'ޕީރިއަޑް' އަށް ކުރަމުން އައި ނަފްރަތު ހުއްޓާލެވިއްޖެވެ.

ނާނު
ނާނު
3 އަހަރު ކުރިން
2 މިނިޓް

ދޮގު ހަދާކަށް ނެތީމެވެ. ޕީރިއަޑް ވުމަކީ ވޭނެކެވެ. އުނދަގުލެކެވެ. ތަފާތު ވޭންތަކާ ކުރިމަތިލާން ޖެހޭ ކަމެކެވެ. ބޯ އަނބުރައެވެ. ހޮނޑުލަވައެވެ. ދަށް ބަނޑުގައި ރިއްސައެވެ. ބުރަކަށީގައި ރިއްސާ ރިއްސުމުގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅު ވާނެއެވެ.  ދެފައި އައްސިވެއެވެ. ހޯމޯންސްގެ ސަބަބުން  މޫޑަށް އަންނަ ބަދަލުގެ ވާހަކަ ކައިރީގައި އުޅޭ އެހެން ބޭފުޅެއް ކައިރީ އައްސަވާށެވެ. މާ ބޮޑު ކަމަކާ ނުލައި ރުޅި އާދެވެއެވެ. ރޮއެވެއެވެ. (އެހެންނަމަވެސް، ނަމަނަމަ އެއީ ކުޑަ ކަމަކޭ އަޅުގަނޑުމެންނާ ދިމާލަށް ނުބުނައްޗެވެ! މައްސަލަ ގޯސްވެދާނެއެވެ!)

ވަރަށް ފަހަކާ ޖެހެންދެން އަޅުގަނޑު ޕީރިއަޑަށް ނަފްރަތު ކުރީމެވެ. ރުޅި އަންނަނީ ވަކި ވަރަކަށް ނޫނެވެ. ކޮންމެ މަހަކު ކުރިމަތިލާން ޖެހިފައިވާ މުސީބާތެއް ކަހަލަ ކަމެކެވެ. މިހުރިހާ ކަމަކާ އެކުވެސް އަޅުގަނޑު މިހާރު ޕީރިއަޑާ މެދު ދެކެމުން އައި ގޮތް ބަދަލު ކޮށްލެވިއްޖެއެވެ. ޕީރިއަޑަށް ލޯބިކުރާ ވާހަކައެއް ނޫނެވެ. ނަމަވެސް އެކަމަށް ކުރަމުން އައި ނަފްރަތު ހުއްޓާލެވިއްޖެވެ. ސަބަބު ބުނަންތޯއެވެ.

1. ތަދު ނުވަތަ ވޭނެއް ތަހައްމަލް ކުރަން ޖެހުމަކީ ފާފަ ފޮހެވުމުގެ ސަބަބެކެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅުކުރައްވާފައިވެއެވެ. "ގަސްތަކުން ފަތް ފައިބައިގެންދާ ފައިދައިން މާތް ﷲ އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވާ ގޮތަށް މެނުވީ މުސްލިމަކަށް ބައްޔެއް ނުވަތަ އެފަދަ އެެހެން ގެއްލުމެއް ދިމާނުވާނެއެވެ." (ޞަޙީޙުލް ބުޚާރީ)

އެހެންކަމުން، ޕީރިއަޑްގެ ވޭން ތަހަންމަލު ކުރަމުންދާ ވަގުތުތަކުގައި މިކަމާމެދު ވިސްނާލާށެވެ. ކުރެވިފައިވާ ފާފަ ފޮހިވެގެން ދަނީއެވެ. ކޮންމެ މަހަކު އެވޭނުގައި އެނދުން ނުތެދުވެވި އޮންނަން ޖެހޭ ވަގުތުތައް ﷲ އަށް އިސްޠިޣްފާރު ކުރުމުގައި ހޭދަކޮށްލާށެވެ. ވާ ތަދު ކަނޑައިގެން ނުދިޔަޔަސް، ވޭނާއި ތަދު ތަހައްމަލް ކުރަން އިތުރު ހިއްވަރެއް ލިބިދެއެވެ. އަޅެ އަޖުމަ ބައްލަވާ ލައްވާށެވެ.

2. ޕީރިއަޑް ނިމުމުން އަޅުކަމަށް އެނބުރި ދިއުމަށް އިތުރު ލޯތްބެއް އުފެދެއެވެ.

ހަފްތާއެއްގެ މެދު ކެނޑުމަކަށްފަހު ކުރާ ފުރަތަމަ ނަމާދުން ލިބޭ ހިތްހަމަޖެހުން ކިޔައިދޭކަށް ފަސޭހައެއް ނޫނެވެ. އަންހެން ބޭފުޅުން އަޅުގަނޑާ އެއްބަސްވާނެ ކަންނޭނގެއެވެ. އީމާންކަމަކީ އިތުރުވެ، ދަށްވާ އެއްޗެކެވެ. އެއްވަރެއްގައި ހިފަހައްޓާލަން އުނދަގޫ އެއްޗެކެވެ. އެކީގައި އުޅެވޭ ބައެއްގެ ސަބަބުން ނުވަތަ އަޑު އަހާލެވޭ ދަރުހެއްގެ ސަބަބުން އީމާންކަން އިތުރުވެދާނެއެވެ. ހަމައެފަދައިން ޕީރިއަޑްގެ ސަބަބުން ނަމާދުކުރުމާއި ޤުރުއާނާ ދުރުގައި އުޅުމަށްފަހު، އެނބުރި އަންނަ އިރު އީމާންކަމަށް ' ބޫސްޓެއް ' ލިބެއެވެ. މަހަކު އެއްފަހަރު މި ލިބޭ 'ބޫސްޓަށް' ﷲ އަށް ޙަމްދުހުއްޓެވެ.

3. އެލާރމް ނިންވާލަން ވީއެވެ.

ފަތިސް ނަމާދަށް ކުރާ އެލާރމް ނިއްވާލުމަށްފަހު ނިދަން އެނބުރި ދިއުމަކީ އަޅުގަނޑުމެންގެ ހަވާ ނަފްސުގެ އެދުމެވެ. ފަތިހުގެ އެލާރމާއެކު ތެދުވެ ވަގުތުގައި ނަމާދު ކުރުމަކީ އަޅުގަނޑުމެން ހަވާ ނަފްސާ ކުރާ ދުވަހުގެ ފުރަތަމަ ހަނގުރާމައެވެ. ޕީރިއަޑް ސަބަބުން ނަމާދު ކުރަން ނުޖެހުމުން ފަތިސް ނަމާދަށް ކުރާ އެލާރމް ނިއްވާލަންވީއެވެ. ފާފަވެރިވުމަކާއި ނުލާއި ފަތިހު ނިދާލަންވީއެވެ. ނަފްސުގެ އެދުމާއިއެކުއެވެ. ހަފްތާ ބަންދު ދުވާހަކާ ދިމާވުމުން ލިބޭ ހިތްހަމަޖެހުމުގެ ވާހަކަ ނުދައްކާށެވެ. :)

ޞިއްހީ މައްސަލައެއް ނުވަތަ ބަނޑު ބޮޑުވުން ފަދަ ސަބަބެއް ނެތްނަމަ ކޮންމެ މަހަކު އަޅުގަނޑުމެން އަންހެނުންނަށް ކުރިމަތިލާން މިޖެހޭ " ދެޓް ޓްއިމް އޮފް ދަ މަންތް" އަކީ އެކަމެއްގެ ސަބަބުން އަޅުގަނޑުމެންނަށް އިތުރަށް ސަވާބާއި ދަރުމަ ލިބޭ ދުވަސްތަކަކަށް ހަދަމާ ހިނގާށެވެ. ނަމާދު ކުރުމާއި ރޯދަހިފުންފަދަ އަޅުކަންތައް ނުކުރެވުނު ކަމުގައި ވިޔަސްމެއެވެ. އާންމު ދިރިއުޅުމުގެ ކަންތައްތަކުގައި ﷲ އަށް ހިތް ނިޔަތް ހާލިސްކުރާށެވެ. ޒިކުރު ކުރުމާއި އިސްޠިޣްފާރު ކުރުން ގިނަކުރާށެވެ. އަޅުގަނޑުމެން ތަހަންމަލް ކުރާ ވޭނުގެ ސަބަބުން  ސަވާބާއި ދަރުމަ އިތުރު ކުރައްވާނެވެ. އިންޝާ ﷲ!

Copyright © 2024 Faaru News
Made with by Afeef & Noor