ވެއްޔަށް ދިޔަ ދަތުރު

01 ޑިސެންބަރު 2013ގައި، ކޯސްޓުގާޑާއި ޑައިވަރުންގެ ޓީމަކުން ދޯނި ފުންކޮށްގެން، ހުޅުދުއްފާރު ބަނދަރަށް ދޯނި ގެންނަނީ
ހަމްދީ
ހަމްދީ
2 އަހަރު ކުރިން
1 މިނިޓް

30 ނޮވެމްބަރ 2013 ވީ ހޮނިހިރު ދުވަހެވެ. ފަސްގަނޑުފަރުން ވެލިނަގައިގެން ހުޅުދުއްފާރަށް ދަތުރުކުރަނިކޮށް އާދަންބެ ދޯނި އަޑިއަށް ގޮސް އޭގައި ތިބި 3 މީހުން ކަނޑުވި ދުވަހެވެ.

އެދުވަހަކީ މޫސުންވެސް ރީތި މަޑު ދުވަހެކެވެ. އެދުވަހު ހެނދުނު އާދަންބެ (މުނާ މަންޒިލް، ރ.ހުޅުދުއްފާރު) ދޯނީގައި ފަސްގަނޑުފަރަށް ވެއްޔަށް ދާން ފުރީ ދުއިސައްތަ ގޯނި ވެލިގެނައުމުގެ ބޭނުމުގައެވެ. ދޯނީގައި އާދަންބެ އިތުރުން ދެން ތިބީ އަޅުގަނޑު (އަޙްމަދު ފާރިޟް) އާއި މުޙައްމަދު ނާފިޒު (ނާބެ) އެވެ.

ހާދިސާ ހިނގީ، ފަސްގަނޑުފަރުން ސަތޭކަ ގޯނި ވެލި ބަރުކޮށްގެން ހުޅުދުއްފާރަށް ދަތުރުކޮށް، އެގޯނިތައް ހުޅުދުއްފާރަށް ބޭލުމަށް ފަހު، އަނެއްކާ ފަސްގަނޑުފަރަށް ގޮސް، އަނެއް ސަތޭކަ ގޯނި ވެލި ބަރުކޮށްގެން ހުޅުދުއްފާރަށް ދަތުރުކުރަމުން ދަނިކޮށްށެވެ.

ފަސްގަނޑުފަރުން ވެލިބަރުކޮށްގެން، ކަނޑަށް ނިކުތުމާއެކު ދޯނި ދިޔައީ ދިޔަވަމުންނެވެ. ދޯނީގައި ހުރި އަތުޕަންޕުން ދިޔަ ހިއްކުން ކޮންޓުރޯލު ނުވުމުން ބާލިދީ ޖަހައިގެންވެސް ދިޔަގަނޑު ކޮންޓުރޯލު ވޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް ދަތުރުކުރަމުން އައިސް ފާރަފުއްޓާއި ހަމައަށް އައިސް ފާރަފުށި ފަހަށް ދިޔަހާއިރުން ދޯނީގެ ދިރުނބާކޮޅުން ރާޅުއަރައި ދިރުނބާކޮޅު އޮތީ އެއްކޮށް ފެނުގައެވެ. އެވަގުތުވެސް އާދަންބެގެ އިރުޝާދާއި އެއްގޮތަށް އަޅުގަނޑުމެން ކަންތައް ކުރީމެވެ. ނަމަވެސް ދެން ސަލާމަތެއް ނެތްކަން ޔަގީންވުމުން، އަތުޖެހެން ހުރި މޯބައިލް ފޯނުތައް އަތުކޮޅަށް ނަގައިގެން ކޮޅުފަސްކޮޅު ފިލާގަނޑު މައްޗަށް އަރައި އަޅުގަނޑު ކަނޑަށް ފުންމާލީއެވެ. ސިކުންތުކޮޅެއް ތެރޭ ދިރުނބާކޮޅު އަޑިއަށް ޖަހައި ކޮޅުފަސްކޮޅު އުފުލިލާފައި ދޯނި ކަނޑުވެއްޖެއެވެ. ދޯނި އަޑިއަށް ދިއުމުން، ތިން މީހުން ދުރަށް ނުގޮސް ދޯނިން ފެންމައްޗަށް އަރާ މަޅުގަނޑުގަނޑާއި އެއްޗެހި އެކޮށްގެން ތިބީއެވެ. އެއަށްފަހު އަތުގައި އޮތް ފޯނުން ރަށަށް ގުޅައި، ރަށުގައި މަހަށްދާ ދޯންޏެއްގައި މީހުން އައިސް އެދޯންޔަށް އަޅުގަނޑުމެން ތިންމީހުން ނަގަންދެން ތިބީ ކަނޑުގައެވެ.

އެޙާދިސާއަށް މިއަދު އަށް އަހަރު ވީއެވެ. އެހެނަސް އަޅުގަނޑުމެން ތިންމީހުންގެ ހަނދާނުގައި އަދިވެސް އެދުވަސް އާވެއާވެ ހުރެއެވެ.  

Copyright © 2024 Faaru News
Made with by Afeef & Noor