ޒަމާނީ އުފާވެރިކަން

އަޙްސަމް
އަޙްސަމް
3 އަހަރު ކުރިން
2 މިނިޓް

ގިނަ ދުވަސްތަކަކަށްފަހު ސްކޫލްގެ އެކުވެރިއަކު ގުޅާލުމުން އޭނާއާއެކު ކޮފީއެއް ބޯލުމަށް ފުޑްކޯޓަށް ދިޔައީމެވެ. ވަޒީފާތަކުގައި އެންމެންވެސް ބުރަކޮށް އުޅެން ޖެހުމުން އެކަކު އަނެކަކާ ދިމާވެވެނީ ދުވަސްތަކަކަށްފަހުއެވެ. ކޮފީ މޭޒުގައި އިށީނުމަށްފަހު، ފޯނުތައް މޭޒުމަތީގައި ބާއްވާލީ ފޯނުގެ ސަބަބުން ދެމީހުންނަށް ވާހަކަ ދައްކާލަން ފުރުޞަތެއް ނުލިބިދާނެތީއެވެ. އެވަގުތު އަޅައިގަތީ އެކުވެރިޔާ ގެންގުޅޭ ފޯނަށެވެ. އެއީ އެންމެ ފަހުގެ އައިފޯނެކެވެ. ފޯނު ރީތިކަމުން އެއީ ކިހާވަރަކަށް ގަތް ފޯނެއްތޯ ސުވާލުކޮށްލީމެވެ. އޭނާ ބުނީ "ތިރީސް ހާސް ރުފިޔާ" ކަމަށެވެ. އަހަރެން ގެންގުޅެނީ 3000 ރުފިޔާއަށް ދޭ ފޯނެއް ކަމުން، "ތިއަގަށް އަހަރެން މި ގެންގުޅޭ ވައްތަރުގެ 10 ފޯނު ގަނެވޭނެ" ކަމަށް ޙައިރާން ކަމާއެކު އަހަރެން ބުނެލީމެވެ. ދެން އޭނާ ފެށީ އެފޯނުގެ މޮޅު ވާހަކައެވެ. ފޮޓޯރީޓި ވާހަކައެވެ. އަވަސް ވާހަކައެވެ. ރީތި ވާހަކައެވެ. އެވަގުތު އޭގެ ފޯނެއް ގަންނަން ބޭނުން ވިއެވެ. ނަމަވެސް އެވަރަށް ލާރި ހޯދާނީ ކިހިނެއް ބާއޭ ހިތަށް އެރިއެވެ. އެކުވެރިޔާ ދިނީ މާމޮޅު ޚިޔާލެކެވެ. އުރީދޫއިން އިންސްޓޯލްމަންޓަށް ނަގާނީއެވެ. ދަރަންޏަށޭ ނުބުނެ އިންސްޓޯލްމަންޓަށޭ ބުނުމުން އަޑު އަހާލަން ފަސޭހަވެއެވެ. ކޮންމެއަކަސް ކޮންމެ ގޮތެއް ހަދައިގެންވެސް އެ ފޯނު އަހަރެން ބޭނުންވިއެވެ. އެއާ ނުލާ ދެން ނޫޅެވޭނެއޭ ހީވާވަރަށް އެފޯނަށް އެދުންވެރިވިއެވެ.

އެންމެ ފަހުން އުރީދޫއިން "އިންސްޓޯލްމަންޓަށް" އެފޯނު ގަތީމެވެ. ވީ އުފަލެއް ބުނަންވެސް ނޭނގުނެވެ. ނަމަވެސް ކޮންމެ މަހަކު މިހާރު އިތުރު 2500 ރުފިޔާ އުރީދޫއަށް ދައްކަން ޖެހޭތީ ޢާއްމު ޚަރަދުތައް ވަރަށް ބޮޑަށް މަދުކޮށްލަން ޖެހިއްޖެއެވެ. ދުވަސްކޮޅެއް ފަހެވެ. ކުރިން ގެންގުޅުނު ފޯނާ އަޅާބަލާއިރު މިފޯނުން އިތުރު ބޭނުމެއް ކުރެވޭ ބާއޭ ހިތަށް އަރަން ފަށައިފިއެވެ. ކުރިންވެސް ވައިބާއަށް ވަދެވެއެވެ. ސްނެޕްކުރެވެއެވެ. އެފްބީއާ ޓްވިޓާ ވެސް ބޭނުން ކުރެވެއެވެ. އާއެކެވެ. މިހާރު މިގެންގުޅޭ ފޯނު މާ އަވަހެވެ. އަދި ފޮޓޯވެސް ރީއްޗެވެ. ނަމަވެސް އެކަންކަމަށް 27000 ރުފިޔާ ވަރތް ބާއޭ ހަމަ ހިތަށް އެރިއެވެ.

އޭގެ ދެމަހެއްހާ ދުވަސްފަހެވެ. އެހެން އެކުވެރިއަކު ކޮފީއެއް ބޯލުމަށް ގުޅިއެވެ. ހަމަ ޢާއްމު އުޞޫލުން ފޯނު ބޭއްވުމަށްފަހު ގޮނޑީގައި އިށީނީމެވެ. އެކުވެރިޔާއަށް އަހަރެންގެ ފޯނު ފެނިފައި، "މިހާރު ފޯނު ބަދަލުކޮށްލީ ދޯ" އޭ ބުނެ ސަމާސާކޮށްލިއެވެ. ކުރީގެ އެކުވެރިޔާ ފަދައިން، އަހަރެންވެސް އެ ފޯނު މޮޅުކޮށްފައި ވަރަށް ވާހަކަދެއްކީމެވެ. އަދި އޭގެ ފޯނެއް ގަތުމަށް ވަރަށް ހިތްވަރު ދިނީމެވެ. އެހެނަސް އޭގެ އަގު އެނގިފައި އޭނާވެސް ބަސް ހުއްޓުނެވެ. އަހަރެންނަށްވުރެ ބޮޑު މުސާރައެއް ލިބުނު ކަމުގައި ވިޔަސް "އަހަރެންނަށް ތިފަދަ ފޯނު ފަދަ ތަކެއްޗަކީ ލައްޒަތުތަކެއް" ކަމަށް ބުންޏެވެ. އަދި އެވަރުގެ އަގު ބޮޑު ފޯނެއް ގަތުމަކީ ބޭނުންތެރިކަމެއް ކަމަށް ނުފެންނަ ކަމަށްވެސް އޭނާ ބުންޏެވެ. އަދި އިތުރު ސުވާލެއް ކުރިމަތިކުރުވިއެވެ. "އަހަރެން މިގެންގުޅޭ ފޯނުގެ ދިހަ ފޯނުގެ ބޭނުން ތީގެ އެންމެ ފޯނަކުން ކުރެވޭނެ ހެއްޔެވެ؟" ދޭނެ ޖަވާބެއް ނޭނގިހުރެ އަހަރެންގެ ދެކޮނޑު އުފުލައިލީމެވެ.

މި ދެ ޙާދިޘާއިން ވަރަށް ބައިވަރު ފިލާވަޅު ލިބިގެން ދިޔައެވެ. އެންމެ ފުރަތަމަ ކަމަކަށް ބަލާއިރު، އަހަރެމެންނަށް އަބަދުވެސް އުފާވެރިކަން މިންކުރެވެނީ މީހުން ބޭނުންކުރާ ތަކެތީގެ އަގުންނެވެ. އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަމަކުންނޫނެވެ. ދެވަނަ ކަމަކަށް ދަންނަން ޖެހެނީ، ކިތަންމެ ފޯރިއެއް އަރައިގެން ކިތަންމެ އަގުބޮޑު އެއްޗެއް ގަތް ކަމުގައި ވިޔަސް އެފޯރި ހުންނާނީ ކުޑަދުވަސްކޮޅަކުކަމެވެ. އެއީ ވަގުތީ ހިތްހަމަޖެހުމެއްކަމެވެ. ޙަޤީޤީ އުފާވެރިކަމެއް އެކަމުން ނުލިބޭނެކަމެވެ. ތިންވަނައަށް ފާހަގަކުރެވޭ ކަމަކީ، މެދުފަންތީގެ މުސާރަވެރިން އެފަދަ މުދާތައް ގަތުމަށްފަހު އުޅެން ޖެހެނީ ދަރަނިވެރިކަމުން އަރައި ނުގަނެވިގެންކަމެވެ. ވަރެން ބަފެޓް ބުނެފައިވާ ފަދައިން، "ތިބާ ކޮންމެހެން ގަންނަން ނުޖެހޭ ތަކެތި ގަންނަން ފަށައިފިނަމަ، ދުވަސްކޮޅަކުން ޖެހޭނީ ތިބާގެ ޒަރޫރީ މުދާތައް ވިއްކާށެވެ."

ޙަޤީޤީ އުފާވެރިކަން ބޭނުންނަމަ، ތިބާއަށް ލިބޭ މިންވަރަށް ޝުކުރުވެރިވާށެވެ. އަދި ޝުކުރުވެރިވެވޭނީ އަބަދުވެސް ތިބާއަށްވުރެ ނިކަމެތި ޙާލުގައި އުޅޭ މީހުންގެ ދިރިއުޅުމާ ތިބާގެ ދިރިއުޅުން އަޅާކިޔައިގެން ކަމުގައި ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ވަނީ އަންގަވާފައެވެ. ތިބާއަށް ވުރެ މުއްސަނދިންގެ ދިރިއުޅުމާ އަޅާކިޔާނަމަ، އަބަދުވެސް ދިރިއުޅުމާމެދު ކުރެވޭނީ ޝަކުވާއެވެ.

Copyright © 2024 Faaru News
Made with by Afeef & Noor