އިބްނު ޙަޖަރުލް އަސްޤަލާނީ ރަޙިމަހުﷲ ލިޔުއްވާފައިވާ "އައްދުރަރުލް ކާމިނާ" ގެ ތިންވަނަ ފޮތުގެ 200 ވަނަ ޞަފްޙާގައި ލިޔުއްވާފައިވެއެވެ. އަލަށް ނަޞާރާ ދީނަށް ވަތް މޮންގޯލިޔާގެ ރަސްކަލަކާއި ބައްދަލުކުރުމަށް ނަޞާރާ ދީނުގެ އިސްވެރިންތަކެއް ދިޔައެވެ. އަދި މިބައި މީހުންގެ ތެރެއިން އެކަކު އެރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މާތް ނަބިއްޔާ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށް ފުރައްސާރަކޮށް ބަދުބަސް ބުނަން ފެށިއެވެ. އޭރު އެތަނުގައި ޝިކާރަކުރާ ކުއްތާއެއް އައްސާފައި އޮތެވެ.
ދެންފަހެ މިނަޞާރާ މީހާ މާތް ނަބިއްޔާއަށް ފުރައްސާރަކުރަން ފެށުމާއި އެކު މިކުއްތާ އޭނާއާއި ދިމާލަށް ވަރަށް ބާރަށް ރުޅިވެރިކަމާއިއެކު 'ވަށްވަށް' ޖައްސަން ފެއްޓިއެވެ. އެތަނުގައި ތިބި މީހުން ވަރަށް އުނދަގުލުން އެކުއްތާ އެތަނުން ދުރަށް ޖެއްސިއެވެ. އަދި އެތަނުން އެކަކު ބުންޏެވެ. "އެކުއްތާ ކަލެއާއި ދިމާލަށް އެހާބާރަށް ވަށްވަށްޖައްސަން ފެއްޓީ ކަލޭ މުޙައްމަދުގެފާނަށް ފުރައްސާރަ ކުރުމުންނެވެ." ނަމަވެސް މިނަސާރާ މީހާ ބުންޏެވެ. "ނޫނެކެވެ. މިކުއްތާގެ ކިބުރުވެރިކަން ބޮޑީއެވެ. އަހަރެން އެއާއި ދިމާލަށް އިނގިލި ދިއްކުރުމުން އެސޮރު ހީކުރީ އަހަރެން އެސޮރަށް ކޮންމެވެސް ގޯނާއެއް ކުރަން އުޅެނީކަމަށެވެ."
މިހެން ކިޔާފައި މީނާ އަނެއްކާވެސް އެމަޖިލީހުގައި އިން މޮންގޯލްގެ މީހަކާއި ނަޞާރާ ދީނުގެ މޮޅުވާހަކަ ދައްކަމުންގޮސް ކުރިޔަށްވުރެވެސް ދަށުދަރަޖައިގެ އިޙްތިރާމް ކުޑަގޮތަކަށް މާތް ނަބިއްޔާއަށް ފުރައްސާރަކުރަންފެށިއެވެ. އެހިނދު އެކުއްތާގެ ރުޅިވެރިކަން އިހުނަށްވުރެވެސް އިތުރުވިއެވެ. އަދި އެސޮރު އައްސާފައިވާ ވާގަނޑު ކަނޑާލާފައި ފުންމައިގެން ގޮސް މިނަޞާރާ މީހާގެ ގަޔަށް އަރައިގަނެ އޭނާގެ ކަރުގެ ވައިނޮޅި ބުރިވާވަރަށް ވަކިދަމާލިއެވެ. ކުއްތާ މިދިން ހަމަލާގައި ނަޞާރާމީހާ ވަގުތުން މަރުވިއެވެ. އަދި މިޙާދިޘާގެ ސަބަބުން މޮންގޯލުންގެ ތެރެއިން 40،000 މީހުން އިސްލާމްދީން ޤަބޫލުކުރިއެވެ.
ފަހެ، އެތަކެތީގެ މައްޗަށް ރިސާލަތެއް ބާވައިލެއްވިފައިނުވާ އަދި އެތަކެތީގެ ކޮނޑުގައި މަސްއޫލިއްޔަތެއް އެޅިފައިނުވާ ޖަނަވާރުން ވެސް ނަބިއްޔާއަށް ފުރައްސާރަކުރުމުން އެއީ އާދައިގެ ކަމެއްގެ ގޮތުގައި ބަލައި ނުގަނެއެވެ. މިއުޅެނީ ކަންމަތީގޭ ޙުސޭނަށް މަލާމަތްކޮށްގެނެއް ނޫންކަން އެތަކެއްޗަށްވެސް ވިސްނެއެވެ. ޤިޔާމަތްދުވަހު ނުހަނު ކަރުހިއްކައިގެންފައި ތިބޭ އިރު އަހަރެމެންނަށް ފެންފޮދު ދެއްވާނީ އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމަ)ގެ ޙައުޟުންކަން ހަނދުމަ ނެތެނީ އަހަރެމެންނަށެވެ. "އުއްމަތީ އުއްމަތީ" އޭ ޙަދީޘްކުރައްވައި ޝަފާޢަތްތެރިވެލައްވާނީ އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ކަން ނުވިސްނެނީ އަހަރެމެންނަށެވެ. އަހަރެމެންގެ މައިން ބަފައިންނާ އަހަރެމެންގެ ދަރިންނާ އެންމެހާ މީސްތަކުންނަށްވުރެ އެކަލޭގެފާނަށް ލޯބިކޮށްގެން ނޫނީ އީމާންތެރިކަން ޙާޞިލް ނުކުރެވޭނެކަން ވެސް ނުވިސްނިގެން މިއުޅެނީ ހަމަ 'ޞުލްޙައަށް ލޯބިކުރާ' އަހަރެމެންނަށެވެ. އެ 'ނިރުބަވެރި' ކުއްތާއަކަށް ނޫނެވެ.