ސެކިއުލަރިޒަމް: ދީނާއި ޘަޤާފަތާއި އަޚްލާޤުގެ ދުޝްމަން

އަލްއަޚް އަޙްމަދު ޢަލީ
އަލްއަޚް އަޙްމަދު ޢަލީ
2 އަހަރު ކުރިން
1 މިނިޓް

އިސްލާމްދީނާއި މި ދީނުގެ ޘާޤާފަތާއި އަޚްލާޤީ އުޞޫލުތަކަށް އޮތް އެންމެ ބޮޑު އެއް ނުރައްކަލަކީ ލާދީނީ އޮއިވަރުތަކުން އުފެދިފައި ހުރި އެކި އެކި ފިކުރުތަކެވެ.

މިއީ ހަމަ އެކަނީ އިސްލާމްދީނަށް ކުރިމަތިވެފައިވާ ނުރައްކަލެއްނޫނެވެ. އަދި ކިއެއްތަ! މުޅި އިންސާނިއްޔަތަށް ވެސް ކުރިމަތިވެފައިވާ ބޮޑުވެގެންވާ ވަބާއެކެވެ. ދުނިޔޭގައި އެކި ހިސާބުތަކުގެ މީހުން ޤަބޫލު ކުރަމުންދާ ބާޠިލް ދީންތަކާއި އެބައިމީހުންގެ ތެރޭގައި ވެސް އޮތް ތަފާތު އާދަކާދަތަކާއި ޘަޤާފަތްތަކަށް އޮތް ނުރައްކަލަކީ ހުޅަނގުން ތައްޔާރުކޮށްފައިވާ ސެކިއުލަރ ވިސްނުމާއި އޭގެތެރެއިން ލާފައި އުފެދިފައިވާ ތަފާތު އެކި އެކި ފިކުރު ތަކެވެ.

އެގޮތުން ތިރީގައި މި ބަޔާން ކޮށްލަނީ މުސްލިމު މުޖަތަމަޢެއްގެ ތެރެއިން ދީނީ ކުލަވަރު ފަނޑުކޮށް ހަޑި މުޑުދާރު ވިޔާ ނުދާ އެންމެހާ ފާޙިޝް އަމަލުތައް ފަތުރަމުން މާއްދިއްޔަތަށް އަޅުވެތިވެފައިވާ އަފްރާދުންތަކެއް ބިނާކުރުމަށް މި ނުބައި ފިކުރުގެ މީހުން ރާވާ ވަރަށް ގިނަ ރޭވުންތަކުގެތެރެއިން ބައެއް ކަންކަމެވެ.

  • ތަފާތު މަންޠިޤީ ސުވާލުތަކާއި އަރަތްތައް ހަދައިގެން މުޖުތަމަޢުގެ އަފްރާދުންގެ ދީނީ ޢަޤީދާގެ ތެރޭގައި ޝައްކާއި ވަހުމު އުފައްދާ، ހުޅަނގުގެ ލާދީނިއްޔަތާއި މާއްދިއްޔަތު އެކުވެ އުފެދިފައިވާ ފިކުރުތަކަށް  މުސްލިމު ރައްޔިތުން ދިރިއުޅެމުންދާ ބިންތަކުގައި ޖާގަ ފަހިކުރުން
  • އިސްލާމީ ޢަޤީދާގެ ތެރެއަށް ހުޅަނގުގެ މާއްދީ ފަލްސަފާތައް ވެއްދުން،
  • الولاء والبراء ގެ ޢަޤީދާ ނުވަތަ "ﷲ އަށްޓަކައި ލޯބިމާއި ﷲ އަށްޓަކައި ވަކިވުން"  މި ޢަޤީދާ މުސްލިމުންގެ ހިތްތަކުން ބަލިކަށިކޮށްލުން،
  • މީޑިއާގެ ޒަރީޢާއިން ހުޅަނގާއި އިރުމަތީގެ ޚަބަރު ތަކާއި އެމީހުންގެ މަސައްކަތްތަކާއި އެމީހުންގެ ކުޅަދާނަކަމުގެ ޚަބަރުތަކާއި އެމީހުންގެ  ތަމްސީލުތަކާއި ޑްރާމާތަކާއި ޖިންސީ ޣަރީޒާތަކަށް ބާރުލިބިދޭ މަންޒަރުތަކާއި އަޑުތައް އިވިއިވި  އެކަންތައް ތަކުރާރުވާ މިންވަރު ގިނަވެގެން ގޮސް އިޙްސާސު ކެނޑިފައިވާ ބަޔެއްގެ ޙާލަތަށް މުޖުތަމަޢުގެ އަފުރާދުން ގެންދިޔުން
  • ޣައިރު މުސްލިމުންނަށް ލޯބިކުރުމުގެ ގޮތުން އެބައިމީހުންގެ ޢީދު ފާހަގަ ކުރުން، ޞަލީބު ފަދަ ތަކެތި އެޅުން، އެމީހުން ލައިއުޅޭފަދަ ފޭރާން ލުމަށް ލޯބިކުރުން
  • މަންޠިޤީ ސުވާލުތަކާއި އަރަތްތައް ބޮލަށް ލައިގެން ތިބެ ތިމަންނަމެންނީ  ރާމާމަކުނުގެ ނަސްލުން އައި ބަޔަކު ކަމުގައި ބުނަމުންދާ، ހަވާ ނަފްސު ދީނަކަށް ހަދައިގެން އެޔަށް އަޅުވެތިވެގެން އުޅޭ އެތީސްޓުންގެ ފިކުރަށް ޖާގަ ދިނުން
  • އިސްލާމީ ޤައުމުތަކުގެ ޝަރުޢީ ދާއިރާއަކީ ދީނާ ދުރު ހުޅަނގުގެ ޤާނޫނުތަކާއި މާއްދީ ފަލްސަފާތަކަށް ޖާގަދޭ އެއްޗަކަށް ހެދުން
  • އިސްލާމީ ޝަރީޢަތަކީ ލާއިންސާނީ ޢަމަލްތަކަށް ޖާގަދޭ ނިޒާމެއް ކަމުގައި ބުނުން
  • އިސްލާމީ ރިވެތި ތަރުބިއްޔަތާއި އަޚްލަޤީ ސިފަތަކުން މުޖުތަމަޢުގެ އަފްރާދުން ބީރައްޓެހި ކުރުމުގެ ގޮތުން ދީނާ ދުރު ބީރައްޓެހި ޘަޤާފަތްތައް ތަޢާރަފު ކުރުން
  • ޒުވާނުންގެ ހިތްތަކުގައި ދީނާ މެދު އޮންނަޖެހޭ ލޯބި ނެތިކޮށް ޒުވާނުންގެ ވަޤުތު ކަތިލުމުގެ ގޮތުން ޖިންސީ ޣަރީޒާތަކަށް ގޮވާލުމާއި މާރާމާރީއާއި ބޭއަދަބީ ހުތުރުކަންބޮޑު ޢަމަލުތަކަށް ޖާގަދޭ ތަފާތު ޙަރަކާތްތައް މީޑިއާ މެދުވެރިކޮށާއި އެނޫންވެސް ވަޞީލަތްތަކުގެ އެހީގައި ކުރިއަށް ގެންދިޔުން
  • އުނުއަންނައުނު ފޭރާން ތަކުގައި ޖަރީމާތަކާއި ފާޙިޝު ޢަމްލަތަކަށް މަގުފަހިކޮށްދޭ ޝިޢާރުތައް ލިޔެ މުސްލިމު ޒުވާނުންގެ މެދުގައި ފެތުރުން

މީއި "ސެކިއުލާރ" ނުވަތަ ލާދީނީ ފިކުރުގެ މީހުން މުޅި ދުނިޔޭގައި ރާވަމުން ގެންދާ ބޮޑުވެގެން ވާ ޖަރީމާއެކެވެ. މި މީހުންގެ އަވާގައި ޖެހި އެތައް ބަޔަކު ދަނީ އެބައިމީހުންގެ ދުނިޔަވީ ޙަޔާތް ބަރުބާދު ކުރަމުންނެވެ. މި ދަނޑިވަޅުގައި އަޅުގަނޑުމެންގެ ރާއްޖޭގައި މި ނުބައި ފިކުރު ފެތުރެމުންދާ މިންވަރުވެސް އިޙްސާސު ކޮށްލެވޭނެއެވެ.

މިވަޤުތަކީ އެންމެހާ ބެލެނިވެރިންނާއި ބެލެހެއްޓުންތެރިން ވަރަށް ހުޝިޔާރުވެގެން ތިބެންޖެހޭ ވަޤުތެކެވެ. ލާދީނިއްޔަތުގެފިކުރަކީ ކޮބައިކަން ރަނގަޅަށް ދަނެ  ހޭލުންތެރިވާން އެބަޖެހެއެވެ. ހަމަ އެކަނި ހޭލުންތެރިވާން ޖެހެނީ "ކޮވިޑް-19" ފެތުރޭތީ އެއް ނޫނެވެ. ޖިސްމާނީ އެފަދަ ބަލިތަކަށް ފަސޭހައިން ފަރުވާކުރެވެއެވެ. ނަމަވެސް ރޫޙާނީ ނިޒާމަށް ކުރިމަތިވާ މިފަދަ ނުރައްކާތެރި ވަބާތަކަކީ އެއްޖީލުން އަނެއް ޖީލަށް ފެތުރިގެންދާނެ ބަލިތަކެވެ. އިންސާނުންގެ ދުންޔަވީ އަދި އުޚްރަވީ ޙަޔާތް ބަރުބާދުކޮށް ނެތިކޮށްލާނެ ނުރައްކާތެރި ބަލިތަކެވެ.

މިނުބައި ފިކުރުގައި އަޅުގަނޑުމެންގެ ޅަދަރީންނާއި ޒުވާނުން ނުޖެހި ސަލާމަތްވޭތޯ ގަދަ އަޅާ މަސައްކަތް ކުރަން އެބަޖެހެއެވެ. މާތް ﷲ އަޅަމެން އެންމެނަށް ހެޔޮ މަގު ދައްކަވާށިއެވެ! އާމީން!

Copyright © 2024 Faaru News
Made with by Afeef & Noor