ދަރިވަރުންނާއި މުދައްރިސުންގެ ރޭޝިޔޯ: ކުދި ސްކޫލްތަކުގެ ކަރުމަޅި

Admin User
Admin User
2 މަސް ކުރިން
6 މިނިޓް

ދިވެހި ރާއްޖޭގެ ތަޢުލީމީ ސިޔާސަތުތަކަކީ ސަރުކާރުގެ އެހެން ސިޔާސަތު ތަކެކޭ އެއްފަދައިން ބަދަލުވަމުންދާ ސިޔާސީ އޮއިވަރާއެކު ބަދަލު އަންނަ ސިޔާސަތު ތަކަކަށްވިޔަސް ފައިސާ އާއި ވަރަށް ބޮޑަށް ގުޅުންހުރި އަދި ކުދި ކުދި އާބާދީތަކާއި ގުޅިފައިހުރި ތަޢުލީމި ސިޔާސަތުތަކަކީ އެ ކަންކަމަށް މާ ބޮޑު އަދި ފާހަގަކުރެވޭ ފަދަ ބަދަލުތަކެއް އަންނަ ސިޔާސަތުތަކަކަށް ނުވެއެވެ. އެއީ އެފަދަ ސިޔާސަތުތަކުގެ ސަބަބުން ކުދި ކުދި އާބާދީ ތަކުގެ ތަޢުލީމު ހެޔޮގޮތުގައި ބައްޓަންކުރުމަށް ހުރަހަކަށް އެފަދަ ސިޔާސަތުތައް ވާއިރުވެސް މެއެވެ. ދިވެހިރާއްޖޭގެ ސަރުކާރުގެ ހުރިހާ ސްކޫލްތަކެއް އެއް ވުޒާރާއެއްގެ ބެލެހެއްޓުމުގެ ދަށުގައިވާއިރު އެ ވުޒާރާއިން އެ ހުރިހާ ސްކޫލްތަކެއް ހިންގުމުގެ ޒިންމާ ނަގަމުންދާއިރު ސްކޫލްތަކުގެ މެދުގައި އެންމެ ޢަދުލުވެރިކަމާއެކު ވަޞީލަތްތައް ބެހެމުން ނުދާ ކަމުގެ ޝަކުވާ އަކީ އަބަދުވެސް އިވެމުން ދާ ޝަކުވާއެކެވެ. ތަފާތު ކަންކަމާއި ގުޅިގެން ތަފާތު ޕޮލިސީތަކާއި އުސޫލުތައް ހެދިފައިވާއިރު އެ އުސޫލުތަކުގެ ތެރެއިން އަދި ބޭރުންވެސް ގިނަފަހަރަށް ކަންކަން ނިމިގެންދާއިރު އެކި ސުކޫލުތަކަށް އޭގެ ފައިދާ އާއި ގެއްލުން އެކި މިންވަރަށް ކުރާ ކަމަށް މި ދާއިރާގައި މަސައްކަތްކުރާ ގިނަބަޔަކު ދެކެއެވެ.

ސްކޫލް ތަކަށް ބޭނުންވާ ވަޞީލަތްތަކުގެތެރެއިން އެންމެ މުހިއްމު ވަޞީލަތަކީ އެތަނަކަށް ބޭނުންވާނޭ އިންސާނީ ވަޞީލަތެވެ. އެހެންގޮތަކަށް ބުނާނަމަ މުއައްޒަފުންނެވެ. ޚާއްޞަ ގޮތެއްގައި މުދައްރިސުންނެވެ. ސްކޫލްތަކަށް މުދައްރިސުން ހަމަޖައްސާއިރު ބަލާ އެންމެ މުހިއްމު އެއް ތަފާސް ހިސާބަކީ އެސްކޫލެއްގައި ކިޔަވާ ކުދިން ތިބި ޢަދަދެވެ. މިގޮތުން ބަލާއިރު ކިޔެވުން ކުރިއަށް ދާ ތަނަކަށް އާ މުދައްރިސަކު ކަނޑައެޅުމުގައި ބަލާ އެންމެ މުހިއްމު އެކައްޗަކީ އެތަނެއްގައި އެވަގުތަކު ތިބި ދަރިވަރުންނާއި މުދައްރިސުންގެ ރޭޝިޔޯއެވެ. އެހެންގޮތަކަށް ބުނާނަމަ އެތަނުގައި ހުރި ކޮންމެ މުދައްރިސަކަށް ތިބީ ކިތައް ކުދިންތޯ ބެލުމެވެ. މިސާލަކަށް 100ކުދިން ތިބި ސްކޫލެއްގައި 5 މުދައްރިސުން ތިބިނަމަ އެއީ ކޮންމެ 20 ކުއްޖަކަށް މުދައްރިސެކެވެ. 150 ކުދިންގެ ސްކޫލެއްގައި 6 މުދައްރިސުން ތިބިނަމަ އެއީ ކޮންމެ 25 ކުއްޖަކަށް މުދައްރިސެކެވެ. މި ގޮތުން ކޮންމެ މުދައްރިސަކަށް ޖެހޭ ދަރިވަރުންގެ އަދަދު މަދުވަމުންދާނަމަ ބެލެވޭނީ އެތަނެއްގައި މުދައްރިސުން އިތުރުވަމުންދާ ކަމުގައެވެ. އަދި އެތަނެއްގައި މުދައްރިސުންނަށް ކުރަން ޖެހޭ މަސައްކަތް (ގިނަ ބައެއްގެ މެދުގައި ބަހާލެވުމުގެ ސަބަބުން) މަދުވަމުންދާ ކަމުގައެވެ.

ކޮންމެއަކަސް އަތޮޅުތަކުގެ ގިނަރަށްރަށަކީ އާބާދީ މަދު ރަށްރަށެވެ. އޭގެތެރެއިން ގިނަ ރަށްރަށަކީ ވޭތުވެދިޔަ ގިނަ އަހަރުތަކުގައި ސަރުކާރުގެ ސިޔާސަތާއި، ހިތްވަރާއި ނުފޫޒުގެ އެހީގައި ދޭތެރެދުރުކޮށް ދަރިން ނުވިހާ ގިނަ ޒަމާންތަކެއް ހޭދަކޮށް އެކަމުގެ އިނާމާއި ރީތިނަން ހޯދައިގެން ތިބެ ފަޚުރުވެރިކަމާއެކު މީހުން ދިރިއުޅެމުންދާ ރަށްތަކެކެވެ. އެހެންކަމުން އެރަށްރަށުގައި ސްކޫލްތަކުގެ ދަރިވަރުންގެ އާބާދީވެސް އެހާ މަދެވެ. މި ސަބަބާހުރެ ގުރޭޑެއްގައި ހަތްކުދިން، ނުވަކުދިން ކިޔަވަމުންދާ ސްކޫލްތައް މަދެއްނޫނެވެ. މިދެންނެވުނު ޙާލަތުގައިވާ ގިނަ ރަށްރަށަކީ ދޭތެރެ ދުރުކުރުމުގެ ކާމިޔާބު ޙަރަކާތްތައް ކުރިއަށް ނުގެންދިޔަނަމަ ކުލާހެއްގައި ސައްބީސް ނަވާވީސް ކުދިން ތިބޭނޭ ރަށްރަށެވެ. މިފަދަ ރަށްރަށުގެ ސްކޫލްތަކަށް އިންސާނީ ވަޞީލަތްތައް ފޯރުކޮށްދިނުމުގައިވެސް ބަލާ މައިގަނޑު އެކައްޗަކީ އެއްކަލަ ރޭޝިޔޯއެވެ. ކޮންމެއަކަސް މިފަދަ ސްކޫލްތަކުގައި ދަރިވަރުން އާދަޔާއި ޚިލާފަށް މަދުވުމާއެކު އެއްކަލަ ރޭޝިޔޯއިން ބަލާނަމަ އެފަދަ ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުންގެ އަދަދު އިންތިހާއަށް ގިނައެވެ. އެހެންކަމުން އިތުރު މުދައްރިސުން ދެވޭކަށް ނޯވެއެވެ. ސަރުކާރަށް އެއްބާރުލުން ދީގެން ނުވިހާ ގިނަ ދުވަސްތަކެއް ވަންދެން ތިބުމުގެ ސަބަބުން މިޖެހުނު މުޞީބާތް މިހާރު މާ ބޮޑުވެއްޖެތާއެވެ.

ސްކޫލްގައި ތިބި ނުވަތަ ތިބެންޖެހޭ މުދައްރިސުންގެ އަދަދު ކަނޑައެޅުމުގައި ކިޔަވާކުދިންނާއި މުދައްރިސުންގެ ރޭޝިޔޯއަށް ބެލެމުންދާއިރު މިއީ އެކަން ކުރުމުގައި ބަލަންޖެހޭ މައިގަނޑު ތަފާސް ހިސާބުތޯ މިއީ ކުރަންޖެހޭ ސުވާލެކެވެ. މިހެން ބުނަން މިޖެހެނީ އެ ރޭޝިޔޯއިން ހަގީގަތުގައި ސްކޫލްގެ އިންސާނީ ވަޞީލަތުގެ ހާލަތު އެންމެ ރަނގަޅަށް ކިޔައިދޭ ކަމަށް ގަބޫލު ނުކުރެވޭތީއެވެ. މިސާލެއް ނަގަމާ ހިނގާށެވެ. ހިތްތަން ސްކޫލްގައި އޮންނަނީ ޖުމުލަ 10 ގުރޭޑެވެ. ކޮންމެ ގުރޭޑެއްގައި އެއް ކުލާހެވެ. ކޮންމެ ކުލާހެއްގައި ދިހަ ދަރިވަރުން އެބަތިއްބެވެ. އެހެންކަމުން ސްކޫލްގެ ޖުމުލަ އާބާދީ އަކީ 100އެވެ. ފަސޭހައިން ފަހުމުވުމަށްޓަކައި އެސްކޫލްގެ ކޮންމެ ގުރޭޑަކަށް ހުންނަނީ އެންމެ ޓީޗަރެއް ކަމަށް ބަލަމާ ހިނގާށެވެ. އަދި ކޮންމެ ގުރޭޑަކަށްވެސް ދުވާލަކު ނަގަނީ 5 ގަޑިކަމާއި އެ ގުރޭޑެއްގެ ހުރިހާ ގަޑިއެއް ނަގަނީ އެ ގުރޭޑެއްގެ މުދައްރިސް ކަމަށް ބަލަމާ ހިނގާށެވެ. އެހެންކަމަށް ވާނަމަ އެ ސްކޫލުގެ ކޮންމެ މުދައްރިސަކުވެސް ދުވާލަކު ނަގާނީ 5ގަޑިއެވެ. ހަފުތާއަކު ނަގާނީ 25 ގަޑިއެވެ. މުދައްރިސުން ސްކޫލެއްގައި ހަފުތާއަކު ނަގާ ގަޑީގެ އަދަދަކީ އެ ސްކޫލެއްގެ މުދައްރިސުންގެ މަސައްކަތުގެ ލުއި ބަރު މިން ވަޒަންކުރަން ސަރުކާރުން އަދި ސްކޫލްތަކުން ބޭނުންކޮށް އުޅޭ މިންގަޑެކެވެ. ދެން ހިތްފަހި ސްކޫލަށް ބަލަމާ ހިނގާށެވެ. ހިތްތަން ސްކޫލެކޭ އެއްގޮތަށް މި ސްކޫލްގައިވެސް އޮންނަނީ ޖުމުލަ 10 ކުލާހެވެ. ކޮންމެ ކުލާހަކަށް އެންމެ މުދައްރިސަކު ހުންނައިރު އެގުރޭޑެއްގެ ފަސްގަޑި މިނަގަނީ މިދެންނެވުނު މުދައްރިސެވެ. ހިތްތަން ސްކޫލެކޭ އެއްގޮތަށް މި ސްކޫލްގައިވެސް ކޮންމެ މުދައްރިސަކު ހަފުތާއަކު 25ގަޑި ނަގައެވެ. އެހެންކަމުން މި ދެ ސްކޫލްގައިވެސް މުދައްރިސުން ގަޑި މިނަގަނީ އެއްވަރަކަށެވެ. އެކަމަކު ހިތްފަހި ސްކޫލްގައި ކޮންމެ ކުލާހެއްގައި 30 ދަރިވަރުން އެބަތިއްބެވެ. އެހެންކަމުން މި ދެސްކޫލްގައި މުދައްރިސުންނާއި ދަރިވަރުންގެ ރޭޝިޔޯ ވަރަށް ތަފާތެވެ. ހިތްތަން ސްކޫލްގައި ކޮންމެ މުދައްރިސަކަށް 10 ދަރިވަރުން ތިބިއިރު ހިތްފަހި ސްކޫލްގައި ކޮންމެ މުދައްރިސަކަށް 30 ދަރިވަރުން އެބަތިއްބެވެ. އެކަމަކުވެސް މި ދެ ސްކޫލްގައިވެސް މުދައްރިސުން ހަފުތާއަކު ނަގާ ގަޑީގެ އަދަދުގައި އެއްވެސް ތަފާތެއް ނެތެވެ.

އެހެންކަމަށް ވުމާއެކު މި ދެސްކޫލްގެ ދެމެދުގައި އެ ރޭޝިޔޯއަށް ބަލައިގެން މުދައްރިސުން ބަހާނަމަ އެ ވެގެންދާނީ ޢަދުލުވެރިކަމުން ބޭރުވެ ވަރަށް ބޮޑު ނާއިންޞާފަކަށެވެ. އޭގެބަދަލުގައި ސްކޫލްގެ ހަގީގީ ހާލަތު ވަޒަންކުރެވޭނެ ރޭޝިޔޯއެއް ކަމަށް ފެންނަނީ ނުވަތަ އަޅާ ކިޔަންޖެހޭނޭ 2 މިންގަޑެއް ކަމަށް ފެންނަނީ ސްކޫލްގައި އޮންނަ ޖުމުލަ ކުލާސްތަކުގެ ޢަދަދާއި ކިޔަވައިދޭ މުދައްރިސުންގެ ޢަދަދެވެ. އެއީ ކުލާހެއްގައި 3 ކުދިން ތިއްބަސް ނުވަތަ 30 ކުދިން ތިއްބަސް ކޮންމެވެސް މުދައްރިސަކު އެކުލާހަށް ތައްޔާރުވެ އެކުލާސް ނަގަންޖެހޭތީއެވެ. މިގޮތުން ބަލާއިރު މަތީގައިވާ މިސާލުގައި ފާހަގަކުރެވުނު ހިތްތަން ސްކޫލާއި ހިތްފަހި ސްކޫލްގެ މުދައްރިސުންނާއި ދަރިވަރުންގެ ރޭޝިޔޯ ތަފާތުވިޔަސް ކުލާހުގެ އަދަދާއި މުދައްރިސުންގެ ރޭޝިޔޯ އެއްވަރެވެ.  40 ކުލާސް އޮންނަ ސްކޫލެއްގައި  120 މުދައްރިސުން މަސައްކަތްކުރާނަމަ އެ ތަނުގެ ރޭޝިޔޯއަކީ 1:3އެވެ. ކޮންމެ ކުލާހަކަށް 3 މުދައްރިސުންނެވެ. 12 ކުލާސް އޮންނަ ސްކޫލެއްގައި 24 މުދައްރިސުން މަސައްކަތްކުރާނަމަ އެއީ 1:2އެވެ. ކޮންމެ ކުލާހަކަށް 2 މުދައްރިސުންނެވެ. މިރޭޝިޔޯއިން ބަލާކަމުގައި ވަނީނަމަ ކުދި ސްކޫލްތަކުގައި ބޮޑެތި ސްކޫލްތަކަށްވުރެ ނިސްބަތުން މުދައްރިސުން މަދުވާނެކަމުގައިފެނެއެވެ.

މީހަކު ބުނެފާނެއެވެ. 10 ކުދިން ތިބޭ ކުލާހަކަށް ކިޔަވައިދިނުމާއި 30 ކުދިން ތިބޭ ކިޔަވައިދޭ ކުލާހަކަށް ކިޔަވައިދިނުމާއިދެމެދު ހާސް (ނުވަތަ ލައްކަ) ތަފާތު ހުންނާނެއެވެ. ކުދިން ގިނަވާވަރަކަށް ކިޔަވައިދޭން އުނދަގޫވާނެއެވެ. ޝައްކެއްނެތެވެ. ކުލާހުގައި ކިޔަވަމުންދާ ކޮންމެ ކުއްޖަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަކީ މުދައްރިސްގެ ޒިންމާއެކެވެ. ކޮންމެ ދަރިވަރަކީވެސް ތަފާތު ދަރިވަރަކަށް ވުމާއެކު އެކި ކުދިންނާއިމެދު އަމަލުކުރަންޖެހޭގޮތްވެސް ތަފާތުވެއެވެ. އެހެންކަމުން މިކަމުގައި ގިނަ ކުދިން ތިބޭނަމަ މުދައްރިސުންނަށް އޮންނަ ގޮންޖެހުން ބޮޑުވާނެއެވެ. ވަކިވަކި ކުދިންގެ މަސައްކަތްތައް ބެލުމާއި ފީޑްބެކް ދިނުމާއި ފެންވަރުވަޒަންކުރުންފަދަ ކަންތައްތަކުގައި ގިނަވަގުތު ހޭދަކުރަންޖެހޭނެއެވެ. ކުލާސްތެރެ ބެލެހެއްޓުމާއި ކުދިން ބެލެހެއްޓުމުގައި އިތުރު ހިތްވަރެއްލާންޖެހޭނެއެވެ. ކުލާހުގެ ކިޔަވައިދިނުމުގެ ވަގުތުގައި މިކަމަށް އިތުރަށް ސަމާލުކަންދޭންޖެހޭނެއެވެ. މިހުންނަނީ ދަރިވަރުން އިތުރުވެއްޖެނަމަ އުފުލަންޖެހޭނޭ އިތުރު ތަކުލީފުތަކެކެވެ. އެހެންނަމަވެސް މިތަކުލީފުތަކާއި އަޅާ ބަލާއިރު ފިލާވަޅަށް ތައްޔާރުވުމުގެ ގޮތުން އާބާދީ މަދު ސްކޫލްތަކުގެ މުދައްރިސުންނަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކަކީ ޒިންމާއަށް ބަލާއިރު ވަކި ކުދިކަންތައްތަކެއް ނޫނެވެ. އާބާދީ ބޮޑެތި ސްކޫލްތަކުގައި އެއްގުރޭޑެއްގެ ބައިވަރު (ޕެރެލަލް) ކުލާސްތައް އޮންނައިރު ވަރަށް ގިނަފަހަރަށް މާއްދާ ޓީޗަރަކު ދުވާލަކު ނަގާނީ އާ އެންމެ ގަޑިއެކެވެ. މިސާލަކަށް ގުރޭޑް 6 ހ އަށް ހިސާބުގަޑި ނަގައިދީފައި ހަމަ އެދުވަހު ހަމަ އެގަޑި 6 ށ، 6 ނ، 6 ރ އަދި 6 ބ ގައި ތަކުރާރުކުރާނީއެވެ. މިގޮތަށް ތަކުރާރުކުރާއިރު ބޭނުންކުރާނީ އެއް ލެސަން ޕެލޭނެކެވެ. އެއް އެހީތަކެވެ. ތައްޔާރުވާނީ އެންމެ ގަޑިއަކަށެވެ. އަދި ފުރަތަމަ ގަޑީގައި ކަމެއް އެންމެ ރަނގަޅަށް ނުގޮސްފިނަމަ ދެން އޮތް ގަޑިތަކުގައި އެކަންކަން ރަނގަޅުކުރުމަށް ފުރުސަތުވެސް ލިބިގެން ދެއެވެ. މި ހިސާބު މުދައްރިސް ހަފުތާއަކު ހަދާނީ އެންމެ 5 ލެސަން ޕެލޭނެވެ. މިއީ ކުދި ސްކޫލްތަކުގައި އެއްވެސް މުދައްރިސަކަށް ލިބޭ ލުއިފަސޭހައެއް ނޫނެވެ. ކުދި ސްކޫލްތަކުގައި މުދައްރިސް ދުވާލަކު 5 ގަޑި ނަގާނަމަ އެއީ މުޅިން ތަފާތު ފަސް ފިލާވަޅެވެ. ތަފާތު ފަސް ލެސަން ޕްލޭނެވެ. ތަފާތު ފަސް އެހީއެވެ. ހަފުތާއަކު 25 ގަޑި ނަގައިދޭނަމަ އެއީ ތަފާތު 25 ލެސަން ޕްލޭނެވެ. މި ބުރަ މަސައްކަތް ކުދި ސްކޫލްތަކުގައި މުދައްރިސުން ކުރާއިރު ކުލާހެއްގައި ކުދިން ގިނަވެގެން އެކަމުގެ ޝަކުވާ ބޮޑެތި ސްކޫލްތަކުގެ މުދައްރިސުން ކުރަންޖެހޭނެކަމަކަށް ނުދެކެމެވެ.

މުދައްރިސުންނާއި ދަރިވަރުންގެ ރޭޝިޔޯގެ ސަބަބުން ކުދި ސްކޫލްތަކުގެ މުދައްރިސުންނަށް ކުރިމަތިލާން ޖެހިފައިވާ އަނެއްބޮޑު ގޮންޖެހުމަކީ ކުދި ސްކޫލްތަކުގައި މުދައްރިސުންގެ ތާކިހަލާއެކު އިތުރު ތާކިހާތައް އަޅަންޖެހުމެވެ. މުދައްރިސެއްގެ ގޮތުގައި ހުރެ ލައިބުރަރީގައި ލައިބުރޭރިއަންގެ މަސައްކަތް ކުރަންޖެހެއެވެ. ދަރިވަރަށް ކުޅިވަރު ކޯޗެއްގެ ގޮތުގައި އެހީތެރިވާން ޖެހެއެވެ. ދަރިވަރަށް ކައުންސިލިން ދޭން ޖެހެއެވެ. ދަރިވަރަށް އިމަޖެންސީއެއްގައި ފުރަތަމަ އެހީ ދޭން ޖެހެއެވެ. ސްކޫލްގެ އައިޓީ މައްސަލައެއް ހައްލުކުރަން ޖެހިދާނެއެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކާއެކު މަސައްކަތް ކުރަންޖެހިދާނެއެވެ. މިހުރިހާ އިތުރުކަމެއް ކުދި ސްކޫލްތަކުގައި މުދައްރިސުން ކުރަނީ އެކަމާއި ގުޅޭ އެއްވެސް ތަމްރީނެއް ލިބިގެނެއް ނޫނެވެ. ސްކޫލުން އެ ޒިންމާ ޙަވާލުކުރާތީ ކުރަނީއެވެ. އެނޫން ގޮތެއް ނުވެސް އޮންނަނީއެވެ. ބޮޑެތި ސްކޫލްތަކުގައި ނަމަ ލައިބުރޭރިއަނުން ތިބޭނެއެވެ. ސްޕޯޓްސްޕަވައިޒަރުން ތިބޭނެއެވެ. ކައުންސިލަރުން، ހެލްތު އެސިސްޓެންޓުން، އައިޓީ ޓެކްނީޝަނުން ތިބޭނެއެވެ. ގިނަ ކުދި ސްކޫލްތަކުގައި މި ދެންނެވުނު އެއްވެސް މަގާމަކަށް ވަކިން މީހަކު ލާފައި ނުހުރެއެވެ. އެ ފުރުސަތެއް ނޯވެއެވެ. ކީއްވެގެން ހެއްޔެވެ؟ މިދެންނެވުނު މުދައްރިސުންނާއި ދަރިވަރުންގެ ރޭޝިޔޯގެ ސަބަބުންނެވެ. އަޖައިބުވެ އަންތަރީސްވާން ޖެހޭ ކަމަކީ މިނިސްޓްރީގެ ބައެއް އުސޫލުތަކުގައި ނުވަތަ ޕޮލިސީތަކުގައި  ވަކި އަދަދަކަށް މުދައްރިސުން ތިބެންޖެހޭނެކަމަށް ކަނޑައަޅަފައި އޮންނައިރުވެސް މި ރޭޝިޔޯއަކާއި ހެދި އެކަން އެގޮތަށް ތަންފީޒު ނުކުރެވުމެވެ. މިސާލަކަށް ފައުންޑޭޝަން ސްޓޭޖްގެ ކުލާސްތަކުގައި ވަކި އަދަދަކަށް ކުދިން ތިބޭނަމަ ދެ މުއްދަރިސުން އެއްފަހަރާ ކުލާހުގައި ތިބެން ޖެހޭނެކަމަށް ކަނޑައެޅިފައިއޮތަސް އެކަން އެގޮތަށް ނުވެއެވެ. އެއީ ހަމައެކަނި ކަރުދާހުގައި އޮންނަންޖެހޭ ގޮތެވެ.

މުދައްރިސުންނާއި ދަރިވަރުންގެ މި ރޭޝިޔޯގައި ތާށިވަނީ ހަމައެކަނީ ކިޔަވައިދޭ މުއައްޒަފުންނެއް ނޫނެވެ. އިދާރީ މުއައްޒަފުންނަށްވެސް މީގެ ރޯޅި އާދެއެވެ. ކޮންމެއަކަސް މުދައްރިސުންނާއި ދަރިވަރުންގެ ރޭޝިޔޯގެ ސަބަބުން ތަނުގެ މުއައްޒަފުންނާއި ދަރިވަރުންގެ ރޭޝިޔޯއަށްވެސް އޭގެ އަސަރުކުރެއެވެ. އެހެންކަމުން ސްކޫލު ސާފުކޮށް ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ މަސައްކަތުމީހުންގެ އަދަދުވެސް ކަނޑައެޅެނީ ކުދިންގެ ޢަދަދަށް ބަލާފައެވެ. ކުދިން ގިނަ ނަމަ މަސައްކަތު މީހުން ގިނަވާނެއެވެ. އެހެންނޫނީ މަދުވާނެއެވެ. ގިނަކުދިން އުޅޭނަމަ ސާފުކުރަންޖެހޭ މިންވަރު އިތުރުވާނެކަމީ ޔަގީންކަމެކެވެ. އެކަމަކު އެ މަސައްކަތް ބުރަވެދާނޭ އިތުރު ސަބަބުތައްވެސް ހުންނާނޭކަން ގަބޫލުކުރަން އެބަޖެހެއެވެ. މިސާލަކަށް ސްކޫލްގެ ގޯތީގެ ޖާގަ ބޮޑުވާނަމަ މަސައްކަތް ގިނަވާނެއެވެ، ސްކޫލް ގޯތިތެރޭގައި ރުއްގަސް ގިނަނަމަ މަސައްކަތް ގިނަވާނެއެވެ. އަމުދުން ކުދި ސްކޫލްތަކަކު ދާއިމީ ހޯލެއް ނުހުރެއެވެ. ހުންނަނީ ރޫޅާ ރާވާ ހޯލުތަކެކެވެ. ސްކޫލްގައި އިތުރު ޙަރަކާތެއް ކުރިއަށް ގެންދަންވީމާ ކުލާސްރޫމްތައް ރޫޅާލާ ހޯލު ރާވަން ވީއެވެ. ބަރު ޕާޓިޝަންތަކާއި ކުލާސްރޫމް ބޯޑް، ޓީވީ، ގޮނޑި، ޑެސްކު، މޭޒު، ފޮތް ހަރުގަނޑު އަދި ލޮކަރުތައް އެތަންމިތަނަށް ދަމަންވީއެވެ. ޙަރަކާތް ނިންމާ އަނެއްދުވަހު ހެނދުނު 06:30އަށް ކުރިން މިދެންނެވުނު ހުރިހާ ތަކެތި އަނެއްކާ އުފުލާ ރާވާ ކުރިންހުރިގޮތަށް ހަދަންވީއެވެ. މި ތަކެއްޗަކީ އަމިއްލައަށް ތަންތަނަށް ދާ އެއްޗިއްސަށް ނުވާތީ މިކަންތައް ކުރަންވެސް އަތްތަކެއް ބޭނުންވެއެވެ. ކުދި ސްކޫލްތަކުގެ މުއައްޒަފުންނާއި ދަރިވަރުން މި ސަކަރާތްތައް ޖަހަމުން ދާއިރު ބޮޑެތި ސްކޫލްތަކުގެ މުއައްޒަފުންނާއި ދަރިވަރުން ދެއަތް އުރާލައިގެން ހިނިއައިސްތިބެ ގެއަށް ދެއެވެ. އެކަމަކުވެސް މުދައްރިސުންނާއި މުއައްޒަފުން ކުދި ސްކޫލްތަކުގައި ނިސްބަތުން ގިނަކަމުން މިއުޅެނީ ސަލާމަތް ނުވެވިގެންނެވެ.

އިންސާނީ ވަޞީލަތްތަކާއި އެހެން ވަޞީލަތްތައް އަޅާކިޔެންނެތް މިހާ ތަފާތު ޙާލަތުގައިވެސް ކުދި ސްކޫލްތަކުގެ ދަރިވަރުން ބެލެނިވެރިން އަދި މުއައްޒަފުން އެމީހުންގެ ބުރަމަސައްކަތާއެކު ވަޞީލަތްތައް ފުރިހަމަ ބޮޑެތި ސްކޫލްތަކާއި ވާދަކޮށް ކުރިއަރާ ދާކަމީ އަޖައިބު އަންތަރީސްވާން ޖެހޭފަދަ ކަމެކެވެ. އަދި އެއަށްވުރެވެސް ބޮޑަށް އަޖައިބުވެ ހައިރާނުން ބައިނާޅި ކެކޭން ޖެހޭ ސަބަބަކީ މި ވާނުވާ ކަމާއި ބެހޭ އިދާރާތަކަށް ރޭކާވެސް ނުލާކަމެވެ. ނުވަތަ ރޭކާލާކަމަށް ނަހަދާކަމެވެ. މިސާލެއް ނަގަމާ ހިނގާށެވެ. ކަލާސް އެވޯޑެވެ. މިއީ ކުޅިވަރުގެ އެކި ޙަރަކާތްތަކުން ކާމިޔާބީ ޙާޞިލްކުރާ ދަރިވަރުންނާއި ސްކޫލްތައް ފާހަގަކޮށް ކޮންމެ އަހަރަކު ދޭ އިނާމެކެވެ. މި ވަނަތައް ހޮވަނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ތެރެއިންނެވެ. ސްކޫލްތަކުގައި ޤާއިމުވެފައި ހުރި ކުޅިވަރުގެ ވަޞީލަތްތަކާއި އަޅާ ބަލާއިރު މިއީ އެއްވެސް އިންސާފުވެރި ގޮތުގައި ދެވޭ އިނާމެއް ކަމުގައި ނުބެލެވެއެވެ.

މިސާލަކަށް އެތުލެޓިކްސްގެ އެންމެ މަޝްހޫރު ޙަރަކާތް ކަމުގައިވާ 100މީޓަރު ދުވުމަށް ބަލާލަމާ ހިނގާށެވެ. މި ޙަރަކާތުގައި ބައިވެރިވާ ދުވުންތެރިން ދެ ގުރޫޕަކަށް ބެހުމަށް ގުރޫޕު ހ ގެ ބައިވެރިން ރޭސް ފެށޭ ހިސާބުގައި ބޭތިއްބުމަށްފަހު ގުރޫޕު ށ ރޭހުގެ 70 މީޓަރު ފުރިހަމަވާ ހިސާބުގައި ބޭތިއްބުމަށްފަހު ރޭސް ފެށީމާ ވާނީ ކިހިނެއްހެއްޔެވެ؟ ހަމަގައިމުވެސް ރޭސް ކުރިން ނިންމާނީ ގުރޫޕު ށ ގެ ދުވުންތެރިންނެވެ. އެއީ އެމީހުން ދުވަންޖެހުނީ އެންމެ 30 މީޓަރު ކަމަށް ވާތީއެވެ. މި ޙާލަތުގައި ގުރޫޕު ހ އިން ދުވުންތެރިއަކު އެ ރޭސް ކާމިޔާބުކުރުން ވާނީ މުޢުޖިޒާތަކަށެވެ. އެކަމަކު އެފަދަ ބައެއް މުޢުޖިޒާތައް ސްކޫލް މުބާރާތްތަކުން ބައެއް ފަހަރު އެބަފެނޭމެއެވެ. ސުވާލަކީ މި ޙާލަތުގައި ގުރޫޕު ށ އިން އެންމެ ކުރިން ރޭސް ނިންމި 3 ދުވުންތެރިންގެ ކަރުގައި މެޑެލް އަޅުވަން ދާން ބުނެފިނަމަ ތިބާ އުފަލުންގޮސް އެކަން ކުރާނަން ހެއްޔެވެ؟ ކަލާސް އެޥޯޑަކީ އެފަދަ އިނާމެކެވެ. ކުޅިވަރުގެ މައިދާނުގައި ސްކޫލްތައް އަޅާ ކިޔުމުގެ ކުރިން ކޮންމެވެސް ކަހަލަ ހަމަހަމަކަމެއް ގެނެވޭތޯ އެބަ ބަލަން ޖެހެއެވެ. ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ހުރިހާ ވަޞީލަތްތައް ހުރިހާ ތަނެއްގައި ޤާއިމުކުރަން ލައްކަ ޒަމާން ނަގާނޭކަމެވެ. އެކަމަކުވެސް މިވަގުތުން މިވަގުތަށްވެސް ކުރެވިދާނެ ލައްކަ ކަންތައް ހުންނާނެއެވެ. ބޮޑެތި ސްކޫލްތަކުގައި ކުޅިވަރަށް ޚާއްޞަކޮށް ދެތިން ސްޕަވައިޒަރުން ތިބޭއިރު ކުދި ސްކޫލަތަކަށް އެކަކު ނަމަވެސް ހަމަޖެއްސިދާނެއެވެ. އެވަރު ނުވާނަމަ މުދައްރިސުންގެ ތެރެއިން އެ ޒިންމާ ނަގަން ޙަވާލުކުރެވޭ މީހަކަށް އިތުރު އިނާޔަތެއް ދެވިދާނެއެވެ. އިތުރު އިނާޔަތެއް ލިބޭނަމަ އެކަން އުފަލުން ކުރާނެ ބައިވަރު މުދައްރިސުން ކުދި ސްކޫލްތަކުގައި އުޅޭނެއެވެ. މިވަރު ނުވާނަމަ ދެން ކަލަސް އެވޯޑްގެ ވާހަކަ އެކަކުވެސް ނުދައްކާށެވެ.

Copyright © 2024 Faaru News
Made with by Afeef & Noor