ދެކޭގޮތް – ހިތްހަމަޖެހުމުގެ ރާސްތާ

އާމިނަތު ރަޝީދާ ޢަލީ
އާމިނަތު ރަޝީދާ ޢަލީ
2 އަހަރު ކުރިން
3 މިނިޓް

އަހަރެންގެ ގައިގެ ހަމުގެ ކުލަ ވަރަށް ކަޅެވެ. އަހަރެން އުފަންވީ ފަޤީރުކަމުގެ ތެރެއަށެވެ. ޅައުމުރުގައި ކިޔެވުމުން މަހްރޫމްވިއެވެ. ދެކުނު ފޮނި ހުވެފެންތައް ބިލާހަށް ވެގެންދިޔައެވެ. އަހަރެންނަށް ދުނިޔެ ފެނުނީ ނާއިންޞާފު، އަނިޔާވެރި، ފޫހިތަނެއްގެ ގޮތުގައެވެ. މިގޮތުގައި އަހަރެންގެ ޙަޔާތުން ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އޭރު އަހަރެންނަކީ ރުޅިގަދަ، ވިޔަރިގަދަ، ބަސްގަދަ ކުއްޖެކެވެ. އަހަރެންގެ ރަށްޓެހި ރަޙްމަތްތެރިއެއް ނެތެވެ. އެއްދުވަހަކު އަހަރެން އެކަނިމާއެކަނި އުދަރެހަށް ބަލަން އިންދާ ސިއްސައިގެންދިޔައީ ކޮނޑުގައި މީހަކު އަތް ބާއްވާލުމުންނެވެ. ބަލާލިއިރު އަހަރެންނާ އެއް އުމުރުގެ ޢަލީ ކޮޅަށް ހުއްޓެވެ. ޢަލީއަކީ ބޮޑު ޗުއްޓީއަށް ރަށަށް އައިސްއުޅޭ މާލޭ ދެމަފިރިއެއްގެ ދަރިއެކެވެ. އެދުވަހަށްފަހު ޢަލީއަކީ އަހަރެންގެ ގާތް ރަށްޓެއްސަކަށްވިއެވެ. ޢަލީގެ ހިތްވަރުދިނުމާއި، އަޅާލުމުން އަހަރެންނަށް ގެއްލުނު ދުނިޔެ އަލުން ލިބުނު ފަދައެވެ. އަހަރެންގެ ޙަޔާތުގައި ވަކި ހިއްޕާލާފައިވާ ނައްސި ލަފުޒުތައް ނައްތާލާ ފައްސި ލަފުޒުތަކަށް ޖާގަދިނީމެވެ. ފުރުޞަތުތައް ހޯދުމަށް ކުރި މަސައްކަތް ދެގުނަކޮށް އުނގެނުމުގެ ފުރުޞަތު ދެވަނަފަހަރަށް ހޯދީމެވެ. މިޒާޖުގައި ހުރި މުރަނަކަން ކެނޑި ނިޔަނެތި އިންސާނަކަށް ބަދަލުވިއެވެ. މިހުރިހާ ކަމަކަށް ބަދަލު އައުމުގެ ސިއްރަކީ އަހަރެން ދުނިޔެއާއި މެދު ދެކެމުން އައިގޮތް ބަދަލުކުރުމެވެ. މިއަދު އަހަރެންނަށް ދުނިޔެ ފެންނަނީ ފުރުޞަތުތަކުން ފުރިފައިވާ، ހިތްގައިމު، ހިތްއުފާވާ ތަނެއްގެ ގޮތުގައެވެ.

ތިބާގެ ހަޔާތަކީ ތިބާ ދެކޭގޮތުގެ ހިޔަންޏެވެ. ތިބާ ފަހިކޮށްދެކުމަކީ އަމިއްލަ ނަފުސާމެދު އުންމީދުތައް އާވެ ގުޅުންތައް ބަދަހިވާ ކަމެކެވެ. އުނދަގޫ ޙާލަތްތަކުގައި ވެސް އެންމެ ރަނގަޅު ގޮތް ދެނެގަތުމުގެ ބާރުލިބި، މައްސަލަތައް ޙައްލުކުރުމުގެ އެކަށޭނަގޮތް ދެނެގަނެވުމުގެ ސިއްރެވެ. މިފަދައިން ޢަމަލުތައް ބައްޓަން ކުރުމުން ދެކޭ ހުވަފެން ތެދުކުރުމަށް މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިގެންދެއެވެ. ގުޅުންތައް ބަދަހިކޮށް، ދެމެހެއްޓުމުގެ ހިތްވަރު ލިބިގަނެވެއެވެ. އަދިހަމައެހެންމެ އަމިއްލަ ނަފުސުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. ދިރިއުޅުމާމެދު ފަހިކޮށް ދެކެންފެށުމުން ހަޔާތުން ރީތިކުލަތައް ފެނި، އެކަމުގެ ފޮނިމީރުކަން އިހްސާސްކުރެވޭނެއެވެ. ތިބާ އަމިއްލަ ޙަޔާތާއިމެދު ފަހިކޮށް ދެކެންފަށާ ހިސާބުން ލިބިފައިވާ ނިއުމަތްތަކުގެ އިހްސާސްކުރެވި ޝުކުރުވެރިވެވެން ފަށާނެއެވެ. އަމިއްލަ ސުލޫކު ހެޔޮގޮތުގައި ބައްޓަންކުރުމުގެ މަގުފެންނަން ފަށާނެއެވެ. ޙަޔާތުގައި ކުރިމަތިލާންޖެހޭ އަޑިގުޑަންތަކުން އަރައިގަނެ، ކާމިޔާބުގެ އައްސޭރިއަކަށް ވާޞިލުކޮށްދޭ އާރުކާޓީއަކީ ކަންކަމާމެދު ތިބާ ދެކޭ ފަހިގޮތެވެ. އެހެންކަމުން ކަންކަމާމެދު ފަހިކޮށްދެކުމަށް ކޮންމެ ދުވަހަކުވެސް އަމިއްލަ ނަފުސަށް ހަނދާންކޮށްދޭށެވެ.

ފަހިކޮށް ދެކުމަށް ޢަމަލުތައް ބައްޓަން ކުރަންވީ ގޮތް

  • -        ޝުކުރުގެ ޑައިރީއެއް ގެންގުޅޭށެވެ.

ބައެއްފަހަރު ދިމާވާ ވަރަށް ކުޑަކުޑަ ކަމަކުން ވެސް ހިތްހަމަނުޖެހުމާއި ފޫހިކަމުގައި މުޅި ދުވަސް ހޭދަކުރަންޖެހިދެއެވެ. މިފަދަ ހާލަތްތަކުގައި އިހްސާސްކުރެވޭ ނައްސި ވިސްނުންތަކުން ދުރުހެލިވުމަށް ހިތްހަމަޖެހުމުގެ އިހްސާސްކުރެވޭ ކަންކަމަށް ސިކުނޑި އަމާޒުކުރާށެވެ. ކޮންމެ ދުވަހަކުވެސް ތިބާ ޝުކުރުވެރިވާ ފަސްކަމެއް ޑައިރީގައި ނޯޓުކުރާށެވެ. އޭރުން ތިބާގެ ވިސްނުމާއި ފިކުރާއި ދެކޭގޮތަށް އަންނަމުންދާ ބަދަލު އިހްސާސް ކުރެވޭނެއެވެ. ސައިންސުން ސާބިތުވެފައިވާ ގޮތުގައި ޝުކުރުވެރިވުމުން އުފާވެރިކަން އިތުރުކޮށްދެއެވެ. އަދި ހާސްވުމާއި ކަންބޮޑުވުމާއި ނައްސި ވިސްނުންތަކާއި ހިތާމަތަކުން ދުރުކޮށްދެއެވެ. މިފަދައިން ދެކޭގޮތް ބަދަލުކޮށް ޝުކުރުވެރިވަމުންދާ މިންވަރަކުން ތިބާގެ ދިރިއުޅުމަށް ކުރިއެރުމާއި އުފާވެރިކަން ލިބިގެންދާނެއެވެ.

  • -        ގޮންޖެހުންތަކާމެދު ތިބާދެކޭގޮތް ބަދަލުކުރާށެވެ.

ކަމެއް ކާމިޔާބުނުވުމުން މާޔޫސްނުވެ މިޞްރާބު ބަދަލުކޮށްލާށެވެ. ޙަޔާތުގެ ގިނަ ކަންކަމަކީ ތިބާގެ އިޚްތިޔާރުގައިވާ ކަންކަމެއް ނޫނެވެ. އެހެނަސް ތިބާއަށް ލިބިފައިވާ އިޚްތިޔާރަކީ ހުއްޓާނުލާ ކާމިޔާބަށް އެދި މަސައްކަތް ކުރުމެވެ. ގޮންޖެހުންތަކުން އުފާ ލިބިގަންނާށެވެ. ގޮންޖެހުންތަކާއި ކުރިމަތިލުމަށް ބިރުގަނެ، ޖެހިލުން ނުވާށެވެ. ގޮންޖެހުންތަކަކީ އަމިއްލަ ޙަޔާތަށް ހެޔޮ ބަދަލެއް ގެނައުމުގެ ވާޞިތާއެއް ކަމުގައި ދެކެން ފަށާ ހިސާބުން ކާމިޔާބު ޙަޔާތެއްގެ ފެހި ސިގްނަލް ތިބާއަށް ހަނާއަޅަން ފަށާނެއެވެ. ބައެއްފަހަރު ގޮންޖެހުންތަކުން އަރައިގަނެ ކާމިޔާބު ލިބެއެވެ. އަނެއްބައިފަހަރު ކާމިޔާބު ނުވިނަމަ އައު ފިލާވަޅެއް ލިބިގެންދެއެވެ. މި ދެގޮތުގައިވެސް ތިބާ ފަހިކޮށް ދެކޭ ހިސާބުން އޮތީ ފައިދާއެވެ.

  • -        ނާކާމިޔާބީއަކީ ކާމިޔާބުގެ ތަޅުދަނޑިކަމުގައި ދެކޭށެވެ.

ކޮންމެ ނާކާމިޔާބެއްގެ ފަހަތުގައި ފޮރުވިފައިވާ ކާމިޔާބުގެ ހުޅުކޮޅަށް ބަލާށެވެ. މިއަދު ތިބާއަށް ނާކާމިޔާބުވީ ބަދުނަޞީބުގެ ސަބަބުން ކަމުގައި ދެކި ހިތާމައިގެ ސާލު ގައިގައި އޮޅާނުލާށެވެ. ހިތްވަރާއެކު މަސައްކަތް ކުރުމުން ކޮންމެ ނާކާމިޔާބީއެއްގެ ފަހަތުން ތިބާއަށް ފެންނާނީ ކާމިޔާބު ހަނާއަޅާ ތަނެވެ. ނާކާމިޔާބީއަކީ ދުނިޔެއިން ލިބެމުންދާ މާއްދިއްޔަތުގެ އަގުދަށްކަމުގެ ފިލާވަޅެކެވެ. މި ފިލާވަޅުން ތިބާ ޢިބްރަތް ޙާޞިލުކޮށް ދެކޭގޮތް ބަދަލުކުރާ ހިސާބުން ނާކާމިޔާބީ ފެންނާނީ ކާމިޔާބުގެ ތަޅުދަނޑިކަމުގައެވެ.

  • -        ތިބާގެ ޙަޔާތް ފަހި ލަފުޒުތަކަކުން މިންކުރާށެވެ.

ފިކުރަށްވުރެ ބާރުގަދަ ހަތިޔާރަކީ ލަފުޒުތަކެވެ. ތިބާގެ ޙަޔާތާމެދު ތިބާ ދެކޭގޮތަކަށް އެ ޙަޔާތް ބައްޓަންވަމުން ދާނެކަން ދަންނާށެވެ. ތިބާގެ ޙަޔާތަކީ އުފާވެރިކަމެއް ނެތް ބުރަ، ފޫހި، ނާއުއްމީދީ، އާވާރާ ޙަޔާތެއްކަމަށް ސިކުނޑިއަށް އިއްވައިދޭ ހިސާބުން ތިބާގެ ޖިސްމު ވެސް އެކަން ޤަބޫލުކޮށް ނައްސި އަސަރުތަކާއި ޖަޒުބާތުތަކުގައި ހައްޔަރުވެގެންދެއެވެ. އެހެންކަމުން ތިބާގެ ޙަޔާތުން ނައްސި ލަފުޒުތައް އެކަހެރިކޮށް ފަހި ވިސްނުމަކާއެކު ފައްސި ލަފުޒުތަކަށް ޖާގަދޭށެވެ. ތިބާ މިކަން ތަޖުރިބާކޮށްލުމަށް އަމިއްލަ ނަފުސަށް ޖޯޝާއި، ފޯރިއާއި، އުންމީދާއި، ހިތްހަމަޖެހުން ލިބިދޭ ލަފުޒުތަކުން މުޚާތަބުކުރާށެވެ. ތިބާ ދެކޭގޮތް ބަދަލުކޮށްލާ ހިސާބުން އުފާވެރިކަމުގެ ވޮށްދިއްލިފައިވާ މުޅިން ތަފާތު ދިރިއުޅުމަކަށް ތިބާގެ ޙަޔާތް ބަދަލުވެގެންދާނެއެވެ.

  • -        ބޭކާރު ޝަކުވާތައް ނުކުރާށެވެ.

ކަންކަމާމެދު ތިބާ ދެކޭ ނައްސި ގޮތްތައް ބަދަލުކޮށް ފައްސިކޮށް ދެކެން ފެށުމުން ބޭކާރު ޝަކުވާތައް ކުރުމުގެ މާނައެއް ނެތްކަން ދެނެގަނެވޭނެއެވެ. ޝަކުވާ ކުރުމަށް އާދަވުމުން އެއްވެސް ކަމަކުން ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ވާރޭވެހެން ފެށުމުން ފިނިކަމުގެ ޝަކުވާއެވެ. ދާން ބޭނުންވާ ތަންތަނަށް ދިއުމަށް ހުރަސްއެޅޭކަމުގެ ޝަކުވާއެވެ. ހެދުން ތެމޭކަމުގެ ޝަކުވާއެވެ. އެހެނަސް ހަމަ އެ ވާރޭފެނާމެދު ތިބާ ފަހިކޮށް ވިސްނާ ހިސާބުން ލިބިގެންދާނީ ޤުދުރަތީ މަންޒަރުން ހިތްހަމަޖެހުމެވެ. ހުރިހާ ދިރުމެއްގެ އަޞްލުކަމުގައިވާ ފެނުގެ ނިޢުމަތުގެ މަތިވެރިކަމެވެ. އެހެންކަމުން ދެކޭގޮތް ބަދަލުކޮށްލާ ހިސާބުން ބޭކާރު ޝަކުވާތަކުން އެއްކިބާވެވި ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގެންދާނެއެވެ.

     ޙަޔާތުގައި ޖެހެނީ ތިބާ ދެކޭގޮތުގެ ފިހިން ޖެއްސި ކުލައެކެވެ. އެހެނީ އަމިއްލަ އިޚްތިޔާރުގައިވާ ކަންކަން ރަނގަޅުކޮށް އުފާ ލިބިގަތުމުގެ ޙައްޤުވާ ބީދައިން، އިޚްތިޔާރުން ބޭރުގައިވާ ކަންކަމަށް ރުހުމުގެ ބާރު ވެސް ތިބާއަށް ލިބިފައިވެއެވެ. ފައިސާ ފޮތީގެ ވެސް ދެ ފަރާތްވާ ބީދައިން، ޙަޔާތުގެ ކަންކަމާމެދު ދެކޭގޮތް ވެސް ބިނާވަނީ ދެ ގޮތަކަށެވެ. އެއީ ޙާލަތަށް ރުހި އުފާލިބިގަތުމާއި، ޝަކުވާތަކުގައި ބެދި ހިތްހަމަނުޖެހުމުގައި ދުވަސްތައް ބޭކާރުކޮށްލުމެވެ. ތިބާ ހިތާމައާއި ހިތްދަތިކަމުގެ ދަނޑިވަޅުތަކުގައި ވެސް ރަނގަޅުގޮތް ދެނެގަތުމަށް ފަހިކޮށް ވިސްނާށެވެ. ކޮންމެ ހިތާމައެއްގެ ފަހަތުގައިވާ އުފާވެރިކަމަށް އުންމީދުކުރާށެވެ. މައްސަލަތަކަށް އެކަށޭނަ ޙައްލު ހޯދުމަށް ގޯސްކޮށްދިޔަކަންކަމަށް އިނގިލިދިއްކުރުމުގެ ބަދަލުގައި އެކަން ރަނގަޅުކުރެވޭނެ ގޮތްތަކެއް ހޯދާ އެގޮތަށް ޢަމަލުކުރުމަށް މިންނަތް ކުރާށެވެ. އަބަދުވެސް އަނެކާގެ މޫނު މައްޗަށް ހިނިތުންވުމެއް ގެނެސްދޭން ވާންޖެހޭ ޤުރުބާނީއެއް ވުމަށް ފަސްނުޖެހޭށެވެ. ތިބާގެ ވަށައިގެންވާ އެކުވެރިންގެ އުފާވެރިކަމުން ތިބާގެ އުފާވެރިކަން ދެގުނަކޮށްދޭނެއެވެ. ތިބާއަށް ދުނިޔެފެންނާނީ ތިބާ ދުނިޔެއާ މެދު ދެކޭ ގޮތަކަށެވެ.  އެހެންކަމުން ދެކޭގޮތް ބަދަލުކުރުމަށް އަމިއްލަ ނަފުސުން ފަށާށެވެ.

Copyright © 2024 Faaru News
Made with by Afeef & Noor