ލޯކަލް ޓުއަރިޒަމާއި ގުޅޭގޮތުން ޝައިޚް ފައިސަލްގެ ހުޅުވާލެވިފައިވާ ސިޓީއެއް

Admin User
Admin User
9 މަސް ކުރިން
3 މިނިޓް

ޢާއްމުކޮށް ހުޅުވާލެވިފައިވާ ސިޓީއެއް

بسم الله الرحمن الرحيم

މުރިނގު
އ.އ އުކުޅަސް

ކަމާބެހޭ ޒިންމާވެރި އެންމެހާ ފަރާތްތަކަށް

السلام عليكم ورحمة الله وبركاته

الحمد لله رب العالمين. والصلاة والسلام على خير خلق الله أجمعين. أما بعد!

އެނގިވަޑައިގަންނަވާނެ ފަދައިން އ.އ އުކުޅަހަކީ ލޯކަލް ޓުއަރިޒަމް ކުރިއަރާ ތަރައްޤީވަމުން އަންނަ ރަށެކެވެ. މިއަދު މިރަށުގެ ގިނަ ރައްޔިތުންތަކެއްގެ އާމްދަނީ ގުޅިފައިވާ އެއްމަސައްކަތަކީ ވެސް ލޯކަލް ޓުއަރިޒަމެވެ.

ލޯކަލް ޓުއަރިޒަމްގެ ޞިނާޢަތު އެކަށީގެންވާ މިންވަރާއި ގާތަށްވެސް މޮނީޓާރ ކުރެވެމުން ނުދާތީވެ ކުރިމަތިވަމުން އަންނަ ދީނީ އަދި އިޖްތިމާޢީ ބޮޑެތި މައްސަލަތައް، އެތައްފަހަރެއްގެ މަތީން ފާހަގަކޮށް، ކަމާބެހޭ އެކި މުއައްސަސާތަކަށްވަނީ ހުށައެޅިފައެވެ. އަދިއެއިން އެއްވެސް ޝަކުވާއަކަށް މިހާތަނަށް އެކަށީގެންވާ ޙައްލެއް ލިބިފައެއްނުވެއެވެ. އެގޮތުން އޭގެ ތެރެއިން އެއްޝަކުވާއަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫންތަކާއި ޚީލާފަށް ނިވާކަންކުޑަ ހެދުން (ގަޔަށްބާރު، ތުނި، ބިކިނީ، ބޮކްސާ، ޖަންގިޔާ، ސޯޓު) ލައިގެން ފަތުރުވެރިން ރަށުގެ އަތިރިމަތީގަޔާއި (ލޯކަލް އަދި ޕްރައިވެޓް)، މަގުތައްމަތީގަޔާއި، ފިހާރަތަކާއި، ރެސްޓޯރަންޓްތަކާއި، ބަނދަރުމަތީގަޔާއި، ދަތުރުފަތުރުކުރާ ވަޞީލަތްތަކުގައި އުޅޭ ޝަކުވާއެވެ. މިފަދަ މަންޒަރުތައް ޢާއްމުވެ ރަށުގެ ޒުވާންޖީލާއި ކުޑަކުދިންނަށް އަޚްލާޤީ އަދި ނަފްސާނީ ބޮޑެތި ގެއްލުންތަކެއްވާނެކަމީ ޝައްކެތް ހުރިކަމެއް ނޫނެކެވެ. އަދި ޢާއިލާއާއެކު މިނިވަން ޖައްވެއްގައި އުފާފާޅުކޮށް މޫދަށް އެރިއުޅުމުގެ އާދަކާދައަށް މިއަދުމިވަނީ ނުހަނު ބޮޑަށް ހުރަސްއެޅިފައެވެ. އަދި ހަރާމް މަންޒަރުތައް ބެލުމުގެ ފާފައިގެ މައްޗަށް ރަށުގެ ފަރުދުން އާދަވެ، އެކަން ވަރިހަމަވެ، ފާފައާއިއެކު ދިރިއުޅުމުގެ ނުބައި މުންކަރާތް ފެތުރެމުންދާކަމީ އިންތިހާއަށް ހިތާމަކުރާ އަދި ކަންބޮޑުވާކަމެކެވެ.

ﷲ ސުބުޙަނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. ((كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّـهِ ۗ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَّهُم ۚ مِّنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ)) މާނައީ: " މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّة ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمر ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް إيمان ވަމުއެވެ. ފޮތުގެ أهل ވެރިން إيمان ވީނަމަ، އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެއުރެންގެ ތެރެއިން إيمان ވެގެންތިބި މީހުންވެއެވެ. އަދި، އޭގެތެރެއިން ގިނަމީހުންނީ فاسق ންނެވެ."

އެހެންކަމުން ހެޔޮ ކަންކަމަށް ވަޞިއްޔަތްކޮށް ނުބައި މުންކަރާތްތަކަށް އިންކާރު ކުރުމަކީ ކޮންމެ މުސްލިމަކު ކުރަންޖެހޭނެ ކަމެކެވެ. އަދި ޚާއްޞަކޮށް ޝަރުޢީ ޢިލްމަށް ނިޞްބަތްވާ މީހުން މިފަދަ ކަންކަން ޙައްލު ކުރުމަށް ތެދުވަން ޖެހޭނެ ކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެއެވެ. އަދި ފަތުރުވެރިންގެ ބަރަހަނާވުމާއި، އޮރިޔާންކަމާގުޅޭ އެއްމެހާ މައްސަލަތަކާއި އެކަމުގެ ސަބަބުން މުޖުތަމަޢަށް އެކިގޮތްގޮތުން ލިބެމުންދާ ގެއްލުންތަކުގެ ޒިންމާ ސީދާގޮތުން އަދި ނުސީދާގޮތުން އުފުލަންޖެހޭ ހުރިހާ ފަރާތްތަކުން (ރައީސުލް ޖުމްހޫރިއްޔާ / ރައްޔިތުންގެ މަޖިލިސް / ފަތުރުވެރިކަމާއިބެހޭ އިދާރާ / އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާ / ފަތުވާ މަޖިލިސް / ތަޢުލީމީ ވުޒާރާ / އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާއިބެހޭ ވުޒާރާ / ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާ / ދާޚީލީ ސަލާމަތާއި ފަންނިއްޔާތާއިބެހޭ ވުޒާރާ /  ލޯކަލް ގަވާރމަންޓް އޮތޯރިޓީ / ފުލުހުންގެ އިދާރާ / ރަށު ކައުންސިލްތައް ) މިކަމާއިމެދު ފުންކޮށް ވިސްނުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ ކަމެކެވެ. ޚާއްޞަ ޒިންމާތައް ވަކިބަޔަކާއި މަތިކޮށްފައިވާއިރު، މުންކަރާތްތައް މަނާކުރުމަކީ އެފަރާތްތަކުގެ މައްޗަށްވާ ބޮޑުވެގެންވާ ވާޖިބެކެވެ. އެކަން ނުކުރާނަމަ އެބަޔަކު ފާފަވެރިވެސް ވާނެއެވެ.

އަދި ދަންނަވަމެވެ. މުސްލިމް ޤައުމުތަކަށް ޒިޔާރާތްކުރާ ފަތުރުވެރިންވެސް ހެދުން އެޅުމުގައި ޝަރުޢީ މިންގަނޑުތަކަށް ތަބާވާންޖެހޭނެކަމާއިމެދު މިއުއްމަތުގެ ޢިލުމުވެރިންގެ މެދުގައި ޚިލާފެއް ނުވެއެވެ. ހަމައެގޮތަށް ދިވެހިރާއްޖޭގެ ޤާނޫނުގައިވެސް ހެދުން އެޅުމުގެ އާއްމު މިންގަނޑެއް ބަޔާންކުރައްވާފައިވެއެވެ. ސަރުކާރުން ގެޒެޓްކޮށްފައިވާ ޤަވާއިދު ބުނާގޮތުން ގެސްޓުހައުސްގެ މުވައްޒަފުން ނުވަތަ ރިސެޕްޝަނަށް ނުވަތަ ޢާއްމުކޮށް ރަށުތެރެއަށް ނުކުމެ އުޅޭއިރު ފިރިހެނަކުނަމަ ޓީޝާޓާއި ސޯޓެއް ލާންޖެހެއެވެ. އަދި އަންހެނަކުނަމަ ޓިޝަރޓް ބުލައުޒް ނުވަތަ ގަމީހައި ސުކާރޓް  ނުވަތަ ފަލަމަސްގަނޑު ނިވާވާވަރުގެ ސޯޓު ލާންޖެހެއެވެ. އަދި އެހެދުމަކީ މޭމަތި ފެންނަ ނުވަތަ ތުނިހެދުމަކަށް ވެގެންނުވާނެ ކަމުގައި ޤަވާއިދުގައި ލިޔެފައިވެއެވެ. މިހެން މިކަން އޮތްކަމުގައިވިޔަސް ރަށުގެ ވަށައިގެންވާ ހުރިހާ ގޮނޑުދޮއްތަކެއްގައި އަދި ޢާއްމު ތަންތަނުގައިވެސް ވަރަށް ބޮޑަށް ނިވާކަންކުޑަ ގޮތެއްގައި އެއްވެސް ޖެހިލުމެއްނެތި ފަތުރުވެރިން ހަރަކާތްތެރިވާ ވުމުން ދޭހަކޮށްދެނީ ކަމާބެހޭ ފަރާތްތަކުން ޤާނުން ތަންފީޒްކުރުމަށް ނުކުޅެދިފައިވާކަމެވެ. ރަށުގައި ޖެހިފައިވާ ބޯޑުތަކުން ކޮންމެވެސް ވަރެއްގެ ޙައްލެއް މައްސަލައަށް ލިބުނަސް އެކަށީގެންވާ މިންވަރާއި ގާތަށްވެސް ގެސްޓުހައުސްތަކާއި ކަމާބެހޭ ފަރާތްތަކުންވެސް މައްސަލަ އެކީއެކަށް ޙައްލުކުރުމަށް މަސައްކަތެއް ނުކުރާކަން ފާހަގަކުރަމެވެ.

މުންކަރާތްތަކައި ފާޙިޝްކަންކަމާއި ފިތުނައަށް މުޖުތަމަޢުގައި ދޮރު ހުޅުވުގެން ދިޔުމަކީ ﷲގެ ޢަޒާބާއި ކޯފާއަށް އެބަޔަކު ހުށައެޅިގެން ހިނގައިދާނެ ކަމެއްކަން މިފުރުޞަތުގައި ހަނދާންކޮށްދެމެވެ.  އަދި ކަމާބެހޭ ފަރާތްތަކުން އެބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާނުކޮށްފިނަމަ ޤިޔާމަތުގެ ހިސާބުބެއްލެވުމުން އެބަޔަކަށް އިންޒާރުކުރަމެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރައްވާފައިވެއެވެ. (كلكم راع وكلكم مسؤول عن رعيته) މާނައީ: "ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީވެސް ބެލެހެއްޓުންތެރިއެކެވެ. ފަހެ އޭނާގެ ދަށުގައި ތިބިމީހުންނާމެދު ޤިޔާމަތްދުވަހު ސުވާލުވެވޭނެތެވެ."

ވީމާ ކަމާބެހޭ ފަރާތްތަކުން ލޯކަލް ޓުއަރިޒަމްގެ އެއްމެހާ ކަންކަމާގުޅޭ ހަރުދަނާ ޤާނޫންތަކާއި، ޤަވާޢިދުތަކާއި، އުޞޫލުތައް އެކުލަވާލާ އެ ހެދުމާއި، އެތަންފީޒުކުރުމާއި، އެކަމަށް ފާރަވެރިވުމާއި، ފަތުރުވެރިން ހިނގާ މަގުތަކާއި އަތިރިމަތީގެ އެކި ހިސާބުތަކުގައި އިރުޝާދުދޭ އިތުރު ބޯޑުތައް އިތުރަށް ހަރުކުރުމާއި، ގެސްޓްހައުސްތަކުން ޤަވާއިދުތައް ތަންފީޒު ކުރުމަށް ބާރުއެޅުމާއި، ފަތުރުވެރިންނަށް ފުރިހަމައަށް މަޢުލޫމާތުދިނުމާއި، މިހާރުވެސް ހެދިފައިވާ ޤަވާޢިދުތައް ތަންފީޒުނުކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމާއި، މިއިޖްތިމަޢީ ނުރައްކަލާމެދު ކަމާބެހޭ ފަރާތްތަކުން ޢާއްމުން ހޭލުންތެރިކުރުމަކީވެސް ކުރެވިދާނެ ކަންކަމަށްވާތީވެ އެލަފާވެސް މިފުރުޞަތުގައި އަރުވަމެވެ. އަދި ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށާއި ކަމާބެހޭ އެއްމެހާ ފަރާތްތައް ހުރިހާ ޙާލަތެއްގައިވެސް ﷲއަށް ބިރުވެތިވެ، ހަވާލުކުރެވިފައިވާ މަސްޢޫލިއްޔަތުތައް ފުރިހަމައަށް، ދީނުގައިވާ ހުދޫދުތަކުގެ ތެރޭގައި އަދާކުރުމަށް ފަރުދީ ޙައިޞިއްޔަތުން ނަޞީޙަތްތެރިވެ ވަޞިއްޔަތްކުރަމެވެ.

وصلى الله  على نبينا محمد. والحمد لله على كل حال. الله المستعان

އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.

28 ޑިސެމްބާރ 2023

                                                                                   أخوكم الفقير إلى الله

ޙަސަން ފައިޞަލް

ކަމާބެހޭ އެއްމެހާ އިދާރާތައް

ދިވެހިރާއްޖެ

Copyright © 2024 Faaru News
Made with by Afeef & Noor