ތިންވަނަ ބައި: ޤިޔާމަތްދުވަހުގެ އިންޛާރު
އެކަލާނގެ ޤުދުރަތްތެރިކަމުގެ ޙުއްޖަތަށްފަހު، މިސޫރަތުގައި ދެން ވާރިދުވެގެން އަންނަނީ ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުގެ ވާހަކައެވެ. މިއީ އެބައިމީހުން ދޮގުކުޅަ ކަންތަކެވެ. އިސްވެދިޔަ އާޔަތްތަކުން، މިއޮށް ބޮޑު އުޑާއި، ތަނަވަސްވެގެންވާ ބިމާއި، ގަދަފަދަވެގެންވާ ފަރުބަދަތައް އުފައްދަވާ، ޚަލްޤުކުރެއްވި ރަސްކަލާނގެ، އިންސާނާ އަލުން ދިރުއްވޭނޭ ކަމާއި، އެއީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ކުރިމަތީގައި އާދައިގެ ކުޑަ ކަމެއްކަން ދެނެގަނެވެއެވެ.
އެއާއި ވިދިގެން އަންނަ އާޔަތްތަކުގައިވަނީ ޤިޔާމަތް ދުވަހުން އެވަރުގަދަ މަޚްލޫޤުންނާއި މެދު ޢަމަލުކުރެވޭނެ ގޮތުގެ ވާހަކައެވެ. އެދުވަހުގެ ބިރުވެރިކަން ބަޔާންކުރައްވާ މާތް ﷲ ޥަޙީކުރެއްވިއެވެ. إِنَّ يَوْمَ الْفَصْلِ كَانَ مِيقَاتًا ﴿١٧﴾ يَوْمَ يُنفَخُ فِي الصُّورِ فَتَأْتُونَ أَفْوَاجًا ﴿١٨﴾ وَفُتِحَتِ السَّمَاءُ فَكَانَتْ أَبْوَابًا ﴿١٩﴾ وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا ﴿٢٠﴾
މާނައީ: ހަމަކަށަވަރުން، ނިޔާކުރެއްވުމުގެ ދުވަސް ކަނޑައެޅިގެންވާ ދުވަހެއް ކަމުގައިވިއެވެ. ތާޅަފިލި ފުމެލައްވާ ދުވަހުއެވެ. ފަހެ، އެދުވަހުން ތިޔަބައިމީހުން (محشر ބިމަށް) ބައިބަޔަށް އަންނާނޫއެވެ. އަދި އުޑުތައް ހުޅުއްވާނެތެވެ. ފަހެ، ދޮރޯށިތަކެއް ފަދައިން އެ އުޑުތައް ވާނެތެވެ. އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވެގެންދާނެތެވެ. އަދި އެ ފަރުބަދަތައް އަވާމެންދުރެއް ކަމުގައި ވާނެތެވެ.
އެދުވަހުން އިސްވެދިޔަ އާޔަތްތަކުގައި ޝިދާދު (ވަރުގަދަ) ކަމުގެ ޞިފަ ލިބިފައިވާ އުޑު ފަޅަފަޅައިގެން ދާނެއެވެ. އަދި ބިން ހަރުލެއްވުމަށްޓަކައި ޘާބިތުކުރެއްވި ފަރުބަދަތައް ވެއްޔައްވެގެންދާނެއެވެ. އިންސާނާއަށް އެއީ އަވާމެންދުރެއްފަދައިން ހީވާފަދަ ގޮތަކުންނެވެ.
އެއަށްފަހު ނަރަކައިގެ އަހްލުވެރިންގެ ނިމިދިޔުމާއި އެބައިމީހުންނަށް ލިބޭނީ އެބައިމީހުން ކުޅަ ޢަމަލަކާއި އެއްވަރު ޢަޛާބުކަން ބަޔާންކުރެއްވުމަށްފަހު ސުވަރުގޭގެ އަހްލުވެރިންގެ ކާމިޔާބުގެ ވާހަކަ ގެންނަވައެވެ. އަދި އެބައިމީހުންނަށް ލިބޭނޭ އެއް ނިޢުމަތެއްގެ ގޮތުގައި ބޭކާރު، ދޮގު ވާހަކަ ނީވުން ހިމަނުއްވާފައިވެއެވެ. އެކަލާނގެ ޥަޙީކުރެއްވިއެވެ. لا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّابًا ﴿٣٥﴾ މާނައީ: باطل ވާހަކަތަކެއް، އަދި ދޮގެއް އެއުރެން އެތާކު ނާހާނެތެވެ.
ޢަރަބި ބަހުގައި، ޙާލަތާއި ގުޅޭ ގޮތުން ވާހަކަ އައުމަކީ ބަލާޣާތްތެރި ކަމުގެ ތެރެއިންވާ ކަމެކެވެ. މިއާޔަތަކީ މީގެ އަލިގަދަ މިޘާލެކެވެ. ސޫރަތް ފެށުނުއިރު ބަޔާންކުރައްވާފައިވަނީ މައްކާގެ މުޝްރިކުންގެ ދުއްތުރާތަކެއްގެ ވާހަކައެވެ. އެބައިމީހުން މާތް ނަބިއްޔާ ދޮގުކޮށް، އެކަލޭގެފާނަށާއި، އެކަލޭގެފާނަށް ތަބާވީމީހުންނަށް ކުޑައިމީސްބަސް ބުނެއުޅުނު ވާހަކައެވެ. މުސްލިމުންނަށް އޭރު އޮތީ ކެތްތެރިވުމެވެ. އެހެނަސް ޤިޔާމަތް ދުވަހުން އީމާންވި މީހުންނަށް މާތް ﷲ ޙައްޤު ޖަޒާ ދެއްވާ އޭގެ އިތުރަށްވެސް ދެއްވާނެއެވެ. އެކަލާނގެ ޥަޙީ ކުރެއްވިއެވެ. جَزَاءً مِّن رَّبِّكَ عَطَاءً حِسَابًا ﴿٣٦﴾ މާނައީ: ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ލިބެނިވި ޖަޒާއެއްގެ ގޮތުގައެވެ. ފުދިގެންވާ ދެއްވުމެއްގެ ގޮތުގައެވެ.) އެދުވަހުން އެފަދަ ހިތްދަތި ބަސްތަކެއް އެބައިމީހުންނަކަށް ނީވޭނެއެވެ. އެބައިމީހުން ތިބޭނީ ﷲ ތަޢާލާގެ ނިޢުމަތްދެއްވިގެންވާ ސުވަރުގޭގައެވެ.
މިއާއި ޚިލާފަށް، ސޫރަތުގެ ފެށުނުތަނުގައި ދޮގުކުޅަ މީހުން ބޮޑައިވެ އުޅުނުކަމުގެ މައްޗަށް، އެދުވަހުން އެބައިމީހުންގެ އަނގައިން ނިކުންނާނީ ނިކަމެތިކަމުގެ ބަސްތަކެކެވެ. އެބައިމީހުން ބުނާނެއެވެ. "ތިމަންމެން ވެއްޔަށް ވީނަމައެވެ."
މިސޫރަތުގެ ފެށުމާއި، ސޫރަތުގެ ނިމުމާއި ގުޅިފައިވާ ގޮތުގެ ފުރިހަމަކަން ބައްލަވާށެވެ.