ރ. ހުޅުދުއްފާރުން ކޮވިޑް 19 އަށް ކުއްޖަކު ފައްސިވެއްޖެ.

ފޮޓޯ: އަޙްމަދު ފާރިޟް (ފާރުއެމްވީ)
ޢާއިޝަތު ޝަމްޢާ
ޢާއިޝަތު ޝަމްޢާ
3 އަހަރު ކުރިން
1 މިނިޓް

ރ. ހުޅުދުއްފާރުން ކޮވިޑް 19 އަށް ކުއްޖަކު ފައްސިވެއްޖެެެއެވެ.

ފައްސިވެފައިވަނީ ހުޅުދުއްފާރު ސްކޫލްގެ ގްރޭޑް 10 ގައި ކިޔަވަމުންދާ ކުއްޖެއް ކަމަށް ހުޅުދުއްފާރު ޞިއްޙީ މަރުކަޒުން، ކޮވިޑް-19ގެ ރަށު ފޯކަލް ޕޮއިންޓް ޢަލީ ފާރޫޤް މައުލޫމާތު ދެއްވައެވެ.  އޭކުއްޖާ ފައްސިވެފައިވާކަން އެނގިފައިވަނީ 4 މޭގައި ހުންއައިސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކުމުން ކޮވިޑްގެ ޢަލާމާތްތައް ހުރުމުން ޑޮކްޓަރުގެ ލަފާގެ މަތިން ކޮވިޑް ޓެސްޓު ހެދުމުން އެގޭ ނަތީޖާ މިރޭ ލިބުމުންނެވެ.

ޑޮކްޓަރަށް ދެއްކި ދުވަހުން ފެށިގެން އެކުއްޖާ ހުރީ ގޭގައި އެކަހެރި ކޮށްފައިކަމަށް ކަމަށާއި، އިމްތިޙާނުތައްވެސް ހަދަމުން ދިޔައީ މަރުކަޒުގެ ބެލުމުގެ ދަށުން އެހެން ކުދިންނާއި އެކަހެރިކޮށްކަމަށް ޢަލީ ފާރޫޤް މައުލޫމާތު ދެއްވައެވެ. 

މިހާރު އެ ކުއްޖާ ދިރިއުޅޭ ގެ ހުރީ މޮނިޓަރިންގައި ކަމާއި، ކޮންޓެކްޓް ޓްރޭސިންގ ހަދަމުންދާ ކަމަށްވެސް މަރުކަޒާ ހަވާލާދީ ޢަލީ ފާރޫގު ވިދާޅުވިއެވެ. 

މިއަދު ފައްސިވި ކުއްޖާއަށް، 4 މޭގެ ކުރިން ވަރަށް ގިނަކުދިން ކޮންޓެކްޓްވެފައި ވާ ކަމަށް މަރުކަޒުން މައުލޫމާތު ދެއްވައެވެ. "ސުކޫލުންނާއި، ފުޓްސަލް ދަނޑު އަދި މިސްކިތުންވެސް އެ ކުއްޖާއާއި އެތައް ބަޔަކު ވަނީ 4 މޭގެ ކުރިން ބައްދަލުވެފައި. އޭގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްވި މީހުން ގޭގައި އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ." ފާރޫޤް ވިދާޅުވިއެވެ.

ރަށުން ބޭރުން ހުޅުދުއްފާރަށް ކިޔަވަން އައިސްތިބި ބައެއް ކުދިންނާއިވެސް ފައްސިވި ކުއްޖާ ބައްދަލުވެފައިވާކަމާއި، އޭގެ ތެރެއިން  ބައެއް ކުދިން މިވަޤުތު އެކުދިންގެ ރަށަށް ގޮސް ތިބީމައި، އެ ރަށްރަށުގެ މަރުކަޒުތަކާއި ގުޅައިގެން އެކުދިން އެކަހެރި ކުރުމުގެ މަސައްކަތްވެސް މިހާރު މިދަނީ ކުރަމުންކަމަށް ފާރޫޤްވިދާޅުވިއެވެ. 

ހުޅުދުއްފާރު އަނެއްކާވެސް މޮނިޓަރިންނަކަށް ގޮސްދާނެތޯ ސުވާލު ކުރުމުން ޢަލީ ފާރޫޤް ވިދާޅުވީ، ކޭސްގެ މައުލޫމާތު ވާނީ އެޗް.ޕީ.އޭ އަށް މިހާރު ފޮނުވާފައިކަމަށާއި، ގޮތެއް ނިންމާނީ އެކޮޅުން ކަމަށެވެ. 

މި ވަޤުތު ހުރިހާ ބޭފުޅުންވެސް ފަރުދީ ޒިންމާ އަދާ ކޮށްދެއްވުމަށް މަރުކަޒުން އިލްތިމާސް ކުރައްވައެވެ. މިގޮތުން ކޮންމެހެން ބޭނުން ވެގެން ނޫނީ ބޭރަށް ނުނިކުތުމަށާއި، އަދި ޚާއްސަކޮށް ގުރޫޕް ހަދާފައި ބޭރުތެރޭގައި ނޫޅުމަށް މަރުކަޒު ނަޞޭޙަތްތެރިވެއެވެ. އަދި ބޭރަށް ނުކުންނަން ޖެހިއްޖެ ނަމަ، އަދި ނަމާދަށް ދާކަމުގައި ވިޔަސް މާސްކު އެޅުއްވުމަށާއި، ފިހާރައަށްވެސް ފަހަރަކު ބޭފުޅަކު ވެންނެވުމަށް، އަދި ގައިދުރުކަން ބެހެއްޓުމަށް މަރުކަޒުން އިލްތިމާސް ކުރައްވައެވެ.

Copyright © 2024 Faaru News
Made with by Afeef & Noor