ނުކުރާ ވާހަކައެވެ. ދަންނަވަންތޯއެވެ. ވެކްސިންއަކީ ބައްޔަކުން ތިމާ އެއްކޮށް މިންޖުކޮށްދޭނެ އެއްޗެއް ނޫނެވެ. ނަމަވެސް އެއީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް ޖަހާ އެއްޗެކެވެ. އެ ޖެހުމުން ތިމާއަށް އެބަލިޖެހުމުން ދުރުކޮށްދޭނެއެވެ. އޭގެ މާނައަކީ ބަލި ނުޖެހޭނެއެކޭ ވެސް ނޫނެވެ. ކޮވިޑްގެ ކޭސްތައް ދުވާލަކު 300 އަށްވުރެ މަތިވެފައިވާއިރު ވެސް ދެ ޑޯޒް ފުރިހަމަ ކުރުމާއެކު ދަތުރުތައް ދާން ރާވާލައިގެން ތިބި މީހުން މަދެއް ނޫނެވެ. މި ފެންނަނީ ދިވެހިން އަމިއްލަ ޤައުމު އޮތް ހާލަތާއި މެދު ވިސްނާލާ ވަރެވެ. ހަމަ ސާބަހެވެ.
އަޅުގަނޑު ބުނަން މި އުޅޭ ވާހަކައަކީ އަޅުގަނޑުމެން ދިވެހިންނަކީ ހުރިހާ ކަމެއްގައިވެސް އެއްބައިވަންތަކަމަށް ނަމޫނާ ބަޔަކަށް ވާއިރު ހުރިހާ ކަމެއް ސިޔާސީ ނުކޮށް، އެޗްޕީއޭއިން ކަންކުރާ ގޮތް އެއްފަރާތްކޮށްލުމަށްފަހު އަޅުގަނޑުމެންގެ އަމިއްލަ ވަޠަން މި އަނދަވަޅުން ސަލާމަތްކުރަމާތޯއެވެ. ގޭގައި ތިބެމާތޯއެވެ. ޒަރޫރީ ބޭނުމަކު ނޫނީ ގެއިން ބޭރަށް ވެސް ނުދަމާތޯއެވެ. މާސްކް އަޅާ ގައިދުރުކަން ބަހައްޓަމާތޯއެވެ. ގިނަގިނައިން އަތްދޮވެ، ސާފުތާހިރުކަން މަތީ ތިބެމާތޯއެވެ. ޤައުމުދެކެ އިންތިހާއަށް ލޯބިވާ ކަމަށް ދައުވާ ކުރާ ސިޔާސީ ފަރާތްތަކުން ވެސް މި ޙާލަތުގައި މުޒާހަރާތަކާއި އެއްވުންތައް ނުބާއްވާ ޤައުމުދެކެ ތި ވާ ލޯބި ގޭގައި މަޑުކޮށްލައިގެން ދައްކަމާތޯއެވެ. މިކަމުން އަރައިގަނެވޭނީ ވެސް އަހަރެމެންގެ ބުރަ މަސައްކަތުންނެވެ. އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަން ވެއްޓިފައި މިވާ ބިރުވެރި ހާލަތުން އާއްމު ޙާލަތަށް ގެނައުމަށް ޑޮކްޓަރުންނާއި ނަރުހުން ދުވާލު ދާ ހަތަރުދަމު، އަޅުގަނޑުމެންނަށް ޓަކައި ހައްޓަށް ލުޔެއް ނުދީ އެ ކުރާ މަސައްކަތުގައި ހިއްވަރު އެލޭ ހިސާބަށް ދިޔަ ނުދެމާތޯއެވެ. ފަރުދީ ޒިންމާ އަދާކުރަމާތޯއެވެ.