ސްޓިމިއުލަސް ސްކީމްތައް އިސްލާމީ ވިސްނުމާ ދުރުގައި

ފޮޓޯ: ޒޯވްޔާ ސައިޓް
އިރުދޭމާ
އިރުދޭމާ
2 އަހަރު ކުރިން
2 މިނިޓް

މުޅިދުނިޔެއަށް ދިމާވެފައިވާ ކޮވިޑް ޢާލަމީ ވަބާގެ ސަބަބުން އާންމު ފަރުދުންނަށާއި ވިޔަފާރިތަކަށް އަދި މުޅި އިޤްތިޞާދަށް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައެވެ. އިޤްދިޞާދީ ދާއިރާއިން އޭގެ އެންމެ ބޮޑު އަސަރެއްކުރަމުންދަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްކަމަށް ގިނަ ދިރާސާތަކުން ދަނީ ހާމަވަމުންނެވެ.

ކޮވިޑް ވަބާއާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ވަޒަންކުރުމަށް ހެދިފައިހުރި ދިރާސާތަކުގެ ތެރެއިން ޔޫއެންޑީޕީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު ގުޅިގެން ހަދާފައިވާ ދިރާސާއާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ދިރާސާގެ އިތުރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ޝާޢިއުކޮށްފައިވާ "މޯލްޑިވްސް އިކޮނޮމިކް އަޕްޑޭޓް 2020" އިން ފާހަގަވާގޮތުގައި ކޮވިޑް-19 އިގެ ސަބަބުން އެންމެ ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހިފައިވާ އެއްބަޔަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެވެ. މިކަމަށް ބާރުލިބިދޭ އަނެއް ހެއްކަކީ ބުނެވިދިޔަ ގޮންޖެހުން ތަކުން އަރައިގަތުމަށް ސަރުކާރުން ދޫކުރި ކޮވިޑް ރިކަވަރީ ލޯން ސްކީމް މެދުވެރިކޮށް 2536 ވިޔަފާރިއަކުން ލޯނުނަގާފައިވާކަމަށް 28 ޖޫން 2021 ގައި މިނިސްޓްރީ އޮފް ފިނޭންސް އިން ޝާޢިއުކުރި ރިޕޯޓުން ފެންނާން އޮތުމެވެ. ކޮންމެއަކަސް މިފަދަ ނާޒުކު ދަނޑިވަޅެއްގައި ސަރުކާރުން ހުޅުވާލި ރިކަވަރީ ލޯންތައް ވެގެން ގޮސްފައިވަނީ ކުދި ވިޔަފާރިތައް ބަނގުރޫޓްވުމުން މިންޖުކޮށްދިން އެހީތެރިއެއްގެ ގޮތުގައެވެ.

ރިކަވަރީ ސްކީމްތަކުގެ އެހީތެރިކަމާއެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކޮޅަށް ތެދުވެ ހަމަނޭވައި ނުލެވި އުޅެނިކޮށް ކޮވިޑްގެ ތިންވަނަ ރާޅާއެކު އަނެއްކާވެސް މިވަނީ އިޤްތިޞާދު އެތައް ގުނައެއް ފަހަތަށް ޖެހި އާންމު ރައްޔިތުންނާއި ވިޔަފާރިތައް ޙާލުގައި ޖެހިފައެވެ. އެއާއެކު ޖުލައި މަހުން ފެށިގެން ދޫކުރަން ނިންމާފައިވާ ކޮވިޑް ސްޓިމިއުލަސް ސްކީމްތަކަކީ ބައެއް ފަރާތްތަކަށް ހިތްހަމަޖެހުމެއްކަމުގައި ބެލެވިދާނެއެވެ.

އިޤްތިޞާދީ ގޮންޖެހުން ބޮޑު އަދި ކުރިމަގު އެއްހަމައެއްގައި ނުފެންނަ މިފަދަ ދަނޑިވަޅުތަކުގައި ރިކަވަރީ ސްކީމްތައް މުހިންމު ދައުރެއް އަދާކުރި ކަމުގައި ވިޔަސް މިހާތަނަށް އިޢުލާނުކުރެވުނު ހުރިހާ ސްކީމެއްވެސް އަމާޒުކުރެވިފައިވަނީ އިޤްތިޞާދީ އެންމެ ފުޅާ ވިސްނުމުގައި ނޫންކަން ހިތާމަޔާއެކު ފާހަގަކުރަމެވެ. ތިލަކޮށް ދަންނަވާނަމަ ބުނެވިދިޔަ އެއްވެސް ސްކީމަކީ އިސްލާމީ ވިސްނުމުގައި ވިޔަފާރިކުރާ ފަރާތްތަކަށް އޮތް ފުރުސަތެއް ނޫނެވެ. އެހެނީ ކޮވިޑް އާ ގެޅިގެން ތަފާތު ނަންނަމުގައި ރާއްޖޭގައި ދޫކުރެވޭ ލޯންސްކީމްތައް ބައްޓަން ކުރެވިފައިހުރީ ރިބާގެ އެއްބަސްވުންތަކުގެ ތެރެއިންކަން ކަނޑައެޅި ފެންނަން ހުރުމެވެ. އެހެންކަމުން ރާއްޖޭގައި މިވަގުތު ހުޅުވާލެވިފައިހުރި ސްޓިމިއުލަސް ސްކީމްތައް ހުރީ އިސްލާމީ ވިސްނުމާއި ދުރުގައި ކަމަށް ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. އަދި އެއީ ރިބާ އާ ދުރު ވިސްނުމުގައި ނުވަތަ ޙަލާލު ވިސްނުމުގައި ވިޔަފާރިކުރާ ފަރާތްތަކަށް މިފަދަ ދަނޑިވަޅެއްގައި ކުރިމަތިވި ވަރަށްބޮޑު މާޔޫސްކަމެކެވެ.

ކޮންމެއަކަސް ރިބާ އަކީ ކަނޑައެޅިގެން ޙަރާމް އެއްޗެއްކަމާއި އޭގެ ނުރައްކާތެރިކަން ޤުރުޢާނުގެ ނައްސުން ސާފުކޮށް ފެންނަން އޮތްހިނދު، އަދި ލޯން އިންޓްރެސްޓަކީ ރިބާކަން އިސްލާމީ ޢިލްމުވެރިން އިއްތިފާޤުވާހިނދު، ރިބާ އެކުލެވޭ ގޮތަށް ލޯނެއް ނެގުމަކީ މުސްލިމަކަށް ކުރުން އެކަށީގެންވާ ކަމެއް ނޫނެވެ. އަދި ކިއެއްތަ އެއީ ބޮޑުވެގެންވާ ޙަރާމްކަމެކެވެ. ހިތުގައި ބިރުވެރިކަމެއް އޮތް މީހަކު މިބީދައިން ދޫކުރާ ލޯނެއް ބޭނުމެއް ނުކުރާނެއެވެ.

ޝަރީޢާ ހުއްދަކުރާ މިންގަނޑުތަކުގެ ތެރެއިން ރިކަވަރީ ސްކީމްތަކާއި ސްޓިމިއުލަސް ސްކީމްތައް ހިންގޭނެ ޢިލްމާއި ތަޖުރިބާ ރާއްޖޭގެ ބައެއް ބޭންކުތަކުގައި ހުރެމެ އަދި އެފަދަ ޙަލާލު ސްކީމްތަކަކަށް ގިނަބަޔަކު ބޭނުންޖެހިފައިތިބި ދަނޑިވަޅެއްގައި އެނޫންގޮތަކަށް އެ ސްކީމްތައް ހުޅުވާލެވިފައި އޮތް އޮތުމަކީ ސްޓިމިއުލަސް ސްކީމްތައް އިސްލާމީ ވިސްނުމާ ދުރުކަން ދަލީލުކޮށްދޭ ބަހާއެކެވެ.

އަޅުގަނޑުމެންގެ އިސްވެދިޔަ ވެރީންނާއި ޤާނޫނުތައް ހެދުމުގައި ޝާމިލްވި އެންމެ ފަރާތްތަކަށް މިފަދަ ކަންކަމުގައި ސަމާލުކަން ކުޑަކުރެވިފައި ވީނަމަވެސް، ޤާނޫނުތައް ހެދުމަށާއި ތަންފީޒުކުރުމަށް އަދި އެކަންކަން ރެގިއުލޭޓް ކުރުމަށް މިވަގުތު މަތިކުރެވިފައިވާ ފަރާތްތަކާއި ކުރިމަގުގައި އެފަދަ ޒިންމާތަކާއި ޙަވާލުވާންތިބި ފަރާތްތަކުން މިފަދަކަންކަމުގައި ހެޔޮ ބަދަލުތައް ފެނިގެންދިއުމަކީ މުސްލިމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން އެންމެންގެވެސް އެދުމެވެ. އަޅުގަނޑުގެ ދުޢާ އަކީ އަޅުގަނޑުމެން އެންމެންނަކީވެސް ޙަލާލު ގޮތުގައި ރިޒްޤް ހޯދައި އޭގެ ބޭނުން ހެޔޮގޮތުގައި ކުރާ ބައެއްކަމުގައި މިންވަރު ކުރެއްވުމެވެ.

Copyright © 2024 Faaru News
Made with by Afeef & Noor