ނިއުޓްރަލް މީހުންގެ ޙަޤީޤަތް

އަޙްސަމް
އަޙްސަމް
2 އަހަރު ކުރިން
2 މިނިޓް

ތިމާއަކީ ނިއުޓްރަލް މީހެކޭ ބުނެއުޅޭ ލައްކަ މީހުންނާ ދިމާވެއެވެ. އެންމެ ގިނަ ޢަދަދަކަށް ފެންނަނީ ސިޔާސީ ގޮތުން ނިއުޓްރަލް ކަމަށް ބުނާ މީހުންނާއެވެ. ތިމާއަށް އެކަމެއް ޒައްރެއްގެ މިންވަރަށްވެސް އެނގޭ މީހަކު އެކަމުގައި ނިއުޓްރަލް ވެވޭނެ ކަމަކަށް އަހަރެންގެ ހިތް އިޤްރާރެއް ނުވެއެވެ. ނިއުޓްރަލްއަކީ އެކި ވަރަށް މިންކުރެވޭ އެއްޗެއްވެސް ނޫން ވިއްޔާއެވެ. އެހެނީ އެއްޗެއް ނިއުޓްރަލް ވެވޭނީ އެސިޑްވެސް އެއްވެސް މިންވަރަކަށް ނެތިފައި ބޭސްވެސް އެއްވެސް މިންވަރަކަށް ނެތުމުން ކަމަށްވާތީ އެކަމުގައި މިންކުރާނެ ގޮތެއް ނޯންނާނެތީއެވެ. މިސާލަކަށް ފެނަކީ އޭގެ ޠާހިރުކަންމަތީ، ނިއުޓްރަލް އެއްޗެކެވެ. ނަމަވެސް އެއްވެސް އެއްޗަކާ ގަޑުބަޑު ވެއްޖެނަމަ، ނިއުޓްރަލްކަން ގެއްލޭނެއެވެ. ނަމަވެސް ލޮނުފަދަ ހަކުރުފަދަ ތަކެތި ނިއުޓްރަލްވަނީ އެސިޑާއި ބޭސް އެއްވަރަކަށް އެކުލެވޭތީއެވެ. ނަމަވެސް އިންސާނެއްގެ ދިރިއުޅުމަށް ބަލާއިރު ހުރިހާ ދީނަކަށް ނުވަތަ ހުރިހާ ސިޔާސީ ޕާޓީއަކަށް އެއްވަރަކަށް ސަޕޯޓްކުރުމަކީ ވަރަށް ނާދިރު ޙާލަތެކެވެ.

ނިއުޓްރަލް ވެގެން އުޅޭ މީހުން ދިމާވުމުން ހަނދާނަށް އަންނަނީ ކިޔަވަން އުޅުނު ދުވަސްވަރު އެކުވެރިންތަކަކާއެކު ދެކެވުނު ވާހަކަތަކެކެވެ. ދުވަސްވަރަކީ އާމިރް ޚާންގެ ފިލްމު 'ޕީކޭ' ނުކުމެގެން އުޅުނު ދުވަސްވަރެވެ. ފިލްމުގައި ދައްކުވައިދެނީ އޭލިއަންއެއް ދުނިޔެއަށް އައިސްގެން ދިމާވާ ކަންތައް ތަކެކެވެ. ވަކިން ޚާއްޞަކޮށް ދީނީގޮތުން އަންނަ ގޮންޖެހުން ތަކެކެވެ. އެތަނުގައި ތިބީ އެކި ދީނަށް ނިސްބަތްވާ ކުދިން ކަމުން މި ފިލްމާމެދު ވަރަށް ވާހަކަ ދެކެވުނެވެ. އެކުވެރިންގެ ތެރެއިން އެކަކު ބުންޏެވެ. "އަހަރެންނަށް ފިލްމުގެ އެންމެ ކަމެއް ފިޔަވައި ހުރިހާ ކަމެއް ވަރަށް ކަމުދިޔަ. މިކަހަލަ ޓޮޕިކަކަށް އޭލިއަންގެ ކޮންސެޕްޓް ގެނައިމަ އެހާ ސަޅިއެއް ނޫން." އެޚިޔާލާ ވަރަށް ގިނަ ކުދިން ތާއީދުކުރިއެވެ. ނަމަވެސް އެގްރޫޕްގައި އިން އެންމެ ވިސްނޭ އެކަކު ބުންޏެވެ. "ދުނިޔޭގައި މިވަގުތު ހުރި ކޮންމެ މީހަކުވެސް ކޮންމެވެސް ދީނަކަށް ސަޕޯޓްކުރާނެ. ނޫނީ ހުރިހާ ދީނަކާ އިދިކޮޅުވާނެ. އެތީޒަމަކީވެސް އެއްވެސް ޙާލެއްގައި ނިއުޓްރަލް ގޮތެއް ނޫން. ފިލްމުގަ ބޭނުންވަނީ ސީދާ ނިއުޓްރަލް މީހެއް ވީމަ، އެކަން ވާން އޮތީ މިދުނިޔެއިން ބޭރުން މީހަކު ގެނެސް ގެން."

އެކުވެރިޔާ އެބުނީ ކިހާ ބޮޑު ތެދެއް ހެއްޔެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ކޮންމެވެސް ފިކުރެއްގެ މީހެކެވެ. ކުޑައިރުން ފެށިގެން އަހަރެމެންގެ ސިކުނޑި އަންނަނީ އަހަރެމެންގެ ވަށައިގެންވާ މާޙައުލުން ކަންކަން އުނގެނެމުންނެވެ. އެސިކުނޑި އަންނަނީ ވަކި ގޮތަކަށް ބައްޓަން ވަމުންނެވެ. ކޮމްޕިއުޓަރުގެ މެމޮރީ ފަދައިން ފޯމެޓްކުރެވޭނެ އިޚްތިޔާރެއް އަހަރެމެންނަށް ލިބިފައެއް ނުވެއެވެ. އެހެންކަމުން ދީނީ ގޮތުން ބެލިޔަސް ސިޔާސީ ގޮތުން ބެލިޔަސް މުޖްތަމަޢުގެ އެއްވެސް އަފުރާދެއް ނިއުޓްރަލް ނުވާނެއެވެ. އެއްބަޔަކީ ކޮންމެވެސް އެއް ޕާޓީއަކަށް ސަޕޯޓް ކުރާ މީހުންނެވެ. އަނެއް ބަޔަކީ ހުރިހާ ޕާޓީ އަކާ އިދިކޮޅު މީހުންނެވެ. އެއް ބަޔަކީ ކޮންމެވެސް އެއް ދީނަކަށް ސަޕޯޓް ކުރާ މީހުންނެވެ. އަނެއް ބަޔަކީ ހުރިހާ ދީނަކާ އިދިކޮޅު މީހުންނެވެ.

'ޕީކޭ' ފިލްމަށް ރަނގަޅަށް ވިސްނާލުމުން އެނގެނީ ނިއުޓްރަލް ވެއްޖެ މީހަކު ނަމަ، އޭނާވާނީ ޙައްޤަށް ތަބަޢަވެގެން ކަމެވެ. ކަލާނގެއީ އެއްކައުވަންތަ ފަރާތެއް ކަމާއި، ކަލާނގެއާ އަޅާއާމެދު ގުޅައިދިނުމަށް އެއްވެސް ބުދެއްވިޔަސް އެހެން ފަރާތެއްވިޔަސް ބޭނުން ނުވާނެކަން ނިއުޓްރަލް ފިކުރުގެ މީހަކަށް އަމިއްލައަށް ވެސް ވިސްނޭ ވަރަށް މިކައުނު އަހަރެމެންނަށް ހެކިދެއެވެ. އަހަރެމެންގެ މާތް ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ބަސްފުޅު ކިހާ ތެދު ހެއްޔެވެ. އިންސާނާ އުފަންވަނީ ފިޠުރަތުގެ މަތީގައިކަމުގައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެހެނީ އުފަންވާއިރު އިންސާނާގެ ސިކުނޑިއަކީ އެއްކޮށް ފޯމެޓްވެފައިވާ ޑިސްކެއް ފަދަ އެއްޗެކެވެ. އެތުއްތު ދައުރަށް ފަހު އެއްވެސް މީހަކު ހަމަ ނިއުޓްރަލް ވެދާނެ ބާއެވެ.

Copyright © 2024 Faaru News
Made with by Afeef & Noor