އަޅުގަނޑުގެ އެންމެ ފޭވަރިޓް ދަރިވަރު އަޅުގަނޑުގެ މާއްދާއިންވީ ފެއިލް

(ދަރިވަރުންގޮވައިގެން ބެލެނިވެރިން ސުކޫލަށްދަނީ) ފޮޓޯ: އަޙްމަދު ފާރިޟް
ޤާއިމް ޔޫސުފް އާދަމް
ޤާއިމް ޔޫސުފް އާދަމް
9 މަސް ކުރިން
4 މިނިޓް

އަބަދުވެސް އިވޭ ޝަކުވާއެކެވެ. ދަރިވަރުންގެ ފަރާތުންނެވެ. ބެލެނިވެރިންގެ ފަރާތުންނެވެ. އަދި މުޖުތަމަޢުންވެސް މެއެވެ. ސުކޫލުން އަބަދުވެސް އިސްކަންދެނީ ކިޔެވުމުގައި މޮޅެތިކުދިންނަށެވެ. މުދައްރިސުން ލޯބިވަނީވެސް ކިޔެވުމުގައި މޮޅެތި ކުދިން ދެކެއެވެ.

އެހެންނަމަވެސް މިއީ މުޅިން ހަޤީޤަތެއްނޫނެވެ. އަހަރުތަކެއް ވަންދެން ކިޔަވައިދިން މީހެއްގެ ޙައިސިއްޔަތުން ދަންނަވާލަންތޯއެވެ؟

މުދައްރިސުން ލޯބިވަނީ ކިޔަވާ ކުދިން ދެކެއެވެ. ކިޔެވުމުގައި މަސައްކަތްކުރާ ކުދިންދެކެއެވެ. ﷲ ތަޢާލާ ދެއްވާފައިވާ ވިސްނުމުގެބާރާއި، އުނގެނުމުގެބާރު ހެޔޮގޮތުގައި ބޭނުންކުރާ ކުދިން ދެކެއެވެ.

އަޅުގަނޑުގެ ފޭވަރިޓް ދަރިވަރުގެ ވާހަކަ ކިޔައިދެންތޯއެވެ؟ ފޭވަރިޓޭ ބުނީމަ އޮޅުވާ ނުލައްވައްޗެވެ. ފޭވަރިޓަކީ އަޅުގަނޑު ހިތުގަ އޮންނަ އެއްޗެކެވެ. އިންސާނަކަށްވީތީ އަންނަ އިޙްސާސެކެވެ. އެއްވެސް ޙާލެއްގައި ކިޔަވައިދިނުމުގައި ކުދިން ތަފާތު ކުރަން ބޭނުން ކުރާ މިނަކަށް ވެގެންވާނެ އެއްޗެއްނޫނެވެ. މީގެ ތަފްޞީލަށް ގޮއްސިނަމަ މި އާޓިކަލް ވަރަށް ދިގުވާނެތީ، އެވާހަކަ އެހައްދައްކާކަށް ނެތީމެވެ. އެހެންކަމުން ވާހަކައައިގެން ކުރިއަށްދާނަމެވެ.

2014ގައި ރަސްމީކޮށް ޓީޗަރެއްގެ ޙައިޞިއްޔަތުން ސުކޫލަށް އަޅުގަނޑު ގުޅުން ހިސާބުން އަޅުގަނޑުގެ އަމިއްލަ ލަޑުދަނޑިއެއް އޮވެއެވެ. އެއީ އަޅުގަނޑުގެ މާއްދާއިން 100 އިންސައްތަ ފާސް ގެނައުމެވެ. އެއް އަހަރެއްގައި މި ލަޑުދަނޑިއަށް ވަރަށް ގާތް ކުރެވުނެވެ. ފާސްނުވީ އެންމެ ކުއްޖެކެވެ. ހަމަ އެންމެ "ޑީ" އެއްގެ ސަބަބުން އަޅުގަނޑުގެ އެ އަމިއްލަ ލަޑުދަނޑި ޙާޞިލްނުވިނަމަވެސް އަޅުގަނޑު އެކަމާ އެއްވެސް ވަރަކަށް މާޔޫސްނުވަމެވެ. އެއަށްވުރެ އަޅުގަނޑު ދެރަވީ އެކުއްޖާ ފާސްނުވީތީއެވެ. ކުއްޖަކަށް ނަތީޖާ ނުނެރެވިގެން އަޅުގަނޑުގެ ހިތުގައި އެކުއްޖަކާއި މެދު އެންމެ ހަމްދަރުދީވި ކުއްޖަކީ އެއީއެވެ. ސަބަބު ބުނެދެންހެއްޔެވެ؟

އާންމުކޮށް އަޅުގަނޑު ކިޔަވައިދެނީ ގުރޭޑް 10، 11، އަދި 12އަށެވެ. އިކޮނޮމިކްސްއެވެ. މާއްދާ އަކީ ބައެއް ކުދިންނަށް އުނދަގޫ މާއްދާއެވެ. އެމާއްދާއެއްގައި އިމްތިޙާނުގައި ކާމިޔާބު ހޯދަން ބޭނުންނަމަ ކުއްޖާގެ އިނގިރޭސި ބަހުގެ ފެންވަރުވެސް ރަނގަޅުވާންޖެހޭ މާއްދާއެއްވެސް މެއެވެ.

ކޮންމެއަކަސް، އެއްއަހަރެއްގެ ދިރާސީ އަހަރު ފެށުމުން 10ގެ އާ ބެޗަކާއި ހަވާލުވާން ޖެހިއްޖެއެވެ. ސިލަބަސް ކަވަރ ކުރުމުގެ އިތުރުން، ފުރަތަމަ ދެތިން މަސް ހޭދަކޮށްލީ ކުދިން އެސެސް ކޮށްލުމުގައެވެ. އާންމު އުޞޫލުގެ މަތިން ދިމާވީ ވަރަށް މަސްހުނި ބެޗަކާއެވެ. "ޔޫ ލެވެލް“ އިން ފެށިގެން "އޭ ލެވެލް" ގެ ކުދިން ތިއްބެވެ. އާންމުގޮތެއްގައި ކުދިން "ޔޫ ލެވެލް"އަށް ދަނީ އިނގިރޭސި ލިޔުމުގެ ފެންވަރު ދަށް އަދި ސުވާލުގެ ޖަވާބު އެނގުނަސް ލިޔުމުން ބުނެދޭން ނޭންގޭ ކުދިންނެވެ.

މި ލިޔުމުގައި ޙިއްޞާކޮށްލަން މިއުޅެނީ މިތަނުން "ޔޫ ލެވެލް"ގެ ކުއްޖެއްގެ ވާހަކައެވެ. މި ދަރިވަރަށް އިކޮނޮމިކްސްގައި ރަނގަޅު ނަތީޖާއެއް ނެރުން ވީ ވަރަށްވެސް އުނދަގޫކަމަކަށެވެ. ހަމައެކަނި އިނގިރޭސި ލިޔުމުގެ ފެންވަރު ދަށްވެގެންނޭ ބުންޏަކަސް ދޮގަކަށްނުވާނެއެވެ.

ދުވަސްތައް ކުރިއަށްދަމުން އޯލެވެލް އިމްތިޙާނު ހަދާއިރު ކުދިން ޑްރޮޕްކޮށްލާ މާއްދާތައް ފައިނަލް ކުރާދުވަސް ކައިރިވާންފަށައިފިއެވެ. އެގޮތުން ކުދިން ނަގާ މާއްދާތައް ފައިނަލްކުރުމުގެ ކުރިން ކޮންމެ މާއްދާއެއްގެ މުދައްރިސާއިވެސް، ދަރިވަރާއި ބެލެނިވެރިޔާ ބައްދަލުކޮށްލުމައްޓަކައި ބޭއްވި ފީޑްބެކް ސެޝަނެއް ބޭއްވި ދުވަހެކެވެ. އެއްކަލަ ދަރިވަރު އޭނާގެ ބެލެނިވެރިޔާ ގޮވައިގެން އަޅުގަނޑު އިން މޭޒުދޮށަށް އައިއްސިއެވެ.

ދަރިވަރަކީ ނަތީޖާ ރަނގަޅުކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާކުއްޖެއްކަން އެނގެއެވެ. ނަމަވެސް އަދި ނަތީޖާއެއް ނެރެވޭގޮތެއް ހަމަ ނުވެއެވެ. އެހެންކަމުން ދަރިވަރު އައިސް އިށީނުމުން ކުޑަކޮށް ވާހަކަ ދައްކާލާފައި އަހާލީމެވެ. ދަރިވަރުގެ ވިސްނުންހުރީ ކޮންގޮތަކަށްތޯއެވެ.

"ސާރ. އަސްލު އިކޮނޮމިކްސް މާއްދާ ދޫކޮށްލާކަށް ބޭނުމެއްނޫން" ރަކި ހިނުތުންވުމަކާއިއެކު ދަރިވަރު ބުންޔެވެ. އެހެން ބުނުމުން އެ ދަރިވަރު މަސައްކަތް ކުރަން ހުރިނަމަ ސާރ މިހުރީ އެ ދަރިވަރަށް މަސައްކަތް ކޮށްދެންކަމަށް ބުނީމެވެ.

ދަންނަވަންތޯއެވެ. އާންމު ގޮތެއްގައި އެ ލެވެލްގެ ކުއްޖެއްވިޔާ އަޅުގަނޑު އެކުއްޖެއްގެ ބެލެނިވެރިއެއްގެ ގާތުގައި ތެދަށް ބުނަމެވެ. އިކޮނޮމިކްސްއިން ފާސްވާން ވަރަށް އުނދަގޫވާނެ ކަމެވެ. ކުއްޖާ ބޭނުންނަމަ މާއްދާ ނެގިޔަސް މައްސަލައެއް ނެތްކަމެވެ. (އާންމު ގޮތެއްގައި ކުދިންގެ މަދުވަނީ މަސައްކަތްކުރުމުގެ ރޫޙެވެ. މާ އަވަހަށް އުންމީދު ކަނޑާލާފައި ދޫކޮށްލެވެނީއެވެ.) އެހެންނަމަވެސް އަޅުގަނޑު ކުރިމަތީގައި އެވަޤުތު އިންދަރިވަރަކީ ތަފާތު ދަރިވަރެކެވެ. މަސައްކަތް ކުރާނެއެވެ. އެކަން އޭނާ އައީ ދައްކައިދެމުންނެވެ. އެހެންކަމުން އޭނާގެ ބެލެނިވެރިޔާއަށްވެސް އެ ދަރިވަރަކީ ވަރަށް މަސައްކަތްކުރާ ކުއްޖެއްކަމުގައާއި، އަދި ކުރިއަށް އޮތް ތާގައިވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަންދިނީމެވެ.

މުދައްރިސެއްގެ ފޭވަރިޓަކަށް ދަރިވަރަށް ވެވޭނެގޮތް މިބަޔާން ކޮށްދެނީއެވެ.

އެދުވަހުން ފެށިގެން އެއްކަލަ ދަރިވަރުގެ މަސައްކަތްފެށުނީއެވެ. ސެޝަން ނިންމާލުމަށްފަހު ސުޓާފްރޫމަށް އައިސް މިއަދު ސާރ ފުރީވާނީ ކޮންގަޑިއެއްގައިތޯ އަހާލާނެއެވެ. ޕާސްޓްޕޭޕަރ ޕްރެކްޓިސްކޮށްލާށެވެ. މިގޮތަށް ހަފްތާއަކު ދެތިން ފަހަރު ސެޝަންފަހުން އެދަރިވަރާއި ބައްދަލުވާނެއެވެ. އަބަދުވެސް އަންނާނީ ކުލާހުގައި ދެން އިކޮނޮމިކްސް ކިޔަވާ ފިރިހެންކުދިންނާއި އެކުގައެވެ. އެގޮތަށް އަންނަ ކޮންމެ ދުވަހަކުވެސް ގަޑިއިރެއްވަރު ސުކޫލު ހޯލުތެރޭގައި ބަހަށްޓާފައިހުންނަ ބެންޗެއްގައި ޕާސްޓްޕޭޕަރ ޕުރެކްޓިސްކޮށްލާ، މާއްދާ އިތުރަށް ރިވައިސް ކޮށްލަން ތިބެވެއެވެ.

މި ދަންނަވާ ދަރިވަރު ކިޔެވުމަށް ހުރި ޝައުޤުބުނެދެންތޯއެވެ؟ ސުކޫލު ހުންނަނީ ރަށުގެ މައި މަގުގައެވެ. ބޮޑު ޢީދު ދުވަހެއްގައި ކޯޑި ނެރިގެން އެ މަގުން ދިޔައިރުވެސް އެ ދަރިވަރު އެދިގެން އަޅުގަނޑު އިނީ ބެންޗެއްގައި އެކުދިންނާއިއެއްކޮށް އިކޮނޮމިކްސް ކިޔަވައިދޭށެވެ. އަޅުގަނޑަށް މާބޮޑު މައްސަލައެއްނޫނެވެ. އަޅުގަނޑަކީ ކޯޑި ބަލަންދާ މީހެއްވެސްނޫނެވެ. ނަމަވެސް އަޅުގަނޑު ކުރިމަތީގައި ތިބި އުމުރުގެ ކުދިން ވަރަށް ފޯރީގައި ކުރާކަމެއްކަމަށް ފާހަގަވާކަމެކެވެ. އެހެންނަމަވެސް އެދުވަހު އެކުދިންނަށް މުޙިއްމުވީ ކިޔެވުމެވެ. އިމްތިޙާނަށް ތައްޔާރުވުމެވެ.

މިހިސާބުން ކިޔުންތެރިން ހިތައްއަރާފާނެއެވެ. ކިޔަވަން ގުރޫޕެއް އަންނައިރު އެތަނުން އެއްކުއްޖަކު ފާހަގަކުރަނީ ކީއްވެހެއްޔެވެ؟ އެސަބަބުވެސް ބުނެލާނަމެވެ. ހަމަ ކުޑަ ހާދިސާއަކުންނެވެ.

އެއްދުވަހެއްގެ މެންދުރުގެ ފަހެވެ. އަޅުގަނޑު އިނީ ސުކޫލުހޯލުތެރޭގައި ހުރި ބެންޗެއްގައި މަޑުކޮށްލައިގެންނެވެ. އެއްކަލަ ރިވިޝަނަށް އަންނަ ގުރޫޕް ބުނެގެން އައިހެވެ. 20 ވަރަކަށް މިނެޓު ފަހުން އެއްކަލަ ގުރޫޕްއަތުވެއްޖެއެވެ. މި ލިޔުމުގައި މި ފާހަގަކުރެވޭ ކުއްޖާ ފުރަތަމަ ބުންޔެވެ. "ސަރ. ވަރަށް ބޮޑަށް ސޮރީ ލަސްވީމަ. މި ގުރޫޕް ނަގަން ދިޔައިރު (ކުއްޖެއްގެ ނަން ބުނެފަ) އޮތީ ނިދާފަ. އެހެންވެ ހޭލައްވައިގެން އެނާ ރެޑީވީމަ އަންނަންވެގެން ލަސްވީ."

މި ދަންނަވާ ކުއްޖާ ޚާއްޞަވަނީ މިހެންވެއެވެ. ރިވިޝަންއަށް އަންނަން ގަޑިކިޔާފައި އޭނާ ހަމައެކަނި އަންނަނީއެއްނޫނެވެ. ކުލާހުގައި ދެންތިބި އެކުވެރިންވެސް އެނާ ގެނެއެވެ. އެކުއްޖެއްގެ ގެއަށްގޮސް ގޮވާ ނަގައިގެން ގެންނަންވިޔަސް ފަރުވާލެއް ނުބަހައްޓައެވެ. ޚުދު އެ ގުރޫޕްކުދިންވެސް ބުންޔެވެ. "މިހާ ޤަވާއިދުން މިއާދެވެނީސް މި (ކުއްޖާގެ ނަންބުނެފައި) ގެ އުނދަގުލާ ހެދި."

މިކުދިންގެ މަސައްކަތުގެ ނަތީޖާއަށް ބަލައިލަމާ ހިނގާށެވެ. އެންމެ ފުރަތަމަ ތިންމަސްތެރޭގައި ކުދިން އެސެސްކޮށްލި ވާހަކަ ދަންނަވާލީމެއްނޫންތޯއެވެ؟

އެ ބެޗުގެ އަންހެން ކުދިންނަށް ތިބީ ކިޔެވުމަށް ރަނގަޅު ކުދިން ކޮޅެކެވެ. އެކުދިންގެ އެސެސްކޮށްލި އިރުވެސް ތިބީ ފާސްވާނެ ކަމަށް ބެލެވޭ ލެވެލްގެ ކުދިންނެވެ. ރަސްމީ ގަޑިތަކާއި، ސުކޫލުން ޝެޑިއުއުލްކޮށްގެން ގެންދިޔަ އެކްސްޓުރާ ކުލާސްތަކުގެ ބޭނުން ކޮށްގެން އިކޮނޮމިކްސްނެގި ހުރިހާ އަންހެންކުދިން ފާސްވިއެވެ.

ދެން އަނެއް ގުރޫޕަށް ބަލައިލަމާތޯއެވެ. ކޮންމެ ހަފްތާއަކު ދެތިން ފަހަރުހެންމެ ރިވިޝަންއަށް އައިކުދިންގެ ތެރޭގައި ތިބީ ޔޫ/އީ/ޑީ/ސީ ލެވެލްގެ ކުދިންނެވެ. "ޔޫ ލެވެލްގައި" އިނީ އަޅުގަނޑު މިލިޔުމުގައި މި ޒިކުރު ކުރާ ދަރިވަރެވެ. އެ ކުއްޖާގެ އިސްނެގުމުން، އެ ހުރިހާ ކުދިން ކުރި ބުރަ މަސައްކަތުން ކުލާހުގެ ހުރިހާ ފިރިހެންކުދިން ފާސްވިއެވެ. އެންމެ ކުއްޖެއް ފިޔަވައެވެ. އެހެން ހުރިހާ ފިރިހެންކުދިން ފާސްވުމުގެ އެންމެ ފަހަތުގައި އެކަމަށް މަގު ފަހިކޮށްދެން ހުރި ދަރިވަރު ފިޔަވައެވެ. އަޅުގަނޑު މިދަންނަވާ އަޅުގަނޑުގެ "ފޭވަރިޓް" ދަރިވަރު ފިޔަވައެވެ.

އެހެންނަމަވެސް އޭނާ ހޯދި ކުރިއެރުން ވަކި ދަށެއްނޫނެވެ. "ޔޫ" އަކުން "ޑީ" އަކަށް ނަތީޖާ ރަނގަޅުކުރިއެވެ. ގުރޭޑް 10އަކަށް އެދަރިވަރު އައި އިރު އޭނާ ހުރިފެންވަރުގައި ހުއްޓާ ހިތްވަރު އެލުވާލިނަމަ އެއީ އެފަހަރު "ޔޫ" އެއް ގެންނާނެ ދަރިވަރެވެ.

އަޅުގަނޑު އެއްވެސް ޙާލެއްގައި މިދަންނަވަނީ އޭނާއަކީ "ޕާފެކްޓް" ދަރިވަރެކޭނޫނެވެ. އަހަރުގެ ފަހުކޮޅަށްގޮސް ކޮންމެވެސް ވަރަކަށް ފަރުވާ ކުޑަ ކޮށްލެވުނުކަމަށް ޚުދު އޭނާ އަމިއްލައަށްވެސް އިޢުތިރާފުވެއެވެ. ސަބަބުވެސް އޭނާ ބުނެދިނެވެ. ނަމަވެސް އޭގެ ތަފްޞީލަށް ދާކަށް އަޅުގަނޑުނެތީމެވެ.

އޭނާ ފޭލްވުމުން އޭނާއާއި މެދު އަޅުގަނޑު ހަމްދަރިދީ ވަނީވެސް އެހެންވެއެވެ. ނަތީޖާ ރަނގަޅުކުރުމަށް އެހާ މަސައްކަތްކުރި ދަރިވަރަކަށް އަޅުގަނޑު އަދި ކިޔަވައެއް ނުދެމެވެ. އެހެންނަމަވެސް ނަތީޖާއަކީ އެކަހަލަ އެއްޗެކެވެ. އަޅުގަނޑުމެންނަށް އޮންނަނީ މަސައްކަތްކުރުމެވެ. ނަތީޖާއަކީ އަޅުގަނޑުމެންގެ އަތްމަތީގައި އޮންނަ ކަމެއްނޫނެވެ.

މި ދަންނަވާ ދަރިވަރު އަޅުގަނޑުގެ "ފޭވަރިޓަށް" ވީ މިހެންވެއެވެ. އޭނާ ކުރި މަސައްކަތުގެ ސަބަބުނެނެވެ. ކުރި ހިތްވަރުގެ ސަބަބުންނެވެ. އުންމީދު ކަނޑާނުލާ އެންމެ ފަހު ވަޤުތާޖެހެންދެންވެސް ހިފަހައްޓާލީމައެވެ. އެގޭ އިތުރުން އެހެން ދަރިވަރުން ތަކެއްގެ ނަތީޖާ ރަނގަޅުކުރުމަށް ފައި ވިއްދާފައި ހުރީމައެވެ.

ދަންނަވަންތޯއެވެ! މިނިސްޓްރީއާއި، މުޖުތަމަޢުން ނަތީޖާ އަށް ބަލާފައި ދޫކޮށްލަފާނެވެ. ނަމަވެސް ކިޔަވައިދޭ މުދައްރިސުން ބަލާނީ ކުދިންގެ މަސައްކަތަށެވެ. ކުރާ ހިތްވަރަށެވެ. އެހެން ދަރިންވަރުންނާއި މެދު ދެކޭ ހިތްހެޔޮކަމަށެވެ. އެ ކުއްޖެއްގެ އަސްލު ފެންވަރަށް ވާޞިލުވުމަށް އެކުއްޖަކު ކުރާ ބުރަ މަސައްކަތަށެވެ. މުދައްރިސެއްގެ ފޭވަރިޓަށްވާ ގޮތަކީ އެއީއެވެ.

އަޅުގަނޑުގެ ދަރިވަރުންގެ ތެރެއިން "އޭ" ހޯދި ކުދިން ތިއްބާ، "ޑީ" ހޯދި ކުއްޖަކު އަޅުގަނޑުގެ ފޭވަރިޓަކަށްވީ އެހެންވެއެވެ. އަޅުގަނޑުގެ އަމިއްލަ ލަޑުދަނޑިވިކަމުގައިވާ 100 އިންސައްތަ ފާސް ހޯދުމަށް އެ އަހަރު ދިމާވި ހަމައެކަނި ހުރަހަކަށް ވީ އެ ދަރިވަރުކަމުގައިވީނަމަވެސް، އެ ދަރިވަރު އަޅުގަނޑުގެ ފޭވަރިޓަކަށްވީ އެހެންވެއެވެ.

Copyright © 2024 Faaru News
Made with by Afeef & Noor