މަގޭ ބަލިފައި: އެންމެ އުފާވެރިމީހާއަށް ވުމަށްޓަކައި...

ފޮޓޯ: rawpixel.com
އާމިނަތު ރަޝީދާ ޢަލީ
އާމިނަތު ރަޝީދާ ޢަލީ
3 އަހަރު ކުރިން
3 މިނިޓް

      އަހަރެން އިނީ ޔުނިވަރސިޓީގެ ބޭރު ކެންޓީނުގެ ގޮނޑިއެއްގައެވެ. އަހަރެންނަށް އެއްލި ކަޅިއަކުން އައިންތު ފެނުނެވެ. އޭނާ އިނީ ބެންޗުގައި ފޮތެއް ކިޔާށެވެ. އަހަރެން ގޮނޑިން ތެދުވެގެން އޭނާ ގާތަށް ދިޔައީމެވެ. އަދި ސައިބޯން އަންނާށޭ ބުނުމުން ބުނީ ބަނޑުހައި ނުވާކަމަށެވެ. އޭނާ އެހެން ބުންޏަސް އިނީ ވަރަށް ބަނޑުހައިވެފައިކަން އަހަންނަށް އިހްސާސް ކުރެވުނެވެ. އޭނާ އަތުގައި ހިފާފައި މިއަދު އަހަރެން ސައިދޭނަމޭ ބުނުމުން، އޭނާ ބުނީ އަންނަ މަހު ބައްޕަ އައިމާ ތިމަންނަ ސައިދޭނަން ކަމަށެވެ. އަހަރެން އެކަމަށް އެއްބަސް ވުމުން ވަގުތުން އޭނާ ހެދިކާ ކައުންޓަރު ކައިރިއަށް އައެވެ. އޭނާ ނެގީ އެތާ ހުރި އެންމެ އަގުހެޔޮ ހެދިކާ ތަކުން ދެތިން ހެދިކާއާއި ކަޅު ސައެކެވެ. އެދުވަހަށްފަހު އައިންތު ވަރަށް ގަޔާވާ ރައްޓެއްސަކަށް އަހަރެންވިއެވެ. ތިން އަހަރުދުވަހު އަހަރެން، އައިންތުއާއެކު ކިޔެވުމުގައި ހޭދަކުރީމެވެ. ދުވަހެއް ދުވަހަކަށް އަހަރެންނަށް އައިންތު ދަސްވަމުން ދިޔަދިޔަހެން އުފާވެރިކަން ލިބިގަތުމުގެ ސިއްރުތައް އެނގެމުން ދިޔައެވެ. އައިންތަކީ އަހަރެންނާ މި ދުނިޔެއިން ބައްދަލުވި އެންމެ އުފާވެރި އެކުވެރިޔާއެވެ. އެތަކެއް ބައިވަރު ހިތާމަތަކާއި ގިލަންތައް އޭނާއަށް ވެސް ކުރިމަތިވަމުން ދިޔަކަން އަހަރެންނަށް އެނގުނެވެ. އެކަމަކު އޭނާ އަބަދުވެސް އަހަރެންނާ ކުރިމަތިލަނީ ހިނިތުންވުމާ ޖޯޝާއެކުގައެވެ. އަހަރެންގެ ޙަޔާތަށްވެސް އައިންތުގެ ހިނިތުންވުމުން، އުފާވެރިކަން ލިބެމުން ދިޔައެވެ. އޭނާގެ ފަރާތުން ދިރިއުޅުމުގެ ވަރަށް އަގުހުރި ފިލާވަޅެއް އަހަރެންނަށް ދަސްވިއެވެ. މިއަދު ތިޔަ އެކުވެރިންނަށް މި ކިޔައިދެނީ އައިންތުގެ ޙަޔާތުން އަހަންނަށް ފެނުނު އުފާވެރިކަމުގެ ފޯމިއުލާގެ މައިގަނޑު ތިން އުންސުރެވެ. އެއީ އިސްލާމްދީނާއި، އަނެކުންނާއި، އަމިއްލަ ނަފްސެވެ.

      އުފާވެރިކަން ލިބިގަތުން އޮތީ ތިބާގެ އިޚްތިޔާރުގައެވެ. އުފާވެރިކަމަކީ ކޮންމެ ވަގުތަކުވެސް ހޯދިދާނެ، ހިލޭ ލިބޭ އިހްސާސެކެވެ. އުމުރަކަށް، ސިފަޔަކަށް، މަޤާމަކަށް، އާމްދަނީއަކަށް ބަރޯސާވާ އެއްޗެއް ނޫނެވެ. އުފާވެރިކަމަކީ އެންމެންގެ ވެސް ޙައްޤެކެވެ. އުފާވެރިކަން ލިބޭނެ އެންމެ ކުރުމަގަކީ މާޒީއާއި މެދު ހިތާމަނުކުރުމާއި، ޙާލަތަށް ރުހުމާއި، ޝުކުރުވެރިވުމެވެ. ދުނިޔެ ޤަބޫލުކުރާގޮތުގައި މާޒީއަކީ މުސްތަޤްބަލުގެ މޫނުބަލާ ކަންނާޑިއެވެ. އެހެނަސް ކަންނާޑިއަށް ބަލަން މުޅި ދުވަސް އެއްވެސް މީހަކު ހޭދައެއް ނުކުރާނެއެވެ. ހަމަމީބިދައިން އިއްޔެއަކީ ފާއިތުވެފައިވާ، ދެން ބަދަލުކުރުމުގެ އިޚްތިޔާރެއް ނެތް ދުވަހެއްކަން ޤަބޫލުކޮށް މިއަދުގައި ދިރިއުޅޭށެވެ. އޭރުން ތިބާއަށް މިއަދުގެ ކުދިކުދި ހިނދުކޮޅުތަކުން ވެސް އުފާވެރިކަން ޙާޞިލުކުރެވޭނެއެވެ. މީގެއިތުރުން ތިބާގެ އުފާވެރިކަމުގެ ބިނާ ނަގާކޮޅަށްޖެހުމަށް އެންމެ ތިން ތަނބު ފުދެއެވެ. އެ ތިން ތަނބަކީ އިސްލާމްދީނަށް އުޅުމާއި، އަނެކުންނަށްޓަކައި އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމާއި، ތިބާގެ އަމިއްލަ ނަފްސަށް އަޅާލުމެވެ. މި ތިނެސްކަން އިމާރާތް ވަރުގަދަކަމާއެކު ބިނާކޮށް ނިންމާލެވޭނީ ތިބާ ވަޒަން ހަމަގޮތެއްގައި މި ތިން ތަނބު ވެސް ހަމަހަމައަށް އިމާރާތް ކުރަމުން ގެންދިއުމުންނެވެ.

       ތިބާއަކީ ދުނިޔޭގައިވާ އެންމެ އުފާވެރިމީހާއަށް ވުމަށްޓަކައި ޢަމަލުތައް ބައްޓަންކުރަންވީ ގޮތް

-         އިސްލާމްދީނަށް ޢަމަލުކުރާށެވެ.

ތިބާގެ ރޫޙަށް އުފާވެރިކަން ލިބިދިނުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާއާއި ގުޅުން ބަދަހިކުރާށެވެ. ރަސޫލާ

މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމައިގެ ސީރަތު އުނގެނި އެއާއެއްގޮތަށް ޢަމަލުތައް ބައްޓަން ކުރާށެވެ. އެގޮތުން އިސްލާމްދީނުގައިވާ ފަރުޟުތައް އަދާކުރުމާއިއެކު ސުންނަތްތަކަށް ރައްކާތެރިވާށެވެ. އިސްލާމީ ރިވެތި އަޚްލާޤުން ނަފުސު ޒީނަތްތެރިކުރާށެވެ. އިސްލާމީ ތާރީޚާއި ޙަޟާރަތުން ދިރިއުޅުމުގެ ފިލާވަޅުތައް ލިބިގަންނާށެވެ. ކީރިތި ޤުރުއާނަކީ އެންމެ ގާތް އެކުވެރިޔާކަމަށް ހަދާށެވެ. އަދި ކީރިތި ރަސޫލާގެ ހަދީޘްތަކުން ދިރިއުޅުމަށް ދިރުން ގެންނާށެވެ. ފުރިހަމަ މުސްލިމެއްގެ ގޮތުގައި ދެމިހުރުމަށް އަމިއްލަ ނަފުސު ހޭނުވުމާއި އެކު އަނެކުންނަށް ވެސް ހެޔޮ ކަންކަމަށް ދަޢުވަތު ދޭށެވެ.

-         އަނެކުންގެ ޙައްޤުތައް އަދާކުރާށެވެ.

އެންމެ ފުރަތަމަ އަނެކުންނާމެދު ހެޔޮކޮށް ވިސްނާށެވެ. އަނެކުންނަށް އިޙްތިރާމް ކުރާށެވެ. އަނެކާއަށް ހެޔޮކޮށް ހިތާށެވެ. އަނެކުންގެ އިހްސާސްތައް އަޑުއަހާށެވެ. ސައިންސުން ސާބިތުވެފައިވާ ގޮތުގައި އަމިއްލަ ނަފުސުގެ ބޭނުންތަކަށް ލޯބިކުރުމަށް ވުރެބޮޑަށް، އަނެކުންގެ ބޭނުންތަކަށް ލޯބިކޮށް ޤަދަރުކުރުމުން ނަފުސަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބެއެވެ. އަނެކާގެ އުފާވެރިކަމުން ތިބާގެ ނަފުސަށް ވަރަށް ބޮޑު ހިތްގައިމުކަމެއް ލިބިގެން ދާނެއެވެ. އުފާވެރިކަމަކީ ވެސް މީރުވަސް ފަދައިން ފެތުރޭ އެއްޗެކެވެ. އެގޮތުން އަނެކާގެ އުފާވެރިކަމުން ތިބާގެ ނަފުސަށް ލިބޭ އުފާވެރިކަން އެތައް ގުނައަކަށް އިތުރުކުރުވައެވެ. ގުޅުންތައް ބަދަހިކުރާށެވެ. ބައިވެރިޔާއަށާއި، އާއިލާއަށާއި، ރަށްޓެހިންނަށް ވަގުތު ދޭށެވެ. ސައިންސުން ސާބިތުވެފައިވާ ގޮތުގައި ދުނިޔޭގައިވާ އެންމެ އުފާވެރި އަފުރާދުންނަކީ ބަދަހި ގުޅުންތަކުގެ މަތީގައި ދެމިތިބި ފަރާތްތަކެވެ. ސާފު ހިތަކާއެކު އަނެކާއަށްޓަކައި ކޮށްދޭ ކަންކަމުން ގުޅުންތައް ބަދަހިވުމަށް ބާރަކަށް ވެއެވެ. ތިބާގެ ދިރިއުޅުމުގެ އެއްބައިކަމުގައި "ޓަކައި" ހަދާށެވެ. އޭރުން "މައިންބަފައިންނަށްޓަކައި، ދަރިންނަށްޓަކައި، އަނބިންނަށްޓަކައި" ކޮށްދޭ ކަންކަމުގެ އުފާވެރިކަން އިހްސާސްކުރެވޭނެއެވެ. އަނެކުންގެ ޙައްޤުތައް އަދާކުރުމަކީ އަމިއްލަ ނަފުސަށް ވެސް ހަމަޖެހުން ލިބޭ ކަމެކެވެ.

-         އަމިއްލަ ނަފުސަށް އަޅާލާށެވެ.

ތިބާގެ އުފާވެރިކަމަށްޓަކައި އަމިއްލަ ނަފުސަށް އަޅާލާށެވެ. ތިބާއަށް ލިބިފައިވާ ވަގުތަކީ މި ހިނދުކޮޅު ކަމުގައި ދެކިގެން ދިރިއުޅޭށެވެ. އިއްޔެ އާއި މެދު ހިތާމަ ނުކުރާށެވެ. ކޮންމެ ދުވަހަކު ތިބާއަށް ލިބެމުންދާ ނިޢުމަތްތަކުގެ އަގުވަޒަންކުރާށެވެ. ތިބާ ނޭވާލާ ކޮންމެ ހިނދަކު މިކަންކަން މަތިން ހަނދާން ކޮށް ޝުކުރުވެރިވާށެވެ. ޖޯޝާއެކު ދިރިއުޅުމަށް ދަސްކުރާށެވެ. އައު ކަންކަން ތަޖުރިބާ ކުރާށެވެ. ދުނިޔޭގެ ސިއްރުތަކަށް ފިނާށެވެ. ތިބާއަށް ހިތްހަމަޖެހުން ލިބޭކަމެއް ކޮށްލާށެވެ. ފައިދާހުރި ކާނާ ވަޒަންހަމަގޮތެއްގައި ކާށެވެ. ކަސްރަތު ކުރާށެވެ. ކުދިކުދި ކަންކަމުން ވެސް އުފާލިބިގަތުމަށް ދަސްކުރާށެވެ.

އުފާވެރިކަމަކީ ސާފުހިތަކަށް ލިބޭނެ ފަރުވާއެކެވެ. އަމިއްލައެދުމެއް ނެތުމާއި، އަނެކާއަށް ހެޔޮގޮތްވުމަށް އެދުމާއި، އަނެކާއާ މެދު ހިތް ސާފުކޮށް، ޝުކުރުވެރިވުން އިތުރުވީ ވަރަކަށް އުފާވެރިކަމުގެ ކޫޒުން މީރުފެން ލިބޭނެއެވެ. އުފާވެރިކަމަކީ މާއްދީ ތަކެތިން ލިބޭނެ އިހްސާސެއް ނޫންކަން ދަންނާށެވެ. އުފާވެރިކަން ލިބިގަތުމަށް މިންވަރަށް ރުހޭށެވެ. އޭރުން ތިބާއަށް ދިރިއުޅުމުގެ ރީތިކުލަތައް ފެނި، އެކުލަތަކުން ހިތަށް ހަމަޖެހުން އިހްސާސް ކުރެވޭނެއެވެ. އިމާމު ޝާފިޢީގެ ޅެންބައިތެއްގައި ވިދާޅުވެފައިވަނީ "ދުވަސްތައް ދާނެގޮތަކަށް ދިއުމަށް ދުވަސްތައް ދޫކޮށްލާށެވެ. ތިބާއާއި މެދުގައި ﷲ ތަޢާލާގެ ޤަޟާ ޤަދަރުން، ވަކިކަމެއް ވަކިގޮތަކަށް މެދުވެރިވެ ނިމުމުން، އެކަމަށް ރުހޭށެވެ. ދުނިޔެމަތީގައި ދިމާވާ ކަންކަމާމެދު ކެތްތެރިކަން ކޮޅުންލައިގެން ނޫޅޭށެވެ. އެހެނީ ދުނިޔޭގައި ދިމާވާ ހާދިސާތަކަކީ އަބަދަށް ދެމި އޮންނާނެ ކަމެއް ނޫނެވެ." މި ބައިތުން ހިތްވަރު ލިބިގެން ދިރިއުޅުން ބައްޓަންކުރުމުން ޙަޔާތަށް އާރޯކަމާއި އުފާވެރިކަން ލިބިގެންދާނެއެވެ. ތިބާ އުފާވެރިކަމުގެ ތިން ތަނބުކަމުގައިވާ އިސްލާމްދީނާއި، އަނެކާއާއި، އަމިއްލަ ނަފްސަށް ވަޒަން ހަމަގޮތެއްގައި ފަރުވާތެރިވެ، އަޅާލާށެވެ. އޭރުން ތިބާ ވާނީ މި ދުނިޔޭގައިވާ އެންމެ އުފާވެރިމީހާއެވެ.

Copyright © 2024 Faaru News
Made with by Afeef & Noor