ސުމާޓް ފޯނާއި ދުރުގައި 2 މަސް: ފޮނި ތަޖްރިބާއެއް

އާސިޔާ
އާސިޔާ
2 އަހަރު ކުރިން
2 މިނިޓް

އެންމެ ފުރަތަަމަ ފާޅުވީ ދަނބު ކުލައިގެ ތިއްކެކެވެ. ފަހަރުގައިވެސް އެ ކުޑަ ތިކި އަހަރެންގެ ހަޔާތަށް ބޮޑު ބަދަލެއް ގެނެސްފާނެ ކަމަކަށް ހިޔެއް ނުކުރަމެވެ. ނަމަވެސް އެ ކުޑަ ތިކި ބޮޑުވެ ފޯނުގެ ސްކްރީނު ހިޞާރު ކުރާކަށް ގިނަ ވަގުތުތަކެއް ނުނެގިއެވެ. އެވަގުތު ހިތަށްއެރިއެވެ. މިއީ ބަދަލެއް ގެނައުމަށް ﷲ ތަޢާލާ ދެއްވި ފުރުސަތެއް ކަމަށް ވެދާނެއެވެ. އެހެންކަމުން، ހިތުގައި ހިލަގަނޑެއް ބޭއްވުމަށްފަހު ފިރިމީހާ ކުރެ ސްމާޓްފޯނެއް ބޭނުން ނުވާކަމަށާއި އާދައިގެ ފޯނެއް ގެނެސްދިނުމަށް އެދުނީމެވެ. އަހަރެންގެ ހިތުގައި ބޭއްވި ހިލަގަނޑުގެ ބަރުދަން ފިރިމީހާއަށް ދެނެގަނެވުނުކަން އިނގުނީ ޖެހިގެން އައި ދުވަހު ސްމާޓްފޯނެއް ގަނެގެން އައިސް ދިއްކޮއްލުމުންނެވެ. 

ބުނި ބަހުގައި ސާބިތުވެ، ފޯނު ބޭނުން ނުވާ ކަމަށް ބުނުމުން ފިރިމީހާގެ މޫނުމަތިން ފާޅުވި ހައިރާންކަމުން މި ނިންމުމުގައި އަހަންނަށް ސާބިތުވެވިދާނެ ކަމާއި މެދު ޚުދު އަހަންނަށް ވެސް ސުވާލު އުފެދުނެވެ. އަހަރެން އެދުނު ގޮތަށް އާދައިގެ ފޯނެއް ގަނެދިނުމަށް ފަހު ވެސް، ސްމާޓްފޯނު ބޭއްވީ، ދެދުވަސް ނުވެ "ނޮކިޔާ ބައްތި" ފާރު ބުޑަށް ޖަހާފާނެކަމުގެ ބިރަށް ތޯއްޗެކެވެ. ހަގީގަތުގައި އަހަރެން ވެސް ހީކުރި އެފަދައިންނެވެ. ނަމަވެސް، ސްމާޓް ފޯނާއި ނުލާ އެންމެ ފުރަތަަމަ ހޭދަވި ދުވަހު އަހަންނަށް ކުރެވުނީ މިނިވަންވި ކަމުގެ ފޮނި އިހްސާސެކެވެ. ސިކުނޑި ކަސްތޮޅަކުން މިނިވަންވި ފަދައެވެ. 

އޭގެ ދެ މަސް ފަހުން، މިއަދު އަހަރެންގެ ވާހަކަ މިކިޔައިދެނީ ފަހަރުގައި ކޮންމެސް މީހަކަށް މިވާހަކަތަކުން ފައިދާއެއް ކޮށްފާނެ ކަމުގެ އުއްމީދުގައެވެ. އަހަންނަކީ ޑިޕްރެޝަންގެ ޝިކާރައަކަށް ވެފައިވާ ވަރަށް ބިޒީ މަންމައަކީމެވެ. އަހަންނަށް ލިބޭ ހުސްވަގުތުތައް ފުރާލަދޭ އެންމެ ގާތް މިތުރަކީ ސްމާޓްފޯނެވެ. އެއީ ހިތްހަމަޖައްސާލުމަށް އަހަންނަށް އޭރު ފެނުނު އެންމެ ރަނގަޅު ގޮތެވެ. އެހެންނަމަވެސް ސޯޝަލް މީޑިއާ އަދި ފެންނަ ބައެއް ހަބަރުތަކުން ހިތުގެ ނުތަނަވަސްކަން އިތުރުވެ، ދިރިއުޅުމަށް އޭގެ އަސަރު ކުރަން ފެށިއެވެ. އެންމެ ގާތް އެއް މިތުރާ ދުރުވާން ނިންމީ ޚުދު އަހަންނަށް ވެސް އަހަރެން ވަކި ކުރަން ނޭންގޭ މިންވަރަށް ބަދަލުތަކެއް އައުމުންނެވެ. ސްމާޓްފޯނާއި ދުރުގައި ދެމަސް ހޭދަވިއިރު، މިއަދު އަހަރެންގެ ހަޔާތަށް ހެޔޮ ބަދަލުތަކެއް އައިސްފިއެވެ. ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރު ވެއްޖެއެވެ. ޣާފިލުކަމުގެ ކަނޑަށް ޣަރަޤުވަމުން ދިޔަ ހިތް  ފެން މައްޗަށް އަރައި ހަޔާތަށް އުފާވެރިކަމެއް ގެނެސްދީފިއެވެ. 

މިއީ އަހަރެންގެ ވާހަކައެވެ. ކޮންމެ މީހަކަށް ސްމާޓްފޯނާއި ދުރުވުން ހައްލަކަށް ނުވެދާނެއެވެ.  މުހިއްމު ކަމަކީ ތިމާގެ ނަފްސާނީ މައްސަލައެއް ހުރިކަން ދެނެގަނެ އެކަމަށް ފަރުވާ ކުރުމެވެ. މިކަމުން އަރައިގަނެވޭނީ ތިމާ އަމިއްލައަށް މަސައްކަތް ކުރުމުންނެވެ. ހިތް ނުތަނަވަސް ކުރުވާ ކަންކަން ދެނެގަނެ، އެކަންކަމުން ދުރުވެ، އަޅުކަމާއި މަޝްޢޫލުވުމުންނެވެ. އަދި ނަފްސާނީ އެހީތެރިކަން ލިބިގަތުމުންނެވެ. އަހަރެން ޑިޕްރެޝަން ގައި ހޭދަވި އަހަރު ތަކުގައި ފިރިމީހާ އާއި ގާތް މީހުން އެހީތެރިވެދޭން ކުރި މަސައްކަތުން އަލިމަގެއް ނުފެނުނީ އެހިތްވަރު އަހަރެން ނުލުމުންނެވެ. ނަމަވެސް މިއަދު އަހަރެންގެ ހާލަތު މިވަނީ އުއްމީދުވެސް ނުކުރާހާ ބޮޑަށް  ރަނގަޅުވެފައިއެވެ.  الحمد لله. ވަކިވި ހިނދު ތިބާ ފާޅުކުރި އުއްމީދު އަހަރެންގެ ހަނދާނުގައި އެބަހުއްޓެވެ. އިންޝާ ﷲ އެނބުރި ދާނީ ﷲގެ ކަލާމް ފުޅުން ނޫރެއް ލެވިފައިވާ ހިތަކައިގެންނެވެ. اللهم آتِنا في الدنيا حسنة وفي الآخرة حسنة، وقِنا عذاب النار.

Copyright © 2024 Faaru News
Made with by Afeef & Noor