ރަމަޟާންމަހާއެކު ޤުރުއާނަށް އަލްވަދާޢު ނުކިޔައްޗެވެ.

ނާނު
ނާނު
3 އަހަރު ކުރިން
1 މިނިޓް

އަޅުގަނޑުމެންގެ މުޖުތަމައުގައި އާދަވެފައިވާ ރަނގަޅު އާދައެކެވެ. ޤުރުއާނާއި ސުންނަތުގެ އިރުޝާދާ އެއްގޮތަށް ރަމަޟާންމަހާއެކު ޤުރުޢާން ކިޔެވުމުގެ މިންވަރު އިތުރުކުރުމެވެ. އާންމު ދިރިއުޅުމުގައި ޤުރުއާނާ ވަރަށް ދުރުގައި އުޅޭ ފަރާތްތައްވެސް އެމަހެއްގައި ޤުރުޢާން ބާވައިލެއްވި ރަމަޟާންމަހު ކީރިތި ޤުރުއާން ކިޔެވުމުގައި ވަގުތުތައް ހޭދަކުރެއެވެ.  ރަމަޟާންމަސް ނިމުމުގެ ކުރިން ޚަތިމެއް ކުރުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންގެ އުއްމީދެކެވެ. އަދި އެކަމަކަށްޓަކައި ވަޤުތު ހުސްކޮށް އެކަން ހާސިލްކުރުމަށް މަސައްކަތް ކުރާ ކަމެކެވެ.

އެހެން ނަމަވެސް، ދެން ފެންނަ މަންޒަރަކީ ރަމަޟާންމަސް ނިމުމާއެކު ކީރިތި ޤުރުއާން ދޫކޮށް އާންމު ދިރިއުޅުމަށް ރުޖޫޢަވާ ތަނެވެ. ކީރިތި ޤުރުއާން ހަމައެކަނި ރަމަޟާން މަހަށް ޚާއްޞަކޮށްފައިވާ ތަނެވެ. މިއީ ވަރަށް ވެސް ހިތާމަހުރި ކަމެކެވެ. ކީރިތި ޤުރުއާން ބާވައިލެއްވުނީ އަޅުގަނޑުމެންނަށް ތެދުމަގު ދެއްކެވުމަށެވެ. ކީރިތި ޤުރުއާނަކީ އަޅުގަނޑުމެންނަށްވާ ހިދާޔަތެކެވެ. ދިރިއުޅުމުގެ ސަމުގާއެވެ. ހަމައެއާއެކު، ކީރިތި ޤުރުއާން ކިޔެވުމަކީވެސް އަޅުކަމެކެވެ. ކޮންމެ އަކުރަކަށް 10 ޘަވާބެވެ.

އެހެންކަމުން، މިއަދު ރަމަޟާންމަސް އަޅުގަނޑުމެންނާ ވަކިވެދާއިރު އާ އަޒުމެއް ކަނޑައަޅަމާ ހިނގާށެވެ. ރަމަޟާންމަސް ނިމުނުކަމުގައި ވީ ނަމަވެސް ކީރިތި ޤުރުއާން ދޫކޮށް ނުލަމާ ހިނގާށެވެ. އާންމު ދިރިއުޅުމުގެ ބަޔަކަށް ކީރިތި ޤުރުއާން ހަދަމާ ހިނގާށެވެ. ކޮންމެ ދުވަހަކުވެސް ޤުރުއާނުގެ މިންވަރެއް ކިޔަވާލަން ހިނގާށެވެ. الله‎ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އެންމެ މާތް އަމަލަކީ ކުޑަ ނަމަވެސް ދާއިމީކޮށް ކުރެވޭ އަމަލުތަކެވެ.

ކުޑަކޮށް ހިސާބު ކޮށްލަމާ ހިނގާށެވެ. 2022 ވަނަ އަހަރުގެ ރަމަޟާންމަސް ފެށުމުގެ ކުރިން އިތުރު ޚަތިމެއް ކުރަން ބޭނުންނަމަ ދުވާލެއްގެ ނުވަތަ މަހެއްގެ މައްޗަށް ކިހާ މިންވަރެއް ކިޔަވަން ޖެހޭނެ ތޯއެވެ؟  2022 ވަނަ އަހަރުގެ ރަމަޟާންމަސް ފެށޭނެކަމަށް ކަލަންޑަރުގައި ވަނީ އޭޕްރިލް 01 ކެވެ. އެއީ ގާތަގަނޑަކަށް 10 މަސްފަހެވެ. އެހެންކަމުން، 2022 ވަނަ އަހަރުގެ ރަމަޟާންމަސް ފެށުމުގެ ކުރިން އިތުރު ޚަތިމެއް ކުރަން ބޭނުންނަމަ މަހަކު 03 ފޮތް ނިންމަން ޖެހޭނެއެވެ. ދުވަހެއްގެ މައްޗަށް 02 ޞަފްޙާއެވެ. ރޭގަނޑު އެންމެ ޞަފްޙާއެކެވެ. ދުވާލު ހަމަ އެންމެ ޞަފްޙާއެކެވެ.

މާތް ވެގެންވާ ރަމަޟާންމަސް އަޅުގަނޑުމެންނާ އަލްވަދާޢުކީ ކަމުގައިވިޔަސް މިމަހުގައި އަޅުގަނޑުމެން ކީރިތި ޤުރުއާނާ ބަދަހި ކޮށްފައިވާ ގުޅުން ހީނަރު ވިޔަ ނުދޭށެވެ. ޤިޔާމަތް ދުވަހު އަޅުގަނޑުމެންނަށްޓަކައި އެޤުރުއާން ޝަފާޢަތްތެރި ވާނެ ކަމުގެ އުއްމީދުގައެވެ. 

Copyright © 2024 Faaru News
Made with by Afeef & Noor