ސޫރަތުއް ނަބާގެ ބަހަވީ އިޢުޖާޒު - (ނިންމުން)

އައްޝައިޚާ ފާޠިމަތު ކިފާޙް ޤުބާދު
އައްޝައިޚާ ފާޠިމަތު ކިފާޙް ޤުބާދު
2 އަހަރު ކުރިން
1 މިނިޓް

ސޫރަތުއް ނަބާއާއި ސޫރަތުލް މުރްސަލާތާއިވާ ގުޅުން

ސޫރަތުއްނަބާއާއި، އެސޫރަތުގެ ކުރިއަށްވާ ސޫރަތުލް މުރްސަލާތު ދެގޮތަކަށް ތަނާސަބުވެއެވެ. މުރްސަލާތު ސޫރަތުގައި ތަކުރާރުކޮށް ވާރިދުވެފައިވާ އެއް އާޔަތަކީ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴿٤٩﴾ މާނައީ: ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކުހުށްޓެވެ.

މިއާޔަތް މިސޫރަތުގެ 10 ތަނެއްގައި ވާރިދުވެފައިވެއެވެ. ސޫރަތު ޢައްމަ ފެށޭއިރު އަންނަނީ މިބައިމީހުން ދޮގުކުޅަ އެއްމެ މުހިއްމު ކަންތައްތަކުގެ ވާހަކައެވެ. އެއީ ކީރިތި ޤުރްއާނެވެ. ނުވަތަ އަލުން ދިރުއްވާ ޙިސާބު ބެއްލެވުމެވެ.

ހަމަ މިފަދައިން ސޫރަތުލް މުރްސަލާތުގައި ޔައުމުލް ފަޞްލު (ނިޔާ ކަނޑައެޅޭ ދުުވަސް) މިލަފްޡު ދެފަހަރަށް ވާރިދުވެފައިވެއެވެ. އެހެނީ މުރްސަލާތު ސޫރަތަކީ ޤިޔާމަތުގެ ވާހަކަ ސޫރަތެކެވެ.

ސޫރަތުއް ނަބާގައިވެސް، ކާފަރުންގެ މައްޗަށް ޙުއްޖަތް ޤާއިމުކުރެއްވުމަށްފަހު، ޤިޔާމަތްދުވަހުގެ ބިރުވެރިކަން ޞިފަކުރައްވާފައިވެއެވެ. ހަމައެއާއި އެކު، އެދުވަހަށް ނިސްބަތް ކުރެވިގެން ވަނީ، ސޫރަތުލް މުރްސަލާތުގައިވާ ފަދައިން "ޔައުމުލް ފަޞްލުގެ" ނަމުންނެވެ. މާތް ﷲ ޥަޙީ ކުރައްވާފައިވެއެވެ. إِنَّ يَوْمَ الْفَصْلِ كَانَ مِيقَاتًا ﴿١٧﴾ يَوْمَ يُنفَخُ فِي الصُّورِ فَتَأْتُونَ أَفْوَاجًا ‎﴿١٨﴾‏ وَفُتِحَتِ السَّمَاءُ فَكَانَتْ أَبْوَابًا ‎﴿١٩﴾‏ وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا ‎﴿٢٠﴾ މާނައީ: ހަމަކަށަވަރުން، ޔައުމުލް ފަޞްލު (އެބަހީ ނިޔާކުރެއްވުމުގެ ދުވަސް) ކަނޑައެޅިގެންވާ ދުވަހެއް ކަމުގައިވިއެވެ. ތާޅަފިލި ފުމެލައްވާ ދުވަހުއެވެ. ފަހެ، އެދުވަހުން ތިޔަބައިމީހުން (محشر ބިމަށް) ބައިބަޔަށް އަންނާނޫއެވެ. އަދި އުޑުތައް ހުޅުއްވާނެތެވެ. ފަހެ، ދޮރޯށިތަކެއް ފަދައިން އެ އުޑުތައް ވާނެތެވެ. އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވެގެންދާނެތެވެ. އަދި އެ ފަރުބަދަތައް އަވާމެންދުރެއް ކަމުގައި ވާނެތެވެ.

ނިންމުން

މިއުއްމަތަށް ބާވައިލައްވާފައިވާ އެއްމެ މަތިވެރި މުޢުޖިޒާތަކީ ކީރިތި ޤުރްއާނެވެ. އެއީ ޤިޔާމަތަށް ދާންދެން ދެމިގެންދާނޭ ކީރިތި މާތް ﷲ ގެ ކަލާމްފުޅެވެ.  ކީރިތި ޤުރްއާނާއިމެދު، އަދި އިސްލާމްދީނާއިމެދު ޝައްކު އުފެއްދެމުންދާ ދަނޑިވަޅެއްގައި، އެއްމެ ފުރަތަމަ މާތް ﷲ ކީރިތި ޤުރްއާން ބާވައިލެއްވި އިރު، މުޢުޖިޒާތެއްކަމުގައި ލެއްވެވި ކަންކަމަށް އަޅުގަނޑުމެން ރުޖޫޢަވާންޖެހެއެވެ. ކީރިތި ޤުރްއާނުގެ ފުރަތަމަ އިޢުޖާޒަކީވެސް، އަދި ތަޙައްދީއަކީވެސް ކިރިތި ޤުރްއާނުގައިވާ ބަހުގެ އިޢުޖާޒެވެ. އެހެނީ ކީރިތި ޤުރްއާނުގެ ބަލާޣާތްތެރިކަމަކީ، މިފަންނުގައި ކުރިއަރައިގެންގޮސް، ތިމަންމެން ޢަރަބީން ނޫން އެހެން މީސްތަކުންނަކީ ވާހަކަ ނުދެއްކޭ "ޢަޖަމީންނޭ" ބުނަމުން ދިޔަ، ފަޞާހާތްތެރިކަމާއި ބަލާޣާތްތެރިކަމުގައި އަރާތިބި،އަދި އެބައިމީހުންނަށްފަހު އެފަދަ ބަހުގެ އަހުލުވެރީން ނުއުފެދޭ މައްކާގެ ޢަރަބީންވެސް އިންކާރުކުރި ކަމެއްނޫނެވެ. އެހެނީ މައްކާގެ އަޝްރާފުންގެ ތެރޭގައިވާ ވަލީދު ބިން މުޣީރާ، ޖާހިލިއްޔަތުގެ މަތީގައިވާ ޙާލު، ޤުރްއާން އަޑުއެހުމަށްފަހު ބުންޏެވެ. "ހަމަކަށަވަރުން އޭގައި (އެބަސްފުޅުގައި) ފޮނިމީރުކަމެއްވެއެވެ. އަދި އޭގައި (އަޑުއަހާ މީހާގެ ހިތް ދަމައިގަންނަ ފަދަ) ރިވެތި ކަމެއްވެއެވެ... ފަހެ ހަމަކަށަވަރުން އެބަސްފުޅު މަތިވެރިވެ، އިސްވެގަންނަހުށިކަމެވެ. އަދި އެބަސްފުޅުގެ މައްޗަށް (އެހެން ބަހަކަށް) އިސްނުވެވޭނެއެވެ. އަދި އެބަސްފުޅު، އޭގެ ދަށުގައިވާ ކަންކަން މުގުރާލައެވެ."

Copyright © 2024 Faaru News
Made with by Afeef & Noor