އަހަންނަކީ މިދުނިޔޭގައި ތިޔަ އިންސާނުންގެ އަޅަކީމެވެ. ދުވާލުދާހަތަރުދަމު އެހާމެ ބުރައެވެ. މިނިވަންކަމެއް ނޯވެއެވެ. ބޭނުން ތަނަކަށް ނުދެވެއެވެ. ކުރެވޭހާވެސް ކަމަކީ ނުވަތަ ކުރަންޖެހޭހާވެސް ކަމަކީ އިންސާނުން އެދޭހާ ކޮންމެ އިރަކު އެމީހުން ބުނެދޭ ގޮތަކަށް ބުނެދޭ ތަނަކަށް ދިއުމެވެ. ބައެއް ފަހަރު ބުރަކައްޓަށް ލުއިކޮށް ދިޔަޔަސް ގިނަ ފަހަރު މި ބުރަކަށްޓަށް ވަރަށް ބަރެވެ. އުފުލަން ނުޖެހެނީ ކޯއްޗެއް ހެއްޔެވެ؟ މި ބުރަކަށްޓަށް އެރުވޭ ޖާގަ އޮތް ކޮންމެ އެއްޗެކެވެ. މި ބަރު ތަދު އިޙްސާސްކުރަން ނުޖެހޭ ދުވަހެއް ނުދާނެއެވެ. ކީއްކުރާނީ ހެއްޔެވެ؟ މިއީ އަހަރެންގެ ހާލެވެ. ދުނިޔެ ދޫކޮށްދަންދެން މިކަމަށް އޮތީ ކެތްކުރުމެވެ. ނަމަވެސް މި ޟަމީރަށް ކެތްނުކެރެވޭ ކަންތައްތަކެއް އެބަ ހިނގައެވެ. އަހަންނަށް ހަމްދަރުދީއެއް ނެތްކަމަކު އަހަރެން އެކަމަށް އަދި އެ އަނިޔާ ލިބޭ ފަރާތްތަކަށް ހަމްދަރުދީވަމެވެ.
އެއީ ހަމަ އިހަކަށްދުވަހެވެ. އަހަރެން މަޑުކޮށްލިތަނާ އެނާ އެ ފުންމައިލީއެވެ. ފަހަތަށް ދިގުކޮށް އޮންނަ މި ބުރަކަށި މަތިން ފުންމާލާއިރު އެފުއްމާލެވެނީ 04 ނުވަތަ 05 ފޫޓް މަތިންނެވެ. އެވަރުގެ އުސްމިނަކުން ބަލާނުލާ ފުއްމާލާއިރު ތަދު ނުވާނެ ހެއްޔެވެ؟ ހާނިކައެއް ނުވާނެ ހެއްޔެވެ؟ އާއެކެވެ. އޭނާގެ ފައި ބިނދުނީއެވެ. ޕްލާސްޓަރު އަޅައިގެން 02 މަސް އުޅެންޖެހޭނެ ކަމަށް ކިޔާތީ އަޑުއެހީމެވެ. ކިތަންމެހާވެސް ދެރައެވެ.
ހަމަ އެހެން ހާދިސާއެކެވެ. އައްޑޫގައި އުޅޭ އަހަރެންގެ ރައްޓެއްސެއް ފޯނުކޮށް ކިޔައިދިނެވެ. އޭނާގެ ބުރަކަށި މަތިން ފުންމާލި މީހާ ގޮސް ޖެހުނީ ގަލެއްގެ މަތީގައެވެ. މިފަހަރު ފަޔެއްނޫނެވެ. ފުރޮޅާލައިގެންގޮސް އަތް ބިމުގައި ވިދި އަތް ބިނދުނީއެވެ. މިކަހަލަ ކިތަންމެ ހާދިސާތަކެއް މިދުނިޔޭގައި އަހަންނާހެދި އަދި އަހަރުމެންގެ އާއިލާއާހެދި ހިނގައެވެ. އަދޭހޭވެ. އަހަންނަކީ ނިކަމެއްޗަކީމެވެ. ނަމަކަށް އަބަދުވެސް ގޮވާ އުޅެނީ ކުރު ލަފުޒަކުން ޕިކަޕު ކިޔާފައެވެ. އެކަމަކު މީގައި އަހެރެންގެ ކުށަކީ ކޮބައިހެއްޔެވެ؟ ނުވަތަ ކުށް އޮތީ އަހަރެންގެ ފަހަތުން ފުމާލާމީހުންގެ ހެއްޔެވެ. ނުވަތަ އަހެރެން އުފެއްދި އިރުގައި ފޭބޭނެހެން ފައި އަޅާނެ ތަނެއް ނުހެދި މީހުންގެ ހެއްޔެވެ؟
އަދިވެސް ފުރުސަތު އެބައޮތެވެ. އިސްލާހުވާށެވެ. ބަލާލުމެއްނެތި އަހަރެންގެ ގައިގެ މަތިން ފުންމާނުލާށެވެ. މަޑު މަޑުން ފޭބުމަށް އެދެމެވެ. ފައިބާއިރު ފައި އަޅާނެ ހަރުފަތެއް ނުވަތަ ފައި ވިއްދާނެ ކޮންމެވެސް އެއްޗެއް ބައެއް އައިލާ މެމްބަރުން ގައިގައި ހެދިފައި ހުއްޓަސް މި ޕިކަޕަކަށް އެނަސީބު ނުލިބެއެވެ. ނޫންނަމަ ލިބޭނީ ވަރަށްވެސް ކުޑަކޮށެވެ. ބައެއްފަހަރު އަހަރެންގެ އުފެއްދުމުގައި ފޭބޭނެހެން އަރިމަތިން ފައިއަޅާނެ ތަނެއް ހެދިފައިހުއްޓަސް އެވަރުގެ ކުޑަ ތަނެއް ބޭނުންކުރެވޭނީ މަދު މީހަކަށެވެ. ފަހަރަކު މީހަކަށެވެ. މާ ސާފު ރީތި ފޮޓޯއެއް ނޫނަކަސް ސެލްފީ ފޮޓޯ 1 ބަލާބަލާށެވެ.
މީ ދޮގެއް ހެއްޔެވެ؟ ހިޔާލެއް ދެންހެއްޔެވެ؟ އަހަރެންގެ އަރިމަތިން އަހަރެން ކުރަހާފައިވާ ފޮޓޯ 2 ގައި ފެންނަހެން ދަގަނޑެއް އަޅާށެވެ. ނޫނީ އުފައްދާ މީހުންނަށް ދަންނަވައިގެން ނަމަވެސް ހަރުފަތެއް ނުވަތަ ފައިއަޅާނެ ތަނެއް މިއަޅާގެ އަރިމަތިން ހަދައިދޭށެވެ. ކެތެއް ނުކެރެވޭނެއެވެ. މި ޕިކަފުން ފުންމާލައިގެން ހާނިކަވާ މީހުން ކިތަންމެހާވެސް ގިނައެވެ. އެދެނީ މިކަމަށް ހައްލެއް ހޯދައިދިނުމެވެ. މީ އެދުމެކެވެ. އަދި އާދޭހެކެވެ. އަހަންނަށް ރަހުމެއް ނުކުރިއެއް ކަމަކު ތިޔަ އިންސާނުންނަށް މިއަޅާގެ ހިތުގައި ރަހުމްވެއެވެ.