އަބޫބަކުރުގެފާނަކީ ތިޔަ ހީފުޅުކުރައްވާފަދަ ލޮނުމަޑު ބޭފުޅެއް ނޫނެވެ.

ޙާތިމް ޔޫސުފް
ޙާތިމް ޔޫސުފް
2 އަހަރު ކުރިން
3 މިނިޓް

އަލްއިމާމް އިބްނުލް ޤައްޔިމް އެކަލޭގެފާނު ލިޔުއްވި (އަލްފުރޫސިއްޔަތުލް މުޙައްމަދިއްޔާ ) އޭ ކިޔުނު ފޮތުގައި ވިދާޅުވެފައިވެއެވެ. "ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށްފަހުގައި، މިއުއްމަތުގައި އެންމެ ހިތްވަރުގަދަ ކެރުންތެރި ބޭކަލަކީ އަބޫބަކުރުގެފާނެވެ."

ގިނަ ބަޔަކަށް ހީވެފައި އޮންނަނީ އަބޫ ބަކުރު (ރަޟިޔަﷲ ޢަންހު)އަކީ، މަޑުމައިތިރި، މަޑުމޮޅި ބޭކަލެއްކަމަށެވެ. ދީނުގެ ދިފާޢުގައި މަސައްކަތްކުރައްވާ އެހެން ހިތްވަރުގަދަ އަބްޠާލުންގެ ވާހަކަތައް ފަދައިން އަބޫބަކުރުގެފާނުގެ އެފަދަ ވާހަކަތައް އަހާއުޅެނީ ވަރަށް މަދުންނެވެ. އެހެންކަމުން، މިފަހަރުގެ މި ގެނެސްދެނީ ސަލާމްލެއްވި އަބޫބަކުރުގެފާނުގެ ހިތްވަރުގަދަކަމާއި ޖެހިލުންކުޑަކަން އަދި ދީނުގެ ދިފާޢުގައި ހުންނެވި ޖޯޝް ދައްކުވައިދޭ ވާހަކައެކެވެ.

އިސްލާމްދީނުގެ ކުރީކޮޅު، މައްކާގައި ތިބީ މަދު މުސްލިމުންކޮޅެކެވެ. އޭގެތެރޭގައި ގިނައީ ނިކަމެތި ފަޤީރުންނެވެ. އެބައެއްގެ ފަހަތުގައި ބޮޑެތި ބާރުގަދަ ޤަބީލާތައް ނެތް ދެރަމީހުންނެވެ. ދީނުގެ ދަޢުވަތު ފޯރުކޮށްދެމުން ގެންދިޔައީވެސް ސިއްރިއްޔާތުގައެވެ. ފާޅުގައި ނުކުމެ ދީނުގެ ޝިޢާރުތައް ފާޅުކުރުމުގެ މިނިވަން މާހައުލެއް އޭރަކު ނެތެވެ. ބާރުގަދަ ހިތްވަރުގަދަ ޢުމަރުގެފާނު އޭރުގައި އިސްލާމްވެވަޑައިނުގަންނަވައެވެ. މުސްލިމުންގެ ދިފާޢުގައި ފުއްމައިގަންނަ ސިންގާއެއްފަދަ ބާރުގަދަ ޙަމްޒަތުގެފާނުވެސް އޭރަކު އަދި އިސްލާމްވެވަޑައިނުގަންނަވައެވެ. މުސްލިމުންގެ އާބާދީއަކީ އެންމެ 38 މީހުންކަމަށް ބުނެވެއެވެ. މީހަކު އިސްލާމްވެއްޖެކަން އެނގިއްޖެނަމަ، އެމީހަކަށް ނުހަނު ބޮޑެތި އަނިޔާތައް މުޝްރިކުންގެ ފަރާތުން ލިބެމުން ދިޔައެވެ.

އެނިކަމެތިކަމުގައި، ސިއްރިއްޔާތުގައި ދީނުގެ ވާހަކަދެކެވެމުންދެއެވެ. ކާފަރުންނަށް ނީވީނެހެން ކީރިތި ޤުރުއާނުގެ ޢިލްމު އެއް މުސްލިމެއްގެ ފަރާތުން އަނެއް މުސްލިމަކު ދަސްކުރަމުންދިޔައީ ނުހަނު ވައި އަޑުތަކުންނެވެ. މިޙާލަތުގައި މުސްލިމުން ވަނިކޮށް ސަލާމްލެއްވި އަބޫބަކުރުގެފާނު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ވަރަށް އާދަޔާއި ޚިލާފް ކަމަކަށް އެދިވަޑައިގެންފިއެވެ. މައްކާގެ މުޝްރިކުންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ބަސްފުޅު އިއްވުމަށްޓަކާ، ކާފަރުންގެ ބޮޑުން އެއްވާ މަޖްލީހަށް އެކަލޭގެފާނު ވަޑައިގެން، ކީރިތި ޤުރުއާން އަޑުހަރުކޮށް ބާރަށް ކިޔުމުގެ އިޛުނައަށް އެދިއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަގުތުން މިކަމާ ދެކޮޅު ހެއްދެވިއެވެ. ސަބަބަކީ މުޝްރިކުންނަށް ފާޅުގައި އެގޮތަށް ކަންތައް ކޮށްފިނަމަ، އަބޫބަކުރުގެފާނަށް އެބައިމީހުން އަނިޔާކުރާނެކަން ޔަޤީންވާތީއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެންމެ ލޯބިފުޅުވާ އެކަލޭގެފާނުގެ އެންމެ ގާތް އެކުވެރިޔާއަށް އެފަދަ އަނިޔާއެއް ލިބޭނެ ކަމަކަށް ހުއްދަ ދެއްވާނީ ކިހިނެއްތޯއެވެ؟ ނަމަވެސް، ސަލާމް ލެއްވި އަބޫބަކުރުގެފާނު އެގޮތް ދޫނުކުރެއްވުމުން، އެންމެފަހުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަން އެގޮތަށް ކުރެއްވިޔަސް ވަރިހަމަކަމުގައި ޙަދީޘްކުރައްވާ ފާޅުގައި ދީނަށް ގޮވާލެއްވުމުގެ ހުއްދަ މުސްލިމުންނަށް ދެއްވިއެވެ.

އެހެންކަމުން، ހުރިހާ މުސްލިމުންވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއެކު ވަޑައިގެން ގެފުޅުގެ ވަށައިގެންވީ ދިމާތަކަށް މުސްލިމުން ބެހިގަތެވެ. އަބޫބަކުރުގެފާނު ތެދުވެ ވަޑައިގެން ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަމާ ބެހޭ ގޮތުން ޚުޠުބާދެއްވަން ފެއްޓެވިއެވެ. އެކަލޭގެފާނުގެ އަރިހުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އިންނެވިއެވެ. ގެފުޅުގެ ވަށައިގެން ތިބި، ޤުރައިޝުންގެ މުޝްރިކުންނަށް މިއަޑުވީ ޢަޖައިބުކުރަނިވި އުނދަގުލެއް ކުރުވި އަޑެއްކަމުގައެވެ. އެބައިމީހުން ކަލާނގެތައް ކަމަށް ދެކިގެން ތިބި ބުދުތަކުގެ ބާޠިލްކަން ބަޔާންކޮށް، ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަމުގެ ވާހަކަ އަބޫބަކުރުގެފާނު ދައްކަވަން ފެށުމުން، އެކަމާ އައި ރުޅީގައި އެބައިމީހުން ދުވެގޮސް އަބޫބަކުރުގެފާނުގެ ގައިކޮޅަށް އަރައިގަތެވެ. އަދި އެތާނގައިވީ މުސްލިމުންނަށް އަނިޔާކުރަން ފެށިއެވެ. އެބައިމީހުންގެ ރުޅި އެންމެ ބޮޑަށް ބޭލީ އަބޫބަކުރުގެފާނުގެ ހަށިކޮޅަށެވެ.

އެމީހަކަށް ޖެހުނު އެއްޗަކުން ޖަހާ، އަބޫބަކުރުގެފާނަށް އަނިޔާކުރަން ފެށިއެވެ. އެއްބަޔަކު އެކަލޭގެފާނުގެ މޭކޮޅާއި ބަނޑުފުޅުގައި ކޮޅުފައިން ތަޅަމުން ދިޔައިރު، ނުބައިނުލަފާކަމަށް އަރާހުރި އެކަކު ކަމުގައިވާ ޢުޤްބާ ބުނު ރަބީޢާ އެކަލޭގެފާނުގެ ޠާހިރު މޫނުކޮޅުގައި ހަރު ފައިވާންޖޯޑަކުން ތަޅަމުން ގެންދިޔައެވެ. މިއަނިޔާގައި އެކަލޭގެފާނުގެ ހޭފުޅުނެތި ދިޔައެވެ. އެކަލޭގެފާނުކަން ވަކިނުވާ ވަރަށް، އަދި ނޭފަތްޕުޅު ނޭނގޭ ވަރަށް މޫނުފުޅަށް އަނިޔާކޮށް ލޭފޮދު އޮހޮރުވާލިއެވެ. އެބައިމީހުން އެއަނިޔާ ހުއްޓާލީ އެކަލޭގެފާނުގެ ޤަބީލާކަމުގައިވާ ބަނޫ ތަމީމްގެ މީސްތަކުން އައިސް އެކަލޭގެފާނު ކޮނޑުދަނޑީގައި އެކަލޭގެފާނުގެ ގެކޮޅަށް ގެންދިޔައުމުންނެވެ. އޭރު އެކަލޭގެފާނުގެ ހޭފުޅެއް ނެތެވެ. އެއަނިޔާގައި އެކަލޭގެފާނު އަވަހާރަވެއްޖެނަމަ، އެކަލޭގެފާނަށް އެންމެ ބޮޑަށް އަނިޔާކުރި ޢުތުބާގެ ކިބައިން ޤިޞާޞްހިފަންވެސް ބަނޫ ތަމީމްގެ މީސްތަކުން ތައްޔާރުވިއެވެ.

އަބޫބަކުރުގެފާނު ހޭފުޅުއަރާތޯ އެތައް އިރެއް އުޅުނުފަހުން، އެދުވަހުގެ ފަހުކޮޅު، އެކަލޭގެފާނު ހޭފުޅު އެރިއެވެ. އޭރު އެކަލޭގެފާނުގެ ބައްޕާފުޅު އަބޫ ޤުހާފާއާއި ބަނޫ ތަމީމްގެ މީސްތަކުން އެކަލޭގެފާނު ހޭފުޅުއަރާތޯ އެކަލޭގެފާނާ ވާހަކަދައްކަވަމުން ދަނީއެވެ. އެއިން އެއްވެސް މީހަކީ އޭރު މުސްލިމެއް ނޫނެވެ. އެހެނަސް އެކަލޭގެފާނު ހޭފުޅު އެރިގޮތަށް ވިދާޅުވީ، މުޙައްމަދުގެފާނަށް ވީ ކީއްތޯއެވެ؟ އެބައިމީހުން އެއަށް ޖަވާބުނުދީ ދިޔުމުން، އެކަލޭގެފާނުގެ މަންމާފުޅަށް ގޮވާލައްވާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ވީ ގޮތެއް ސާފުކޮށްދެއްވުމަށް އެދުނެވެ. އެކަމަނާއަކީ އޭރު މުސްލިމެއް ނޫންކަމުން، އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޚަބަރެއްވެސް ނޭނގޭ ކަމުން، ދެން އެކަލޭގެފާނު އެކަމަނާ ފޮނުއްވީ ޢުމަރުގެފާނުގެ އުޚްތު އުއްމު ޖަމީލް ބިންތު ޚައްޠާބުގެ ފަރާތުން އެޚަބަރު އައްސަވާށެވެ. އުއްމު ޖަމީލްވެސް، އަބޫބަކުރުގެފާނުގެ މަންމާފުޅުގެ ފަރާތުން އެކަމަނާއަކީ މުސްލިމެއްކަން ސިއްރުނުވެދާނެތީ، ވިދާޅުވީ، "ތިމަންކަމަނާއަށް މުޙައްމަދުގެފާނެއްވެސް، އަބޫބަކުރުގެފާނެއްވެސް އެނގިނުލައްވާ" ކަމަށެވެ. އެހެނަސް، ކަނބުލޭގެ ބޭނުންނަމަ، ކަނބުލޭގެއާއެކު، ކަނބުލޭގެ ދަރިކަލުންގެ އަރިހަށް ތިމަން ގޮސްދާނަމެވެ."

އެދެކަނބަލުން، އަބޫބަކުރުގެފާނުގެ އަރިހަށް ވަޑައިގަތުމުން، އުއްމު ޖަމީލްގެ ކިބައިން އަނެއްކާވެސް އަބޫބަކުރުގެފާނު އެދިވަޑައިގަތީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙާލުކޮޅާ ބެހޭގޮތުންނެވެ. އަދި އެކަލޭގެފާނުގެ މަންމާފުޅުގެ ކިބައިން ގެއްލުމެއް ނެތްކަން ވިދާޅުވުމުން، އުއްމު ޖަމީލް މިފަހަރު ޖަވާބު ދެއްވިއެވެ. "އެކަލޭގެފާނު ސަލާމަތުން ހެޔޮ ޙާލުކޮޅުގައި އެބަ ހުންނެވިއެވެ." އެކަލޭގެފާނުވީ ކޮންތާކުތޯ ސުވާލުކުރެއްވުމުން ވިދާޅުވީ، އަރްޤަމްގެ ގެކޮޅުގައި ކަމަށެވެ. އަބޫބަކުރުގެފާނު އެހާލުކޮޅުގައި އޮންނަވާވެސް ބޭނުންފުޅުވީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ވަޑައިގަންނަވާށެވެ. އެކަލޭގެފާނު ދެކެވަޑައިގެން އެކަލޭގެފާނުގެ ޙާލުކޮޅު އަމިއްލަ ލޯފުޅުން ނުދެކި، ކާއެއްޗެއްގެ އަދި ބޯއެއްޗެއްގެ ރަހަ ނުބައްލަވާނެކަމަށް ހުވާކުރެއްވުމުން، އެދެ ކަނބަލުން އެކަލޭގެފާނު އަތުލަފިކުރައްވައިގެން ދާރުލްއަރުޤަމްއަށް ގެންދެވިއެވެ. އެތަނުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނު ދެކެވަޑައިގެން ގާތަށް ވަޑައިގެން ބޮސްދެއްވިއެވެ. އަދި މުސްލިމުންވެސް އެކަލޭގެފާނަށް ބޮސްދެއްވިއެވެ. އެކަލޭގެފާނުގެ ޙާލުކޮޅު ފެނިވަޑައިގެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނަށް ޙަމްދަރުދީވެވަޑައިގެންނެވިއެވެ. އަބޫބަކުރުގެފާނު ވިދާޅުވިއެވެ. "އޭ ﷲގެ ރަސޫލާއެވެ! ތިމަންކަލޭގެފާނުގެ މަންމާފުޅާ ބައްޕާފުޅުވެސް ކަލޭގެފާނަށް ފިދާއެވެ! ތިމަންކަލޭގެފާނަށް އެއްވެސް ކަމެއް ނުވެއެވެ. އެ ފާސިޤުކަލޭގެ ތިމަންކަލޭގެފާނުގެ މޫނުފުޅަށް ދިން ކުޑަ އަނިޔާއެއް ނޫނީއެވެ." އެއަށްފަހު އެކަލޭގެފާނު ވިދާޅުވިއެވެ. "މިހުންނެވީ ތިމަންކަލޭގެފާނުގެ މަންމާފުޅެވެ. އެއީ އެކަމަނާގެ މިދަރިފުޅަށް ނުހަނު ހެޔޮ މަންމައެކެވެ. ކަލޭގެފާނަކީ ބަރަކާތްތެރި ބޭކަލަކީމުއެވެ. އެކަމަނާއަށް ﷲގެ ދީނަށް ގޮވާލައްވާ، އެކަމަނާ އިސްލާމްވޭތޯ ﷲގެ ޙަޟްރަތަށް ދަންނަވާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކަލޭގެފާނު މެދުވެރިކުރައްވާ އެކަމަނާ ނަރަކައިގެ އަލިފާނުން ސަލާމަތްކުރައްވާތޯއެވެ. ދެން ﷲގެ ރަސޫލާ އެކަމަނާއަށްޓަކާ ދުޢާކުރައްވާ އެކަމަނާއަށް ދީނަށް ދަޢުވަތު ދެއްވުމުން އެހިނދުން އެހިނދަށް އަބޫބަކުރުގެފާނުގެ މަންމާފުޅު އުއްމުލްޚައިރު އިސްލާމްވެވަޑައިގެންފިއެވެ.

މިވާހަކަ ރިވާކުރެއްވީ، އުއްމުލް ޚައިރުގެ މާމަދަރިކަނބަލުން، އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަނބިކަނބަލުން، ތިޔަ އެންމެ މުއުމިނުތަކުންގެ މައިކަނބަލުން ޢާއިޝާ ރަޟިޔަﷲ ޢަންހާއެވެ. އެކަމަނާގެ އަރިހުން އިމާމް އިބްނު ކަޘީރު އެކަލޭގެފާނު ލިޔުއްވި ފޮތް އަލްބިދާޔާ ވައްނިހާޔާގައި މިވާހަކަ ޛިކުރުކުރައްވާފައިވެއެވެ.

·         މިވާހަކައިން އަބޫބަކުރުގެފާނުގެ ހިތްވަރުފުޅުގަދަކަމާއި ކެރުންތެރިކަން އަޅުގަނޑުމެންނަށް އެނގިގެން އެބަދެއެވެ.

·         ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެކެ އެކަލޭގެފާނުވީ ލޯބި ހާމަވެގެން އެބަދެއެވެ. އެކަލޭގެފާނުގެ އަމިއްލަ ހަށިކޮޅާމެދު ފަރުވާލެއް ނުބަހައްޓަވާވެސް ބޭނުންވެލެއްވީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހެޔޮ ޙާލުކޮޅުގައި ހުންނެވިކަން ޔަޤީންކުރައްވާށެވެ.

·         އެބޭކަލުން ދީން ފާޅުކުރަން ލޯބިކުރެއްވިކަމާއި، އެކަމުގައި ލިބުނު އަނިޔާއާއި ތަކުލީފް ތަހައްމަލުކުރުމަކީ އުފަލެއްކަމުގައި ދެކުނުކަން އަހަރެމެންނަށް މިވާހަކައިން ފެނިގެން އެބަދެއެވެ. މިއަދުގެ ބައެއް މުސްލިމުންގެ ޙާލަތަކީ، ދީނުގައި ފާޅުކުރަން ޖެހޭ ބައެއް ޝިޢާރުތައްވެސް ފާޅުކުރަން ލަދުގަނެފައި ތިބޭ ނިކަމެތި ޙާލަތެކެވެ.

·         އެކަލޭގެފާނުގެ މަންމާފުޅު އިސްލާމްވެވަޑައިގަނޭތޯ އެކަލޭގެފާނު ކުރައްވާ އުއްމީދާއި، މަންމައާ މެދު ބެހެއްޓެވި ކުލުނުވެރި ލޯބިވެރި ގޮތްކޮޅު މިވާހަކައިންވެސް ހާމަވެގެން އެބަދެއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ އެ އެންމެ ބޭކަލުންނަށް ހެޔޮ ރަޙްމަތްލައްވާ ރުއްސެވުން ލައްވާށިއެވެ! އާމީން!

Copyright © 2023 Faaru News
Made with by Afeef & Noor